ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައުޝަމްގެ މި ފޮޓޯއިން ޝަހީދު ހުސެއިން އާދަމްގެ މައިންބަފައިންގެ އިހުސާސްތައް!

ޝަހީދު ހުސައިން އާދަމްގެ މައިންބަފައިން އޭނާގެ ފޮޓޯއެއް ހިފައިގެން- ފޮޓޯ/ ނައުޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

1988 ވަނަ އަހަރުގެ ނޮވެމްބަރު 03 ގެ މެންދަމު 04:15 ހާއިރު މުޅި ގައުމު ހޭލައްވާލީ ދިވެހިންގެ ތެރެއިން ބަޔަކު ބޭރުގެ ކުލީ ސިފައިންތަކަކާއި ގުޅި ވެރިރަށް ހިފި ހަބަރާއި އެކު އެވެ. ވެރި ރަށުގެ ރައްޔިތުންނަށް ލިބުނު މައުލޫމާތަކީ، އެ މީހުން ސިފައިންގެ މައި އިދާރާއަށް މިސްރާބު ޖަހައި، އެ ތަނަށް އަމާޒުކޮށް ބަޑި ޖަހަމުން ދާ ވާހަކަ އެވެ.

24 ގަޑިއިރަށްވުރެ ގިނައިރު ވަންދެން މާލެއާއި އެހެން ރަށްރަށުގެ މެދުގައި މުވާސަލާތު ހިދުމަތް މެދުކެނޑިގެން ދިޔުމުގެ ސަބަބުން، ބިރުވެރިކަމާއި ނާމާންކަން އިންތިހާއަށް އިތުރުވެގެން ދިޔަ އެވެ. ކުލީ ސިފައިން ކައިރިވީ މާލޭގެ އުތުރު ފަރާތު ގޮނޑުދޮށަށް ދެ އިންޖީނު ބޯޓެއްގައެވެ. އޭރު ގަޑިން ފަތިހު 04:00 އެވެ. ފުރަތަމަ ބޯޓުން ހަތިޔާރު އެޅި ކުލީ ސިފައިން ޖުމްހޫރީ މައިދާނާ ކައިރިއަށް އެއްވަމުން ދަނިކޮށް، އެމީހުންގެ އެއް ބަޑީގެ ވަޒަން ކުއްލި ގޮތަކަށް ފަޅައިގެން ދިއުމުން، ނޭޝަނަލް ސެކިއުރިޓީ ސާވިސަސް (އެންއެސްއެސް) ގެ އައުޓްޑޯ ސެކިއުރިޓީ ޕޯސްޓްތަކުގައި ތިބި ގާޑުން ޑިއުޓީގައި ތިބި ދެ ސިފައިން ވަގުތުން އެލާޓް ކުރި އެވެ. އެ ދެ ޒުވާނުންނަކީ ޕްރައިވެޓް އާދަމް މުހައްމަދާއި، ޕްރައިވެޓް ހުސެއިން އާދަމް އެވެ. ހުސެއިން އާދަމް ހުންނެވީ ސިފައިންގެ ގޭޓުގެ ހުޅަނގު ފަރާތުގަ އެވެ.

ދިވެހި ސިފައިންނާއި ޓެރަރިސްޓު ކުލީ ސިފައިންނާ ދެމެދު ހަނގުރާމަ ފެށުނު އިރު، މާލޭގެ ރައްޔިތުން ތިބީ ބަޑީގެ އަޑުފަށްގަނޑުން ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ދިވެހި ސިފައިން ހަނގުރާމައިގައި ހަރަކާތްތެރިވަމުން ދިޔައިރު، ކުލީ ސިފައިންގެ ބާކީ ތިބި މީހުން މުޅި މާލެއަށް ފެތުރިގަތެވެ. އަދި ތީމުގޭގެ ރިޔާސީ ގަނޑުވަރަށް އެއް ސްކޮޑުން ހަމަލަދޭން ފެށިއިރު، އިތުރު ދެ ޓީމެއް ދިޔައީ ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ހަމީދު ހައްޔަރު ކުރުމަށެވެ. ބާކީ ތިބި މީހުން ދިޔައީ މާލޭގެ އެކި ހިސާބުތަކުގައި ހުރި ފިހާރަތައް ލޫޓުވައި، ލޯކަލް މާރުކޭޓުގެ ގޮޅިތައް ލޫޓުވަމުންނެވެ.

ހަމަލާގެ ނުރައްކާތެރިކަން ދިޔައީ ގަދަވަމުންދިޔަ އެވެ. ހުސެއިން އާދަމްގެ އަތަށް ވަޒަން އަރައި އަތުން ހޯސްލާފައި ލޭފައިބަމުން ދިޔަ އެވެ. އަދި ފުރަތަމަ މެގެޒިން ހުސްވެއްޖެ ކަމަށާއި، އަދި ދެވަނަ މެގަޒިން ބަޑި އަށް ލެއްވި ވާހަކަ އަންގައި އިތުރު ވަޒަން ބޭނުން ކަމަށް ބުންޏެވެ. ނަމަވެސް އިތުރު ވަޒަނެއް ލިބޭނެ ގޮތެއް ނުވި އެވެ. ދުޝްމަނުންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވުމުގެ ތެރެއިން، ރައްދުގައި ފޮނުވި ހަމަލާތަކުން ހުސެއިން އާދަމްގެ ޔަގަށް ވަޒަން ތަކެއް އަރައި، ޝަހީދު ވެގެން ސިފައިންގެ “ސެނގަރު” ތެރެ އަށް ވެއްޓުނެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރާއިރު، ޝަހީދު ހުސެއިން އާދަމް ފާހަގަ ކުރެވެނީ ހިތްވަރު ގަދަ ގައުމީ ބަތަލެއްގެ ގޮތުގަ އެވެ. ހަނގުރާމައިގެ އެންމެ ނުރައްކާތެރި ވަގުތުގައި ގައުމާއި ދީނުގެ ދިފާއުގައި ފަހު ލޭ ތިއްކިން ވެސް ގައުމު ދިފާއު ކުރެއްވި ގައުމުގެ އެންމެ ވަރުގަދަ އެއް އައްޑާގެ ގޮތުގަ އެވެ.

ސިފައިންގެއަށް ވަންނަން ވެގެން ރަށުން ގެންދިޔަ 12 ވަރަކަށް ކުދިންގެ ތެރެއިން 04 މީހުން ހޮވިއިރު އޭގެ ތެރޭގައި ޝަހީދު ހުސެއިން އާދަމް ހިމެނުނެވެ. އޭރު އޭނާ ބޭނުންވީ ބޯޓު ދަތުރު ކުރުމުގައި އުޅޭށެވެ. އަދި ބޮންޑު ފުރިހަމަ ކުރުމަށްފަހު، ހަޔާތް ރޭވި ގޮތަކީ ވެސް އެއީ އެވެ.

ޝަހީދު ހުސެއިން އާދަމް މާލެ ފުރުމުގެ ކުރިން، މަންމަ އާއި ބައްޕަ އާއި އެކު ދިރިއުޅެމުން ދިޔަ ގޭގެ ހަލާކުވެފައި ހުރި ބައެއް ތަންތަން މަރާމާތުކޮށް ހެދި އެވެ. ފުރައިގެން ދިޔައީ އެނބުރި އަންނާނެ ކަމުގެ ވައުދާއި އެކު ނަމަވެސް، އޭގެ ފަހުން ދަރިފުޅު ދިރިހުއްޓައި ދެކިލާނެ ފުރުސަތެއް ނުލިބުނެވެ. އެހެން ނަމަވެސް އޭނާގެ ޅަ އުމުރުގެ ވާހަކައާއި، ކުޑައިރު ގެންގުޅު ސަކަ މިޒާޖުގެ ވާހަކަ އެ މީހުން ކިޔައިދެނީ އުފަލާއި، ހިނިތުންވުމާއި އެކު އެވެ.

ގދ. ތިނަދޫއަށް އުފަން ފޮޓޯގްރަފަރު ނައުޝަމް ވަހީދު މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލީ ޝަހީދު ލާންސްކޯޕްރަލް ހުސައިން އާދަމްގެ މަންމަ އާއި ބައްޕަގެ ފޮޓޮއެކެވެ. އެ ފޮޓޯއަށް ވަރަށް ގިނަ އިރުވަންދެން ބަލަހައްޓައިގެން ހުރެވުނެވެ. އަހަރެންގެ ގައިން ވެސް ހީބިހި ނަގައިގެން ދިޔައީ ފަހުރުވެރިކަން އިހުސާސް ކުރެވި، އެ މީހުން ކުރާނެ ހިތާމަ ހިތަށް ގެނައުމަށް ފަހު އެވެ. ދެ މީހުން ގޮނޑިއެއްގައި އިށީންދެލައިގެން ތިބީ ހުސެއިން އާދަމްގެ ފޮޓޯއެއް ހިފައިގެންނެވެ. ފޮޓޯގައި އެ ފަހުރުވެރި މައިންބަފައިންނާއި އެކު ދެކެވުނު ވާހަކަތައް ނައުޝަމް ހިއްސާ ކުރި އެވެ.

ކުޑައިރުން ފެށިގެން ހުސެއިން އާދަމް އުޅުނީ، ތަމްރީނުތަކުގައި ސިފައިން އަމަލުތައް ހުންނަ ގޮތަށް އަމިއްލައިން އެ ކުޅުމުގަ އެވެ.

ނޮވެމްބަރު 03 ހާދިސާއަށް އެތައް އަހަރެއް ވީއިރު ވެސް ޝަހީދު ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ މާލެ ނުދެ އެވެ. އަތޮޅުވެއްސަށް ދާން ރައީސް މައުމޫން އަބްދުލްގައްޔޫމް ދައުވަތު ދެއްވި ނަމަވެސް އެ ވަހަކަ ދައްކާނެހާ ހިތްވަރެއް ނެތްކަމަށް މަންމަ ވިދާޅުވި އެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ލޮޮލުން ކަރުނަ ހިކިފައި ނުވާއިރު، ދަރިފުޅު ދެކެ ނުހަނު ފަހުރުވެރިވާކަން ފާހަގަ ކުރެއްވި އެވެ.

ޝަހީދު ހުސެއިން އާދަމް އާއި ގުޅޭގޮތުން ސުވާލު ކުރުމުން، މަންމަ އައިޝަތު ހަސަން ވިދާޅުވީ އެ ވާހަކަތައް ދެއްކުން އެއީ ފަސޭހަކަމެއް ނޫން ކަމަށެވެ. “ދެން ކެނޑޭނީ ފޮނި، އެހެން ނޫނީ ދޮގު…” ޝަހީދު ހުސެއިން އާދަމް އެއީ މަޑުމައިތިރި އާއިލާގެ ބަސް އަހާ ކުއްޖެއްކަން ފާހަގަކޮށް އައިޝަތު ވިދާޅުވި އެވެ. ހެވިކަން ކުރުމަށް ހާއްސަ ޝައުގުވެރިކަމެއް ޝަހީދު ހުސެއިން އާދަމްގެ ހުންނަކަން ފާހަގަކޮށް މަންމަ ވިދާޅުވީ، އަބަދު މަސްއޫލުވެގެން އުޅެނީ އެފަދަ ކަމަކައިގެން ކަމަށެވެ.

ނޮވެމްބަރު 03 ގައި ހިނގި ކަންތަކާއި ގުޅޭގޮތުން އައިޝަތު ވިދާޅުވީ، ޝަހީދު ހުސެއިން އާދަމްގެ ބައްޕަ އުޅުއްވަނީ ރަށުގެ ވިޔަފާރި ގޭގައި ކަމަށެވެ. ރަށުގެ ތެރޭގައި މީހުން ކުއްލިގޮތަކަށް ކާބޯތަކެތި ހޯދުމަށް އަވަސް ވެގަތުމުން ވެސް ވެގެން އުޅޭގޮތެއް ނޭނގުނުކަމަށް އައިޝަތު ވިދާޅުވި އެވެ.
އޭރު ބީބީސީން ހަބަރު އައި ނަމަވެސް ދިމާވެގެން އުޅެނީ ކީއްކަން ސާފު ނުވިކަމަށާއި ޖެހިގެން އައި ހުކުރު ދުވަހު ވެސް އެކަން ނޭނގުނުކަމަށް ޝަހީދު ހުސެއިން އާދަމްގެ މަންމަ ކިޔައިދިނެވެ. އެހެންވެ، ޝަހީދު ހުސެއިން އާދަމްގެ ބައްޕަ ގާތު ހޮނިހިރު ދުވަހު ގެޔަށް އަންނަން ވާނީ އެކަން ސާފުކޮށްގެންކަމަށް ބުނިކަމަމަށް ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ރަށުގެ ގިނަ ބަޔަކު އެގޭ ދޮށަށް ޖަމާވާން ފެށި އެވެ. އޭރު ހުސެއިން އާދަމްގެ މަންމަ އިނީ ހަނޑޫ ހޮވާށެވެ. ކީއްތޯ ވީ ސުވާލު ކުރުމުން ދަރިފުޅު ޝަހީދުވެއްޖެކަމަށް ބުނިކަމަށާއި އެހާ ހިސާބުން ހުރެވުނު ތަަނެއް ވެސް ނޭނގުނުކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް ހޭވެރިކަން ނުވެ، އެހެން އޮންނަން ޖެހުނުކަމަށެވެ.

ފޮޓޯ ނެގުމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ނައުޝަމްއަކީ، އެކި މުނާސަބަތުތަކާއި ގުޅުވައި ތަފާތު ފޮޓޯތައް ޕޯސްޓު ކުރާ ޒުވާނެކެވެ. އަދި ނައުޝަމްއަކީ ރާއްޖޭގައި ފާހަގަކުރާ ދުވަހެއް ނުވަތަ ރާއްޖޭގައި ދިމާވި ހާދިސާއަކާއި ގުޅުވައިގެންވެސް އަމިއްލަ ފޮޓޯތައް ނަގާ ހިއްސާ ކުރާ ޒުވާނެކެވެ. އޭނާ ނަގާ މިފަދަ ފޮޓޯތައް ވަރަށް ބޮޑަށް ވައިރަލްވެ އެެވެ. އަދި އެ ފޮޓޯތަކާއި އެކު އޭނާ ހާއްސަ ލިއުންކޮޅެއް ވެސް ދޫކޮށްލަ އެވެ.

މި ފޮޓޯއާއި ގުޅޭގޮތުން ނައުޝަމް “ސަންގު” އަށް ބުނީ ކުޅުދުއްފުށިއަށް ކުރި ދަތުރުގައި ޝަހީދު ހުސެއިން އާދަމްގެ އާއިލާ ދިރިއުޅޭ ރަށަކީ އެއީކަން އެނގުމުން އެ މީހުންނާއި ބައްދަލު ކުރަން ބޭނުންވި ކަމަށެވެ. އެ ބައްދަލުވުމުގައި އާއިލާއިން ހުސެއިން އާދަމް މެދު ފަހުރުވެރިވާ މިންވަރު ފާހަގަ ކުރެވުނު ކަމަށާއި، އެ ހަނދާންތަކާއި އާއިލާއިން ދުރަށް ގޮސްފައި ނުވާއިރު ހުސެއިން އާދަމްގެ ކުޑައިރުގެ ހަނދާންތައް ކިޔައިދެނީ އުފަލާއި އެކުކަމަށް އޭނާ ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: