ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިތުވި ފަނަރަ އަހަރު ތެރޭ އެންމެ ބޮޑު ބަދަލު ދިނީ 2019 ގައި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްބަސްވުންތައް އުވާލުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން، ދައުލަތުން މިހާތަނަށް އެންމެ ބޮޑު ބަދަލުތައް ދީފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައިކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

2022 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފޮތުގައި ވާ ގޮތުން މިދިޔަ އަހަރު ދައުލަތުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދޭން ޖެހޭނެކަމަށް އަންދާޒާކޮށް ހިމެނި އަދަދަށް ވުރެ އިތުރަށް ފައިސާ ހަރަދު ކުރަން ޖެހުނެވެ.

ދައުލަތާއި ދެކޮޅަށް ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ހުށަހަޅާ މައްސަލަތައް ކާމިޔާބުވެ، ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ދޭން ޖެހިފައި އެބަހުއްޓެވެ. އެކަމަށް އިޝާރާތްކޮށް ބަޖެޓު ފޮތުގައި ބުނެފައިވަނީ، ގެއްލުމުގެ ބަދަލު ހަމަޖެއްސުމަށް ބަޖެޓުގައި އަދަދެއް ހިމެނި ނަމަވެސް އަހަރުގެ ތެރޭގައި ދައުލަތުން ދައްކަން ޖެހިދާނެ އަދަދު ނޭނގޭނެ ކަމަށެވެ.

“ސަބަބަކީ ދައުލަތާއި ދެކޮޅަށް ދައުވާ ހުށަހެޅި، ޝަރުއީ ނިޒާމުގެ އެކި މަރުހަލާތައް ކަޑަތުކޮށް، ގެއްލުމުގެ ބަދަލު ދިނުމާއި ހަމައަށް އަންނާނެ އިރެއް ސީދާ ބުނަން އުނދަގޫވުމެވެ” ބަޖެޓު ފޮތުގައި ވެއެވެ.

އަހަރުގެ ތެރޭގައި ބަޖެޓު ކުރާ މިންވަރަށް ވުރެ އިތުރަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޭންޖެހޭ ހާލަތްތަކުގައި އެބައި ނަގަނީ ބަޖެޓު ކޮންޓިންޖެންސީ ނުވަތަ ބަޖެޓުގެ އެހެން ދިމާތަކުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދޫކުރީ 2010 ވަނަ އަހަރާއި، 2014 އަދި 2019 ގަ އެވެ. އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ގައެވެ.

ދައުލަތުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 2007 ވަނަ އަހަރާއި 2021 ވަނަ އަހަރާއި ދެމެދު އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ގައި

ބަޖެޓު ފޮތުގައި ބުނެފައިވަނީ، 2019 ވަނަ އަހަރު ބަދަލެއްގެ ގޮތުގައި ހޭދަ ކުރަން ޖެހުނު އަދަދު އަންދާޒާ ކުރި މިންވަރަށް ވުރެ އެތައް ގުނައެއް އިތުރުވި ކަމަށެވެ.

2021 ވަނަ އަހަރު ބަދަލެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 100 މިލިއަން ރުފިޔާ ނަމަވެސް މި އަހަރުގެ ނިޔަލަށް އެ އަދަދު 217 މިލިއަނަށް އަރާނެކަމަށް ލަފާކޮށްފައި ވެއެވެ.

ގެއްލުމުގެ ބަދަލު ހޯދަން ގިނަ މައްސަލަތައް ހުށަހަޅަނީ، މަޝްރޫއުތަކަށް ނުވަތަ ހިދުމަތް ދިނުމަށް އެ ކުންފުންޏަކާއި އެކު ވާ އެއްބަސްވުން އުވާލުމުން އެއީ އުސޫކާއި ހިލާފަށް ކުރި ކަމެއްގެ ގޮތުގައި ބުނެ އެވެ. އަދި ގިނަ ފަހަރަށް އެ މައްސަލަތައް ކޯޓަށް ދަނީ، އެއްބަސްވުން އުވާލާތާ އަހަރުތަކެއް ފަހުންނެވެ. ނުވަތަ ކޯޓުގައި މައްސަލަ ތާށި ވަނީ އެވެ.

“މިހާތަނަށް ހެދިފައިހުރި ދިރާސާތަކުން ފެންނަ ގޮތުގައި މިހެން މެދުވެރި ވަނީ ޕްރޮޖެކްޓް ޕްލޭނިންގގައި ހުރި މައްސަލަތަކުންކަން ފާހަގަކުރެވެއެވެ. މިގޮތުން ޕްރޮޖެކްޓްގެ ސްކޯޕާއި މުއްދަތާއި ދޭ ހިދުމަތް ނުވަތަ މަޝްރޫއުގެ ފެންވަރާމެދު ދައުލަތާއި ކޮންޓްރެކްޓް ހަވާލުކުރެވޭ ފަރާތާ ދެމެދު ކޮންޓްރެކްޓް ސޮއިކުރުމުގެ ކުރިން އެއްބަސްނުވެވުމެވެ.” ބަޖެޓު ފޮތް

މީގެ އިތުރުން އާންމުކޮށް ބޭނުންކުރާ ކޮންޓްރެކްޓްތަކާ ހިލާފަށް ކޮންޓްރެކްޓް ތައްޔާރުކުރުމަކީ ވެސް މި ހިރާސް އިތުރުކޮށްދޭ ކަމެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އަދި ކޮންޓްރެކްޓްއަށް އަމަލުކުރެވޭ މިންވަރާއި މަޝްރޫއު މޮނިޓާކޮށް ކޮންޓްރެކްޓް ތަންފީޒުކުރުމުގައި ހުރި މައްސަލަތަކަކީ ވެސް މި ހިރާސް އިތުރުވާ ކަމެއްގެ ގޮތުގައި ވަނީ ބުނެފަ އެވެ. މި މައްސަލަތަ ގިނަ ފަހަރަށް ގުޅެނީ ސިޔާސީ މަޝްހަރާއި ކަމަށް ރިޕޯޓުގައި ވެއެވެ.

ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން 2019 ގައި ލަފާ ކުރި އެވެ.

އެ އަހަރު ދައުލަތުން ބަދަލެއްގެ ގޮތުގައި ދޫކުރި ފައިސާގެ ތެރޭގައި ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒްއަށް ދިވެހި ސަރުކާރުން 18.1 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ) ދައްކަންޖެހުން ހިމެނެ އެވެ. އަދި ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށްފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) ވަނީ ދައްކާފަ އެވެ.

މީގެ އިތުރުން ހޮސްޕިޓަލުން ދިން ބޭހެއްގެ ސަބަބުން ކުޑަކުއްޖެއްގެ ދެ ކަންފަތުގެ އިވުން ގެއްލުނު މައްސަލައިގައި ދައުލަތުން ބަދަލެއްގެ ގޮތުގައި 07 މިލިއަން ދައްކަން ޖެހުނެވެ.

2019 ގައި ބިގަށް ދޭން ޖެހޭ 78 މިލިއަންގެ ތެރެއިން، 30 މިލިއަން ރުފިޔާ ދޫކުރި އެވެ. އަދި ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) އަށް 130 މިލިއަން ރުފިޔާ ދެއްކި އެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުންތައް އުވައިލުމުގެ ސަބަބުން ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލަަތަކުގައި އިހުމާލުގެ އަތެއް ވާ މީހުންގެ މައްސަލަތައް ބަލާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: