ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައުސިން 2021: ސަރުކާރުގެ ހައުސިން މަޝްރޫއުތައް ފަށައި ކުރިއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19ގެ ޕެންޑަމިކްގެ ޕީކް ދުވަސްވަރަށްފަހު 2021 ވަނަ އަހަރުވެގެންދިޔައީ ސަރުކާރުން ހައުސިން މަޝްރޫއުތައް ފެށި އަހަރަކަށެވެ. މާލެ ސަރަހައްދުގައި ބައެއް ހައުސިން މަޝްރޫއުތައް އަލަށް ފަށައި އަތޮޅުތެރޭގެ ހައުސިން މަޝްރޫއުތައްވެސް މިނިމުނު 2021 ވަނަ އަހަރުތެރޭ ވަނީ ކުރިއަށްގެންގޮސްފައެވެ.

ހައުސިން މަޝްރޫއުތަކުގެ ކަންކަމަށް ބަލައިލާއިރު، ފާހަގަކޮށްލަންޖެހޭ ބައިވަރު ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި ސަރުކާރުން ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ވީ ވައުދުތަކުގެ ތެރެއިން އަހަރު ނިމުނުއިރު ހާސިލްކުރެވުނީ ކިހާ މިންވަރެއްތޯއާއި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންނަށް މިސަރުކާރުން ދީފައިވަނީ ކިހާ އަހަންމިއްޔަތުކަމެއްތޯވެސް ބަލައިލުން މުހިންމެވެ. ޖުމްލަގޮތެއްގައި މިސަރުކާރުން ހައުސިން މަޝްރޫއުތަކަަށް ދީފައިވާ އަހަންމިއްޔަތުކަމާއި ހައުސިން މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް އެތަންތަނުގައި އުޅެން ފެށޭވަރު ކޮށްދެވިފައިވަނީ ކިހާ ވަރަކަށްތޯވެސް ބަލައިލުން މުހިންމެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން ސަރުކާރު ވަނީ ގިނަ ވައުދުތަކެއްވެފައެވެ. ވެރިކަމުގެ ދައުރު ދެބައިވެގެންދިޔައިރު ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތައް ފުއްދިފައިނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި ވެރިކަމުގެ ދައުރު ދެބައިވެގެންދިޔައިރު އަޅާނެކަމަށް ބުނި ހައުސިން ޔުނިޓުތަކުގެ އަދަދު އޭރަށްވުރެ މިހާރު މަދުވެފައިވުމަކީވެސް ސަރުކާރަށް އެކަމުގެ ފާޑުކިޔުންތައް އަމާޒުވަމުންދާ ކަމެކެވެ. އަދި އާންމު ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅުންހުރި ޝަކުވާތަކަކީ ކެމްޕެއިން ނުވަތަ ޕޮލިޓިކަލް ޓޫލްތަކެއްގެ ގޮތުގައި ގެންގުޅެ، ރައްޔިތުންގެ ހާލު ބެލުމަށް ޖާގައިގެ ގޮތުން ކުދި ގެތަކަށް ވަދެ މިފަދަ ކަންކަން ކުރުމަކީ ހަމައެކަނި ކެމްޕެއިން ސްޓެރެޓެޖީތަކެއްގެ ގޮތުގައިވެސް އާންމުން ފާހަގަކުރިއެވެ. އަދި ގޯތި ނުދީ ވޯޓުން ހޯދަން އައިސްގެން ނުވާނެކަމަށްވެސް އާންމުން ވަނީ ވަަރަށް ފާޅުކަންބޮޑު ގޮތެއްގައި އެކި ޕްލެތްފޯމްތަކުގައި ގޮވާލާފައެވެ.

2021 ވަނަ އަހަރު ފަށައި، ރިޔާސީ ބަޔާން އިއްވި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫއުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ މަޝްރޫއުޢުތަކުގެ މަސައްކަތް ކުރިއަށްދާކަމަށް އޭރު ވިދާޅުވިއެވެ. އޭގެ ތެރެއިން، 1000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މިޔުނިޓުތަކުގެ ޢަމަލީ މަސައްކަތް، މޭ މަހުގެ ތެރޭގައި ފެށޭނެކަން އޭރު ހާމަކުރައްވާފައިވާއިރު މި ހައުސިންގ ޔުނިޓުތަކަކީ، ކުރިން ތަރައްގީކޮށްފައިވާ މި ގިންތީގެ ހައުސިންގ ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިތުރު 2000 ހައުސިންގ ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެކަމަށް ރައީސް ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. އޭގެ އިތުރަށްވެސް، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އޭރު ވިދާޅުވެފައެވެ.

ރިޔާސީ ބަޔާން އިއްވަމުން ފާހަގަކުރެއްވި ހައުސިން ޔުނިޓުތަކުގެ ތެރެއިން ފާހަގަކުރެއްވި ބައެއް ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ވަނީ މިއަހަރުގެ މެދު ތެރޭގައި ފަށާފައެވެ. އޭގެ ތެރޭގައި އެޕޯލޯ ހޯލްޑިންސް އާއިހަވާލުކޮށްގެން ފަށާފައިވާ 1000 ހައުސިން ޔުނިޓުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މިހައުސިން މަޝްރޫއަކީ ދިވެހި ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިފަދަ އެންމެ ބޮޑު ހައުސިން މަޝްރޫއެކެވެ. މިއަހަރުގެ ޖޫންމަހުގެ ކުރީކޮޅު މިފްލެޓްތަކުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު ދެ އަރަހެއްހާ ދުވަހުގެ ތެރޭގައި މިފްލެޓްތަކުގެ މަސައްކަތްތައް ނިންމާލެވޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

އޭގެ އިތުރުން މިސަރުކާރުން މިއަހަރުގެ މިހާތަނަށް އައިއިރު، އިތުރު 4000 ހައުސިން ޔުނިޓުތަކެއްގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މި 4000 ހައުސިން ޔުނިޓަށް ބޭނުންވާ 227 މިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގައި ސޮއިކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މީގެ ތެރެއިން 4000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ 34 މިލިޔަން ޑޮލަރު ދޫކޮށްފައިވަނީ މިޑިސެމްބަރު މަހުގެ ތެރޭގައެވެ. މި 4000 ހައުސިން ޔުނިޓަކީ ހުޅުމާލޭގެ ދެވަނަ ފޭސްގައި ތިން ކޮޓަރި އަދި ތިން ފާހާނާގެ 2،800 ޔުނިޓާއި ދެ ކޮޓަރި އަދި ދެ ފާހާނާގެ 1،200 ޔުނިޓް ހިމެނޭގޮތަށް ތަރައްގީކުރާ ހައުސިން ޔުނިޓުތަކެވެ. މިއާއެކު މި ސަރުކާރުން މާލެ ސަރަހައްދުގައި ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 5000 ހައުސިން ޔުނިޓެވެ.

ވެރިކަމުގެ ދައުރު ދެބައިވެގެންދިޔައިރު މާލެ ސަރަހައްދުގައި އެންމެ 5000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުނުކަމުގައިވިޔަސް މިއީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭ އަޅާނެކަމަށް ބުނި ހައުސިން ޔުނިޓުތަކާއި ގާތްކުރާ އަދަދެއްވެސް ނޫނެވެ. އެހެންނަމަވެސް، ވެރިކަމުގެ ފަސް އަހަރު ނިމޭއިރު 15000އެއްހާ ހައުސިން ޔުނިޓުގެ މަސައްކަތް ފަށައި ނިންމޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ އަސްލަމްގެ އޮވެއެވެ.

ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެއް ކަމަކަށް ވެގެންދާނީ މިސަރުކާރުން އެންމެ ފުރަތަމަ ބިންގާ އެޅި 1700 ހައުސިން ޔުނިޓަށް ބޭނުންވާ ލޯނު ނުވަތަ ފައިސާގެ އެހީ ހަމަނުޖެހުމެވެ. މަޝްރޫއުގެ 85 އިންސައްތައަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު ކަމަށްވާ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏަށް ދަނީ ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށް ސަރުކާރުގެ މަޝްރޫއުތަކުގެ މައުލޫމާތުތައް ހިއްސާކުރާ އައިލްސް ވެބްސައިޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިމަޝްރޫޢަށް ފައިނޭންސް ކޮށްދޭން އެއްބަސް ވެފައިވާ ބޭންކު، ބޭންކް އޮފް ޗައިނާއިން ފައިނޭންސިން އޮފާރ ވަނީ ވިތްޑޮރޯ ކޮށްފައިކަމަށާއި މިވަގުތު ކޮންޓްރެކްޓާރ އެހެން ބޭންކަކާއި މަޝްވަރާ ކުރަމުން ދާކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގާފައިވާކަމަށް ވެބްސައިޓުގައިވެއެވެ.

މިމަޝްރޫއު ހިންގުމަށް ބޭނުންވާ 308,177,181.00 (ތިންސަތޭކަ މިލިޔަން އެއްސަތޭކަ ހަތްދިހަ ހަތްހާސް އެއްސަތޭކަ އަށްޑިހަ އެއް)ރުފިޔާގެ 85 އިންސައްތަ ދިނުމަށް ބޭންކް އޮފް ޗައިނާއިން ދިނުމަށް މީގެ ކުރިން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް އެބޭންކްއިން ފައިސާ ދިނުމަށް ނިންމި ނިންމުން ވަނީ ވިތުޑްރޯ ކޮށްފައެވެ.

މިމަޝްރޫއަށް ފައިސާ ލިބޭނެކަމުގެ ޔަގީންކަން ނެތްކަމަށް 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިހާރުގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި 1700 ހައުސިން ޔުނިޓާއި ގުޅޭގޮތުން ސަންގު ޓީވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އޭރު ވިދާޅުވީ މިސަރުކާރުން ގުނާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި މިޔުނިޓުތައް ނުހިމަނާ ކަމަށެވެ. މިމަޝްރޫއުގެ ބިންގާ މިސަރުކާރުން އެޅި ކަމުގައިވިޔަސް ކޮންޓްރެކްޓަރާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުރީ ސަރުކާރުން ކަމަށާއި އެކަމަށް ބޭނުންވާ ލޯނު އެގްރިމެންޓު އެހާތަނަށްވެސް ހަމަޖެހިފައި ނުވާތީ އެމަޝްރޫއު ކުރިއަށް ދިޔުމާމެދު ޔަގީންކަން ނެތްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ފާޑުކިޔުންތައް އަމާޒުވާ އެންމެ މައިގަނޑު އެއް ކަމަކީ ހިޔާ ފްލެޓުތައް އާންމުންނާއި ހަވާލުކުރުމުގައި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކެވެ. ފްލެޓުތަކަށް މީހުން ވެއްދުމުގައި ސަރުކާރުގެ ހުރި ލަސްކަމާއި އެސަރަހައްދުގައި އާބާދުވަމުންދާ މީހުންނަށް އެއްވެސް ކަހަލަ އަޅާލުމެއް އަހަންމިއްޔަތުކަމެއް ސަރުކާރުން ނުދިނުމެވެ. ތަޅުދަނޑިތައް ހަވާލުކުރުމަށްފަހު ތިން މަސް ދުވަހުގެ މުއްދަތެއް ސަރުކާރުން ވަނީ ފިނިޝިން ނިންމުމަށް ދީފައެވެ. އަދި ޖެނުއަރީ މަހުން ފެށިގެން ކުލި ނަގަން ފެށުމަށް ނިންމިއިރު، ޖެނުއަރީ މަހުގެ ކުރިން އެއްވެސް ވަރަކަށް ބަޔަކު އެތަނުގައި އާބާދުވާނެ ކަމަށް ސަރުކާރުން އުންމީދުކޮށްފައި ނެތުމެވެ. ނަތީޖާއަކަށް ވެގެންދިޔައީ މީހުން އާބާދުވިއިރު އެސަރަހައްދެކޭ ފަޅު ރަށެކޭ ތަފާތެއް ނެތުމެވެ، އެއްވެސް އަސާސީ ހިދުމަތެއް އެސަރަހައްދުގައި ނެތެވެ. މިސްކިތެއް، ދަތުރުފަތުރުގެ އެއްވެސް ނިޒާމެއް، އާދައިގެ ފިހާރައެއްހާ ހިސާބުވެސް އެސަރަހައްދުގައި ނެތުމެވެ. މިހުރިހާ ކަމެއްވެސް ގާއިމްވީ އާންމުންނާއި ޖަމިއްޔާތަކާއި މީޑިޔާތަކުގެ ޕްރެޝަރުގެ ސަބަބުންނެވެ.

އަދިވެސް އެސަރަހައްދުގައި ފުރިހަމަ ސެކިޔުރިޓީއެއް ނެތެވެ. އެތަން މިވަގުތު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް ވެފައިވާއިރު، މިނިސްޓަރ އަސްލަމް ވިދާޅުވާ ގޮތުގައި އެތަނަކީ ކަމުނުދާ، ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރަންޖެހުނީވެސް މިސަބަބުތަކަށްޓަކައެވެ. އަދި މިނިސްޓަރ ވަނީ އެކަނި ނިންމޭނެ ނިންމުމެއް ނަމަ އެތަން ތަޅާލީމުސް ކަމަށް ވިދާޅުވެފައެވެ. މައްސަލާގައި މިނިސްޓަރ ހޫނު ފެނަށް ވައްޓާލިއިރު، މިއީ އާންމުންނަށް ކުރި މަލާމާތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިއެވެ.

އަތޮޅު ތެރޭގެ ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫއުތަކަށް ބަލައިލާއިރު ކުޅުދުއްފުށީގައި އިމާރާތް ކުރަން ފަށައިފައިވާ 105 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމަން ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައެވެ. 2011 ވަނަ އަހަރު ފެށި މިމަޝްރޫއު 2014 ވަނަ އަހަރު ވަނީ ހުއްޓިފައެވެ. ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމަންވެސް މިއަހަރު ތެރޭ ވަނީ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އަދި ތ. ވިލިފުށީގައި 100 ހައުސިން ޔުނިޓު އެޅުމަށް ވަނީ އަމީން ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައެވެ. ނައިފަރުގައި ކުރިއަށްދިޔަ ހައުސިން ޔުނިޓުގެ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ އޮކްޓޫބަރު މަހުތެރޭ ވަނީ ނިންމާލާފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހައުސިންގެ ދާއިރާއަކީ އަވަސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ދާއިރާއެކެވެ. އެހެންނަމަވެސް، މިވެރިކަމުގައި އެންމެ ލަސްކޮށް ކުރިއަށްގެންދެވޭ މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނުމަކީ މިއަދު ސަރުކާރަށްވެސް އެންމެ ގިނަ ފާޑުކިޔުންތައް އަމާޒުވަމުންދާ އެއް ކަންތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: