ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރާއިރު، ހައްގު ކަށަވަރު ކުރެވުނު ތޯ؟

މާލޭގައި ކުރިޔަށް ގެންދިޔަ ގެންދިޔަ ޖާގައެއް ނެތް އިހުތިޖާޖުގެ ތެރެއިން: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނީ ހައްގުތަކަކީ އިންސާނަަކަށް ވީތީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގުތަކެކެވެ. އިންސާނީ ހައްގުތަކަކީ ގަދަަރުވެރިކަމާއި ކަރާމަތްތެރިކަމާއި އެކު ދިރިއުޅުމަށްޓަކައި ކޮންމެހެން ވެސް ލިބިދޭންޖެހޭ ހައްގުތަކެކެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައި ޔުނައިޓެޑް ނޭޝަންގެ ޖެނެރަލް އެސެމްބްލީގައި ކަނޑައަޅައި، ކޮންމެ އަހަރަކު ފާހަގަކުރެވޭ މި ދުވަހަކީ ކޮންމެ އިންސާނަކަށް ވެސް ދުނިޔޭގައި ދިރިއުޅުމުގައި ލިބިދޭންޖެހޭ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

2021 ވަނަ އަހަރު މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޔޫއެންއިން ކަނޑައަޅާފައިވާ “އިކުއިޓީ” ގެ ޝިއާރަކީ ކޮންމެ އިންސާނަކަށް ވެސް ލިބެންޖެހޭ ހައްގުތައް ލިބުމުގައި ހަމަ ހަމަކަން ގާއިމުކުރުމާއި ގުޅޭގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ. މިފަދަ ދުވަހެއް ކޮންމެ އަހަރަކު ވެސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ވަކި ކުލައަކަށް، ދީނަކަށް، ސިޔާސީ ވަކި ފިކުރަކަށް ނުވަތަ ބަހަކަށް ބެލުމެއް ނެތި އިންސާނީ ހައްގު ކަށަވަރުކޮށްދިނުމެވެ.

ހައްގު ކަނޑާއެޅުމާއި ލިބިގަތުމުގައި ހަމަހަމަކަން ގާއިމުކުރެވުމަކީ އިންސާނީ ހައްގުތަކުގެ ހިތެވެ. ޔޫއެންގެ 2023 ވަނަ އަހަރުގެ އެޖެންޑާގައި ވާ ފަދައިން އެއްވެސް އިންސާނެއް ބާކީ ނުވާ ފަދައިން ހައްގު ކަނޑައެޅުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ.

އިންސާނީ ހައްގުތަކުގެ ދުވަހެއް ފާހަގަ ކުރަމުންދާއިރު، ގިނަ ބަޔެއްގެ ހިތުގައި އުފެދޭ ސުވާލަކީ ރާއްޖެ ފަދަ ކުޑަ އާބާދީއެއް އެކުލެވޭ ގައުމެއްގައި އިންސާނީ ހައްގުތައް ކަނޑާއެޅުމުގައި މަސައްކަތް ކުރަނީ އެންމެ ފުރިހަމައަށް ތޯ ނުވަތަ ނޫން ތޯ އެވެ.

ހައްގުތަކުގެ ދުވަސް ފާހަގަކުރާ، ޑިސެމްބަރު 10 ވާ ދުވަހަކީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން ތައާރަފްވެ މަސައްކަތްތައް ފެށި ދުވަހެވެ. މީގެ 18 އަހަރު ކުރިން ވުޖޫދަށް އައި މި ކޮމިޝަނަކީ 2003 ވަނަ އަހަރުން ފެށިގެން ހައްގު ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ އިދާރާއެކެވެ. އަދި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިނގާ އަމަލުތައް ބަލައި ފިޔަވަޅު އެޅުން ގާނޫނުން ލާޒިމް ކުރާ ބައެކެވެ. އެ ގޮތަށް މަސައްކަތް ނުކުރެވޭ ނަމަ ކޮމިޝަނުގެ ބޭނުމެއް ނެތެވެ.

ރާއްޖޭގައި އެންމެ ގިނައިން ހައްގު ކަށަވަރު ނުކުރެވުމާއި އެކު އާއްމުކޮށް ހުށައެޅޭ މައްސަލަތަކުގެ އަދަދު އިންތިހާއަށް ގިނައެވެ. އެގޮތުން ބަލާލާއިރު، ކުޑަކުދިންނާއި އަންހުންގެ ހައްގުތަކާއި، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ރަނގަޅު ހިދުމަތައް ނުލިބުމާއި، ތައުލީމު އުނގެނުމުގެ ހައްގުގެ އިތުރުން އުމުރުން ދުވަސްވީ ފަރާތްތަކުގެ ހައްގުތަކާއި ގުޅުން ހުރި މައްސަލަތައް އެޗްއާރުސީއެމްއަށް ހުށައަޅާފައިވާކަން ފާހަގަކުރެވެ އެވެ. އަދި ގާއިދީންނާއި ބަންދުކުރެވޭ ފަރާތްތަކުގެ ހައްގުގެ މައްސަލަވެސް ހިމެނެއެވެ.

ރާއްޖޭގައި ހައްގު ކަށަވަރު ނުކެރެވޭ މައްސަލަތައް ގިނަވަމުންދާ އިރު ސަރުކާރުން ދަނީ ހައްގު ގޮތް ފޯރުކޮށްދިނުމުގައި ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށާއި، މަސައްކަތް ކުރަމުންދާ ކަމަށް ގޮވާލާފައެވެ. އަންހެނުންނާއި ކުޑަކުދިންނަށް ލިބެމުންދާ އަނިޔާތަކާއި، ގައިދީންގެ ހައްގުތަކުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކަށް އަހަންމިއްޔަތުކަން ނުދޭކަން ފާހަގަކުރެވެއެވެ.

ކަންކަން ހައްލުކުރުމަށް ގާނޫނުތަކާއިި ގަވާއިދުތައް ގެނައި ނަމަވެސް، ގަވާއިފުތައް ތަންފީޒު ނުކުރެވުމަކީ އޮތް ހުރަހެކެވެ. އިންސާނީ ހައްޤުތައް އާއްމުންނަށް އެނގޭ މިންވަރު ކުޑަވުމާއި ގުޅިގެން މިއަދު މިވަނީ ހޭލުންތެރިކަން އިތުރު ކުރުމަށް ހަރުދަނާ މަސައްކަތް ކުރަންޖެހިފަ އެވެ.

އިނގިރޭސިވިލާތުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކުރުމާއި އެކު، އިންސާނީ ހައްގުތައް ކުރިއަރުވަން ފާހަގަކޮށްލެވޭ މަސައްކަތް ތަކެއް ކޮށްފައިވެއެވެ. އެގޮތުން އިންސާނީ ވަގުފާރީގެ މައްސަލަ ރާއްޖޭގައި އާއްމު ވަމުންދާ މި ދަނޑިވަޅުގައި ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ވަނީ ވަގުފާރީގެ މައްސަލަތައް ހައްލުކޮށްފައެވެ. ރާއްޖޭގައި އޮތް ހައްގުތަކަށް ހުރަސްއެޅޭ ފަދަ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަު އިންތިހާއަށް ގިނަވުމާއި އެކު ވަގުފާރި އާއްމުވުމެވެ. ސަރުކާރުގެ ސަމާލުކަމަށް މި މައްސަލަ އައުމާއި އެކު އަޅަން ޖެހޭ ފިޔަވަޅުަތކާއި ތަންފީޒު ކުރަންޖެހޭ ގާނޫނު ތަކާއި އެކު، މައްސަލައަށް ހައްލު ގެނެސްފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ގައިދީންނާއި ބަނދުކުރެވޭ ފަރާތްތަކުގެ ހައްގުަތަކާއި ގުޅޭ ގޮތުން ގިނަ މައަސލަތަކެއް ހުށައަޅާފައިވާ އިރު، ޖަލުގެ ގަވާއިދު ‘ނެލްސަން ރޫލްސް’ އަށް ބަދަލުކުރުމާއި އެކު ޖަލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ހައްގު ކަށަވަރު ކުރެވޭ ފަދަ މަސައްކަތް ތައް ކޮށްފައިވެ އެވެ.

އިންސާނީ ހައްގުތަކުގެ ވާހަކަތައް ދައްކާއިރު، ރާއްޖޭގައި އެންމެ ބޮޑަށް ދިމާވާ މައްސަލަަތަކުގެ ތެރޭގައި ކުށްވެރިން ބަންދު ކުރާ ޖަލުތަކުގެ ހާލަތު ދަށްވުމާއި އެ މީހުންނާއި މެދު ލާއިންސާނީ އަމަލުތައް ހިންގާ ވާހަކަ ދެކެވެ އެވެ. ކޮންމެ ހާލެއްގައި ވެސް މުޖުތަމައުން މީހާ އެކަހެރިކޮށް ބަންދު ކުރަން ވާނީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ އިސްސާނިއްޔަތު ކަމުގެ ސިފަތަކަށް ހުތުރުނުވާނެ ގޮތެއްގެ މަތީންނެވެ. ނަމަވެސް ކުށްވެރިން ބައިތިއްބަން އެކަށީގެން ނުވާ ތަންތަނުގައި އެ މީހުން ބޭތިއްބުމާއި، ތަން ފުރި ބާރުވާ ވަރަށް މީހުން ބޭތިއްބުމުގެ އިތުރުން އަނިޔާގެ މައްސަލަތައް ފެންމަތިވެ އެވެ. މިފަދަ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުލިބޭއިރު ކުރާ ދިސާރާތަކުން ފެންނަ ސިއްސައިގެންދާ ވަރުގެ ވާހަކަތަކަށް އަޅާ ފިޔަވަޅެއް ނެތެވެ.

އދ. ގެ ވޯކިން ގްރޫޕްއިން ރާއްޖޭގައި ކުރިޔަށް ގެންދިޔަ ދިރާސާތަކަށް ފަހު ސީރިއަސް ބޮޑެތި މައްސަލަތަކެއް ފެންމަތި ކުރި އެވެ. އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ވަފުދުން ބުރާސްފަތި ދުވަހު މީޑިއާތަކާއި ބައްދަލުކޮށް ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި އާދަޔާ ހިޔާލަށް ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައިވާ ކަމަށެވެ. ބަންދުކޮށްފައި ތިބޭ ގިނަ މީހުންނަށް އިރުގެ އަލިކަމެއް ނުފެންނަތާ އެތައް މަހެއް ވެފައިވާކަން އެ މީހުން ފާހަގަ ކުރި އެވެ.

ރާއްޖޭގައި ބިދޭސީންނާއި މެދު އަމަލު ކުރަމުންދާ ގޮތް، ހަމައެކަނި މާލެ ސިޓީން ވެސް ފެންނާނެ އެވެ. ކޮވިޑު-19 ގެ ދުވަސްވަރުގެ ތެރޭގައި އެތައް ވެރީންނެއް ބިދޭސީން މަގުމަތި ކުރުމާއި އެކު މުސާރަ ނުދޭ މައްސަލައް ފެންމަތި ވިއެވެ. މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުދިނުމާއި، އަދި ކޮންސްޓްރަކްޝަން ކުރިޔަށްދާ އިމާރާތްތަކުގައި ވެސް އެ މީހުން ނިންދަވާ މައްސަލަތައް ފާހަގަ ވެއެވެ. އެތައް ބަޔަކު އެ ކޮޓަރިއެއްގެ ތެރޭގައި ބެހެއްޓުމާއި، އަދި އެ މީހުންނަށް އަނބުރާ ގައުމަށް ނުދެވޭހެން ހުރިހާ ލިޔެކިއުންތަކާއި ޕާސްޕޯޓުތައް އަތުލާކަމަށް ގިނަ ބިދޭސީން ބުނެ އެވެ.

މީގެއިން އެއްވެސް މައްސަލައަކަށް ރާއްޖޭގައި އަޅާލުމެއް ނުދެވެ އެވެ. އާއިލާތަކުން އެއްވެސް އެހީތެރިކަމެއް ނުލިބުމުގެ ސަބަބުން ގުރައިދޫ މަރުކަޒުގައި ބަލަހައްޓާ އުމުރުން ދުވަސްވީ މީހުންނާއި މެދު މުޖްތަމައުއިން އަމަލު ކުރަމުން ދަނީ ވަރަށް ދަށު ދަރަޖައިގެ ގޮތެއްގައިކަމަށް ރިޕޯޓުތައް ދައްކަ އެވެ. އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ބުނެފައިވާ ގޮތުގައި އެ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ މިންވަރާ ގާތް ކުރާ އަދަދަށް ވެސް މުވައްޒަފުން ނެތެވެ. މަރުކަޒުން ބައެއް މީހުން ދޫކޮށްލުމުން ވެސް އެ މީހުން އާއިލާއިން ބަލައި ނުގަތުމާއި އަދި އާއިލާއިން އެ މީހުން ގެންދިޔަ ނަމަވެސް ފަހުން އަޅާނުލުމުގެ ރިޕޯޓުތައް ލިބިފައިވާކަން ފާހަގަ ކުރި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި، އަދި އަންހެނުނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކަށް އިންސާފެއް ނުލިބޭއިރު އެ އަމަލު ހިންގާ މީހުންނާއި މެދު ފިޔަވަޅު ނޭޅެ އެވެ. ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅި، ކަންބޮޑުވުންތައް އޮތް ނަމަވެސް އާއިލާގެ ފަރާތުން އެ ކުދިންނަށް އަޅާލުން ނުލިބޭ މައްސަލަތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނެތެވެ.

މިފަދަ އިންސާނީ ހައްގުތަކުގެ އެތައް ވާހަކައެއް ދެއްކިދާނެ އެވެ. ރާއްޖެ މިވަގުތު އޮތީ އިޖްތިމާއީ އެކި މައްސަލަތަކުގެ ބޮޑު ހާއްޔެއްގެ ތެރޭގަ އެވެ.

އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށް ބަދަލުގެނެވި، ޑިމޮކްރަސީގެ އުސޫލުތަކާއި ދީނުގެ ހަމނަތަކުގެ މަތިން އަމަލު ކުރަން ވަނީ ފަށާފައެވެ. ސަރުކާރުން ހައްގު ގޮތް ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ހުރިނަމަވެސް، ދިވެހި މުޖުތަމައުގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނަށް ކުރެވޭ އަނިޔާތައް ގިނަވެ ބޮއްސުންލަނީ އެވެ. ރާއްޖޭގެ އުތުރުން ދެކުނަށް ގެވެށި އަނިޔާ ފަދަ ހައްގު ނިގުޅައިގެނެވޭ އެތައް މައްސަލައެއް ފެންމަތިވަމުން ދާއިރު، މިފަދަ ސީރިއަސް މައްސަލަތކުގައި ފިޔަވަޅު އެޅުން މުހިންމެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ހައްގުތައް، ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިދިޔަ އަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ހިތާބުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް ހައްގު ރައްކާތެރިކޮށްދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، ދިވެހި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓި، ހައްގު ގެއްލި، ރައްޔިތުންގެ ރައްކާތެރިކަން ގެއްލެން ގިނަ ދުވަސްތަކެއް ނެތް ކަމީ ސަރުކާރުގެ ސަމާލުކަން ބޭނުންވެފައިވާ އެންމެ ބޮޑު އިޖްތިމާއީ މައްސަލަ އެވެ.

މިއަދު ސަރުކާރުގެ ފަރާތުން ރައްޔިތުން އެދެނީ އިންސާނީ ހައްގުތައް ކަށަވަރުކޮށް ހައްގު ރައްކާތެރިކޮށް ދިނުމަށް ސަރުކާރުގެ ފުރިހަމަ މަސައްކަތާއި މަސައްކަތުގެ ފޮނި ނަތީޖާ ރައްޔިތުންނަށް އިހުސާސް ކުރެވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: