ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕް 26 އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޝާހިދު އެނބުރި ނިއުޔޯކަށް!

ދ ގެ އާންމު މަޖިލީހުގެ ރައީސް، ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު ގްލާސްގޯގައި ބޭއްވި ކޮޕް-26 ކްލައިމެޓް ކޮންފަރެންސަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ނިއުޔޯކަށް ވަޑައިގެންފިއެވެ.

ކޮޕް26 ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޢަބްދުﷲ ޝާހިދު ތަގްރީރު ކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އިންސާނިއްޔަތަށް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. ޝާހިދު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި ޖެނެރަލް އެސެމްބްލީ ހައި-ލެވެލް ޑައިލޮގް އޮން ޑެލިވަރިންގ ކްލައިމެޓް އެކްޝަންގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި ދެކެވުނު ވާހަކަތައްވެސް ކޮޕް-26 ގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި މާލީ އެހީތެރިކަން ހޯދުމާއި، ޓެކްނޯލޮޖީ ބަދަލުކުރުމާއި، އެޑަޕްޓޭޝަނަށް އިތުބާރުހުރި ވަސީލަތްތައް ހޯދުމަށް މެންބަރު ގައުމުތަކުން ގޮވާލެއްވިއެވެ.

ކޮޕް26 ގެ 2 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ވޯލްޑް ލީޑަރސް ސަމިޓްގައި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. ޝާހިދުވަނީ އެންޓީގުއާ އެންޑް ބާބިއުޑާ، ބަންގްލަދޭޝް، ބަލްގޭރިއާ، ބާބެޑޯސް، ބްރޫނާއީ، ކެނެޑާ، ކޮމޮރޯސް، މިސްރު، ފިޖީ، ގިނީ ބިސާއު، އިންޑިއާ، ކުވައިތު، މަލާވީ، ދިވެހިރާއްޖެ، ނެމީބިއާ، ޕަލާއު، ސައޮ ޓޯމެ އެންޑް ޕްރިންސިޕޭ، ސީޝެލްސް، ސްރީލަންކާ، ޓެންޒޭނިއާ، ތައިލެންޑް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، ޓުވާލޫ، ޔޫ.އޭ.އީ އަދި ޔޫރަޕިއަން ކޮމިޝަންގެ އިސްވެރިންނާއި މިނިސްޓަރުންނާ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުވަނީ އެލް.ޑީ.ސީ. ގްރޫޕް (ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކުގެ ގްރޫޕް)ގެ ޗެއަރ، މަލާވީގެ ރައީސް ލަޒަރޫސް ޗަކްވެރާއާއި، ޖަރުމަނުގެ ސްޓޭޓް ސެކްރެޓަރީ ޖޯހެން ފްލަސްބާތުއާއި، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސް ޓެކްނޮލޮޖީ އެންޑް ސްޕެޝަލް އެންވޯއީ އޮފް ކްލައިމެޓް ޑރ. ސުލްތާން އަލް ޖާބިރުއާއި، ޔުނިވާސިޓީ އޮފް ބަރމިންހަމްގެ ޗާންސެލާ ލޯޑް ކަރަން ބިލިމޮރާއާއި، އިގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ދި ކޮމޮންވެލްތު ލޯޑް އަހްމަދް އޮފް ވިމްބްލެޑަންއާއި، ޓުވާލޫގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ކްލައިމެޓް ޗޭންޖް ސީވް ޕެނިއުއާއި، ޕެސިފިކް އައިލެންޑް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް ހެންރީ ޕޫނާއާއި، ޔޫ.އެން.އެފް.ސީ.ސީ.ސީގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީޝިއާ އެސްޕިނޯޒާއާއި، ކެނެޑާގެ ޕްރިމިއަރ އޮފް ނިއުފައުންޑްލެންޑް އެންޑް ލެބްރަޑޯ އެންޑްރޫ ފޫރޭއާއި ބައްދަލުކުރައްވާފައެވެ.

“ގްލަސްގޯއިން ފުރަނީ ނުހަނު ގިނަ އުއްމީދުތަކަކާއި އެކު؛ ކޮޕް26 އިން އެބަޖެހޭ 1.5 ގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރެވެންހުރި ކަންކަން ބުނެދީ އެކަމަށް މަސައްކަތްކުރުމަށް ރައްޔިތުންނަށް ބާރުއަޅަން. މިކަންކުރުމުގައި ވީހާވެސް އަވަހަށް ކުރަންޖެހޭކަން ރައްޔިތުން ގަބޫލުކުރޭ، އަދި މިކަމަށް ސާފު މަގެއް، ޓައިމްލައިނެއް އޮތްކަން އެނގެން އެބަޖެހޭ. މިކަންކަން ހާސިލްވާކަން ފެންނަހެން އެބަހީވޭ. ޑީފޮރެސްޓޭޝަން ނިމުމަކަށް ގެނައުމަށް އިއުލާނު ކުރުމާއި، މާލީ އެހީތެރިކަމާއި އެޑެޕްޓޭޝަންއާއި ނެޓް ޒީރޯ ޓާގެޓްފަދަ ކަންކަމަކީ މިކުރާ މަސައްކަތް ކުރިއަށް ދާކަމުގެ ހެކިތައް.” ޝާހިދު

މީގެ އިތުރުން، ޝާހިދު ވަނީ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ޒުވާނުންނާއެކު ރައުންޑްޓޭބަލް ޑިސްކަޝަންއެއް ބާއްވަވާފައެވެ. އަދި ޝާހިދުވަނީ ޔޫ.އޭ.އީ އާއި ދިވެހިރާއްޖޭގެ ޒުވާނުންގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަޤްވާމީ ޕެނަލްގެ އަންހެން ސައިންޓިސްޓުންނާއެކު ބައްދަލުކުރައްވާ މޫސުމީ ސައިންސާއި ސިޔާސަތުތައް ކަނޑާއެޅުމުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ހުރި ހުރަސްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

3 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ އެއޯސިސް ލީޑާސް ޑައިލޮގްގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި އިތުބާރުހުރި އަދި އެކަށީގެންވާ މާލީ އެހީތެރިކަން ބޭނުންވާކަން މިނިސްޓަރ ޝާހިދުވަނީ ފާހަގަކުރެއްވިއެވެ.މިނިސްޓަރ ޝާހިދު ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ޖަންގަލިތަކުން ބޮޑެތި ގަސް ކެނޑުން ނިމުމަކަށް ގެނައުމަށް އިއުލާނު ކުރުމުން އެކަމަށް މަރުހަބާ ދަންނަވާފައެވެ. ހަމަ އެފަދައިން 2030 ވަނަ އަހަރު އަންނަންވާއިރަށް މީތެން ގޭސް ބޭރުކުރާ މިންވަރު 30 އިންސައްތައަށް ދަށްކުރުމަށް ވެފައިވާ ވަޢުދަށް މަރުޙަބާ ވިދާޅުވެ، މިއީ 1.5 ލަނޑުދަނޑި ދެމެހެއްޓުމަށް ޓަކައި ބިނާކުރަނިވި އަދި ހަރުދަނާ ފިޔަވަޅުތަކެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ވަނީ ބައެއް މީޑިއާތަކާ ވާހަކަ ދައްކަވާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މީޑިއާ ޕީ.އެސް.އެމް، ޑޮއިޗޭ ވެލަ، އަލްޖަޒީރާ، ބްލޫމްބާގް، ސްކައި ނިއުސް އަރަބިއާ، ދުރްދަރްޝަން ނިއުސް އަދި ސީއެންބީސީ ހިމެނެ އެވެ. ޝާހިދު ވަނީ ‘ނެޓް ޒީރޯ ވޯލްޑް’ ޑޮކިއުމެންޓްރީގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ޝާހިދު ވަނީ ކޮޕް26 ގައި އާއްމުންނަށް ހުޅުވާލާފައި އޮތް ގްރީން ޒޯން އަށް ޒިޔާރަތްކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭ ވައިރަލް ވީޑިއޯއެއް ހެދި ދިވެހިރާއްޖެއަށް ނިސްބަތްވާ އަލްމާންއާ ބައްދަލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: