ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ މެންބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

އޭސީސީގައި ތިއްބެވި ތިން މެމްބަރުންވެސް ވަނީ އިސްތިއުފާ ދެއްވާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭކަމަށް ބުނެ، ޕާފޯމަންސް އޮޑިޓު ރިޕޯޓަކަށް ރިއާޔަތްކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރަން ތަޅުމަށް ފޮނުވުމަށް ހުށަހެޅުއްވީ އިނގުރާއިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އެވެ.

މިއަދުގެ ކޮމިޓީ ފައްޓަވައިދެއްވަމުން، މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޖަވާބުދާރީވުމަށް ދިން މުއްދަތުގައި އޭސީސީގެ މެމްބަރުން އާ ވާހަކަތަކެއް ހުށަހަޅުއްވާފައި ނެތް ކަމަށެވެ.

އެ ސިޓީތަކުގައި ހުރީ މީގެ ކުރިން ވެސް މަޖިލީހުގެ ކޮމިޓީގައި އޭސީސީން ދައްކަވާފައިވާ ވާހަކަތައްކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ހަސަން އަހުމަދު ވިދާޅުވީ އޭސީސީގެ ޕާފޯމަންސް އޮޑިޓެއް އެކުލަވާލިއިރު، އޭގެއިން އެންމެ ބޮޑަށް ހާމަވީ ކޮމިޝަނަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ. އަދި މިހާތަނަށް ތަހުގީގު ކުރި މައްސަލަތަކެއް ނަމަ، އެ މައްސަލަތަކުގައި ނިންމާފައި ވަނީ އެއީ ކޮރަޕްޝަން ނެތް މައްސަލަތަކެއްގެ ގޮތުގައިކަމަށެވެ. މިއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް އޭނާ ވިދާޅުވީ ދިވެހި ދައުލަތުގެ މާލިއްޔާގެ ތެރެއިން ވައްކަންކޮށް، ކޮރަޕްޝަނަށް މަގުފައިވާ އަމަލުތައް ހިންގާކަން އެއީ އެންމެން ވެސް ދަންނަ ހަގީގަތެއް ކަމަށެވެ. އެއީ ދައުލަތާއި ދިވެހި ރައްޔިތުންގެ ފައިސާއަށްވީއިރު، ކޮރަޕްޝަން ނައްތާލުމަށް ކުރަންޖެހޭ ހުރިހާ މައްސަކަތެއް ކުރުމަށް މަޖިލީހުގެ ތެރެއިން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފެދި، ކޮމިޝަނަށް އާ މެމްބަރުންތަކެއް އައްޔަނު ކުރީ ވަރަށް ފޮނި އުންމީދުތަކާއި އެކު ނަމަވެސް ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އޭސީސީއަށް ނަތީޖާއެއް ނެރެވޭ ވަރުގެ މަސައްކަތެއް ކުރެވިފައި ނެތްކަން މިއަދު ރައްޔިތުން ގަބޫލު ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

“09 ސެޕްޓެމްބަރު 2019 ގައި އައްޔަނު ކުރެވުނު ބޭފުޅުން އެބޭފުޅުން ދެ އަހަރާއި ތިންމަހާއި ސާތަރަ ދުވަސްވީއިރު ވަރަށް ފޮނި އުންމީދުތަކާއި އެކު އެބޭފުޅުން އައްޔަނު ކުރީ މި މަޖިލީހުން… އޭގެ ފަހުން އެކި ފަހަރު މަތީން އެބޭފުޅުން މި ކޮމިޓީއަށް ގެނެވި، މައުލޫމާތު ސާފު ކުރެވުނު.. އެހެން ނަމަވެސް އެންމެ ފަހަރަކު ވެސް ކޮމިޓީގައި ދައްކަވާފައިވާ ވާހަކައެއް ދެވަނަ ފަހަރަށް ވަޑައިގެން ދައްކަވާއިރު ދިމަލެއް ނުވޭ. އެހެން ދިއުމުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ އެތައް ފައިސާއެއް ނުހޯދޭ… އަޅުގަނޑުމެން ބޭނުމެއް ނުވޭ މިކަމުގެ ތެރޭގައި އެއްވެސް ސިޔާސީ ކަމެއް ގެންގުޅޭކަަށް. އިންސާފުވެރިކަމާއި އަދުލުވެރިކަމާއި އެކު މަސައްކަތްކޮށް، ދައުލަތުގެ އެތެރޭގައި ހިނގާ ކަންކަން ބެލުމަށް އޮތް ކޮމިޝަނެއް އެއީ” ހަސަން

މެމްބަރު ހަސަންގެ ވާހަކަތަކަށް ފަހު ފުރުސަތަކަށް އެދިވަޑައިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، އޭސީސީގެ މެމްބަރުންގެ ޖަވާބުތައް ކޮމިޓީގެ މެމްބަރުންނަށް ލިބިފައި ވަނީ މިއަދުގެ މެންދުރު 01:30 ގައި ކަމަށެވެ. އޭގެ ތިން ގަޑިއިރު ފަހުން 04:30 އަށް ކޮމިޓީ ބައްދަލުވުމެއް ތާވަލުކުރިއިރު ތަފްސީލީ ގޮތެއްގައި ޖަވާބުދީފައިވާ 23 ނުކުތާތަށް ދިރާސާކޮށް ބެލުމުގެ ވަގުތު ލިބުނުކަން ގަބޫލު ނުކުރާކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ މިނިވަން މުވައްސަސާތަކުގެ މެމްބަރުންނަށް މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ ކޮމިޓީ މަރުހަލާ ކުރިޔަށް ދަނީ އެކަށީގެންވާ ވަގުތު ނުލިބިކަން އިސްދޫ ދާއިރާގެ މެމްބަރު ވެސް ފާހަގަ ކުރެއްވި އެވެ. އުޝާމްއަށް ތާއީދު ކުރައްވައި އޭނާ ވިދާޅުވީ، އޭސީސީގެ މެމްބަރުގެ ޖަވާބުގައި ވަރަށް ގިނަ ސޮފުހާތަކެއް ހިމެނޭއިރު އެ ލިޔުންތައް ދިރާސާ ކުރަން ވަގުތު ލިބެންޖެހޭކަމަށް ގަބޫލު ކުރާކަމަށެވެ. އަދި ވިދާޅުވީ ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ޖެހޭނީ ކޮމިޓީއަށް ހާޒިރުވެގެން ކަމަށް ދެކޭ ކަމަށެވެ.

ކޮމިޓީގައި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވެސް ވިދާޅުވީ ސިޓީތަކުގައި ވަނީ ދާދި އެއް ވާހަކަތަކެއް ކަމަށެވެ. އެހެންވެ މެމްބަރު ވެސް ތާއީދު ކުރެއްވީ ހަސަންގެ ހުށަހެޅުއްވުމަށެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ މުއްދަތުތައް ފަހަނަޅައި ދިޔައިރު ވެސް އޭސީސީއަށް އެއްވެސް މަަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން ކޮމިޝަންތައް ޒިންމާދާރު ކުރުވާ ފަރާތުގެ ހައިސިއްޔަތުން މެމްބަރުންގެ މައްސަލަތައް ބަލަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ދެވަނަ ފަހަރަށް ކަންބޮޑުވުންފާޅު ކުރެއްވުމުން، ރޮޒެއިނާ ވިދާޅުވީ މިއީ ހަމައެކަނި އޮޑިޓުގައި ހިމެނޭ ވާހަކަތަކެއް ނޫން ކަމަށެވެ. އޭސީސީގެ މެމްބަރުންނަށް މަސައްކަތް ނުކުރެވޭތީ އެ ޝަކުވާތައް ކޮމިޓީގައި ކުރެވި، ބަހުސްތައް ކުރިޔަށް ގެންގޮސްފައި ވަނިކޮށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން ރިޕޯޓެއް އެކުލަވާލީކަން ރޮޒެއިނާ ފާހަގަ ކުރެއްވި އެވެ. އަދި މީގެ ކުރިން ވެސް އެކި ފަހަރު މަތީން ކޮމިޝަނާއި ބައްދަލުކޮށް، މަސަައްކަތްތައް ލަސްވާ ސަބަބާއި ގުޅޭގޮތުން ސުވާލު ކުރެވުނުކަމަށް މެމްްބަރު ވިދާޅުވި އެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު ހަލީމް ވިދާޅުވީ، ހުށަހަޅައިގެން އުޅެނީ ހަމައެކަނި އޭސީސީގެ ޕާފޯމަންސް އޮޑިޓު ރިޕޯޓެއް ނޫން ކަމަށެވެ. އެހެން މުވައްސަސަތާކުގެ މަސައްކަތުގެ ފެންވަރު ދެނެގަތުމުގެ މަސައްކަތްތައް ވެސް ކުރިޔަށްދާއިރު މެމްބަރުން ވަކި ކުރަނީ އޮޑިޓު ރިޕޯޓަކަށް ބަލައިކަމަށް ބުނެ ވާހަކަ ދެއްކުމަކީ ގޯހެއްކަމަށް އޭނާ ވިދާޅުވި އެވެ. ހަލީމް ވިދާޅުވީ ވަކި ބައެއްގެ މައްސަލަ ބަލައި، ވަކި މީހުންތަކެއްގެ މައްސަލަ ނުބަލަން އޭސީސީން އަންގާފައި ނުވާނެ ކަމަށެވެ. އޭސީސީން ޖަވާބު ހުށަހެޅީ ވެސް، މުއްދަތު ހަމަވީފަހުންކަމަށްވުމުން އެ ރިޕޯޓު ބަލައިގަންނަން ނުޖެހޭނެކަމަށް ހަލީމް ވަނީ ވިދާޅުވެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: