ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވެގެން ދަނޑުވެރިންގެ އުފެއްދުންތައް ނުވިއްކިފައި މިހާރު ނުތިބޭނެ: މިނިސްޓަރ

ޑރ ހުސެއިން ރަޝީދު ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުން ގޯސްވުމުގެ ސަބަބުން ނުވަތަ އެހެން ކަމެއް މެދުވެރިވެގެންވިޔަސް، ދަނޑުވެރިންގެ އުފެއްދުންތައް ނުވިއްކިފައި މިހާރު ތިބެން ނުޖެހޭނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖްގައި މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ހިއްސާވާ ކުންފުނި އެގްރޯނޭޝަނަލް ކޯޕަރޭޝަންގެ ސަބަބުން ދަނޑުވެރިންނަށް އެތައް ގޮތަކުން ލުއިފަސޭހަތަކެއް ލިބިގެންދާ ކަމަށެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ފްރީޒަ ކޮންޓެއިނަރތައް ބަހައްޓާ ދަނޑުވެރިންގެ އުފެއްދުންތައް ރަނގަޅު މާހައުލެއްގައި ބަހައްޓައިދޭ ކަމަށެވެ. އަދި އެތަކެތި ބާޒާރަށް ނެރެ މާކެޓްކުރުމަކީ އެގްރޯނެޓްގެ މަސައްކަތް ކަމަށާއި ދަނޑުވެރިން މަސައްކަތް ކުރަމުން އައި ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުކުރެވިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގްރޯނެޓް ކުންފުނިން މިހާރުވެސް 539 މީހުންނާއެކު އެގްރީމަންޓް ކުރެވިފައިވާއިރު އެކި ރަށްތަކަށް މިހާރުވެސް ކުންފުނިން ޒިޔާރަތްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދާއިމީ ގޮތެއްގައި ދަނޑުވެރިކަން ކުރާނެ ދަނޑުވެރިން ގާއިމްކޮށް ދަނޑުވެރިން ހައްދާ އެއްޗެހި ގަތުމުގެ މަސައްކަތް އެގްރޯނެޓްއިން ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ދަނޑުވެރިންގެ ތެރެއިން އެގްރޯނެޓް ކުންފުންޏާއި ގުޅިގެން މަސައްކަތް ކުރާ ދަނޑުވެރިން އުފައްދާ ތަކެތި ނުވިކިދާނެކަމުގެ ބިރާއިއެކު އުޅެންނުޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގްރޯނެޓާއެކު މަސައްކަތްކުރާ ދަނޑުވެރިންގެ އަތުން ކޮންޓްރޯލްޑް އަގުތަކެއްގައި އަބަދުވެސް އެތަކެތި ދަނޑުވެރިން އަތުން ގަންނަމުންދާނެ ކަމަށާއި އެހެންކަމުން މާކެޓަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ދަނޑުވެރިންނަށް އެއްވެސް ގެއްލުމެއް ނާންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެގްރޯނެޓް ކުންފުންޏާއިއެކު މަސައްކަތް ކުރުމަށް ދަނޑުވެރިންނަށް މަޖުބޫރު ނޫން ކަމަށެވެ. އަދި ދަނޑުވެރިންގެ އުފެއްދުންތައް އެގްރޯއަށް ވިއްކިޔަސް ނުވިއްކިޔަސް ދަނޑުވެރިންނަށް ރަހުނުކާއިއެކު އެސްއެމްއީ މެދުވެރިކޮށް ލޯނު ދޫކުރާނެ ކަމަށާއި ދަނޑުވެރިކަމަށް ބޭނުންވާ ތަމްރީންތައްވެސް ފޯރުކޮށްދެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގްރޯނެޓްއިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހއ، ހދ އަދި ށ އަތޮޅުގައި ކުރިއަށްގެންދާ އެގްރިބިޒްނަސް ޕްރޮޖެެކްޓްގެ މަސައްކަތްތަކަށް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ކުރިއަށް ކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާ މިނިސްޓަރ ވިދާޅުވީ މިވަގުތު މަސައްކަތް ކުރަމުންދަނީ ޒަމާނީ އެގްރިކަލްޗަރ ތައާރަފްކުރުމަށް ކަމަށެވެ. އެގޮތުން، ހައިޑްރޮފޮނިކްސް، ވަރޓިކަލް އެގްރިކަލްޗަރ ފަދަ ޒަމާނީ ގޮތްތައް ތައާރަފްކޮށްގެން މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ރަނގަޅު އާމްދަނީއެއް ދަނޑުވެރިންނަށް ލިބޭނެ ގޮތްތަކެއް ފަހިކޮށްދިނުމަކީ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް އެކަށީގެންވާ ބިމެއް ނެތްކަމަށެވެ. އެހެންކަމުން ކުޑަ ބިންކޮޅަކުން ރަނގަޅު އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މިހާރު އުފައްދާ ބާވަތްތަކުގައި ޕެސްޓިސައިޑް، ކެމިކަލް ވަރަށް ގިނައިން ބޭނުންކުރަމުންދާކަން ފާހަގަކުރައްވާ އެކަމަށްވެސް ހައްލުތަކެއް ހޯދަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތިމާވެށްޓާއި ރައްޓެހި އާންމު ސިއްހަތަށްވެސް ގެއްލުންނުވާނެ ގޮތަކަށް މިކަންކަން ކުރާނެ ގޮތްތަކެއް ދަނޑުވެރިންނަށް ދަސްކޮށްދޭންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރަށް ބޮޑެތި ދަނޑުތަކުގައި އަދި ފަޅު ރަށްތަކުގައި ދަނޑު ހައްދަން ބޭނުންވާ މީހުންނަށް ބިން ފޯރުކޮށްދީ ބިމުގައި އިންވެސްޓްކުރެވޭނެ ފައިސާ ހޯދައިދިނުމަށްވެސް ކުންފުނި މެދުވެރިކޮށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެގްރޯނެޓް ކުންފުންޏަށް ބައެއް ރަށްތައް މިހާރުވެސް ނަގަމުންދާ ކަމަށާއި އަމާޒަކީ ރާއްޖޭގައި ދަނޑުވެރިކަން ތަރައްގީކޮށް އިތުރު ބާވަތްތައް އުފައްދާ ރާއްޖެއަށް އެތެރެކުރާ ބާވަތްތައް މަދުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަހުލުވެރިކުރުވުމާއި ދަނޑުވެރިން އިތުރުކުރުމަކީ މިނިސްޓްރީގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: