ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ހަމަ އަގު ހޯދައިދޭން ސަރުކާރުން ވީ ވަޢުދު އެބަ ފުއްދޭތަ؟

މަސްވެރިންބޭއްވި މުޒާހަރާގައި ރައީސް ބައިވެރިވުން/ ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް ކެންޑިޑޭޓުން ދައްކާ އެންމެ ފޮނި ވާހަކައަކީ ކޮންމެ މަސްވެރިއަކު ބާނާ މަހަށް ހަމަ އަގު ހޯދައި ދޭނެ ކަމުގެ ވާހަކައެވެ. ކޮންމެ ކުލައަކަށް ނިސްބަތްވާ ސިޔާސީ ލީޑަރެއް ނަމަވެސް، އެފަރާތެއްގެ މެނިފެސްޓޯގައި ފަލަ އަކުރުން “މަސްވެރިންނަށް ހަމަ އަގު ހޯދައި ދޭނެކަމަށް ބުނެ، ހަމަ އަގު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށް މަސްވެރިންނަށް ވައުދުވެއެވެ.

މިފަދަ މޭރުމުން ވާހަކަދެކެވުނު ނަމަވެސް، ދިވެހިރާއްޖޭގެ ވެރިކަން ކުރި އެއްވެސް ސިޔާސީ ލީޑަރަކަށް މަސްވެރިންނަށް ހޯދައި ދޭންޖެހޭ ހަމަ އަގު ހޯދައި ދެވިފައިވާ ކަމަށް ނުބެލެވޭނެ އެވެ. ކޮންމެ ރިޔާސީ އިންތިހާބަކަށް ފަހު، މަހަށް ހަމަ އަގު ހޯދައި ދޭނެ ކަމުގެ ފޮނި އުންމީދުގައި މަސްވެރިން ތިބި ނަމަވެސް، އެމީހުންގެ އެންމެ ބޮޑު ޑިމާންޑް ފުރިހަމަ ކޮށްދިނުމުގައި ސަރުކާރުން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ނުބެެލެވޭނެއެވެ.ަ

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވުމުގެ ކުރިން އެމްޑީޕީ އިން އެކުލަވާފައިވާ އެ ޕާޓިގެ މެނިފެސްޓޯގައި، ދިވެހިރާއްޖޭގެ އިގްތިސޯދުގެ ރޫފަ ހެޔޮކުރުމަށް މަސްވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކުރެވޭނެ ކަމަށް އެޕާޓިއިން ދެކޭ ކަމަށް ބުނެފައިވެއެވެ. ހަމައެއާއިއެކު ބޭރުގެ ބާޒަރުގައި މަހަށް ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިދެވޭނެ ކަމަށް އެޕާޓީއިން ގަބޫލުކުރާކަމަށާއި ވުމާއި އެކު، މަހަށް ނުކުމެ ބާނާ އެއްޗަކުން އިސްރާފުވުމެއްނެތި، ހަމަ އަގު ހޯދައިދޭނެކަމަށް މެނިފެސްޓޯގައި ސާފުކޮށް ބުނެފައިވެއެވެ.

ރައީސް ސޯލިހު ވެރިކަމާއި ހަވާލުވުމަށްފަހު މިއަހަރު 3 އަހަރު ފުރިގެން ދިޔަ އިރު، ހަމަ އަގު ހޯދައި ދޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ދީފައިވާއިރު، ރައީސްގެ މި ވައުދު ފުއްދުމަށް ކުރެވިގެން ދިޔައީ ކޮން މަސައްކަތެއްތޯއެވެ.

41 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ސަރުކާރުން އެންމެ އިސްކަން ދޭ އެއް ކަން ކަމަށެވެ. މަސްވެރިންނަށް ހަމަ އަގު ދިނުމަކީ ވިޔަކޮށް ހިސާބު އަކުރުން ހޯދަންޖެހޭ ހައްލެއް ކަމަށްވުމާއި އެކު މި ހައްލު ހޯދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މަސްވެރިންނަށް އަގު ކަށަވަރުކޮށްދިނުމަށް މިފްކޯގެ ކުންފުނި، ދެމެހެއްޓިނިވި ގޮތެއްގައި ހިންގޭނެ މަގެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ކުރުމަށް މަސްވެރިން ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓުނު ނަމަވެސް، މި ދަނޑިވަޅުގައި މަސްވެރިން އުފުލަން ޖެހުނު އުނދަގުލުގެ ބަދަލުގައި ލިބިގެންދާ ފޮނި މޭވާ ގެ ރަހަ އަވަސް މުއްދަތެއްގައި މަސްވެރިންނަށް ލިބޭނެ ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ދެން އުފެދޭ ސުވާލަކީ މިއީ ކިހާ އަވަސްމުއްދަތެއްގައި މަސްވެރިންނަށް ލިބިގެންދާނެ ފުރުސަތެއްތޯއެވެ.

ފިޝަރީސް މިނިސްޓްރީގެ މެންޑޭޓޫގައި މަސްވެރިިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ މާލީ، ފަންނީ އަދި އެހެނިހެން ވަސީލަތްތަކާއި ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދޭނެކަމަށް ލިޔެވިފައިވެއެވެ. އަދި މަސްވެރިމަުގެ ސިނާއަތަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދައި ދިނުމަށްޓަކައި، ތައުލީމީ ނިޒާމުގެ ތެރޭގައި ދަރިވަރުން ތަމްރީނު ކުރުމާއި އެކު، ދާއިރާއަށް ޝައުގުވެރިވާ ފަރާތްތައް ތަމްރީނު ކުރެވޭނެ ކަމަށްވެސް ލިޔެވިފައިވެއެވެ.

މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރު ކުރުމާއި، އުފައްދާ ތަކެތި ރަނގަޅު ފެންވަރެއްގައި އުފައްދަމުން ގެންދިއުމަށް ބޭނުންވާ ގޮތްތައް ހޯދައި، މި ދާއިރާ ދެމެހެއްޓިނިވި ގޮތުގައި ހިންގުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގެ އިންތިޒާމްވެސް ކަށަވަރުކުރެވޭނެ ކަމަށް މިނިސްޓްރީގެ މެންޑޭޓުގައި ލިޔެވިފައިވާ އިރު، އަމަލީ ގޮތުން މެންޑޭޓުގެ ނުކުތާތައް ފުރިހަމަ ކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ހަމަ އިންތިހާއަށްވެސް މަދެވެ. މަސްވެރިންނަށް ދައްކާ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް، ވުޒާރާގެ މެންޑޭޓުގައި ލިޔެވުމަކުން، އަދި ސަރުކާރުގެ މަސައްކަތް ކުރެވުނީ ކަމަށް ނުބެލެވޭނެއެވެ.

މިއަދު ރާއްޖޭގައި ބާނާ މަހުގެ ހަމަ އަގު ހޯދައި ދިނުމަށް ސަރުކާރުން ހަގީގަތުގައި އިސްކަމެއް ދޭން ޖެހިފައިވާ އިރު، މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ސަރުކާރުގެ މަސައްކަތް ހަރުދަނާ ކުރުން މުހިންމެވެ. ދުނިޔޭގައި މަސްބޭނުމަށް އެންމެ ތިމާވެއްޓާއި ރައްޓެހި ގޮތް ދިވެހި މަސްވެރިން އިހްތިޔާރު ކޮށްފައިވާއިރު، ބޭރުގެ ބާޒާރުގައި މަސްވެރިންނަށް ލިބެންޖެހޭ ހަމަ އަގު ހޯދައި ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ސްޕީޑު އަވަސްކުރަންޖެހެއެވެ.

ދިވެހި މަސްވެރީންނަށް ހައްގު އަގު ނުލިބުމާއި ގުޅިގެން މަސްވެރިން އެކުގައި ނިކުމެ ކުރާ އިހުތިޖާޖުތައް އިތުރުވެއްޖެއެވެ. ދިވެހި މަސްވެރިން ނުރުހުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން ބޭނުންވަނީ އިންތިހާބުގެ ކުރިއަށް ވީ ވައުދުތައް ފުރިހަމަ ކުރުމަށް ކުރާ މަސައްކަތްތަކެވެ. ހަމަ އަގު ލިބޭނެ ކަމުގެ ފޮނި އުއްމީދުގައި މަސްވެރީން ތިބޭތާ 3 އަހަރު ވެ، ރައީސް ސޯލިހުގެ ވެރިކަން މިވަނީ ނިމުމަކާއި ގާތްކޮށްފައެވެ. އެމްޑީޕީގެ މެނިފެސްޓޯގައި، ރިޔާ ދޯނިގައި ވިޔަސް، ބޮޑު ބިޔަ މަސްދޯނީގައި ގޮސް ބާނާ މަހަށް ހަމު އަގު ހޯދައިދޭނެ ކަމަށް ބުނެފައިވާ ވައުދު ފުރިހަމަ ވެގެންދާނެ ތޯ މަސްވެރިން ދަނީ ސުވާލު އުފައްދަމުންނެވެ.

ވެހޭހައި ވާރޭގައި، ދޭހާ އައްވެއްގައި، ދިވެހި މަސްވެރިން ގަދަ ކަނޑުގައި ނިކުމެ، ރާއްޖޭގެ އިގްތިސޯދު ފާގަތި ކުރުމަށް ކުރާ މަސައްކަތުގެ ހަމަ އަގު ހޯދައި ނުދެވޭ ނަމަ، މި ސަރުކާރުގެ ވައުދުތައް ފުއްދޭ ކަމަށް ގަބޫލުނުކުރެވޭނެއެވެ. މަސްވެރީންނަށް ވީ ވައުދު ފުއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މި ސަރުކާރު، މަސްވެރިކަން ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމީ ގިނަ ބަޔަކު މިއަދު އިއްތިފާގުވާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: