ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސަކާއި ފިނޭންސް މިނިސްޓަރަކު ހުންނަންޖެހޭ ސަބަބެއް ނުފެނޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިވަގުތު ރައީސުލްޖުމްހޫރިއްޔާއާއި، ފިނޭންސް މިނިސްޓަރަކު ހުންނަންޖެހޭ އެއްވެސް ސަބަބެއް ނުފެންނަކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފައިސާ ޗާޕްކުރުމަށް މަޖިލީހުގެ ހުއްދައަށް އެދި  ފޮނުވުމުން އެމައްސަލައަށް ބަހުސްކުރައްވަމުން މެމްބަރު ޝިޔާމް ވަނީ ފިނޭންސް މިނިސްޓަރަށާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަދި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މައްސަލާގައި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ތިންވަނަ ފަހަރަށް މިކަން ކުރުމަށް ތާއީދުކުރައްވާއިރު މަޖިލީހުގެ މެމްބަރުންނަށްވެތިބެ އެއްވެސް އެއްޗެއް ހިތަށް ނާރަނީތޯ މެމްބަރު ޝިޔާމް ސުވާލުކުރެއްވިއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އަށް އަމަލުކުރުން އިސްތިސްނާކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވައި މަޖިލީހަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. ފާއިތުވެދިޔަ 18 މަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތުގެ ހަރަދު މިގޮތަށް ބަލަހައްޓާފައިވާއިރު އަންނަ އަހަރުގެ އޭޕްރިލް މަހާއި ހަމައަށް މިއުސޫލަށް އަމަލުކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް މިނިސްޓަރ އަމީރު ވަނީ އެދިވަޑައިގެންފައެވެ.

މެމްބަރު ޝިޔާމް ވިދާޅުވީ ފައިސާ ޗާޕްކުރުމަށް އެދި ހުށައަޅާ ކޮންމެ ފަހަރަކުވެސް ވަކި ކަންތައްތަކެއް ކުރާނެކަން ބަޔާންކޮށް މަޖިލީހަށް ކަރުދާސްތަކެއް ހުށައަޅާކަމަށެވެ. އެހެންނަމަވެސް، ތަކުރާރުކޮށް މިކަމުގެ ހުއްދައަށް އެދެމުންދާއިރު ފާއިތުވެދިޔަ ތަނުގައި ކުރާނެކަމަށް ބަޔާންކުރި ކަންކަމަށް އަމަލުކޮށްފައިވަނީ ކިހާ މިންވަރަކަށްތޯ އެންމެ ކުޑަމިނުން މަޖިލީހުން ބަލަންޖެހޭ ކަމަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި މިފަދަ ގޮތްގޮތަށް ފައިސާ ޗާޕްކުރުމަށްފަހު މިފައިސާ ހަރަދުކުރަންޖެހޭނީ ކެޕިޓަލް އިންވެސްޓްމަންޓްތަކަށް ކަމަށް ބަޔާންކޮށްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް، ސަރުކާރުން މިވަގުތު އަމަލުކުރަމުންދާ އުސޫލަކީ ފައިސާ ޗާޕްކުރުމަށްފަހު އެފައިސާއިން ބަދަލުގެ ގޮތުގައި ފައިސާ ދޭންޖެހޭ ފަރާތްތަކަށް ފައިސާ ދިނުމާއި، ސިޔާސީ މީހުންނަށް ފައިސާ ދިނުންފަދަ ކަންކަންކަމަށް ހަރަދުކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ފައިސާ ޗާޕްކުރުމަށްފަހު އާންމު ރައްޔިތުންނަށް ފައިސާ ބަހައިފިނަމަ މާރަނގަޅު ވާނެ ނޫންތޯ ޝިޔާމް ވަނީ ސުވާލުކުރައްވާފައެވެ.

“ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާއެއް ހުންނަން ޖެހޭ ސަބަބެއް ނުފެނޭ. ރާއްޖޭގައި ފިނޭންސް މިނިސްޓަރަކު ހުންނަންޖެހޭ ސަބަބެއް ނުފެނޭ. އެންމެ ފުރަތަމަ ގާނޫނުގައި ހުރި މާއްދާތައް ސަސްޕެންޑްކުރުމަށް ހުށައެޅުމުން އަޅުގަނދު އިންނަ ކޮމެޓީއަކަށް ގަވަރުނަރު ވަޑައިގެން ވިދާޅުވި، ތިމަންމަނިކުފާނު ގަވަރުނަރުކަމުގައި ހުންނަވައިގެން މިކަން ނުކުރައްވާނަމޭ. މިއީ އެހާވެސް ނުރައްކާތެރި ކަމެކޭ. ތިން ފަހަރު ފައިސާ ޗާޕްކުރާއިރުވެސް އެމަނިކުފާނު އެއިންނަވަނީ އެމްއެމްއޭގެ ގަވަރުނަރަކަށް. މިއަދު ބޭނުންވަނީ ރައީސް އޮފީސް ފުރާޅުމަތީގައި ފައިސާ ޗާޕްކުރާ ބޮޑު މެޝިނެއް ބައިންދަން” ޝިޔާމް

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ފައިސާ ޗާޕްކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓުމުން ހުރިހާ ކަމެއް ނިމިގެންދާ ކަމަށެވެ. އެހެންކަމުން މިވަގުތު ކެބިނެޓަށްވެސް ހަރަދުކުރުމަކީ ބޭކާރުކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުގެ ބަހަނާއެއްގެ ގޮތުގައި ކޮވިޑްގެ ބަލިމަޑުކަން ދައްކަމުންދާތީ ޝިޔާމް ވަނީ އެކަމަށްވެސް ރައްދު ދެއްވާފައެވެ. ޝިޔާމް ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖެއިން ކޮވިޑް ބަލި ފެނިފައިވެސް ނުވާކަމަށެވެ. އެހެންނަމަވެސް، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވޯލްޑް ބޭންކްއިން އާންމުކުރި ތަފާސްހިސާބުތަކުގައި 2019 ވަނަ އަހަރު އެންމެ ބޮޑަށް އަޑިއަޅާލި އިގްތިސާދުތަކުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯޅިހުގެ ސަރުކާރު އޮތްކަމަށް ވިދާޅުވިއެވެ. އަދި 2019 އަހަރު ފެށުނީއްސުރެ ދައްކަމުންދިޔަ ވާހަކައަކީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަންކޮށްފައި ހުރިގޮތުގެ ވާހަކަކަމަށާއި ހުރިހާ ކަމެއް ދިޔައީ ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވަމުންކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ކޮވިޑް ބަަލި ރާއްޖެއިން ފެނުމަށްފަހު ހުރިހާ ކަމެއް އަޅުވަމުންދިޔައީ ކޮވިޑްގެ ބޮލުގައިކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދެބުރަށް ފައިސާ ޗާޕްކޮށްގެންވެސް މިހާތަނަށް އައިއިރު ކުރެވުނީ ކީއްތީ ޝިޔާމް ސުވާލު އުފެއްދެވިއެވެ. ކޮވިޑް ބަލީގައި އެތައް ބަޔަކު ނިޔާވެގެން ދިޔައިރު ދައުލަތުން ކޮށްދިނީ ކީއްތޯ ސުވާލު އުފައްދަވައި ޝިޔާމް ނިސްބަތްވާ ދާއިރާގައި އަދިވެސް ކޮވިޑަށް ޓެސްޓްކުރެވޭނެ ފުރިހަމަ އިންތިޒާމެއް ހަމަޖެހިފައިނެތްކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: