ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު މަޖިލިސް ރައީސް އަށް ގަނޑުވަރެއް؟ މާދަމާ ކުރީގެ ރައީސް އަށް ގަނޑުވަރެއް؟

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ައރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ދިވެހި ރައްޔިތުންގެ ފައިސާއިން ވަގުތީ ގަނޑުވަރެއް މަރާމާތުކޮށް އެގަނޑުވަރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ހަވާލުކޮށްފިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ތައްޔާރު ކުރެވުނު ގަނޑުވަރެކެވެ. ނަމަވެސް ހަގީގަތަކީ އެއީ ނަޝީދަށްޓަކައި އެމަނިކުފާނަށް ތައްޔާރު ކުރެވުނު ގަނޑުވަރެއް ކަމެވެ.

ސުޕްރީމް ކޯޓުގެ ކުރިމަތީގައި މާދަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ހާއްސަ ގަނޑުވަރެއް ބިނާ ކުރުމުގެ މަސައްކަތް ފަށާނެއެވެ. އެގަނޑުވަރު ވެސް ބިނާ ކުރުމުގެ ހަގީގީ މަޤުސަދަކީ ނަޝީދު ދިރިއުޅުއްވާނެ ގަނޑުވަރެއް ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދިނުމެވެ.

މިއަދު ވެރިކަމުގައި އޮތް އެމްޑީޕީ އާއި ވެރިކަން ކުރަން ތިބި ބޭފުޅުން ނަޝީދަށް ގަނޑުވަރެއް ދޭން ބޭނުން ވުމުން ރައްޔިތުން މަޖިލީހުގެ ރައީސްގެ ނަން ނިވާފަތްގަނޑެއްގައި ބޭނުން ކޮށްގެން ބޮޑު ހަރަދެއްކޮށް އިމާރާތްތަކެއް އަޅަމުން ދާއިރު ސުވާލަކީ މާދަމާ ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކޮށްފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ނަޝީދު ދިރިއުޅުއްވާނެ ތަނެއް ދައުލަތުން ދޭން ޖެހޭ ހާލަތު އެބައޮތް ކަމަށް ބަޔަކު ގަބޫލު ކުރީ މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ސަބަބުންނެވެ. ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގޭގައި އެމަނިކުފާނު ހުންނަވާނަމަ ސަލާމަތާއި ރައްކާތެރިކަން އެމަނިކުފާނަށް އެކަށީގެންވާ ގޮތެއްގައި ދެވެން ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ދައުލަތުން ގަނޑުވަރެއް ބިނާ ކުރީއެވެ.

ނަޝީދު މާދަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިވި ނަމަވެސް އެމަނިކުފާނަށް އޮތް ނުރައްކާ ނެތިގެން ނުދާނެއެވެ. އެމަނިކުފާނު އަވަހާރަކޮށްލަން މީހަކު ނުވަތަ ބަޔަކު ދެން އިތުރު ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީން ކަމެއް ވެސް ނޯންނާނެއެވެ. އަދި ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ނުވުމުން އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ދިނުން ދިވެހި ދައުލަތައް ހުއްޓައެއް ވެސް ނުލެވޭނެއެވެ.

ނަޝީދަކީ ކުރީގެ ރައީސްގެ ހައިސިއްޔަތުން ވެސް ދައުލަތުން ސަލާމަތާއި ރައްކާތެރިކަން ދޭން ޖެހޭ ބޭފުޅެކެވެ. ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް އަދި ކުރީގެ ރައީސް އަށް ވެސް ވުމުގެ ކުރިން އެމަނިކުފާނަކީ ދިވެހި ރައްޔިތެކެވެ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ދިވެހި ދައުލަތުން ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް އޭގެ މާނަ އަކީ ސަލާމަތާއި ރައްކާތެރިކަން ދޭން ޖެހޭ ކޮންމެ މީހަކަށް ދިވެހި ދައުލަތުން ގަނޑުވަރެއް އިމާރާތް ކުރުމެއް ނޫނެވެ. އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ކޮށްގެން ވާނެ ވެސް ކަމެއް ނޫނެވެ.

އަންނަ އަހަރު ދައުލަތުގެ ބަޖެޓްގައި ނަޝީދުގެ ގަނޑުވަރު ބިނާ ކުރުމަށް 12 މިލިއަން ރުފިޔާ އެއޮތީ ކަނޑައަޅާފައެވެ. އެގަނޑުވަރުގެ މުވައްޒަފުންނާއި ހަށިފާރަވެރިންނަށް ކުރަން ޖެހޭ ހަރަދު ވެސް ގުނަން ޖެހިފައި ވަނީ މިލިއަނުންނެވެ. ނަމަވެސް މިއަދުވެސް ނިކަމެތި ރައްޔިތު މީހާ ދިރިއުޅެމުން އެދަނީ ތިން އިރު ބަނޑުފުރާނަ މުއްތި ކުރާނެ ގޮތެއް ނެތިގެންނެވެ. ވަޒީފާއެއް ނެތް އެތައް ބަޔަކު އެބަތިއްބެވެ. ބޭސްފަރުވާ ކުރަން ސަލާން ޖަހަން މަގުމައްޗަށް ނިކުމެ އެތައް ބަޔަކު އެބަތިއްބެވެ. އެއިން އެއްވެސް މީހަކަށް އެހީގެ އަތެއް ދިއްކޮށްލުމެއް ނެތި ދިވެހި ދައުލަތުން މިލިއަނުން ނަޝީދަށް ފައިސާ އަޅަމުން ދާއިރު، އޭގެ ނަތީޖާ އަކީ ކޮބައިތޯ ވެސް ސުވާލު ކުރަން އެބަޖެހެއެވެ.

ކުރީގެ ރައީސްގެ ހައިސިއްޔަތުން ވެސް ދައުލަތުން ނަޝީދަށް އިނާޔަތް ދެމުން ގެންދެއެވެ. ކުރީގެ ރައީސްގެ މުސާރަ އާއި އޮފީސް ހިންގުމުގެ ހަރަދާއި އަދި ނުވިތާކަށް ދިރިއުޅޭ ތަނުގެ ހަރަދު ހަމަޖައްސަން ވެސް ފައިސާ ދެއެވެ. އެފައިސާ އަށް އެމަނިކުފާނު ބޭނުން ތަނެއްގައި ދިރިއުޅުއްވަން ވީއެވެ. އެފައިސާ އެމަނިކުފާނު ހަރަދު ކުރައްވަނީ ހޮޓެލް ޖެން އަށް ކަމަށް ވީނަމަވެސް، މޫކައި ސޫޓަށް ކަމަށް ވީނަމަވެސް އަދި އެހެން ހޮޓަލެއްގައި ދިރިއުޅުއްވަން ކަމަށް ވީނަމަވެސް އެއީ މީހަކާއި ބެހޭ ކަމެއް ނޫނެވެ. މައްސަލައަކީ މިފައިސާ ދައުލަތުން ދީފައި އަދި ވަކި ގަނޑުވަރެއްގައި ނަޝީދު ދިރިއުޅުއްވަން ވެސް ދައުލަތުން އެތައް މިލިއަނެއް ހަރަދު ކުރަން ޖެހޭތީއެވެ.

ހަނދާނަށް އަންނަނީ 2005 ވަނަ އަހަރު ރާއްޖެ އަށް އިސްލާހީ ބަދަލުތަކެއް ގެންނަން ކަމަށް ބުނެ ނަޝީދު ރާއްޖެ ވަޑައިގެންނެވި ދުވަސްވަރަށެވެ. އެމްޑީޕީ އުފެދި އެޕާޓީގެ ސިޔާސީ ހަރަކާތްތައް ފެށިގެން އައި ދުވަސްވަރަށެވެ. މައުމޫން އަބްދުލްޤައްޔޫމް ވެރިކަން ކުރައްވަން ދިވެހި ދައުލަތައް ލިބޭ ހުރިހާ ފައިސާއެއް ހަރަދު ކުރަމުން ގެންދާކަމަށް ނަޝީދު ވިދާޅުވަމުން ގެންދެވި ދުވަސްވަރަށެވެ. އެންމެ ރިސޯޓަކާއި އެންމެ ކޮމްޕިއުޓަރަކުން ގައުމު ހިންގޭނެ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދެވި ދުވަސްވަރަށެވެ.

މިއަދު ތާރީހާއި، ހަރަދު ކުރާ ބޭފުޅާ ބަދަލު ވެއްޖެއެވެ. މިއަދު ދިވެހި ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ މައުމޫނަކަށް ނޫނެވެ. ނަޝީދަށެވެ. އެމަނިކުފާނު ހޮޓެލް ޖެންގައި ހުންނެވުމަށް ހަމައެކަނި އެތަނުގެ ކުއްޔަށް ކުރި ހަރަދު މިއޮތީ މިލިއަނަކާއި ގާތް ކޮށްފައެވެ. ނަޝީދަށް މިލިއަނުން ހަރަދުކޮށްފައި ދިވެހި ނިކަމެތި ރައްޔިތުން މީހާ މަގުމަތިން ޑަސްބިން ކައިގެން ދިރިއުޅުން އެއީ ހައްގު މިންވަރު ހެއްޔެވެ؟ ނޫނެކެވެ.

މިއަދު މަޖިލިސް ރައީސް އަށް ގަނޑުވަރެއް އަޅާފައި، މާދަމާ ކުރީގެ ރައީސުންނަށް ގަނޑުވަރު އަޅަން “ރައްޔިތުންގެ މަންދޫބުން” ކަމަށް ބުނާ ނަޝީދުގެ ބައިވެރިން ވަކާލާތު ކުރަން ފެށުމުން ވެސް ދިވެހި ރައްޔިތުން ޖެހޭނީ ތިބެން ހެއްޔެވެ؟

2005 ވަނަ އަހަރު ނަޝީދު ވަކާލާތު ކުރެއްވި ހަމަހަމަކަމާއި އިންސާފަކީ މިއީ ހެއްޔެވެ؟ ގައުމުގެ މުއްސަނދިކަން ގައުމުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އެކު ބެހިގެން ދާނެހެން ކަންކަން ކުރައްވާނެ ކަމަށް ފެށުނީއްސުރެ ނަޝީދު ދައްކަވަމުން ގެންދެވި ވާހަކަފުޅު މިއަދު ކޮބައި ހެއްޔެވެ؟

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: