ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2021: މަޖިލީހުގެ ތެރެއިން ބޮޑަށް ފެނުނީ ސަރުކާރު މެމްބަރުންގެ ކޯޅުން!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރު، 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދިޔައީ އެތައް ގޮތަކުން ތަފާތު މަޖިލީހަކަށެވެ. މަޖިލީހަށް ހުށައެޅުނު ބިލުތަކުން ފެށިގެން، މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިނގާދިޔަ ކޯޅުންތަކާއި ސަރުކާރަށް ދެކޮޅަސް މަޖިލީހުގެ މެމްބަރުން ކުރެއްވި މަސައްކަތްތަކާއި އެއް މެމްބަރަކު އަނެއް މެމްބަރަކަށް މުހާތަބުކޮށް ދައްކަވާފައި ހުރި ވާހަކަތަކާއި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާ ފާހަގަކޮށްލެވެއެވެ.

އެއާއެކު ރޭގަނޑު ދަންވަރު ބައެއް ބިލްތައް ފާސްކުރުމާއި، މަޖިލީހުގެ މަސައްކަތްތައް ނިންމުމަށް ކުރިއަށް ގެންދެވުނު ޖަލްސާތަކާއި، ތަޅުމަށާއި ކޮމެޓީއަށް ވަޒީރުން ހާޒިރުކުރުމާއި ކޮމެޓީތަކުގެ ތެރޭގައި ބަލަމުންދިޔަ އެކި މައްސަލަތަކަކީވެސް މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ވާހަކަތަކެވެ.

މަޖިލީހަށް 2021 ވަނަ އަހަރުގެ ތެރޭގައި މުހިންމު ބިލްތަކެއް ހުށައަޅައި އެކަމުގެ މަސައްކަތްތައް ކުރެވިގެންދިޔައެވެ. މިރިޕޯޓުގައި މިބަލާލަނީ މަޖިލީހުގެ ތަޅުމަށް މިނިމުނު އަހަރު ހުށައެޅިގެންދިޔަ ބިލުތަކާއި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެތިން މަސައްކަތަކަށާއި ފާހަގަކުރެވޭ ބައެއް މުހިންމު ކަންކަމަށެވެ.

  • ނަފްރަތު އުފެއްދުން ކުށަކަށް ހަދައި ގާނޫނުލްއުގޫބާތަށް ހުށައެޅި އިސްލާހު

މުޅި އަހަރުގެ ތެރޭގައި މަޖިލީހުން ކުރި މަސައްކަތްތަކުގެ ތެރެއިން ވެސް މުޅި ގައުމު އެކަމަކަށް ހުއްޓި މުޅި ގައުމުގައި ވަކި ހިއްޕާލި ކަމަކަށް ވެގެންދިޔައީ ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހެދުމަށް ހުށައެޅި އިސްލާހެވެ. ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މިއިސްލާހު ހުށައެޅުއްވިިރު، މިއިސްލަހާާއެކު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ މެމްބަރުންގެ މެދުގައި ވެސް ޚިޔާލު ތަފާތުވުންތައް އެމްޑީޕީ މެމްބަރުންގެ ނުރުހުން ސަރުކާރަށްވެސް އަމާޒުވިއެވެ. އަދި އިސްލާހު ހުށައެޅުއްވި މެމްބަރު ހިސާންއަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ހިސާބަށް ކަންކަން ދިޔައެވެ.

އިސްލާހުގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

އިސްލާހު ހުށައެޅުމާއެކު ސަރުކާރާއި މެމްބަރު ހިސާން ހޫނު ފެނަށް ވައްޓާލިއެވެ. އާންމު ރައްޔިތުންނާއި ވަކި ވަކި ކައުންސިލްތަކުންވެސް މި އިސްލާހާއި ދެކޮޅަސް ބަސް ބުނަމުންދިޔައިރު، މިއިސްލާހަކީ ދީނާއި ދެކޮޅަށް ވާހަކަ ދައްކާ ދީނާއި ޚިލާފު ކަންކަން މުޖުތަމައުގެ ތެރޭގައި ކުރަމުންދާ ކަމެއްގެ ގޮތުގައި އާންމުން ފާހަގަކުރިއެވެ. މިއިސްލާހާއި ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންތަކެއްވެސް ފާޅުކަންބޮޑު ގޮތެއްގައި ނުކުތްއިރު ދީނާ ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާމެދު އިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ އާންމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން، މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި ތެދުވާ މީހުންގެ މައްޗަށް ދައުވާ އުފުލޭ ގޮތަށް އޮތުމަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގައުމިއްޔަތާ ހިލާފު ކަމެއް ކަމަށް އިލްމުވެރިން ބުނަމުންދިޔައެވެ. އިސްލާހާއި ގުޅޭގޮތުން ސަރުކާރުގެ ކޯލިޝަން ޕާޓީތަކުންވެސް ކަންބޮޑުވުން ފާޅުކުރަމުންދިޔައިރު، މިއިސްލާހު މަޖިލީހަސް ހުށައެޅީ ކޯލިޝަން ޕާޓީތަކާއި މަޝްވަރާނުކޮށްކަމަށް ޕާޓީތަކުން ބުނަމުންދިޔައެވެ.

އިސްލާހު ހުށައެޅުމާއެކު އިސްލާމިކް މިނިސްޓްރީއަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާއެކު އިސްލާމިކް މިނިސްޓްރީއިން ބުނީ ދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރާއިރު އިސްލާމްދީނާއި ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ގާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ދެކޭކަމަށެވެ.

އަމާޒުވަމުންދިޔަ ފާޑުކިޔުންތަކަށް ދިން ރައްދެއްގެ ގޮތުގައި މެމްބަރު ހިސާން ވިދާޅުވީ މިއީ އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހުންނަށް ހިއްވަރުދީ އެ މީހުންނަށް ގާނޫނީ ހިމާޔަތްދޭ ބިލެއްގެ ގޮތުގައި ބަޔަކު ސިފަ ކުރަމުންދަނީ ގަސްތުގައި އޮޅުވާލުމުގެ ނިޔަތުގައި ކަމަށެވެ. އަދި މިވަގުތު އިސްލާމްދީނުގެ ނަމުގައި ތަފާތު އެތައް ކުށްތަކެއް ހިންގައި މީހުންނަށް ގެއްލުންދީ މީހަކު މެރުމަށްވެސް ފަސް ނުޖެހޭނެ ވަރުގެ މީހުން އެބަތިބިކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާންގެ ރައްދު: މިއީ ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދޭ ހިމާޔަތެއް ނޫން، އޮޅުވާލަން ނޫޅޭ!

ބިލު ހިސާން މެދުވެރިކޮށް ހުށައެޅިއިރު، މިފަދަ އިސްލާހުތައް ފޮނުވުމުގެ ހިތްވަރު ނެތްނަމަ މިފަދަ ބޮޑެތި އިސްލާހުތައް މަޖިލީހަށް ނުފޮނުވުމަށް ރައީސް ސޯލިހަށް އެމްޑީޕީ މެމްބަރުން ވަނީ ގޮވާލައްވާފައެވެ. އަދި މިބިލު ފޮނުވާފައިވަނީ މެމްބަރު ހިސާން ހަވަރަށްދޭ އުސޫލުން ކަމަށްވެސް އެމްޑީޕީ މެމްބަރުން ފާހަގަކުރެއްވިއެވެ.

މަޖިލީހަށް ބިލް ފޮނުވާފައިވަނީ ހިސާން “ހަވަރަށް” ދޭ އުސޫލުން: ވައްޑެ

އެކި ގޮތްގޮތުން އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާއެކު އެބިލު އެގޮތަށް އޮއްވައި ފާސްކޮށް، ތަސްދީގުނުކުރާނެކަމަށް ސަރުކާރުން ބުނަމުންދިޔައެވެ. އެއާއެކު ޖުޑިޝަރީ ކޮމެޓީއިން ގިނަ މަސައްކަތްތަކެއްކޮށް ކޮމެޓީ ރިޕޯޓު ތަޅުމަށް ފޮނުވާފައިވަނިކޮށް އިސްލާހު އަލުން ދިރާސާކުރުމަށް އަލުން ކޮމެޓީއަށްވެސް ފޮނުވާލިއެވެ.

މިއިސްލާހު ކޮމެޓީގައި އޮއްވާ އެކި ގޮތްގޮތުން އައި ޕްރެޝަރތަކުގެ ސަބަބުންނާއި ފާޑުކިޔުންތަކުގެ ސަބަބުން ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް އަކުރެއް އިތުރުކޮށް އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ބަޔާންކޮށް އިސްލާހެއް ހުށައެޅިއެވެ. މިއިސްލާހުވެސް ހުށައެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ.

ނަފްރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބިލު މަޖިލީހަށް ފޮނުވި ދަނޑިވަޅަކީ ނުވަތަ ޖުމްލަ ގޮތެއްގައި 2021 ވަނަ އަހަރަކީ ދީނަށް ފާޑުކިޔުމާއި ދީނާއި ދެކޮޅު އަމަލުތައް ހިންގުން ގިނަ އަހަރެކެވެ. އެފަދަ ދަނޑިވަޅެއްގައި ދީނުގެ ހިމާޔަތުގައި ނުކުންނަ މީހުންނަށް އަދަބު ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ގިނަ ބަޔަކު ދިޔައީ  ބުނަމުންނެވެ.

މިދެ އިސްލާހުގެ މަސައްކަތްވެސް މަޖިލީހުގެ ތެރޭގައި ކުރެވިގެންދިޔައިރު، “ނަފްރަތުގެ އަމަލު ހިިންގުން” ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކުރީ 50 މެމްބަރުންގެ ވޯޓާއެކުއެވެ. އަދި އިސްލާމްދީނަށް ތައުހީންކުރުމުގެ ނިޔަތުގައި އަމަލުން އަދި ބަހުންވެސް އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ހެދުމަށް ހުށައެޅި އިސްލާހު ވެސް 50 މެމްބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ. މިދެ އިސްލާހުވެސް ފާސްކޮށްފައިވަނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

  • އަނބިމީހާ ރޭޕްކުރުން ވެސް ރޭޕްއަށް، ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމް!

2021 ވަނަ އަހަރަކީވެސް އަދި އޭގެ ކުރިން 2020ވަނަ އަހަރަކީވެސް ޖިންސީ ގޯނާގެ މައްސަލަތައް އާދަޔާ ޚިލާފަށް ގިނައިން ފެންމަތިވި އަހަރަކެވެ. ޚާއްސަކޮށް ވަރަށް ތުއްތު ކުދިންނަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ކުރަމުންދިޔަ ގޯނާތަކުގެ މައްސަލަތައް ވަކިން އިތުރުވިކަން ފާހަގަކުރެވުނެވެ. މިއާއެކު މިކަމާއި ގުޅޭ ތަފާތު އެކި ގަރަރުތަކާއި އެކި ބިލުތަައް މަޖިލީހުގެ ތަޅުމަށް ހުށައެޅިގެން ދިޔައެވެ.

2021 ވަނަ އަހަރުގެ ތެރޭ މިފަދައިން ކުރެވުނު ބައެއް މަސައްކަތްތަކުގެ ތެރޭގައި ރޭޕްގެ ކުށް ސާބިތުކުރުމަށްޓަކައި ރޭޕް ޓެސްޓް ކިޓް ޞޭނުންކުރުން ލާޒިމްކުރިއެވެ. އަދި އަނބިމީހާގެ ނުރުހުމުގައި ފިރިމީހާ ހިންގާ ޖިންސީ އަމަލުތަކަކީވެސް ރޭޕްގެ ގޮތުގައި ކަނޑައަޅައި މަޖިލީހުން ފާސްވެގެން އައީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ޖިންސީ ކުށުގެ ގާނޫނަށް 2021 ވަނަ އަހަރު ތެރޭ ގެނެވުނު އިސްލާހުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު ދެ ބަދަލެވެ.

މެރިޓަލް ރޭޕް ނުވަތަ އަނބިމީހާގެ ނުރުހުމުގައި ފިރިމީހާ ހިންގާ ޖިންސީ އަމަލުތަކަކީ ރޭޕްގެ ގޮތުގައި ކަނޑައެޅުމާއެކު މިކަމާއިމެދު ބޮޑު ބަހުސަކަށް ދިޔައެވެ. އެހެންނަމަވެސް، ގިނަ ފާޑުކިޔުންތަކަކާއެކުވެސް އެއިސްލާހު އެގޮތަށް ބާއްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއިސްލާހުތައް ޑިސެމްބަރު މަހުގެ ތެރޭގައި ތަސްދީގުކޮށްފައެވެ.

 

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމުވާ އިސްލާހު ތަސްދީގުކޮށްފި

 

މައިގަނޑު ގޮތެއްގައި މިއިސްލާހުތަކުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ރޭޕް ކުރުމާއި، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާގެ ތަފްސީލު ކަނޑައަޅައި ބަޔާން ކޮށްފައި ވެއެވެ. އަދި ވިކްޓިމްގެ އަންނައުނުން ސާމްޕަލްއަކާއި ހަށިގަނޑުން ހަ ސާމްޕަލްއެއް ނަގަން ޖެހޭނެއެވެ. އެއީ ލެއާއި ކުޑަކަމުދާ ތަކެތިންނާއި ނިޔަފައްޗާއި ނިޔަފަތީގެ ދަށުންނާއި ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުންނާއި އަނގައިގެ އިތުރުން އިސްތަށިތަކުންނެވެ.

ތަސްދީގުކުރި އިސްލާހުތަކުގައިވާ ގޮތުން ސިއްހީ ހިދުމަތް ދޭ ތަނަކަށް ވިކްޓިމްއަކު ގޮސްފިނަމަ ވަގުތުން ސޯޝަލް ސާވިސް ޑިޕާޓްމަންޓްއަށް އަންގައި ލަސްނުކޮށް ސާމްޕަލްތައް ނަގަން ޖެހެއެވެ. އެ ގޮތަށް އަމަލު ނުކުރުމަކީ ކުށެއް ކަމާއި އޭގެ އަދަބަކީ އެއް އަހަރާއި ތިން އަހަރު ޖަލު ހުކުމެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ގާނޫނަށް އަމަލު ކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނަށް އެވިޑެންސް ކިޓް ލިބޭނެ އިިންތިޒާމު ސަރުކާރުން ހަމަޖައްސަން ޖެހޭނެ ކަމަށްވެސް މިހާރު ވަނީ ބަޔާންކޮށްފައެވެ. އަދި ސިއްހީ ހިދުމަތް ދޭ ތަނަކުން ކިޓް ބޭނުން ކޮށްގެން ނަގާ ސާމްޕަލްތަކަށް އަގު ނަގައިގެން ނުވާނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

  • ބަޖެޓާއި ދެކޮޅަށް އިދިކޮޅުން ފުރަތަމަ ފަހަރަށް ވޯޓުލުން!

2022 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުސްވި އަހަރު ހުށައެޅީ 36.92 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ހުށައަޅުއްވާ ދެއްވައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 9.7 ބިލިޔަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 2022 ވަނަ އަހަރުގެ ތެރޭގައި ދައުލަތުން ހިންގާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ހަލުވިވެ، ލޯނުން ހިންގާ މަޝްރޫއުތަކުގެ ޑިސްބަރސްމަންޓް އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށެވެ. މީގެ ތެރޭގައި އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާއި، އިންޑިއަން އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫއު ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބަޖެޓާއިމެދު އިދިކޮޅު ކޯލިޝަނުގެ އިތުރުން ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންވެސް ނުރުހުން އަމާޒުކުރިއެވެ. ބަޖެޓު ބަހުސަށް ހުޅުވާލި ފުރަތަމަ ދުވަހުވެސް މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ގޮވާލެއްވީ 25 ބިލިޔަން ރުފިޔާއަށް ބަޖެޓު ކުޑަކުރުމަށްފަހު އަލުން ފޮނުވުމަށެވެ. އަދި ބަޖެޓް ޑެފިސިޓްވާނެކަމަށް މިނިސްޓަރ އަންދާޒާކުރައްވާ އަދަދަކީ އެންމެ ރަނގަޅު އަދަދެއް ނޫންކަމަށާއި ބަޖެޓު 14 ބިލިޔަން ނުވަތަ 15 ބިލިޔަން ރުފިޔާއިން ޑެފިސިޓްވާނެކަމަށް އަންދާޒާކުރެވޭކަމަށް ސަލީމް ވިދާޅުވިއެވެ. މިއާއެކު ބަޖެޓުގެ ދަރަނި ބޮޑުވާ މިންވަރަކަށް ޑޮލަރުގެ އަގު މައްޗަށް ދާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

25 ބިލިއަން ރުފިޔާއަށް ބަޖެޓު ކުޑަކުރުމަށްފަހު ބަޖެޓު އަލުން ފޮނުވުމަށް އިދިކޮޅުން ގޮވާލައިފި

2021 ވަނަ އަހަރުގެ ބަޖެޓު ބަހުސް މަރުހަލާގައި އިދިކޮޅުން ޖެހި ހިސާބުތަކަށް ބަލާއިރު ރައީސް ސޯލިހުގެ ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު، ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާއެއް ވުރެ މައްޗަށް އަރާނެއެވެ. މިހާރު ފެންނަން އޮތް ހިސާބުތަކަށް ބަލާއިރު، ރައީސް ސޯލިހުގެ ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު ދައުލަތުގެ ދަރަނި 50 ބިލިއަނަށް އަރާނެ ކަމަށް އިދިކޮޅުން ލަފާކުރެއެވެ. އަދި ދައުރު ނިމިގެން ދާއިރު ޖީޑީޕީގެ ނިސްބަތުން ދިވެހި ދައުލަތުގެ ދަރަނި ހުންނާނީ 105 އިންސައްތަ އަށް ވުރެ މަތީގައި ކަމަށް ވެސް އިދިކޮޅުން ލަފާކޮށްފައިވެއެވެ.

ބަޖެޓު ބަހުސް މަރުހަލާގައި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންވެސް ބަޖެޓަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެއެވެ. މައި ޕާޓީ އެމްޑީޕީހެ މެމްބަރުން ފާޅުކަން ބޮޑުގޮތެއްގައި ސަރުކާރަށް ހޫނު ބަހުގެ ހަމަލާތަކެެއް އަމާޒުކުރިއެވެ.

އެންމެ ބޮޑު ކަމެއްގެ ގޮތުގައި އިދިކޮޅުންވެސް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންވެސް ފާހަގަކުރެއްވީ ކައުންސިލްތަަކށް ދީފައި އޮތް ބަޖެޓް ކުޑަވުމެވެ. އިދިކޮޅުގެ މެމްބަރުންގެ ތެރެއިން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކައުންސިލްތަކަށް ބަޖެޓު ދީފައިވަނީ މޮހޮނަށް އޮޑި ދިން ގޮތަށެވެ. ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އެމްޑީޕީއިން ދެއްކި ވާހަކަތަކަކީ ރައްޔިތުންނަށް ދެއްކި ދަޅައެއްކަން ފާހަގަކުރައްވާ ކައުންސިލްތަކަށް ދީފައިވާ ބަޖެޓުން ކުރެވޭނެ ހަމައެކަނި ކަމަކީ ކިރިޔާ މުސާރަ ދިނުން ކަމަށް ވިދާޅުވެފައިވެއެވެ.

“ދެން ބުނަންވީ ރައްޔިތުންނޭ، ކަލޭމެނޭ ބަނދަރު ހަދާނީ! ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާންވީ ފަސް މިލިޔަނަށްވުރެ ކުޑަ ޕްރޮޖެކްޓްތައް ހިންގާނީ ކައުންސިލަރުންނޭ! ކައުންސިލަރުން މަގުތައް ހަދާށޭ، ކައުންސިލަރުން މިވެނިކަމެއް ކުރާށޭ! ކައުންސިލަރުންނަށް ކޮންކަމެއް ކުރެވޭނީ ބަޖެޓެއް ނުދީފަ!” ޓޮމް

ސަރުކާރަށް ތާއިދުކުރައްވާ މެމްބަރުންގެ ތެރެއިން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އަކީ ކައުންސިލްތަކުގެ ބަޖެޓް ބޮޑުކުރުމަށް އެންމެ ބޮޑަށް ގޮވާލެއްވި އެއް މެމްބަރެވެ. އެގޮތުން، ލާމަރުކަޒީ ނިޒާމް އިތުރަށް ފުރިހަމަކުރަންޖެހޭކަމަށް ފާހަގަކުރައްވާ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓާއިމެދު ކައުންސިލްތަކުގެ ގިނަ ޝަކުވާތަކެއް އެބަހުރިކަަން ވައްޑެ ވަނީ ބަޖެޓުގެ ބަހުސް މަރުހަލާގައި ފާހަގަކުރައްވާފައެވެ. ގާނޫނަށް ގެނައި ބަދަލާއެކު މިހާރު ކައުންސިލްތަކަށް ޖުމްލަ ބަޖެޓުގެ ފަސް އިންސައްތަ ދިނުމަށް ނިންމާފައިވީ ނަމަވެސް، ފަސް އިންސައްތައިން ރިކަރަންޓް ހަރަދުތައްވެސް ދެކޮޅު ނުޖެއްސޭކަމަށް ކައުންސިލްތަކުން ބުނަމުންދާކަމަށް ވިދާޅުވިއެވެ. ކައުންސިލްތަކުގެ ރިކަރަންޓް ހަރަދުތަކަށް އެކަނިވެސް ބަޖެޓުގެ އަށް އިންސައްތަ ބޭނުންވާނެކަމަށާއި އެމިންވަރު ދިނުމަށް ވައްޑެ ގޮވާލާފައިވެއެވެ.

މިވާހަކަތަކަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހެއްދެވީ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު ހުސެއިން ނިޔާޒެވެ. އެގޮތުން ކުރީ އަހަރުތަކާއި އަޅާ ބަލާއިރު 2022 ވަނަ އަހަރު ކައުންސިލްތަކަށް ދޭ އަދަދު މާ ބޮޑުތަނުންވެސް ބޮޑުކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، ކައުންސިލްތަކުން ގާނޫނީ ޒިންމާ އަދާނުކުރެވޭ ވަރަށް ބަޖެޓުގައި ކައުންސިލްތަކަށް އަދަދުތައް ކަނޑައަޅާފައި އޮތްކަމަށް ދެކުމަކީ ރަނގަޅު ކަމެއްނޫންކަމަށް ނިޔާޒް ވިދާޅުވިއެވެ. ހަމައެއާއެކު ކައުންސިލްތައް ހިންގަންވާނީ ހަމައެކަނި ދައުލަތުން ދޭ ފައިސާއަކުން ނޫން ކަމަށާއި އަމިއްލައަށް އާމްދަނީ ހޯދޭނެ ގޮތްތައް ހޯދަން ވާނެކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ. ކުންފުނިތައް ހެދޭނެ ކަމަށާއި، ބިމާއި ބެހޭ މުއާމަލާތްތައް ކުރެވޭނެކަން ފާހަގަކުރައްވާ މިއިން ކަމަކަށް ގާނޫނުން ހުރަސް އަޅާނަމަ އެކަންކަން މަޖިލީހުގެ ތެރެއިން ރަނގަޅު ކޮށްދޭނެކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ.

ބަޖެޓު ބަހުސް މަރުހަލާ ނިންމައި ވޯޓަށް އެހުމުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަކަށް ވެގެންދިޔައީ މަޖިލީހުގެ އިދިކޮޅުގެ 8 މެމްބަރުންގެ ވޯޓު ބަޖެޓު ފާސްނުކުރުމަށް ދެއްވުމެވެ. މިއީ މިފަހުގެ ތާރީހެއްގައި ބަޖެޓާއި ދެކޮޅަށް އިދިކޮޅު މެމްބަރުންވެސް ވޯޓު ދެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

 

ބަޖެޓަށް އެކަނި ކައުންސިލްތަކުން ބަރޯސާވެގެން ނުވާނެ، އާމްދަނީ ހޯދަންޖެހޭނެ: ނިޔާޒް

  • މެމްބަރު ހުސެއިން ވަހީދުގެ ކުއްލި ވަކިވުން!

މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިން ދައުރުވެސް ނިމުނުފަހުން، ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކޮމަންޑޫ ދައިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވި ޚަބަރު ލިބިގެންދިޔައެވެ. މެމްބަރު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

އާލާސްކަންފުޅާ ފަރުވާ ހޯއްދެވުމަށް އަހަރެއްހާ ދުވަހު ބޭރުގައި ގިނަ ދުވަހު އުޅުއްވުމަށް ފަހު 2021 ވަނަ އަހަރުގެ މާޗްމަހު މަޖިލީހުގެ ޖަލްސާއެއްގައި ވަނީ އޭނާއަށް ގުޅައި އަދި އެކި ގޮތްގޮތުން ހާލު ބެލި އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ. އެދުވަހުވެސް ވިދާޅުވެފައިވަނީ ހާލު މުޅިން ރަނގަޅުނޫން ކަމަށެވެ. މެމްބަރަށް ޚާއްސަކުރައްވައި ތައުޒިޔާގެ ދަފްތަރެއްވެސް މަޖިލީހުން ހުޅުވާލިއެވެ.

މިވަގުތު އަންނަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށްވެސް ތައްޔާރުވަމުންނެވެ.

  • އެންމެ އުންމީދުކުރި ވަރަށް މަޖިލިސް “ޕްރޮޑަކްޓިވް” އެއްނޫން!

މަޖިލީހަށް އަލަށް އިންތިހާބުވެ ތިއްބެވި މެމްބަރުންނާއެކު އަދި ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވާ ކުރިއަށް ގެންދަވާ މަޖިލީހުގެ ޖަލްސާތަކަކީ ފެށުނީއްސުރެވެސް ތަފާތު މަޖިލިސް ޖަލްސާތަކެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރިއެވެ. މަޖިލީހުގެ ތަޅުމާއި ކޮމެޓީތަކުގެ މަސައްކަތްތަކުގެ ސްޕީޑް ރަނގަޅެވެ. މަސައްކަތްތައް ހުށައަޅައި މަސައްކަތްތައް ކުރިއަށް ގެންދެވުނެވެ.

އެހެންނަމަވެސް، 2021 ވަނަ އަހަރުގެ ޖަލްސާތަކުގައި އެންމެ އުންމީދުކުރެވުނުހާ މިންވަރަކަސް މަސައްކަތްތައް ކުރެވިފައި ނެތެވެ. މަޖިލީހުގެ ޖަލްސާތަކުގައި ގިނަ މަސައްކަތްތައް ކުރެވުނު ތަން ނުފެނެއެވެ. ޚާއްސަކޮށް ތިންވަނަ ދައުރުގެ ކުރީކޮޅު މާ އެދެވޭ މަސައްކަތްތަކެއް ތަޅުމުގައިކުރެވިފައިވާ ތަނެއް ނުފެނެއެވެ. މިކަމުގެ ސުވާލުތައް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒަށްވެސް ވަނީ އަމާޒުވެފައެވެ. ސުވާލުތަކަށް މަބްރޫކް ދެއްވި ޖަވާބަކީ މުހިންމު މަސައްކަތްތަކެއް ކޮމެޓީ މަރުހަލާގައިވެސް އޮތްކަމެވެ. މަޖިލީހުގެ ރައީސް ނަޝީދުވެސް ވަނީ ސަރުކާރުން މަޖިލީހަށް ބިލުތައް ފޮނުވުމުގައި ލަސްކަމެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި 2021ވަނަ އަހަރު ނިންމަން އަމާޒު ހިފާފައިވާ ބިލުތަކުގެ މަސައްކަތް ނުނިމޭނެކަމަށް ރައީސް ނަޝީދު ދިޔައީ ވިދާޅުވަމުންނެވެ.

މަޖިލީހުގެ ތެރެއިން މައިގަނޑު ގޮތެއްގައި ފެނުނީ ސަރުކާރު މެމްބަރުންގެ މެދުގައި އޮތް ކޯޅުމެވެ. ރައީސް ސޯލިހުގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަންގެ ކޯޅެމެވެ. މިކޯޅުންތަކުގެ ތެރެއިން ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުންވަނީ ރައީސް ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވާލާއްފައެވެ. އިދިކޮޅު މެމްބަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކާއި ފިއްތުންތަކަށްވުރެ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންފެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކާއި ފިއްތުންތައް ބޮޑުވެފައި ގިނަކަން ފާހަގަކުރެވުނެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިފަހަރުވެސް ފާހަގަކުރެވުނީ މަޖިލީހުގެ ހާޒިރީގެ މައްސަލައެވެ. އެއްވެސް ވަރަކަށް ހާޒިރުނުވާ މެމްބަރުން ތިއްބެވިއިރު، މަޖިލީހުގައި 85 މެމްބަރުން ތިއްބަވާއިރު ޖަލްސާތަށް ފަށާއިރު ތިރީހަކަށް މެމްބަރުންވެސް ހަމަނުވާ ދުވަސްތައް ދިޔަކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: