ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ކުރަންވީ ކަމަކީ އަގު ރަނގަޅު މަހުގެ ޕްރޮޑަކްޓްތަކެއް އުފެއްދުން: މިނިސްޓަރ

ފިޝަރީޒް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މިވަގުތު ކުރަންވެފައި އޮތް ކަމަކީ އެކްސްޕޯޓްކުރުމަށް އަގު ރަނގަޅު މަހުގެ ޕްރޮޑަކްޓްތަކެއް އުފެއްދުންކަމަށް ފިޝަރީޒް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއިން ކުރިއަށްގެންދިޔަ “ރައީސް ސޯލިހާއެކު ތިނެއް” ކަވަރޭޖްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ ބާޒާރަށް އަންނަ ކޮންމެ ބަލަދެއްގެ އަސަރު ދިވެހި މަސްވެރިންނަށް ކުރާ ކަމަށެވެ. އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ދާ ޖަހައިގެން މަސް ބޭނުމުގެ ސަބަބުން ދިވެހި ކަނޑުގެ ސަރަހައްދުތަކަށް މަސް އެތެރެވުން މަދުވާކަމަށް ވިދާޅުވިއެވެ. އިންޑިޔާ ކަނޑުގެ ސަރަހައްދުގެ މަސްތަކަށް އޮންނަ ޑިމާންޑް ބޮޑުވަމުންދާއިރު ރާއްޖެއިން ދޮށީގެ މަސްވެރިކަން ކުރިނަމަވެސް އެހެން ގައުމުތަކުން ދާ އަޅައިގެން މަސްވެރިކަން ކުރުމަކީ އެކަމުގެ ގެއްލުން ރާއްޖޭގެ މަސްވެރިންނަށް ވާނެކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޠޭގެ ބާޒާރަށް މަހުގެ ބާވަތްތައް ނެރުން އިތުރުވާ މިންވަރަކަށް މަހުގެ އަގު ދަށަށް ދާނެކަމަށެވެ. އެހެންކަމުން އެހެން ގައުމުތަކުގެ މަސްވެރިކަން ރަނގަޅުވާ ކަމުގައިވާނަމަ އެކަމުގެ އަސަރުވެސް ދިވެހި މަސްވެރިންނަށް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބާޒާރުގައި މަހުގެ އަގަށް ބަދަލު އަންނަ ކޮންމެ ފަހަރަކީ އޭގެ ސަބަބުން ދިވެހި މަސްވެރިންނަށް ގެއްލުންވަމުންދާ ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. 17،000 އަށްވުރެ ގިނަ މަސްވެރިންނާއި މަސްވެރިންގެ އާއިލާތައް ރާއްޖޭގައި އޮތްއިރު ބާޒާރުގައި މަހުގެ އަގަށް ބަދަލު އަންނަ ކޮންމެ ފަހަރަކީ  އެކަމުގެ ގެއްލުން މަސްވެރިންނާއި މަސްވެރިންގެ އާއިލަތަކަށް ކުރާނެކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އެކަމުގެ އަސަރު މަސްވެރިންނަށް ކުރޭ. ބައިނަލްއަގްވާމީ ބާޒާރުގައި މަސް އިތުރުވާ މިންވަރަކަށް، މަހުގެ ބާވަތްތައް އިތުރު މިންވަރަކަށް މަހުގެ އަގު ދަށަށްދޭ. މަސްބާނަން ކުރާ ހަރަދުތަކަށް ބަލާއިރު އެކަށީގެންވާ އާމްދަނީއެއް ނުލިބޭނަމަ އެކަމުގެ ސަބަބުން ގެއްލުންވާނެ.” މިނިސްޓަރ

މިކަންކަމަށް އިޝާރާތްކުރައްވައި މިނިސްޓަރ ވިދާޅުވީ މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއިއެކީ ރާއްޖޭގެ މަހުގެ އުފެއްދުންތައް ވިއްކުމަށް އޮތް ގޮންޖެހުންތައްކަމަށެވެ. ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި އޮންނަ ގައުމަކަށް ނުވާތީ ޑިޔުޓީއަކާއި ނުލައި ޔޫރަޕިއަން ޔޫނިއަންގެ ބާޒާރަށް މަހުގެ ބާވަތްތައް ވިއްކުމުގެ ފުރުސަތު ނުލިބޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު މަހުގެ ބާވަތްތައް ވިއްކަމުންދަނީ 22 އިންސައްތައިގެ ޑިޔުޓީއަކާއި އެކީގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެހެން ގައުމުތަކުގެ މަހުގެ ބާވަތްތަކަށްވުރެ ދިވެހި ރާއްޖޭގެ މަހުގެ އުފެއްދުންތައް 22 އިންސައްތަ އަގުބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަން ހައްލުކުރުމަށް އީޔޫއާއި ވާހަކަދައްކަމުން އަންނަކަމަށާއި އެހެންނަމަވެސް ޑިޔުޓީއަކާއި ނުލައި މަހުގެ ބާވަތްތައް ވިއްކޭނެ ގޮތެއް އަދި ހޯދައިދީފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރު މާކެޓްތަކަކަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރަން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ އިނގެރޭސިވިލާތާއި، ތުރުކީ އަދި ރަޝިޔާއަށް ރާއްޖޭގެ މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ވާހަކަދައްކަމުންދާ ކަމަށެވެ. އެހެންނަމަވެސް ތުރުކީއަށް މަހުގެ ބާވަތްތައް ގަނޑުކޮށްފައި އެކްސްޕޯޓްކުރުމުންވެސް އޭގެ ސަބަބުން ދިމާވާ ގެއްލުންތަކެއް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެންމެ ރަނގަޅު މާކެޓެއް އަބަދުވެސް އޮންނަނީ ޔޫރަޕްގެ ގައުމުތަކުގައި ކަމަށާއި އެހެންނަމަވެސް މަހަށް ރަނގަޅު އަގެއް ނުލިބުމުގެ މައްސަލަ ޔޫރަޕްގެ ގައުމުތަކުން ދިމާވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސް ބާނަައި ގަނޑުކޮށްގެން އެހެން ގައުމުތަކަށް ގެންދިޔުމާއި ހަމައަށް ކޮންމެ ޓަނަކަށް 1،650 ޑޮލަރު ހަރަދުވާކަމަށެވެ. އެހެންނަމަވެސް ޓަނެއްގެ މަސް ވިއްކާއިރު އޭގެ އަގެއްގެ ގޮތުގައި 1.600އެއްހާ ޑޮލަރު ނުޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބޭރުގެ މާކެޓްތަކަށް މަހުގެ ބާވަތްތައް ފޮނުވާއިރު އެކަމުގެ ސަބަބުން ފައިދާއެއް ނުވެ، ގެއްލުންވަމުންދާކަމުގައިވާނަމަ އެކަމަކީ ކުރެވޭނެކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން، މަހުގެ ބާވަތްތައް ވިއްކައިގެން ފައިދާވާނެ ގޮތަކީ ނުވަތަ ރަނގަޅު އަގު ލިބޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުރެވިދާނެކަންކަމަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވިދާޅުވީ ބާނާ މަހުން ރަނގަޅު އަގެއް ލިބޭނެ ފަދަ ޕްރޮޑަކްޓަކަށް ބަދަލުކޮށް އެކްސްޕޯޓްކުރެވިދާނެކަމަށެވެ. ރާއްޖޭގައި މަސްވެރިކަން އެންމެ ރަނގަޅު ސަރަހައްދަކީ ދެކުނު ހިސާބުތައް ކަމަށާއި އެހެންނަމަވެސް މަހުގެ އުފެއްދުންތައް އުފައްދާނެ ސަރުކާރުގެ އެއްވެސް ކާރުހާނާއެއް ދެކުނުގެ އެއްވެސް ހިސާބެއްގައި ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ސަރުކާރުން މިއަންނަނީ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުން. ފެލިވަރު އަދި ކޫއްޑޫ ތަރައްގީކުރުމަށް މަސައްކަތްކުރޭ އެބަ. ފެލިވަރު އަޕްގްރޭޑްކުރުމަށް އިތުރު 4000 ޓަނު ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖް އެބަ ގާއިމްކުރަން. މިހާރުގެ ކެޕޭސިޓީއަކީ 750 ޓަނު. އެތަން މިވަގުތު އެތަނުގެ ކާރުހާނާ ހުރީ ބާވެ ހަލާކުވެފަ ބާ ދަގަނޑަށް ވެފައި. މިވަގުތު އެތާ ރައްކާކުރެވެނީ ތިރީހަކަށް ސާޅީހަކަށް ޓަނު.  ކޫއްޑޫވެސް ރަނގަޅުކުރުމަށް އެތަނަށް އިތުރު 4000 ޓަނުގެ ސްޓޯރޭޖް އެބަލަން. އެތަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ ޑަބަލް އެބަކުރަން. މިވަގުތު ހުރީ 240 ޓަނު ގަނެވޭ ވަރުގެ ކެޕޭސިޓީ. މ. މުލަކު ގައި 500 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ގާއިމްކުރަން. ގދ ތިނަދޫގައި 1000 ޓަނުގެ ސްޓޯރޭޖް ގާއިމްކުރުމުގެ މަސައްކަތް އެބަކުރަން. މިނިސްޓަރ

މިވަގުތު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ރާއްޖޭގައި މަހުގެ ބާވަތްތައް އުފައްދާނެ ކަރުހާނާތައް އިތުރުކުރުން ކަމަށާއި އެކްސްޕޯޓްކުރެވެންދެން މަހުގެ ބާވަތްތައް ރަނގަޅަށް ފިނިކޮށްފައި ބެހެއްޓޭނެ ނިޒާމެއް ގާއިމްކުރެވެންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިވަގުތު އެފަދަ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވާ މަސް ފިނިކޮށް ރައްކާކުރެވޭނެ ކެޕޭސިޓީ އިތުރުކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: