ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަކީ ކުރުން ލާޒިމް ކަންކަން ނުކުރަން އޮތް ބަހަނާއެއް ނޫން، އެކަން ނުވެސް ކުރަން: ރައީސް

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ދުނިޔެއަށް ދިމާވި ކޮވިޑްގެ އާލަމީ ވަބާއަކީ ކުރުން ލާޒިމް ކަންކަން ނުކުރަން އޮތް ބަހަނާއެއް ނޫންކަމަށާއި އެކަން އެގޮތަށް ނުވެސް ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

16 ރަށުގެ ނަރުދަމާ އަދި 23 ރަށުގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވެރިކަމަށް އައުމުގެ ކުރިން އެމަނިކުފާނު ވެފައިވާ ބައެއް ވައުދުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ތަރައްގީގެ ވާހަކަދައްކަަންވާނީ ގައިން ތާހިރުވެގެން ކަމަށް ވިދާޅުވީ އެމަނިކުފާނު ކަމަށާއި މިފަސް އަހަރަކީ ރާއްޖެއަށް އަންނާނެ އެންމެ ސާފުތާހިރު ފަސް އަހަރުކަމަށް ވިދާޅުވީވެސް އެމަނިކުފާނުކަން ފާހަގަކުރެއްވިއެވެ. އަދި ހުރީހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅާނެކަމުގެ ވައުދުވީވެސް އެމަނިކުފާނުކަން ފާހަގަކުރެއްވިއެވެ.

ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކޮށްދިނުމަށް ވައުދުވުމާއެކު އެކަން ނުވާނެކަމުގެ ފާޑުކިޔުންވެސް އަމާޒުވިކަމަށާއި އަދި އެކަމާއިމެދު ވިސްނުމަށް ނަސޭހަތްތެރިވިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ސާފުތާހިރުމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައިކަމަށާއި އެފަދަ މައުނަވީ ވާޖިބެއް އަދާކުރުމަށް ވައުދުނުވާންވީ ސަބަބެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

 

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

 

ވެރިކަމާއި ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ހުއްޓުނު ކަމަށާއި އަދި ކޮވިޑްގެ އާލަމީ ބަލިމަޑުކަމުގައި ހުރިޙާ ގައުމެއް ބެދުނުކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކުރުން ލާޒިމް ކަންކަން ނުކުރަން އޮތް ބަހަނާއެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ނުވެސް ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

“އޭގެ އެންމެ ސާފު ހެއްކާއި ދަލީލާއި ހުއްޖަތް ސަރުކާރުން މިވަނީ ގާއިމްކޮށްފައި. ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން މިއައީ ކުރަމުން. އެކަމުގައި އަވަދިނެތި ސަރުކާރު ދެމިއޮތް” ރައީސް

ރައީސް ވިދާޅުވީ މިހާތަނަށް އައިއިރު ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ ތެރެއިން މަސައްކަތްތައް ހަވާލުނުވެ ހުރީ ވަރަށް މަދު ރަށެއްގައި ކަމަށެވެ. އެއީ 16 ރަށުގެ ފެނުގެ ނިޒާމާއި 23 ރަށުގެ ނަރުދަމާގެ ނިޒާމްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކާއެކު އިިންގިލާބްވެގެން މިދަނީ ތަރައްގީގެ އާ މަރުހަލާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށް ގެންދާ މިމަޝްރޫއުގައި އާބާދީ ކުޑަ އަދި ބޮޑު ރަށެއްވެސް ސައިޒުގެ ގޮތުން ކުޑަ އަދި ބޮޑު ރަށެއްގެ މެދުގައިވެސް ކުރި އެއްވެސް ތަފާތެއް، ފަރަގެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދަށްފަހު ފެނާއި ނަރުދަމާގެ ނިޒާމް ހަވާލުނުކުރެވޭ އެއްވެސް ރަށެއް ނޯންނާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

“ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަކީ ބުނެލަން ފަސޭހަޔަސް ނުހަނު ބުރަ، އެހާމެ އުނދަގޫކަމެއް. އެއީ ބޮޑު ހަރަދެއްވެސް ހިނގާ ކަމެއް” ރައީސް

ރައީސްގެ ވާހަކަފުޅުގައި މިހާތަނަށް އައިއިރު ހުރިހާ ސަރުކާރަކަށް ނިންމިފައިވަނީ ޖުމްލަ 69 ރަށުގެ ނަރުދަމާއާއި 37 ރަށުގެ ފެނުގެ ނިޒާމްގެ މަސައްކަތްކަމަށް ވިދާޅުވިއެވެ. އަދި މިސަރުކާރާއި ހަމައަށް އައިއިރު އެމަސައްކަތް ކުރެވިފައިނުވާނަމަ، އެއްފަހަރާ ހުރިހާ ރަށެއްގައި މިމަސައްކަތް ކޮށް ނިންމާލުމަށް އިތުރު ތަކްލީފެއް އުފުލަން ޖެހުނީސްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، ސުމަކުން ފަށަން ޖެހުނުނަމަވެސް މިކަން ދޫނުކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި މިސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި މިކަން ސަރުކާރުން ފާހަގަކުރައްވައެވެ. ރައީސްގެ ވާހަކަފުޅުގައި މިކަމާއެކުވެސް އަދިވެސް އިތުރަށް ރައްޔިތުން ބޭނުންވާ ވަރަށް ގިނަ މަސައްކަތް އެބަހުރިކަމަށް ވަނީ ވިދާޅުވެފައެވެ. މިއަދު މިމަޝްރޫއުތައް ހަވާލުކުރެވުނު ބައެއް ކުންފުނިތަކުގެ ތެރޭގައި ފެނަކަ، ސްޓެލްކޯ، މާކެޓެކް މޯލްޑިވްސް، ޑުޕްލެކްސް އަދި ސާސް އީ ކޮންސްޓްރަކްޝަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: