ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2021: ރައީސް ސޯލިހުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައި އަހަރެއް!

2021 ވަނަ އަހަރުގެ ތެރޭގައުވެސް ބޮޑެތި ބަދަލުތަކެއް ކެބިނެޓަށް ވަނީ ގެނެވިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރަކީ ކެބިނެޓްގެ ތެރެއަށް ބޮޑެތި ބަދަލުތަކެއް ގެނުވުނު އަހަރެކެވެ. 2020 ވަނަ އަހަރުގެ ތެރޭގައިވެސް ކެބިނެޓަށް ބަދަލުތަކެއް ގެނައިއިރު، 2021 ވަނަ އަހަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް ކެބިނެޓަށް  ގެނައި އަހަރަކަށެވެ.

އަހަރު ފެށުނުއިރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އެމްޑީޕީގެ މެމްބަރުންވެސް ފާހަގަކުރަމުންދިޔައީ އޭރު ޓެކްނޮލޮޖީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މަލީހު މިނިސްޓްރީގެ މެންޑޭޓް އަދާނުކުރައްވާ މައްސަލައެވެ. ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މިނިސްޓަރު މަލީހު މަގާމުން ވަކިކުރުމަށް ފެންނަކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްއިން ނިންމިއެވެ. އަދި މިއަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެމައްސަލަ ހުށައެޅިއެވެ.

މަލީހު މިނިސްޓަރުކަމުން ވަކިކުރުމަށް ނިންމެވީ މިނިސްޓްރީގެ މެންޑޭޓް އަދާނުކުރާތީކަމަށް ނުބެލެވޭ ކަމަށް މަލީހު ފާހަގަކުރައްވަމުން ގެންދެވިއެވެ. އަދި އެކަމަކީ އެމްޑީޕީގެ މެމްބަރުން މަޖިލީޙުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށްބުނެ މަލީހު ކުރެއްވި ޓުވީޓަކާއި ގުޅިގެން ކުރަމުންދާ މަސައްކަތެއްކަމަށް މަލީހު ގަބޫލުކުރައްވައެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލިހަށް ހުށަހެޅި ލިޔުމުގައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީން ހަދަން ޖެހޭ އެއްވެސް ގަވައިދެއް މަލީހު މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް ހަދާފައިނުވާ ކަން ސާފުކޮށް އެނގޭ ކަމަށެވެ. މި ގާނޫން ހެދުމަށް ލާޒިމް ކުރާ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަ އަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކަކަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަން ކަށަވަރުވާ ކަމަށް ވެސް މަލީހާ ދެކޮޅަށް ހުށަހެޅި މައްސަލައިގައިވެއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނެފައި ވަނީ ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ އިރު، އެކަމަށް މަލީހު ހުރަސް އަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް މަލީހު ވިދާޅުވެފައިވަނީ އަސާސެއް ނެތް ކަމެއްގެ އިލްޒާމް އަޅުވައި އަދަބު ދޭން އުޅުމަކީ ދުސްތޫރާ ހިލާފު ކަމެއް ކަމަށެވެ. އަދި މިނިވަން ކޭމްގެ ބޯޑަށް އަދި މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެ، މަލީހު ވަނީ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވި ގަވައިދުތަކުގެ ލިސްޓެއް ހާމަ ކުރައްވައިފައެވެ. އަދި ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަލީހު އާންމު ކުރެއްވި ލިޔުމުގައިވާ ގޮތުން މިނިސްޓްރީން އެކުލަވާލަން ޖެހޭ ގަވައިދުތައް ހެދުމުގެ މަސައްކަތް މި ސަރުކާރު ވުޖޫދަށް އައި ފަހުން ވަނީ ފަށައިފައެވެ. އެގޮތުން ކުރި މަސައްކަތުގެ ތެރެއިން ނުވަ ގަވައިދެއް އެކުލަވާލައި މިދިޔަ ޑިސެމްބަރު މަހު އެޓާނީ ޖެނެރަލްގެ ލަފާފުޅަށް ފޮނުވާފައިވާނެ ކަމަށް މަލީހު އާންމުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ

  • ކޮމިއުނިކޭޝަން މިނިސްޓްރީ އަށް ހުށަހެޅޭ ޝަކުވާގެ މައްސަލަތައް ތަހުގީގު ކުރުމާ ބެހޭ ގަވައިދު.
  • ކޮމިއުނިކޭޝަން މިނިސްޓްރީގެ ހިންގާ ގަވައިދު.
  • ކޮމިއުނިކޭޝަން މިނިސްޓްރީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް ބޭއްވުމުގެ ގަވައިދު.
  • ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމުގެ ގަވައިދު.
  • ރޭޑިއޯ ކޮމިއުނިކޭޝަން އިކުއިޕްމަންޓްގެ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމުގެ ގަވައިދު.
  • ކްލާސް ލައިސަންސް ދޫކުރުމުގެ ގަވައިދު.
  • އާންމު ބޭނުމަށް ފްރިކުއެންސީ ދޫކުރުމާއި ބޭނުން ކުރުމުގެ ގަވައިދު.
  • ޝޯޓް ކޯޑް ދޫކުރުމާ ބެހޭ ގަވައިދު.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީޙަށް ހުށައެޅީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިސްނަންގަވައިގެން 14 މެމްބަރުންގެ ސޮއި އާއެކު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ފެބުރުއަރީ 10 ވަނަ ދުވަހު އެވެ. މަލީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރީ މާޗް މަހުގެ ފުރަތަމަ ދުވަހުއެވެ. މަލީހްގެ އިތުބާރު ނެތްކަމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 59 މެމްބަރުންގެ ވޯޓުންނެވެ. އަދި މަލީހުގެ އިތުބާރު އޮތްކަމަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރުން ތިއްބެވި އެވެ.

މަލީހުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ސުލޫކު ކޮމެޓީއިން ބަލަންވެސް ފެށިއެވެ. މަލީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުންދާ ކަމަށާއި، ތަކުރާރުކޮށް ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާ ބިރުދައްކަމުންދާކަމަށް ތުހުމަތުކުރެއްވުމުންނެވެ. ލީހުގެ އިތުބާރުނެތް ކަމަށް ފާސްކޮށް އޭނާ ވަކި ކުރުމަށްފަހު، އޭނާ ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ބަލަން ކޮމެޓީއިން ފެށިއިރު ކޮމިޓީން ކުރި ސުވާލުތަކަށް ސީދާ ޖަވާބުދާރީވުމަށް އުޒުރުވެރިވި ކަމަށް ކޮމެޓީއިން އެކުލަވާލި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެދުވަހު މަޖިލީހުގެ ތަޅުމުގައި ދައްކަވާފައި ވަނީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއްކަން ކޮމިޓީގެ 6 މެމްބަރުންގެ އިއްތިފާގުންވަނީ ފާސްކޮށްފައެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް ފާސްވުމާއެކު އޭނާ ވަނީ އިދިކޮޅު ކޯލިޝަނާއެކު މަސައްކަތް ކުރަން ފަށާފައެވެ. ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވަމުން، އޭނާ މިހާރު އަންނަނީ އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވަމުންނެވެ.

މަލީހު މަގާމުން ވަކިކުރެއްވުމާއެކު ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. ފުރަތަމަ ކަމަކަށް ޓެކްނޮލޮޖީ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮއްލިއެވެ. ދެވުޒާރާ އެއްކޮށްލުމަށްފަހު އެވުޒާރާ ހިންގުން ހަވަލުކުރީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާއަށެވެ. އެކަމަނާ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމަޓް ޗޭންޖު އެންޑް ޓެކްނޮލިޖީގެ މިނިސްޓަރަކަށް އައްޔަންކުރައްވާފައިވަނީ މެއި މަހުގެ ފަސްވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ މަގާމުގައި އޭރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ޑރ ހުސެއިން ރަޝީދު ހަސަނެވެ. ޑރ ހުސެއިން ރަޝީދު ހަސަން ބަދަލުކުރެއްވީ ފިޝަރީޒް މިނިސްޓަރަކަށެވެ. އަދި ފިޝަރީޒް މިނިސްޓަރކަމުގައި ހުންނެވި ޒަހާ ވަހީދު ރައީސް އޮފީހުގެ މިނިސްޓަރަކަށް ބަދަލުކުރެއްވިއެވެ.

ޒަހާއަށް ފިޝަރީޒް މިނިސްޓަރކަމުގައި ހުންނެވިއިރު ގިނަ ފިންތުއްތަކެއް ކުރިމަތިވިއެވެ. މަޖިލީހުގެ ތެރެއިން އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައި އެކަމުގައި ކުރިއަށް ދިޔުމަށް ތަފާތު އެކި ފަހަރުމަތިން މަސައްކަތް  ކުރެވުނެވެ. މިފްކޯ އޮތް ހާލަތާއި މަސްވެރިންނަށް ދޭންޖެހޭ އެކަށީގެންވާ އުޖޫރަ ނުލިބުންފަދަ ކަންކަމުގައި މަޖިލީހުގެ ތެރެއިން ގިނަ ފިއްތުންތަކެއް ކުރިމަތިވެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވެއްދިއެވެ.

އެކަންކަމުގެ ރައްދުގައި ޒަހާ ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބި މަސްވެރިކަމުގެ ސިނާއަތް ކުރިއަރާނީ މިފްކޯ އަށް ވެސް ފައިދާވެގެން ކަމަށެވެ. އެގޮތުން މިފްކޯއިން އަބަދުވެސް ނުއަގުގައި މަސް ގަންނާތީ އެ ކުންފުންޏަށް ގެއްލުން ބޮޑުވެ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވެސް ނުދެވިގެން އުޅޭ ކަމަށް ޒަހާ ވިދާޅުވިއެވެ. މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ނުވަންޏާ މަސްވެރިކަމަށް ވެސް ފައިދާއެއް ނުކުރާނެ ކަމަށާއި ސަރުކާރުން ނުއަގުގައި ވިޔަފާރި ކުރަންނަމަ އެހެން ވިޔަފާރިތައް ވެސް ދެކޮޅެއް ނުޖެހޭނެ ކަމަށް ޒަހާ ވިދާޅުވިއެވެ. އެހެންވެ މަސްވެރިންނަށާއި މުޅި ދާއިރާ އަށް ކުރިއެރުން ލިބެން އޮތީ މިފްކޯ އަށް ވެސް ފައިދާވެގެން ކަމަށް ޒަހާ ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަދަންޖެހޭ ގަވާއިދުތައް ހެދުމަކީވެސް މިވެރިކަމުގައި ހޯދުނު ކާމިޔާބީއެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ތެރޭގައިވެސް ވަޒީރުންގެ މަގާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވުނުއިރު ބައެއް ވުޒާރާތަކުން ރައްޔިތުން ބޭނުންވާ މިންވަރުގައި ހިދުމަތް ފޯރުކޮށްނުދެވޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ހުސްވި އަހަރުތެރޭވެސް ތިން ވަޒީރަކު ވަޒީރު ކަމުން ދުރުކުރެވި، ބައެއް ވުޒާރާތައް އެއްކޮށްލައި އާ ވަޒީރުން ވަނީ އައްޔަންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: