ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަ ކޯޓުގައި، މަހުލޫފް މަގާމުން ވަކި ކުރުމާއި މެދު އަދި ގޮތެއް ނުނިންމާ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނަވައިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުގައި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް ސަރުކާރުން އޭނާ މަގާމުން ވަކި ކުރުމާއި މެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް ރަައީސް އޮފީހުން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ދެފަހަރެއްގެ މަތީން މި ސަރުކާރުގެ ވަޒީރުކަމުން ސަސްޕެންޑު ކުރި މަހުލޫފްގެ މައްޗަށް ދައުވާކޮށް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ޕީޖީގައި މައްސަލަ އޮންނަތާ ހަ މަސް ފަހުން ދައުވާކުރުމަށް ނިންމިއިރު، ރައީސް އޮފީހުން އޮތީ މަހުލޫފްގެ ސަސްޕެން އުވައިލާފަ އެވެ. އެއީ މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެންދާތީ ރައީސް އޮފީހުން ނިންމީ، ދައުވާ ކުރުމަށް ނިންމައިފި ނަމަ އަޅާނެ ފިޔަވަޅެއް ކަނޑައެޅުމަށެވެ. ރައީސް އޮފީހުން ބުނީ މިވަގުތު އަމަލު ކުރަމުންދާ އައު އުސޫލުގެ ދަށުން ސަރުކާރުގެ އިސްވެރިއެއްގެ މައްޗަށް ތުހުމަތެއް ކުރެވޭނަމަ ފިޔަވަޅު އަޅާނީ ޕީޖީން އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުން ކަމަށެވެ.

މަހުލޫފަށް ދައުވާކުރުމަށް ކޯޓަށް ހުށަހެޅިކަން ޕީޖީ އޮފީހުން މީޑިއާތަކަށް ހާމަކުރީ އިއްޔެ އިރުއޮއްސުނު ފަހުންނެވެ. އެހެންވެ މަހުލޫފަށް އަޅާ ފިޔަވަޅާއި މެދު ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަދި މިހާތަނަށް ފިޔަވަޅާއި މެދު ގޮތެއް ނުނިންމާ ކަމަށެވެ.

މިއީ ޒާތީ ތައަސްސުބެއްގެ ތެރެއިން ކުރާ ދައުވާއެއްކަމަށް ބުނެ މަހުލޫފް ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހަދާފަ އެވެ. ޕީޖީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި މަހުލޫފް ވިދާޅުވީ ކޯޓުގެ ތެރެއިން ދައުލަތް ފަޟީހަތްކޮށް ބޭޒާރުކޮށްލާނެކަމަށް ވިދާޅުވެފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަހުލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް މައްސަލަ ހުށަހަޅައި މީޑިއާތަކަށް އާއްމު ކުރި ބަޔާނުގައި ބުނީ އޭނާގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ. އޭސީސީން މަހުލޫފްގެ މައްޗަށް ކުރަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އޭނާ ހުންނަވަނިކޮށް އޭރު ބަހުސްތަކެއް ކުރެވުނު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލު ފާސް ކުރުމަށާއި ވެރިކަން ކުރަމުން އައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމި ހުރުމަށް 33،000 ޑޮލަރު ނެންގެވިކަމުގެ ތުހުމަތެވެ.

މެލޭޝިއާގައި ހުންނެވުމަށް ފަހު މަހުލޫފް ރާއްޖެ ވަޑައިގަތީ ސީދާ އެ ވޯޓުގައި ބައިވެރިވުމަށް ކަމަށާއި، ވޯޓަށް ފަހު އާއި އޭގެ ކުރީގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެމެދު ބަދަލު ކުރެވިފައިވާ މެސެޖުތަކުގައި ވާ ތާރީހުތަކާއި އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް ފައިސާ ޖަމާކުރި ތާރީހާއި ދިމާވާކަމަށް އޭސީސީން ބުނެ އެވެ. ކޮމިޝަނުން ތުހުމަތު ކުރާ ގޮތުން އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއެވެ.

މި މައްސަލައިގައި މަހުލޫފް އޭނާގެ ދިފާއަށް ބުނީ، ޕީޕީއެމްގެ މުގާބިލުގައި ދެމި ހުރުމަށް އޭނާއަށް ފައިސާއެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ބިލަށް ވޯޓުދޭން ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތްކަމަށް ވިދާޅުވި އެވެ.

މަހުލޫފްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ 03 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅި ކަމަށް ބުނެއެވެ.

އެސްއޯއެފާއި އެކު ހިންގި މުއާމަލާތަކީ ސައްހަ ޑޮލަރުގެ މުއާމަލާތެއްގެ ގޮތުގައި މަހުލޫފް ބުނެ އެވެ. ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނެ ކުރެވުނު ތުހުމަތުގެ ތެރެއިން މަހުލޫފް ވަނީ “ޕޭމަންޓް ރިސީވްޑް” ރިސިޕްޓެއް ފޮނުވާފަ އެވެ. އޭސީސީން މަހުލޫފްގެ މައްޗަށް ކުރާ ތުހުމަތުގެ އެއް ހެއްކަކީ އެއީ އެވެ. ކޮމިޝަނުން ބުނާ ގޮތުގައި އެއީ އެ ފައިސާ ނެންގެވީ ޑޮލަރު ގަތުމަށްކަމަށް ތަހުގީގަށް ދެއްކުމަށް ހަގީގަތް އޮޅުވާލުމުގެ ގޮތުން މަހްލޫފް ހުށަހެޅި ލިޔުމެކެވެ.

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ބަލައި އަވަސް ފިޔަވަޅު އެޅުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމްޑީޕީން ވެރިކަމަށް އައި، ޒީރޯ ޓޮލަރެންސް ޓު ދި ކޮރަޕްޝަންގެ ސިޔާސަތުގެ ދަށުން އެފަދަ މީހުން މަގާމުގައި ނުބައިތިއްބާނެ ކަމުގެ ވައުދާއި އެކު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: