ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާ ސްކޫލު މަގުމަތިވެފައި، ދައުލަތެއް ވަރިހަމަވެފައި!

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސްކޫލު ކުރިމަތީގައި އިހުތިޖާޖު ކުރުމުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލުގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބެލެނިވެރިންގެ ޝަކުވާތައް އިންތިހާއަށް އިތުރުވާން ފެށުމުން އާ އިމާރާތެއް އެޅުމަށް އެންމެ ފުރަތަމަ ނިންމީ 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އާ އިމާރާތެއް އެޅުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން، އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ބާ އިމާރާތް ތަޅާލައި، ތަނުގައި އާ އިމާރާތެއް އަޅަން ގާތްގަނޑަކަށް 10 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަހަރުގެ މެދުތެރެއިން ބަޖެޓުން ބޭރުން އެފަދަ މަސައްކަތެއް ކުރަން ޖެހުން، ސަރުކާރުން ސިފަ ކުރީ އުނދަގޫކަމެއްގެ ގޮތުގަ އެވެ.

އަރަބިއްޔާ ސްކޫލުގެ އެންމެ ފުރަތަމަ އިމާރާތް ހުރީ، މިހާރުގެ ގާކޮށި ފްލެޓުތައް ހުރި ތަނުގަ އެވެ. އިމާރާތް ބާވެގެން އީޕީއެސް ސްކޫލަށް ބަދަލު ކުރުމަށް ފަހު، މަންދު ކޮލެޖު ހިންގި އެމްއީއެސް އިމާރާތުގައި ސްކޫލު ހިންގި އެވެ.

އަރަބިއްޔާގެ ދަރިވަރުން މަންދު ކޮލެޖުގައި ހޭދަ ކުރި ކުރި މުއްދަތުގެ ތެރޭގައި ވެސް ތިބީ، މާދަމާ ވެސް ނިކުންނަން ޖެހިދާނެ ފަދަ ހާލަތެއްގަ އެވެ. އަރަބިއްޔާ އިމާރާތަކަށް ބޭނުންވާ ފައިނޭންސް ހަމަނުޖެހި ދިގުލައިގެން ދާކަމަށް ބުނެ ވާހަކަތައް ދެކެވެން ފެށުމުން މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) މީޑިއާތަކާއި ބައްދަލުކޮށް ވިދާޅުވީ އާ އިމާރާތެއް އަޅަން ބޭނުންވާ ފައިސާ ހަމަޖެހުނަސް ނުވަތަ ހަމަނުޖެހުނަސް ކޮލެޖުގެ މާލީ ހާލަތަށް ބަލައި ސްކޫލު ހިންގަން ދެ އަހަރަށް ވުރެ ގިނަ ދުވަސް ދެވެން ނެތް ކަމަށެވެ.

އޭރު އަރަބިއްޔާ ސްކޫލުން އިމާރާތުގައި ހުރި މައްސަލަތައް އެޑިއުކޭޝަނަށް ރިޕޯޓު ކުރާތާ ހަ އަހަރުވީ އެވެ. ނަމަވެސް އެޑިއުކޭޝަނުން ބުނީ، އެ ތަނުގައި އާ އިމާރާތެއް އަޅާނެ ފައިސާ ނެތް ކަމަށެވެ.އަރަބިއްޔާގެ ޝަކުވާތަކަށް ރައީސް ނަޝީދުގެ ސަރުކާރުގެ އެޑިއުކޭޝަނުން މިނިސްޓްރީން ދިން ޖަވާބަކީ، ނުވަތަ ބަހަނާއަކީ އެއަށް ވުރެ މާ ގޯސް ހާލަތެއްގައި ކިޔަވަދޭ ސްކޫލުތައް ރާއްޖޭގެ އަތޮޅުތަކުގައި ހުރި ކަމަށެވެ.

29 މިލިއަން ރުފިޔާ ހަރަދުކޮށް އަރަބިއްޔާގެ ދަރިވަރުންނަށް އެޅި އާ އިމާރާތް ބޭނުން ކުރެވޭ ވަރުވީ 2013، ސެޕްޓެމްބަރު 19 ގަ އެވެ. ތިން އަހަރު ދުވަސް ހޭދަކޮށް އެޅި އިމާރާތް 10 އަހަރު ނުވަނީސް ތަނބުތަކުގައި ރެނދުލާން ފެށުން އެއީ ކަންބޮޑުވުމެކެވެ.

Arabiyya school imaaraathuge haalathu dhenegathumuge assessment hadhamun dhanee - Education
އަރަބިއްޔާގެ އިމާރާތުގައި ބޮޑެތި ރެނދުތަކެއް، މި އިމާރާތަކީ 08 އަހަރުވީ ތަނެއް/ ފޮޓޯ: ބެލެނިވެރިއެއް

ރަނގަޅަށް ކޮންކްރީޓުކޮށް، ކޮންސަލްޓެންސީ އާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިޔަ ނަމަ މިހާ އަވަހަށް އިމާރާތް ހަލާކުވެގެން ނުވާނެކަން ދާއިރާގެ މާހިރުން ބުނެ އެވެ.

އިމާރާތް އެޅުމުގެ މަސައްކަތް މާލާ ހައިރައިޒިން ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލު ކުރުމުން މަސައްކަތް ވަކި ހިސާބަކުން ހުއްޓާލައި ބުނީ، ޑޮލަރުގެ ބާޒާރުގައި ހުރި ދަތިތަކާއި ހުރެ މަސައްކަތް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އެލްއެފް ކޮންސްޓްރަކްޝަނާއި މަސައްކަތް ހަވާލު ކުރީ އޭގެ ފަހުންނެވެ. ޗާނދަނީ މަގުގައި ހުރި އެ އިމާރާތުގެ މަސައްކަތް ނިންމި ކުންފުންޏަކީ އެއީ އެވެ.

އެލްއެފް ކުންފުންޏަކީ މަޝްރޫއުތައް ލަސްވެ، މިދިޔަ ނޮވެމްބަރު މަހު ސަސްޕެންޑު ކުރި ކުންފުނިތަކުން އެއް ކުންފުންޏެވެ. ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ދަށުން ސަޕްލަޔަރުން ސަސްޕެންޑު ކުރެވޭ ޝަރުތުތަކުގެ ތެރޭގައި، މަސައްކަތް ލަސްވުމުގެ އިތުރުން ބީލަމުގެ މަރުހަލާގައި ސައްހަ ނޫން ލިޔެކިއުންތައް ހުށަހެޅުމާއި، ކޮންޓްރެކްޓު ކުރިޔަށްދާއިރު އޮޅުވާލައި ދޮގު މައުލޫމާތު ދިނުން ހިމެނެ އެވެ. ދައުލަތުގެ އެއްވެސް މަޝްރޫއެއް ކުރިޔަށް ނުގެންދެވޭ ގޮތަށް، މި ގަވައިދުގެ ދަށުން އެލްއެފް ކުންފުނި ސަސްޕެންޑު ކުރީ އެއް އަހަރުގެ މުއްދަތަކަށެވެ.

ރައީސް ނަޝީދު ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ބެއްލެވުމަށް އުފެއްދެވި އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް (އޯޕީޕީ) އިން ވެސް ދިޔައީ އަރަބިއްޔާގެ މަސައްކަތްތައް ގާތުން ބަލަހައްޓަމުންނެވެ.

އަރަބިއްޔާގެ އިމާރާތުގައި ބޮޑެތި ރެނދުތަކެއް، މި އިމާރާތަކީ 08 އަހަރުވީ ތަނެއް/ ފޮޓޯ: ބެލެނިވެރިއެއް

އަރަބިއްޔާގެ އާ އިމާރާތަށް ދަރިވަރުން ބަދަލުވާން ފެށީ، 2013 ގެ ކުރީކޮޅު އެވެ. އޭރު އަރަބިއްޔާގެ މަސައްކަތް އެއްކޮށް ނިންމާ ނުލެވެ އެވެ. އިމާރާތް ރަސްމީކޮށް ހުޅުވުމުގެ ކުރިން މާލެއަށް ކުރި ބޯ ވިއްސާރައެއް ތެރެއިން ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އޭގެ ތެރޭގައި އެންމެ މަތީ ފަންގިފިލާއަށް ވާރޭ ވެހުމުގެ ސަބަބުން ގެއްލުންވެ، ފެން ލީކުވުމުގެ ހާދިސާތަކެއް ހިނގި އެވެ. އެހެން ކަމުން އޭރު ވެސް އިމާރާތުގެ މަސައްކަތް ކުރިޔަށް ދިޔައީ ގޯސްކޮށްކަން އެނގެ އެވެ.

އަރަބިއްޔާ އިމާރާތަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލު ހޯދުމަށް ޕްލޭނިން މިނިސްޓްރީ އާއި އެޑިއުކޭޝަން ގުޅިގެން ކުރިޔަށް ގެންދިޔަ އިންސްޕެކްޝަން ދައްކާ ގޮތުގައި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އިތުރު ބައެއް ކަންކަން ދެނެގަތުމަށް ލަފާ ދިނީ، ވިޝުއަލް އެސެސްމަންޓެއް ހެދުމަށެވެ.

އަރަބިއްޔާ ސްކޫލު ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ސްކޫލުގެ ދަރިވަރުންނަށް ސަރުކާރުން އެއްވެސް މިންވަރަކަށް ސަމާލުކަމެއް ނުދިނުމެވެ. އިމާރާތުގައި ބޮޑެތި ރެނދުތަކެއް ލާފައިވީ ނަމަވެސް ދަރިވަރުން ސްކޫލަށް ފޮނުވުން ނޫން ގޮތެއް ބެލެނިވެރިންނަށް ނެތެވެ. ނަމަވެސް އަހަރެއް ވަންދެން ހުށަހެޅި ޝަކުވާތަކަށް އެކަށީގެންވާ ހަލެއް ނުލިބި ވަނިކޮށް، އިމާރާތުގެ ހާލަތު އިތުރަށް ގޯސްވީ އެވެ. އިމާރާތުގައި ހުރި ރެނދުތައް ގިނަވުމާއި، ވާރޭ ވެހޭ ދުވަސްތަކުގައި ފެން ލީކުވުން ފަދަ މައްސަލަތައް އިތުރުވުމުން، ބެލެނިވެރިން ވަނީ ސްކޫލުގެ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭން ގޮވާލާފަ އެވެ.

ސްކޫލުން ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުނީ، އިމާރާތުގެ ބޭރުން ފެންނަން ހުރި ރެނދުތަކަށް ވުރެ އިމާރާތުގެ އެތެރެއަށް ވަނުމުން ލިބިފައި ގެއްލުންތައް ސާފުކޮށް ފެންނަ ކަމަށެވެ. ހާއްސަކޮށް ސިޑި ދަށުގައި ބޮޑެތި ރެނދުތަކެއް ލާފައި ހުރުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއްގެ ގޮތުގައި ފާހަގަ ކުރި އެވެ.

އަރަބިއްޔާގެ އިމާރާތުގައި ބޮޑެތި ރެނދުތަކެއް، މި އިމާރާތަކީ 08 އަހަރުވީ ތަނެއް/ ފޮޓޯ: ބެލެނިވެރިއެއް

ގާތްގަނޑަކަށް 700 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލުގެ ހުރިހާ ކްލާސްރޫމެއްގެ ސީލިން ވަނީ ހަލާކުވެފަ އެވެ.

މާލޭގައި ބޮޑެތި އެތައް ސްކޫލެއް ހިންގަމުން އަންނައިރު، އެ ސްކޫލުތަކަށް ދޭ ސަމާލުކަމާއި ގާތް ކުރާ މިންވަރަށް ވެސް ސަރުކާރުން އަރަބިއްޔާގެ ކަންކަމުގައި ނޫޅުމަކީ ދަރިވަރުންގެ ވެސް އޮތް ޝަކުވާ އެކެވެ. އަރަބިއްޔާ އިމާރާތާއި ޖެހިގެން މާލޭގެ ބޮޑު ދެ ސްކޫލެއް ހުރި އިރު ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކަނި ވެސް އެ އިމާރާތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެވިފަ އެވެ.

ބެލެނިވެރިންގެ ކަންބޮޑުވުންތައް މީޑިއާގެ ސަމާލުކަމަށް އައުމުން، ބަޔާނެއް އާއްމުކޮށް އެޑިއުކޭޝަނުން ބުނީ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަރަބި މުގައްރަރަށް ކިޔަވަދޭ ސްކޫލެއްގެ ދަރިވަރުންތަކެއް، އެހެން ސްކޫލަކަށް ބަދަލު ކުރުން އެއީ ހައްލެއް ނޫންކަން ފާހަގަކޮށް ދަރިވަރުން އެ ސްކޫލަށް ފޮނުވަން ބެލެނިވެރިން ވަނީ ދެކޮޅު ހަދާފަ އެވެ.

ސްކޫލު ބެލެނިވެރިންނާއި މުދައްރިއްސުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ވެސް ބައްދަލު ކުރުމަށް ހުށަހަޅާފަ އެވެ. ނަމަވެސް ތިން ފަހަރެއްގެ މަތީން ހުށަހެޅި ސިޓީތަކަށް އެއްވެސް ޖަވާބެއް ނުލިބޭކަމަށް ސްކޫލުގެ ބޯޑުން މައުލޫމާތު ދެ އެވެ.

Image
ބެލެނިވެރިން އެދެނީ ދެވަނަ ފަހަރަށް ސްކޫލު މަގުމަތިވިޔަ ނުދޭން/ ފޮޓޯ: ސޯޝަލް މީޑިއާ

އަރަބިއްޔާގެ ޕީޓީއޭ އާއި ބޯޑު ބައްދަލުވުންތައް ބާއްވައި، އާއްމު ކުރި ބަޔާނެއްގައި ވަނީ ސްކޫލަށް މިހާ ބޮޑު އިހުމާލެއް ވާތީ ކަންބޮޑުވާ ކަމަށެވެ. އަދި އަރަބިއްޔާ އާއި ހަމައިން ސަރުކާރުން، މިފަދަ މައްސަލައަކަށް އެއްވެސް އަޅާލުމެއް ނުދިނުމަކީ އެއީ އަރަބިއްޔާ މަގުމަތި ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާދީއްތަ ދުވަހު ސްކޫލުގެ ބޯޑާއި ބައްދަލު ކުރުމަށް އެންމެ ފުރަތަމަ ބުނީ އަމީނިއްޔާ ސްކޫލަށް އައުމަށެވެ. ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުން، އެންމެ ފަހުން އަރަބިއްޔާގައި ބޭއްވި ބައްދަލުވުމުގައި ވެސް ވިދާޅުވީ މިވަގުތު އޮތް ހައްލަކީ އިއްޒުއްދީން ސްކޫލު ކަމަށެވެ.

“ސޭވް އަރަބިއްޔާ” ޖެހި ބޯޑުތަކެއް ހިފައިގެން ބެލެނިވެރިން ތިބުމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ، އެ ބަސް ބޭނުން ނުކުރަން އެދޭ ކަމަށެވެ. ސަރުކާރުން އަރައްބިއްޔާއަށް އެއްވެސް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކަށް ވެސް ވިދާޅުވީ، ވަގުތީ ގޮތުން ދެވެން އޮތް ހަމައެކަނި ހައްލަކީ އިއްޒުއްދީނަށް ދަރިވަރުން ބަދަލު ކުރުން ކަމަށެވެ. އަދި ސްކޫލުގައި ކިޔަވަދޭނީ، ދަރިވަރުން އެއްކޮށްލައިގެން ނޫން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ނޫސްވެެރިންގެ ސުވާލުތަކަށް ތަފްސީލީ ގޮތެެއްގައި ޖަވާބު ނުދެއްވައި މިނިސްޓަރ ހަމައެކަނި ވިދާޅުވަމުން ގެންދެވީ، ބެލެނިވެރިންނާއި ހައްލު ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. އަދި މި މައްސަލައިގައި ނޫސްވެރިންނާއި ފަހުން ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 83%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: