ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާ އައުޓް: 2021 ވަނަ އަހަރު ސަރުކާރާއި ދެކޮޅަށް ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރު!

މިކެމްޕެއިނަކީ ސަރުކާރާއި ދެކޮޅަށް ގެންގުޅޭ އެންމެ ވަރުގަދަ ހަތިޔާރު!
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާ އައުޓް ކެމްޕެއިނަކީ މިސަރުކާރާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ގެންގުޅޭ އެންމެ ބޮޑު އެންމެ ވަރުގަދަ ހަތިޔާރެވެ. ސަރުކާރުގެ ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫންކަން، ސަރުކާރުން ނިންމާ ނިންމުންތަކަކީ ރައްޔިތުންނަށް ފައިދާހުރި ނިންމުންތަކެއް ނޫންކަން ދެއްކުމަށްޓަކައި އިދިކޮޅުން ގެންގުޅޭ ހަތިޔާރަކީ އިންޑިޔާ އައުޓް ކެމްޕެއިނެވެ. ދުވަހަކަށްވުރެ ދުވަހެއް މިހަރަކާތުގައި ބައިވެރިވާ މީހުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

އިންޑިޔާ އައުޓް ކެމްޕެއިން ފެށިގެން އައީ ހުސްވި އަހަރުގެ މެދުތެރޭގައެވެ. އިންޑިޔާއިން ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތަކެއް ބެލެހެއްޓުމަށް އިންޑިޔާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާކަމަށް ބުނެ ނޫސްވެރިންނާއި އިދިކޮޅުގެ ބޭފުޅުން ޑިފެންސް މިނިސްޓްރީއަށް ގިނަ ސުވާލުތަކެއް އަމާޒުކުރިއެވެ. ސަރުކާރަށް ގިނަ ޕްރެޝަރ ތަކެއް ކުރިމަތިވެ، އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެއް މިމައްސަލާގައި ބޭއްވީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފދް އޮފެ ޑިފެންސްފޯސް އިބްރާހިމް ޝަމާލް ވިދާޅުވީ އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެޒެންސް ރާއްޖޭގައި ނެތް ކަމަށެވެ. ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖެގައި ނެތް ކަމަށާއި އެހެންނަމަވެސް ހިއުމެނިޓެރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް، ޓެކްނީޝަނުންގެ އެހީތެރިކަން އަބަދުވެސް ހޯދަމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ސިފައިންގެ އަދަދު ހާމަކުރުމަށް ތަކުރާރުކޮށް ޑިފެންސް މިނިސްޓްރީގައި އެދެމުން ދިޔައެވެ. ތަކުރާރުކޮށް އެހުމުންވެސް އެމައުލޫމާތު ހާމަނުކުރުމުން، މައުލޫމާތު ހޯދުމަށް އެދުނު ފަރާތް އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުން އެމައްސަލައިގެ އަޑުއެހުންތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.މައްސަލައިގެ އަޑުއެހުމުގައި ޑިފެންސް މިނިސްޓްރީއިން ބައިވެރިވަޑައިގެންނެވި މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު ވިދާޅުވީ، އެމައުލޫމާތު ހާމަކޮށްފިނަމަ ދެގައުމުގެ ގުޅުމަށް ބުރޫ އަރައި، ރާއްޖޭގެ ސަލާމަަތަށް ނުރައްކާވެދާނެ ކަމަށެވެ.

އިންޑިޔާ އައުޓް ކެމްޕެއިންގެ މަގުމަތީ ހަރަކާތްތައް ވަރުގަދަ ގޮތެއްގައި ފެށިގެން ދިޔައީ މިއަހަރުގެ ތެރޭގައެވެ. ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުތަކެއްގެ ތެރެއިންނެވެ. ސަރުކާރަށް އެތައް ގޮތަކުން ކުރިމަތިކުރުވި ޕްރެޝަރތަކުގެ ތެރެއިން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިޔާގެ ސިފައިން ހަރަކާތްތެރިވަމުންދިޔަކަން ހާމަވިއެވެ. އެއާއެކު ސަރުކާރުން އެއަށް ދިން ރައްދަކީ އަސްކަރީ ސިފައިން ނުތިބޭނެ ކަމަށް ބުނުމެވެ. އެއީ ޕައިލަޓުންތަކަކާއި ޓެކްނިކަލް ސްޓާފުންތަކެއްކަމަށް ސަރުކާރުން ހާމަކުރިއެވެ.

އިންޑިޔާ ސަރުކާރާއިއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުންތައް ދިރާސާކުރުމަށް އެދި އިދިކޮޅުން ހުށައެޅީ މިއަހަރުގެ ތެރޭގައެވެ. ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއެއްބަސްވުންތައް ހާމަކޮށްދެއްވުމަށް ޑިފެންސް މިނިސްޓްރީގައި ދަންނަވައިދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. އޭރު އެމައްސަލަ ކުރިއަށް ނުގެންދެވުމާއެކު އަނެއްކާވެސް ސެޕްޓެމްބަރު މަހު ވަނީ އުތުރު ތިލަފަޅު އެއްބަސްވުން، ހައިޑްރޯގްރަފީ އެއްބަސްވުން، އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގެ އަސްލު މަޖިލީހުގެ 241 ކޮމެޓީއަށް ލިބޭނެ ގޮތް ހަދައިދިނުމަށް އެދިފައެވެ. އެއާއެކު ރައީސް ނަޝީދު ވަނީ އެއެއްބަސްވުންތަކުގައި ހުރި އެއްޗެއް 241 ކޮމެޓީއަށް ހާމަކޮށްދިނުމަކީ މައްސަލައެއް ނޫންކަމަށާއި އެކަން ކުރުމަށް ދަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ތަފާތު އެކި ފަހަރުމަތިން މިނިސްޓަރ ވަނީ މިދިޔަ އަހަރު ތެރޭ މަޖިލީހަށް ހާޒިރުވެވަޑައިގެންފައި

އޮކްޓޫބަރު މަހުގެ ތެރޭގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީއާއި ޝަމާލް އާއެކު 241 ކޮމެޓީއިން ބޭއްވި ބައްދަލުވުމެއްގައި އެއްބަސްވުންތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތުތަކެއް ދީފައެވެ. އެހެންނަމަވެސް އިދިކޮޅުން ވަނީ މިހާމަކުރި މައުލޫމާތުތަކަކީ އެންމެ ރަނގަޅު މައުލޫމާތުނޫންކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

މައްސަލައިގައި އިދިކޮޅުން ބުނެފައިވަނީ، 241 ކޮމިޓީއަށް އެއްބަސްވުން ހުށަހަޅައި އެ ދިރާސާ ކުރަން އެދުމުން ވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. ޑިފެންސް މިނިސްޓަރ މާރިޔާ ސޮއިކޮށްފައިވާ އުތުރުތިލަފަޅުގެ އެގްރީމަންޓް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާ ކުރުމަށް ނުދިނުމަކީ އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް އިދިކޮޅުން ބުނެފައިވަނީ، އުތުރުތިލަފަޅުގެ އެގްރީމަންޓް ކަމަށް ބުނާ ލިޔުމެއް ސްކްރީނަކުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ދެއްކުމުގެ ބަދަލުގައި އެ އެގްރީމަންޓްގައި ހުރި މާއްދާތައް ވަކިވަކިން ދިރާސާކުރުމުގެ ފުރުސަތު ހޯދުމަކީ ކޮމިޓީއަށް ލާޒިމު ކަމަށެވެ.

މިއެއްބަސްވުމާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅަމުން، އިބުރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ސޮއިކޮށްފައިވާ އުތުރު ތިލަފަޅާބެހޭ އެގްރީމަންޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސޮއިކުރައްވާފައިވާ އެގްރީމަންޓެއްކަމަށް ދެއްކުމަށް އަސްކަރިއްޔާއިން ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައި ކަމަށް އިދިކޮޅުން ބުނެއެވެ. އަދި މިކަމުން ދޭހަވަނީ ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ފޯރުވަމުންދާކަން ކަމަށާއި މިކަމުގެ ސަބަބުން އިއާދަ ނުކުރެވޭފަދަ ގެއްލުން ޤައުމަށް ލިބިދާނެ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.

އިންޑިޔާ އައުޓް ކެމްޕެއިން މިހާރު މިއޮތް ވަރަށް ފުޅާވެގެންދިޔައީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން މިނިވަންވެގެން ދިޔުމާއެކުގައެވެ. މިފަދަ ސިޔާސީ ބޮޑު ހަރަކާތަކަށް ރައީސް ޔާމީންގެ ބަހެއް ލިބިދާނެކަމަށް ގިނަ ބަޔަކު އުންމީދުނުކުރިނަމަވެސް މިނިވަންވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުމުގައިވެސް ރައީސް ޔާމީން އެދިވަޑައިގެންނެވީ އިންޑިޔާ އައުޓް ކެމްޕެއިން ވަރުގަދަ ކުރެއްވުމަށެވެ. އަދި އެންމެ ފުރަތަމަ ބޭއްވި ބޮޑު ޖަލްސާގައިވެސް ފާޅުކަންބޮޑު ގޮތެއްގައި އިންޑިޔާ އައުޓްއަށް ގޮވާލެއްވިއެވެ.

ރައީސް ޔާމީން މިނިވަންވުމަށްފަހު އިންޑިޔާ އައުޓް ކެމްޕެއިން ފުޅާކުރެއްވި

އެއަށްފަހު އިންޑިޔާ އައުޓް ޖަހާފައިވާ ޓީޝާޓަކާއެކު ރައީސް ޔާމީން އަތޮޅު ތެރެއަށް ދަތުރު ފެއްޓެވިއެވެ. ސަރުކާރުން ޑިފެންސްއަށް ފައިބަން ޖެހި، އިންޑިޔާއާއި ރާއްޖޭގެ ގުޅުން ދިފާއުކުރައްވާ ޓުވީޓުތަކާއި ޕޯސްޓްކުރައްވަން ޖެހުނު ހިސާބަކީ މިއީއެވެ. ކުރީގެ ރައީސަކު އިންޑިޔާ އައުޓް ގޮވާލައި މިފަދައިން ފާޅުކަންބޮޑު ގޮތެއްގައި ހަރަކާތްތެރިވުމަކީ އިންޑިޔާއިން އެކަމާއިމެދު ހިތްހަމަނުޖެހޭނެކަމަކަށް ވުމުގެ އިތުރުން، އެހެން ގައުމުތަކުންވެސް އެކަން ބަލައި ފާހަގަކުރާނެ ކަމެކެވެ.

އިންޑިޔާ އައުޓް ކެމްޕެއިން ހުއްޓާލުމަށް ގޮވާލައި އެކަމުގެ ސަބަބުން އިންޑިޔާގައި އުޅޭ ދިވެހިންނަށް ގެއްލުންވާނެކަމަށް ބުނެ ފޮރިން މިނިސްޓްރީއިން ދެވަނަ ފަހަރަށް ބަޔާނެއް އާންމުކުރީ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކި މެމްބަރުން ޓުވީޓުކުރައްވައި، ކޯލިޝަންގެ އެކި ޕާޓީތަކުންވެސް އަންނަނީ މިކަމާއި ގުޅޭގޮތުން ބަޔާންތައް އާންމުކުރަމުންނެވެ. އިންޑިޔާގައި ސިފައިން ތިބުމަކީ މައްސަލައެއް ނޫންކަމަށް ދައްކައި، އިންޑިޔާ އައުޓް ކެމްޕެއިން ކުރިއަށް ގެންދިޔުން ހުއްޓާލުމަށް ގޮވާލަމުންނެވެ.

މައްސަލާގައި އެންމެ ފަހުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ބަލައިލާއިރު، ކުރީގެ ރައީސަކު އިންޑިއާ އައުޓް ޖެހި ޓީޝާޓެއް ތުރުކުރައްވައިގެން މަގުތަކަށް ނިކުތުމަކީ ލަދުގަންނަން ޖެހޭ ހަޑި ހުތުރު މަންޒަރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. “އިންޑިއާ އައުޓް” ނުގޮވޭނެކަމަށް ތަކުރާރުުކޮށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ އެއީ ނާތަހުޒީބު ޑިމޮކްރަސީގެ ވެސް އަސާސްތަކާއި ހިލާފު އަމަލެއްކަން ފާހަގަ ކުރައްވާފަ އެވެ.

މިކެމްޕެއިނަށް އަމާޒުކޮށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިނަލްއަގްވާމީ ބޮޑެތި ޑްރަގް ނެޓްވޯރކްތަކުން އަބަދާއި އަބަދު ހަރަކާތްތެރިވާ ކަމަށާއި ޓެރަރިޒްމްއާއި އެހެނިހެން ވަގުވިޔަފާރިއާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތަށް މި ކަނޑުގައި ޖާގަ އޮންނަކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އަވަށްޓެރި ގައުމުތަކާއި ގުޅުން ބަދަހިކުރުމަކީ މިދެންނެވި މީހުން ރުހޭނެ ކަމެއް ނޫންކަމަށާއި ރާއްޖޭގެ ސަރަހައްދު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާނެ ވަރުގެ ކަމެއްނޫންކަމަށް ރައީސް ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފައެވެ.

އެމްޑީޕީގެ މެމްބަރުންވެސް އަންނަނީ އެކަމުގެ ސަބަބުން އިންޑިޔާގައި ދިރިއުޅެމުންދާ ދިވެހިންނަށް މިކަމުގެ ސަބަބުން ގެއްލުންވެދާނެކަމަށާއި ކޮންމެ ގޮތެއް ހަދާފަވެސް މިކަން ހުއްޓާލަންޖެހޭކަމަށް އަންނަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: