ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފާއި އަރައި ހަމަ ނުކުރި، “ޒީރޯ ޓޮލަރެންސް”!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނދާނަށް އަންނަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ވެރިކަމަށް އައުމަށް އެމްޑީޕީން ކުރި ކެމްޕެއިނުގެ ތެރެއިން ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރާނީ “ޒީރޯ ޓޮލަރެނެސްޓު ކޮރަޕްޝަން” ސިޔާސަތާއި އެކުކަމަށް ބުނެ ދެއްކި ވާހަކައިގެ މަތީންނެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްްގެ ސަރުކާރުގައި އޮޑިޓު ރިޕޯޓުތަކުން އިދާރާތަކުގެ ކޮރަޕްޝަންގެ މައްސަލަަތައް ހާމަ ކުރުމާއި އެކު، ހިޔާނާތް ހިންގި މީހާއަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އޮޑިޓާރ ޖެނެރަލްގެ މަގާމު ގެއްލޭ ސަގާފަތަށް ނިމުމެއް ގެންނާނެ ބަޔަކީ އެމްޑީޕީކަމަށް ބުނަމުން ދިޔަ އެވެ.

އޭރު އެންމެ ހަރު އަޑުން، ކޮންމެ މީޑީއާއެއްގައި އަދި ކޮންމެ ޖަލްސާއެއް އަދި ހަރުގެ ބައްދަލުވުމެއްގައި ވެސް ގޮވަމުން ދިޔައީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ހިންގި ހުރިހާ އެންމެނާއި އިންސާފު ހަމަ ކުރާނެކަމުގެ ވާހަކަ އެވެ. ނުފުރޮޅާނެ އެންމެ ގަލެއް ވެސް ނޯންނާކަމާއި، އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ ސަބަބަކީ އެއީކަން ފާހަގަކޮށް މިސާލު ނަގަމުން ދިޔައީ އޭރު އެ ހިޔާނާތް ފަޅާއަރުވާލި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރަށް ހުރި ގާސިމް ޖަލަށް ލާން ހުކުމްކުރި ވާހަކައިންނެވެ. ހިޔާނާތުގެ ފައިސާ އެސްއޯއެފް ކުންފުނީގެ އެކައުންޓަކަށް ޖަމާކުރުމަށް ފަހު އެ ފައިސާ ދައުރު ކުރި ގޮތް އަންގައިދޭ ބޭންކް ސްޓޭޓްމަންޓެއް އާންމު ކުރި މީހާއަށް ޖަލު ހުކުމެއް އިއްވުމަކީ އެއީ ހިޔާނާތުގެ މައްސަލަ ބެލުމުގައި ރައީސް ޔާމީންގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް، އެމަނިކުފާނުގެ ބައިވެރިވުން މިކަމުގައި އޮތްކަން ދޭހަވާ ސަބަބެއްގެ ގޮތުގައި އެބޭފުޅުން ވިދާޅުވި އެވެ.

ރައްޔިތުންގެ އަސާސީ ހައްގުތަކަށާއި ރަށްރަށުގެ އުމްރާނީ ތަރައްގީގެ އެތައް މަޝްރޫއެއް ހިންގޭނެ ފައިސާއަށް ހިޔާނާތްވެ، އޭގެ އެންމެ ފައިސާ ފޮއްޗެއްގައި ޖެހުނު މީހާގެ މައްސަލަ ބަލައި އޭނާގެ އަތުން ދައުލަތަށް އެ ފައިސާ ލިބެން ޖެހޭނެކަމަށް ކެމްޕެއިންތަކުގައި ވިދާޅުވަމުން ގެންދެވީ ހުދު ރައީސުލްޖުމްހޫރިއްޔާ އެވެ.

ދައްކަން މިއުޅެނީ އެއްގޮތަކަށް ވެސް މުޅި މައްސަލަ ނުބެލި ބޮއްސުންލައިގެން ދާ ވާހަކައެއް ނޫނެވެ. ނުވަތަ ހިޔާނާތޭ ބުނާއިރަށް އެކަކުގެ ފަހަތުން ދުވައި އޭނާ ނޫން މީހަކު ނުފެންނަ ވާހަކައެއް ދައްކާކަށް ވެސް ނޫނެވެ. މިއަދު ބޭނުންވަނީ ސަރުކާރުގެ އަމާލާއި ބަސް، އެންމެ މައްސަލައެއްގައި ދިމާ ނުވާ ވާހަކަ ދައްކާށެވެ. މި ވާހަކަ ނުދައްކައި މަޑު ކުރީ، ސަރުކާރުން އެހާ ބޮޑު ނިންމުމެއް ނިންމަން ލައްކަ މަޝްވަރާތަކެއް ކުރާނޭ ހިތާ އެވެ.

ސަރުކާރު އުފެދި ހިޔާނާތުގެ މައްސަލަ ބަލަން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަން މަސައްކަތް ކުރަމުން ދިޔައީ އެންޓި ކޮރަަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާއި ގުޅިގެންނެވެ. މިސާލެއް ބަލަމާ ހިނގާށެވެ. 2019 އޮކްޓޯބަރު 24 ގައި މި ދެންނެވި އިދާރާތްތައް ގުޅިގެން ބޭއްވި ޖޮއިންޓް ޕްރެސްކޮންފަރެންސްއެއްގައި އެސެޓް ރިކަވަރި ކޮމިޝަންގެ ރައީސް އައްސަދު ވިދާޅުވީ ނުއަގުގައި ވިއްކާފައިވާ ރަށްތަކުގެ ހަމަ އަގުން ބަލައިގެން ހިޔާނާތުން، ގެއްލިފައިވާ ފައިސާގެ އޮޑިޓު ދައްކާގޮތުން ދައުލަތަށް ގެއްލުނު އަދަދު 04 ބިލިއަނަށް ވުރެ މައްޗަށް އަރާނެ އެވެ. މިއީ ރޭވިގެން އެތައް ބައެއްގެ ބައިވެރިވުމާއި އެކު ހިންގި ޖަރީމާއަކަށް ވާއިރު ހިޔާނާތުގެ މަންފާ ކުރީ ސަރުކާރުގެ ވަޒީރުންނާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެކި މެމްބަރުން، ފަނޑިޔާރުން އަދި ސިޔާސީ އެކި މަގާމުތަކުގައި ތިބި މީހުންނަށް ލިބިފައިވާކަމަށް އައްސަދު ވިދާޅުވި އެވެ. އަދި މި ސަރުކާރުގެ އެކި މަގާމުތަކުގައި ވެސް ހިޔާނާތުގެ މަންފާ ލިބުނު މީހުން ތިބިކަމަށް އޭނާ ވިދާޅުވި އެވެ.

އޭރު މި ވާހަކަތަކާއި އެކު “ސަރުކާރު ބަދުނާމުވެ، ހުތުރު ނަމެއް އަޔަ ނުދިނުމަށް” އެ ބަޔަކު މަގާމުން ބޭރު ކުރުމަށް އެމްޑީޕީން ގޮވާލި އެވެ. ރައީސް ވެސް ވިދާޅުވީ އެ ބައެއްގެ މައްސަލަ ބަލައި އެބައެއްގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ކޮންމެއަކަސް މި ލަވަ ކިއުމުގައި ތިން އަހަރު ސަރުކާރުން ހޭދަ ކުރިއިރު މިވީ ދުވަސްތަކުގެ ތެރޭގައި ހިޔަނާތުން “މަންފާވި ކަމަށް” ބުނާ 280 މީހުންގެ ނަން ހިމެނޭ ލިސްޓެއް އާއްމު ވި އެވެ. މީގެ ތެރޭގައި ހުރީ ސަޕްރައިޒް ނަންތަކެއް ތޯ ނުވަތަ ނޫންތޯ ނިންމުން މި ދޫކޮށްލަނީ ކިއުންތެރީންގެ އަތްމައްޗަށެވެ. ސަބަބަކީ ފަހަރަކު މީހެއްގެ ނަން ވަކި ވަކީން ލިޔެ، އެ މީހުންނަށް ތުހުމަތު ކުރެވޭ އަދަދު ނުލިޔުނަސް އެކަން ރައްޔިތުންނަށް އެނގެ އެވެ.

ލިސްޓު އާއްމު ކުރުމާއި އެކު، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ޖެހުނީ މުސާރަ ހިނގާ ގޮތަށް ކުޑަ ދުވަސްކޮޅަކަށް ގޭގަ މަޑުކޮށްލާށެވެ. ދޮޅު މަސް ފަހުން އަނެއްކާވެސް މަހުލޫފް މަސައްކަތަށް ނިކުންނަން ފެށި އެވެ.

މައްސަލައެއް ނެތެވެ. ސަރުކާރު މާ ލަސްވަނީކަމަށް ބުނެ އެކަމާއި މެދު ހިތްހަމަ ނުޖެހި އެމްޑީޕީގެ ވަކި މެމްބަރުންތަކެއް އެ ވާހަކަ ދައްކަން ފެށި އެވެ. އިދިކޮޅުން އެ ވާހަކަ ދެއްކުމާއި ނުދެއްކުން އެއީ އެހެން މައުޟޫއެކެވެ. ވަކި އެޖެންޑާއެއްގެ ދަށުން ނަމަވެސް އެމްޑީޕީ މެމްބަރުން މި ވާހަކަތަކެއް ދައްކައިގެން، މަޖިލީހުގެ ކޮމިޓީއެއްގެ ތެރެއިން އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު އާއްމު ކުރި އެވެ. ކޮމިޓީން އޭގެ ފަހަތުން ފާސް ކުރީ ހިޔާނާތުގެ ލިސްޓުގައި ނަން ހިމެނޭ މީހެއް ނަމަ މި ސަރުކާރުގެ މަގާމުން ވަކި ކުރާށެވެ. އިންތިހާބީ މަގާމެއް ނަމަ އޭގައި އަމަލު ކުރެވޭނެ އުސޫލެއް ހޯދަން ވެސް ހުށަހެޅި އެވެ.

މީޑިއާތަކުން އެ ނިންމުމާއި މެދު ސުވާލު ކުރުމުން ސަރުކާރުން ބުނީ، ފިޔަވަޅު އަޅާނީ ތަހުގީގީ އިދާރާއަކުން ނަން ހާމަ ކުރުމުން ކަމަށެވެ. އެ ބަހުސް އެހެން އޮއްވައި، އޭސީސީން މަހުލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި އެވެ. އޭނާގެ މުސާރަ ހިނގާގޮތަށް ސަސްޕްންޑުކޮށް ގޭގައި މަޑު ކުރުވަން ނެގީ ބަރާބަރު 15 މިނިޓެވެ. ޕީޖީގައި މައްސަލަ އޮވެ ދިގުލައިގެން ދާން ފެށުމުން ސަރުކާރު މަހުލޫފްގެ ސަސްޕެންޝަން އުވާލައި މީގެ މަހެއް ކުރިން ބުނީ މިހާރު ރައީސް އޮފީހުން އަމަލު ކުރަމުންދަނީ އާ އުސޫލަކަށްކަމަށާއި ފިޔަވަޅު އަޅާނީ ޕީޖީން ދައުވާ ކުރުމަށް ނިންމުމުން ކަމަށެވެ.

ކެތްތެރިކަމާއި އެކު ޕީޖީ އާއި ދެ ދުވަހުން އެ ދުވަހު ކުރި ސުވާލަކީ މަހުލޫފްގެ މައްސަލައިގައި ގޮތެއް ނިންމިއްޖެތޯ އެވެ. ސަރުކާރުގެ ކަންބޮޑުވުމަކީ ކޮބައިތޯ އެވެ. އެންމެ ފަހުން ޕީޖީގައި މައްސަލަ ފަސް މަސް ވަންދެން ބޭއްވުމަށްފަހު މިދިޔަ ބުދަ ދުވަހު އެ މައްސަލަ ކޯޓަށް ވެއްދި އެވެ. ސަސްޕެންޝަން އައި އަވަސް ސްޕީޑުގައި ދެން އަޅަން ބުނި ފިޔަވަޅު އަޅާނެކަމަށް ހިތައި، އެކަމާއި ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނާއި ސުވާލު ކުރުމުން ވިދާޅުވީ ގޮތެއް ނިންމުމަށް ފަހު މީޑިއާތަކަށް ހާމަ ކުރާނެ ކަމަށެވެ.

އެބުނާ ނިންމުމެއްގެ އިންތިޒާރުގައި ހުރެ މިއަދަށް ފަސް ދުވަސް ވީ އެވެ. އަޅާނެ ފިޔަވަޅެއް އޮތް ނަމަ، އެ ފިޔަވަޅު އަޅައި ނިންމާލީހެވެ. މަހުލޫފް ވެސް ގަދަ ފައި ވިއްދައި ތިމަންނާއަށް ދައުވާ ކުރިޔަސް އިސްތިއުފާ ނުދެއްވާނަމޭ ވިދާޅުވެ އެވެ. އެހެން ބުނަން ކެރޭނީ ހާދަ ގަޓެއް ހުރީމަތާއޭ ހިތަށް އަރަ އެވެ. އެހެން ނަމަވެސް އެއީ ބައެއް މީހުންނަށް ގަޓަސް އަޅުގަނޑަށް މާ ރީތި މަންޒަރެއް ނޫނެވެ.

ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލްއެއް މީހަކު މާ ބޮޑަށް “ފުއްޕަނީކަމަށް” ބުނެ ވާހަކަ ދެއްކުމާއި، މިނިސްޓަރެއް ދައުލަތެއް “އޮރިޔާން ކުރާނަން” ބުނެ ވާހަކަ ދެއްކުމުން އަޅުގަނޑަށް ވަރަށް ވެސް ލަދުވެއްޗެވެ. މަންފާއެއް ވިޔަސް ނުވިޔަސް އެކަން އެނގޭނީ ކޯޓުންނެވެ. ސާބިތު ނުވާނަމަ، ހުރި އިހުލާސްތެރިކަން ސާބިތުވީ އެވެ. އޭރުން މައްސަލަ ނިމި، އަހަރެމެން ނޫސްވެރިން ވެސް ދެން އެ މައުޟޫގައި ހިފައި ނުދަމާނަން ތާ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާ ގަދަފައި ނުވިއްދައި، ސަރުކާރުގެ މަގާމެއްގައި ހުރި ނަމަ އިސްތިއުފާ ދެއްވަ އެވެ. ރާއްޖޭގެ އޮޑިޓާރ ޖެނެރަލްގެ މައްޗަށް އެ ތުހުމަތު އައުމާއި އެކު އެކަން ދޮގުކޮށް، ނަޒާހަތްތެރިކަމާއި މެދު އުފެދުނު ސުވާލާއި އެކު ޝަރީއަތަށް ޖާގަ ދީ އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން މިވީ ހަ މަސް ދުވަހުގެ ތެރޭގައި އޭނާ ޓްވީޓުކޮށް ސަރުކާރަށް ބަސް ބުނެ، އެމްޑީޕީގެ ވަކި ބަޔަކަށް ބަސް ބުނެ ހަދައި އުޅޭތަނެއް ނުފެނެ އެވެ.

ޑިމޮކްރެޓިކް ވެއްޓެއްގައި ގާނޫނުގެ ދަށުން އެންމެންނަކީ ހަމަހަމަ ބައެކެވެ. އެހެން ނަމަވެސް، ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހުންނަކީ މުއްސަނދި ވިޔަފާރިވެރިންނަށް ނުވަތަ މަޝްހޫރު ސިޔާސީ ވެރިންނަށް ވީހިނދު، ފުލުހުން ނުވަތަ ޕްރޮސެކިއުޓަރުން ހަރުދަނާ ގޮތެއްގައި އަމަލުކުރެވޭނެ މަގެއް ހޯދައިދޭން ސަރުކާރުތަކުން މާބޮޑު މަސައްކަތެއް ނުކުރެވެއެވެ. މަލްޓިނޭޝަނަލް ބޮޑެތި ވިޔަފާރި ކުންފުނިތަކުގައި ސަރުކާރުގެ އިސްވެރިންނާއި ކޯޕަރޭޓް އެގްޒެކެޓިވް އޮފިސަރުންނާ ދެކޮޅަށް ހިންގާ ޝަރީއަތްތަކުގެ ކާމިޔާބީގެ ރޭޓް އަދިވެސް ދަށްވަނީ މި ސަބަބާއި ހުރެ އެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އަދި ކޮރަޕްޝަނާ ދެކޮޅަށް ވަށާ ޖެހޭ ގާނޫނެއް ހަދައި، އެ ނޫން ވެސް ރަނގަޅަށް މަސައްކަތް ކުރާ މުއައްސަސާތައް އެ މީހުންގެ އަތްމަތީގައި ހުރި ގައުމުތަކުގައި ވެސް ހަގީގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: