ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން، މޭމަތީ އިންޑިއާ އައުޓް ޖައްސަވައިގެން އުޅޭތީ ރައްޔިތުން ލަދުގަނޭ: ނަޝީދު

އާސްކް ސްޕީކަރ ޕްރޮގްރާމްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މިނިވަންކަމަށް އަވައްޓެރި އިންޑިއާއިން އަރައިގަނަމުން ދާކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތް ފުލުހުން ނެރެގެން ހުއްޓުވަން ޖެހޭކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ދާއިރާތަކާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި، މައިގަނޑު ގޮތެއްގައި މެމްބަރުން ވާހަކަ ދެއްކެވީ އިންޑިއާއާއި ދެކޮޅަށް ކުރިޔަށް ގެންދާ ހަރަކާއި ގުޅޭގޮތުންނެވެ. ބައްދަލުވުން ފައްޓަވައި ރައީސް ނަޝީދު އެންމެ ފުރަތަމަ ވެސް ވިދާޅުވީ، ކުރީގެ ރައީސަކު އިންޑިއާ އައުޓް ޖެހި ޓީޝާޓެއް ތުރުކުރައްވައިގެން މަގުތަކަށް ނިކުތުމަކީ ލަދުގަންނަން ޖެހޭ ހަޑި ހުތުރު މަންޒަރެއް ކަމަށެވެ. “އިންޑިއާ އައުޓް” ނުގޮވޭނެކަމަށް ތަކުރާރުުކޮށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ އެއީ ނާތަހުޒީބު ޑިމޮކްރަސީގެ ވެސް އަސާސްތަކާއި ހިލާފު އަމަލެއްކަން ފާހަގަ ކުރައްވާފަ އެވެ.

“އިންޑިއާ އައުޓް މޭ މަތީ ޖަހައިގެން ކުރީގެ ރައީސްއަކު ނުކުތުމުން ދިވެހި ރައްޔިތުން ލަދު ގަންނާނެ، ރައީސް ޔާމީނަށް އެ ގޮތަށް އިންޑިއާ އައުޓް ޖައްސަވައިގެން ނުހިންގެވޭނެ، ދިވެހި ފުލުހުން އެކަން ހުއްޓުވަން ޖެހޭނެ،” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ އައުޓް ގޮވައި ނިކުތުން އެއީ ރާއްޖޭގެ މަސްލަހަތާއި ހިލާފު އަމަލެއް ކަމަށެވެ. ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގަންނަވާއިރު، ބޮޑު އަކުރުން އިންޑިއާ އައުޓް ޖައްސަވައިގެން ނުހިންގެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެ އަމަލަކީ ލަދުވެތި އަމަލެއްގެ ގޮތުގައި ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ވެސް އެފަދަ ކަމެއް ކުރެއްވުމުން ޕާޓީގެ މެމްބަރުން ލަދު ގަންނަނެ ވަރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެކަމުން ޕާޓީގެ މެމްބަރުންނަށް އުނދަގޫވާނެ ވަރު އެމަނިކުފާނަށް އިހުސާސް ވިޔަސް، ރައީސް ޔާމީންގެ އެ އަމަލަށް ބަސް ބުނަން ކެރިދާނެ ބޭފުޅެއް ޕީޕީއެމްގައި ނެތް ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ. އަދި އެ ޕާޓީއަށް ދިމާވެފައިވާ މައްސަލައިން ސަލާމަތް ކޮށްދިނުމަށް އެމްޑީޕީ މެންބަރުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

“ޕީޕީއެމަށް ދިމާވެގެން އުޅެނީ ވެސް އެފަދަ ކަމެއް، އަޅުގަނޑު އެ ޕާޓީގެ މެންބަރުން އެ ދަންތުރައިން ސަލާމަތްކޮށް ދިނުމަށް އިންތިހާއަށް އެދެން… އަދި އަޅުގަނޑުމެން އެންމެން އެކަމުގައި މަސައްކަތް ކުރާން ވެސް ޖެހޭނެ،” ރައީސް ނަޝީދު

އިންޑިއާ މެދު ނަފްރަތު އުފެއްދުން ހުއްޓުވުމަށް ފުލުހުން ނިކުތުމަށް ގޮވާލިއިރު، މިއަދުގެ ބައްދަލުވުމުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ހުށަހެޅުއްވީ އިދިކޮޅުގެ އެ ހަރަކާތްތައް ހުއްޓުވުމަށް ގޮވާލައި ފާސް ކުރުމަށެވެ. ރައީސް ޔާމީނަށް ފާޑިވިދާޅުވެ، ރައީސް ނަޝީދު ވާހަކަ ދެއްކެވީ މި ގަރާރަށް ތާއީދު ކުރައްވަމުންނެވެ.

“ތަހުޒީބު އެއްވެސް ޑިމޮކްރަސީއެއްގައި މިކަމެއް ނުހިނގޭނެ، ރައީސް ޔާމީނަށް އިންޑިއާ އައުޓް ޖައްސަވައިގެން ބޭރަށް ނިކުމެ.. އެހެން ގޮވަމަކުންނެއް ނުހިންގެވޭނެ، އެއީ ހުއްޓުވަން ޖެހޭނެ ކަމެއް،” ރައީސް ނަޝީދު

ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް، ރައީސް ޔާމީނަށް އިންޑިއާ ހަރަކާތްތަކާއި ގުޅުވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މަނީލޯންޑްރިންގެ ކުށުގައި ދަށު ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމާއި ގުޅިގެން، މިވަގުތު މިނިވަނެއްގެ ގޮތުގައި ހުންނެވި ރައީސް ޔާމީން ގެންދަވަނީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ. ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބިކަމަށާއި، އެ ގައުމާއި އެކު ސިއްރު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލަމުން ދާކަމަށް ބުނެ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ.

އިގްތިސާދީ ގޮތުންނާއި، އަދި އެހެނިހެން ގޮތް ގޮތުން އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަކަމަށް ބުނެ، އިދިކޮޅުން ވަނީ ގައުމުގެ މިނިވަންކަން ގެއްލެމުންދާކަމަށް ބުނެފަ އެވެ.

މާލޭގައި ބޭއްވި ބޮޑު ދެ ޖަލްސާއަށް ފަހު، ކ. ތުލުސްދޫއަށް ރައީސް ޔާމީން ވަޑައިގަތީ “އިންޑިއާ އައުޓް” ޖަހާފައިވާ ރަތް ކުލައިގެ ޓީޝާޓެއްގަ އެވެ. އަދި އެ ރަށުގައި ރައްޔިތުންނާއި މުހާތަބު ކުރައްވައި އެމަނިކުފާނު މިއަދު ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގެ ތިބެން ގިނަ ދިވަހިން ދެކޮޅު ކަމަށާއި އެކަން މިއަދު ރާއްޖޭގެ ގިނަ ރަށްތަކުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: