ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ މެންބަރުންނާއިމެދު މަޖިލީހުން އަމަލުކުރި ގޮތް ރަނގަޅެއް ނޫން: ޓްރާންސްޕޭރަންސީ

އޭސީސީއިން އެންމެ ފަހުން އިސްތިއުފާ ދެއްވި ތިން މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އޭސީސީގެ މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރެއްވި ގޮތާއިމެދު ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން 26 ޑިސެންބަރު 2021 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 3 މެންބަރުން ވަކިކުރަން ފާސްކޮށް، ތަޅުމަށް ފޮނުވުމަށް ނިންމާފައިވަނިކޮށް، އެ މެމްބަރުންވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި އޭސީސީގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމަށްފަހު ފިޔަވަޅުއެޅުމުގެ ގޮތުން މި ކުރެވުނު މަސައްކަތުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރިކަން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ފާހަގަކުރައްވާފައެވެ.

ޓްރާންސްޕޭރެންސީގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޕަފޮމަންސް އޮޑިޓުގައި ފާހަގަކޮށްފައިވާ ކަންކަމެވެ. ޖެނުއަރީ 2015 އިން ޖުލައި 2020 އަށް 5 އަހަރާއި 6 މަސް ދުވަހުގެ ޕާފޯމަންސް އޮޑިޓު ރިޕޯޓެއް ތައްޔާރުކުރެވުނުއިރު، މިޕާފޯމެންސް އޮޑިޓުގެ މުއްތަދުގެ ތެރެއިން މެންބަރުން ކޮމިޝަނުގައި ހިދުމަތް ކޮށްފައިވަނީ ހަމައެކަނި 10 މަސްދުވަހުގެ މުއްދަތެއްކަން ޓްރާންސްޕޭރެންސީއިން ފާހަގަކުރެއެވެ. މި ޕާރފޯމަންސް އޮޑިޓްގައި ހުރި މަސައްކަތްތަކަކީ އެ މެންބަރުންގެ ކޮމިޝަނާއި ހަވާލުވުމުގެ ކުރީގެ މަސައްކަތްތަކަށްވުމުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ. ހަމައެހެންމެ، ފަހުން އައްޔަން ކުރެވުނު މެންބަރުންގެ މަސައްކަތްތައް ޖުމްލަކޮށް އަދި ވަކި ވަކިންވެސް އަލިއަޅުވާލެވިފައި ނުވާތީ އެކަމާއިވެސް ޓްރާންސްޕޭރެންސީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހަމައެގޮތުން، މިނިވަން މުއައްސަސާތަކުގައި ތިބޭ މެމްބަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި، މަޖިލިސް މެމްބަރުންގެ ފިއްތުންތައް ކުރިމަތިކުރުވައި މިނިވަން މުއައްސަސާތަކުގެ ހިންގުމާއި މަސައްކަތްތަކަށް ސިދާ ގޮތުން ނުފޫޒު ފޯރުވައި، ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލަން މަސައްކަތްކޮށްފައިވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި މިނިވަން މުއައްސަސާތަކުން މެންބަރުން ވަކިކޮށް، ވަކި ސިޔާސީ ފިކުރަކަށް ނިސްބަވާ ފަރާތްތައް މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް އައްޔަން ކުރުމުގެ ނަތީޖާއަކަށްވީ، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އަދި މުސްތަގިއްލު ކަމާއިމެދު ސުވާލު އުފެދި، އެ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްޖެހި ނުވަތަ އިހުމާލުވުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން އޭސީސީގެ މެމްބަރުންނަށް ބިރުދައްކާ، ވަކިކުރުމުގެ މަރުހަލާގެ ކަންކަން ހިންގާފައިވަނީ އޭސީސީގެ މައްޗަށް ނުފޫޒުފޯރުވުމަށާއި އެމުއައްސަސާގެ މިނިވަންކަމަށް ބުރޫއަރާނެ ފަދަ އަމަލުހިންގުމަށް މަގުފަހިކުރުމަށް ކަމަށް ބެލުމުގެ ފުރުސަތު އޮތްކަމަށް ވެއެވެ. އަދި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި, އޭސީސީއަށް އެ މައްސަލަތައް ހައްލުކުރުމަށް ފުރުސަތު ނުދީ، ކޮމިޝަންގެ މެންބަރުން ވަކިކޮށް މުޅި ކޮމިޝަން އެއްކޮށް ބަދަލުކުރި ނަމަވެސް، އޭސީސީއަށް ކުރިމަތިވެފައިވާ ނިޒާމީ ގޮންޖެހުންތަކަށް އެދެވޭ ބަދަލެއް ނުގެނެވޭހާ ހިނދަކު އޭސީސީގެ މަސައްކަތްތައް އެންމެ ފުރިހަމަކޮށް އަދި އެންމެ މިނިވަންކޮށް ކުރުމުގެ ފުރުސަތު ކުޑަވެފައިވާތީ ކަމަށްވެސް ބަޔާނުގައި ވެއެވެ.

މީގެއިތުރުން، ފާއިތުވި އަހަރުތަކުގައި ސަރުކާރާއި މަޖިލީހުން މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަނުކުރުމުގެ މަސައްކަތް ދިގުލައި ލަސްކުރުމުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ގެއްލިފައިވާއިރު، އޭސީސީގެ މެންބަރުންގެ ގޮނޑިތައް ދިގުމުއްދަތަކަށް ހުސްވެއްޖެނަމަ، ސިޔާސީ ފަރާތްތައް ޒިންމާދާރުކުރުވުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރަމުންދާ މި މުއައްސަސާގެ ތަހުގީގުތަކަށާއި، މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރުވާ މިހާރު ކުރިއަށްދާ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތައް މެދުކެނޑުމުގެ ފުރުސަތުބޮޑުވެ، އިތުރަށް ދިގުލައިގެން ދިއުމަށް މަގުފަހިވާނެ ކަމަށް ބަޔާނުގައި ވެއެވެ.

އެހެންކަމުން، މިނިވަން މުއައްސަސާތައް އެމުއައްސަސާއެއްގެ މަސްއޫލިއްޔަތު މިނިވަންކަމާއި އެގޭ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ ބަޖެޓާއި، ވަސީލަތްތަކާއި އިކުއިޕްމެންޓު މުއައްސަސާތަކަށް ފޯރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ. އަދި އޭސީސީގެ އިންވެސްޓިގޭޓިވް އެންޑް އިންޓެލިޖެންސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ބޮޑެތި މާލީ ކުށްތަކުގެ ތަހުގީގުތައް ހިންގާނެ ގޮތުގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ގޮވާލާފައެވެ.

ހަމައެހެންމެ، މުއައްސަސާތައް ގަވާއިދުން އޮޑިޓުކޮށް، ކުރެވޭ އޮޑިޓުތަކަކީ އެ މުއައްސަސާތަކުން ކުރާ މަސައްކަތްކަށް ފުރިހަމައަށް އަލިއަޅުވާލެވޭ އޮޑިޓުތަކެއްކަން ޔަގީންކުރުމަށްވެސް ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އަދި އެ އޮޑިޓުތަކުން ފާހަގަވާ ކަންކަން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތަކީ، މަތި އޮމާންކުރުމަށް އަޅާފިޔަވަޅުތަކަކަށް ނުހަދާ، މާނަވީ ހައްލުތަކެއްކަން ޔަގީންކުރަން ޖެހޭ ކަމަށްވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އާންމުކުރި ބަޔާނުގައި މިނިވަން މުއައްސަސާތަކާއި އެމުއައްސަސާތަކުގެ މެމްބަރުންނަށް ކުރިމަތިކުރުވާ ސިޔާސީ އަދި ޕާޓީ ފިއްތުންތަކާއި ބިރުދެއްކުން ހުއްޓުވާ މިނިވަންކަމާއި އެކު މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ޓްރާންސްޕޭރެންސީއިން ވަނީ އެދިފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: