ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ދޭން ޖެހޭ ސެކިއުރިޓީ ނުދޭތީ ވަކީލުންގެ ނުރުހުމާއި ކަންބޮޑުވުން!

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވި ފަސް އަހަރުގެ ހުކުމް ބާތިލުކޮށް މިނިވަން ވުމުން ވެސް އެމަނިކުފާނަށް ފޯރުކޮށްދޭން ޖެހޭ ސެކިއުރިޓީ ފޯރުކޮށްދީފައި ނުވާތީ، އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުން ރައީސް ޔާމިން މިނިވަންކުރުމަށް ހުކުމް ކުރުމާ އެކު، ކުރީގެ ރައީސުންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތައް ލިބެން ޖެހޭނެ އެވެ. ކޯޓުން ނިކުމެވަޑައިގެން، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ސަރަހައްދަށް އައިސް ކާރުން ފޭބިއިރު ޕާޓީގެ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ ތިއްބެވެ. ތަނުގެ ކޮންޓްރޯލް ގެއްލޭ ގޮތަކަށް ކަންކަން ހިނގަން ފެށުމުން ނޫސްވެރިން ވަނީ އެމްއެންޑީއެފްގެ މީޑިއާ ގްރޫޕުގައި ރައީސް ޔާމީންގެ ސެކިއުރިޓީ އާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފްއިން ފޯރުކޮށްދޭން ވާނެކަމަށް ގާނޫނުގައި ވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއްގެ ދަތުރުފަތުރު ހަމަޖައްސައިދޭންވާނެކަމަށް ބުނެފައިވީ ނަމަވެސް، ރައީސް ޔާމީން ސުޕްރީމް ކޯޓުން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެންނެވީ އާއިލާގެ ކާރުކޮޅުގަ އެވެ. މިކަމާއި ގުޅޭގޮތުން މީޑިއާތަކުން ކަންބޮޑުވުންފާޅު ކުރި ނަމަވެސް ކަމާއި ބެހޭ އިދާރާތަަކުން ނޫސްވެރިންނަށް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ލިބިދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސްގެ މަގާމުން ވަކިވެފައިވާ މީހަކީ، ދައުލަތުގެ އެންމެ އިސް އިއްޒަތްތެރީންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ރައީސް ޔާމީންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަންގު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ރައީސް ޔާމީނާއި މެދު ތަފާތު ކުރުންތައް ގެންގުޅޭކަމަށެވެ. އެކަން މިއަދު ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާކަމަށާއި ރައީސް ޔާމީންގެ ކުށެއް ނެތްކަން ސުޕްރީމް ކޯޓުގެ ހުކުމަކުން އިއްވައި، ފަނޑިޔާރުން ތެދުވާ ހިސާބުން އެމަނިކުފާނަށް ސެކިއުރިޓީ ލިބެން ޖެހޭނެކަމަށް ޖަމީލު ވިދާޅުވި އެވެ. ޖަމީލު ވިދާޅުވީ އެނާ ގަބޫލު ކުރާ ގޮތުގައި ރައީސް ޔާމީނަށް ދޭން ޖެހޭ ސެކިއުރިޓީ ނުދީ ސަރުކާރުން ގަސްތުގައި ދޫކޮށްލީ އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ރައީސްކަން ކުރައްވައިފައިވާ ބޭފުޅުންނަށް ހަމަލާތައް ދީފައިވާއިރު، ސެކިއުރިޓީ ދިނުމުގައި ތަފާތު ކުރުން ގެންގުޅޭތީ ކަންބޮޑުވާކަމަށެވެ. މިދިޔަ މޭއި މަހުގެ 06 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު އެ މަނިކުފާނަށް ދެމުން ގެންދާ ސެކިއުރިޓީއަށް އިޝާރާތް ކުރައްވައި ޑރ. ޖަމީލް ވިދާޅުވީ އެއާޕޯޓުން ފެށިގެން މަގުމަތީ ދުވުމާއި، ކާރު ފަހަތުން ދުވާ ހެދިތަން ރައްޔިތުންނަށް ފެނުނު ކަމަށެވެ. މިއީ އެއްގޮތަކަށް ވެސް ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުން ކަންބޮޑުމެއް ނޫންކަމަށާއި މައްސަލައަކީ ވަކި ކަމަކާއި ހަމައިން ދޫ ދިނުންކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ނަޝީދަކީ މާލޭގެ ބޭފުޅަކަށްވެ މާލޭގައި އަމިއްލަ ގެއެއް ހުންނައިރު ދައުލަތުން އެމަނިކުފާނަށް ގެއެއް ހަމަޖައްސަވާތީ އެކަމަށް ވެސް ޑރ. ޖަމީލް ފާޑުވިދާޅުވި އެވެ. ރައީސް ނަޝީދަށް ބަޔަކު ހަމަލާއެއް ދޭން މަސައްކަތް ކުރި ގޮތަށް، ވެރިކަމުގައި ހުންނަވަނިކޮށް ރައީސް ޔާމީނު ދަތުރުކުރި ލޯންޗުކޮޅު ގޮއްވާލުން އެއީ ސީރިއަސް މައްސަލައަކަށް ނުވަނީތޯ ޑރ. ޖަމީލް ސުވާލު އުފެއްދެވި އެވެ. ރައީސް ޔާމީނަކީ ވެސް ތްރެޓް ލެވެލް ހައި ބޭފުޅެއްކަން ގަބޫލު ކުރަންޖެހޭކަމަށާއި އެކަމިކުފާނަށް ވެސް ވެރިކަން ކުރެއްވީތީ ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެ ފައިސާ ލޯންޑާރ ކުރިކަން ސާބިތުވެ، ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ 2019، ނޮވެމްބަރު 28 ގަ އެވެ. އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުގެ ހުކުމް، ހައިކޯޓުން ދެމެހެއްޓި އެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޖުމްލަ 22 އިސްތިއުނާފީ ނުކުތާއާި އެކު އެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާމެދު ސުވާލު އުފެއްދި އެވެ. ފައިސާގެ ޗެކު ނަންބަރު ތަފާތުވުމުން މި މަހުގެ 18 ގައި އެކަން ސާފު ކުރުމަށް ވެސް އަޑުއެހުމެއް ބޭއްވި އެވެ. މިފަދަ އޮޅުމެއް ދަށު ކޯޓުގައި ފާހަގަވާން ޖެހޭކަމަށް ހުކުމުގައި ވެއެވެ. އަދި ޗެކު ނަންބަރާ ގުޅޭގޮތުން ދައުލަތާ ސުވާލު ކުރުމުން ސާފު ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް ހުކުމްގައި ބުނެ އެވެ. އެކަމަށް ދައުލަތަށް ވެސް މާބޮޑު ޖަވާބެއް ދެވިފައިނުވާއިރު ރައީސް ޔާމީނާއި އެއްކޮޅަށް ނިންމި އެ ހުކުމުގައި އެއް މިލިއަން ޑޮލަރުގެ ހަގީގަތް އެނގެން ޖެހޭކަމަށް ވަނީ ބުނެފަ އެވެ. އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނަމަ ދައުލަތަށް ނެގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ހުކުމުގައި ވެއެވެ. އަދި އެކަން ބަލަން ޖެހޭނީ އެއްވެސް މީހެއްގެ ހައްގެއް ނުގެއްލޭ ގޮތަށްކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހުކުމުގައި އެ އިޝާރާތް ކުރީ ގާނޫނު އަސާސީގެ 60 ވަނަ މާއްދާގައި ބުނާ ދިވެހި ރައްޔިތުންގެ ހައްގަށެވެ. ފައިސާގެ އަސްލު ހޯދައި، ދައުލަތަށް ލިބޭ ފައިސާއެއް ނަމަ އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަންވާނީ އެއް ކުށަކަށް ދެ ފަހަރަށް އަދަބު ދެވިގެން ނުވާނެފަދަ ގޮތަކަށްކަމަށް ހުކުމުގައި ވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: