ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2021: “ހަރުކަށި ފިކުރު” ހިލުވާލި އަހަރު!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މާލޭން މީހަކު ހައްޔަރު ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 މޭއި 06 ގައި އައިޑީއެއް ގޮއްވާލުމުން އެ ހާދިސާގެ މައުލޫމާތު ދިނުމަށް ބޭއްވި ފުރަތަމަ ޕްރެސްގައި ފުލުހުން ބުނީ މި ހަމަލާ ގޮސް ގުޅެނީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ބަޔަކާއި ކަމަށެވެ. އަދި މުޖްތަމައުގެ ތެރޭގައި، އައިއީޑީއެއް ގޮއްވާލުމުގެ ތަޖުރިބާއާއި އެ، ތަމްރީނު ލިބިފައިތިބި ބަޔަކު ތިބިކަމަށް ބުންޏެވެ. މިއީ ފުލުހުން އަލަށް ދެއްކި ވާހަކައެއް ނޫނެވެ.

މީގެ ކުރިން ވެސް ތަފާތު އެކި ޕްލެޓްފޯމްތަކުގައި ފުލުހުން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ 1،300 މީހުން އެބަތިބިމަމަށް ބުންޏެވެ. އެ މީހުންގެ މޫވްމެންޓުތައް، ނުވަތަ އުޅޭ ނޫޅޭގޮތް ބެލުމަށް ކުރަމުން އަންނަ އެއްވެސް މަސައްކަތެއް އެނގޭނެ ގޮތެއް ނެތެވެ. މިފަދަ ތުހުމަތުތަކުގައި ހައްޔަރު ކުރާ މީހާ ވެސް ދޫކޮށްފައި ހުރީ، މުޖްތަމައުއަށް އޭނާގެ ފަރާތުން ނުރައްކަލެއް އޮތްކަމަށް ނުފެންނާތީ އެވެ. ޖަލު ހުކުމެއް އިއްވާ މީހާއަށް ވެސް ލުއި ދެނީ އެވެ.

ހަރުކަށި ފިކުރާއި، މުޑުދާރުވެފައިވާ މި ފިކުރު ރާއްޖޭގައި އެއްބަޔަކު ނަގަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގަ އެވެ. އަނެއް ބަޔަކު އެ ވާހަކަ އޮއްބާލަނީ، އެހެން މައުޟޫއެއް ނަގައިގެންނެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުވުން އެނގިގެން ދިޔައީ ހަގީގަތުގައި ވެސް މިއީ މުޑުދާރު ވިސްނުމެއް ކަމެވެ. އެ މީހުންގެ ފޯނުންނާއި، ގެންގުޅުނު އިލެކްޓްރޯނިކް ސާމާނުތަކުން އެނގޭ ގޮތުން މިއީ އަދި މާ މޮޅު ދީނީ ވިސްނުމެއް ގެންގުޅޭ ބައެއް ނޫނެވެ. އެކަން ފާހަގަކޮށް، ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވެސް ވިދާޅުވީ، އެ މީހުންގެ ފޯނުން ފެންނަން ހުރި ބައެއް މަންޒަރުތަކަށް ބަލާ، އެއީ ދީނީ ބޮޑު އަގީދާއެއް އޮތް ބައެއް ނޫންކަން ސާފުވާ ކަމަށެވެ.

ހަރުކަށި ފިކުރު ގެންގުޅޭ މި މީހުންނަކީ އެއީ ކޮންމެ ކަމެއްގެ ގޮތް ކަނޑައަޅާނީ އެ މީހުންކަމަށް ދެކޭ ބައެކެވެ. ދިވެހި ދައުލަތް ކުފުރުކޮށް، އަނެކާ އެއީ ދީނުން ބޭރުވެފައިވާ މީހެއްކަމަށް ވެސް ކަނޑައަޅަނީ އެވެ. ގުރުއާނާއި ސުންނަތް މާނަ ކުރަނީ އެ މީހުން ބޭނުން ގޮތަށެވެ. އެ ވާހަކަ ފޮތްތަކުގައި ލިޔެ، ނިންމަނީ އެވެ. މި ވާހަކަތަކަށް ބާރުދީ ރިޔާޒް ވެސް ވިދާޅުވީ، މި މީހުންނަށް ފެންނަ ގޮތަށް ގުރްއާނާއި ސުންނަތް މާނަކޮށް އިސްލާމީ ގާއިދާތައް މުޅިން އެހެން މާނައެއްގައި އާންމުކޮށް ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން ތައުލީމު ހާސިލްކޮށްގެން ތިއްބަވާ އިލްމުވެރިންނާއި ޝެއިހުން ކަންކަން ބަޔާންކޮށްދެއްވާފައިވާ ގޮތާ މުޅިން ހިލާފަށް އެހެން މީހުންނަށް ވިސްނައިދެނީ ކަމަށެވެ. އަދި ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން އިލްމުވެރިންގެ ގޮތުގައި ކަނޑައެޅިފައިވާ މީހުންގެ ބަސް ނޭހުމަށާއި އެފަރާތްތަކާ މުއާމަލާތް ނުކުރުމަށް އެހެން މީހުންނަށް ބާރު އަޅަ އެވެ.

މޭއި ހައެއް އަކީ ރައީސް ނަޝީދަށް ހަމަލާ ދޭން ރޭވި، ތިން ވަނަ ފަހަރު!

ހަމަލާ ދިން މީހުންނަކީ ދިވެހި ބިމަކީ ކުފުރުގެ ބިމެއް ކަމަށް ހަދައި، ދިވެހި ދައުލަތް ގަބޫލު ނުކޮށް ސަރުކާރުގެ އިސްވެރިންނާއި، މަގާމުތަައް އަދާކުރާ ފަރާތްތައް އަދި އުޖޫރައަށް ވަޒީފާ އަދާކުރާ މީހުންނަކީ އެއީ ކާފަރުންގެ ގޮތުގައި ދެކޭ ބައެކެވެ. މި މީހުން އާއްމުކޮށް ވިޔަފާރި ވެސް ކުރަނީ، އަމިއްލައިންނެވެ. އޭގެ ސަބަބަކީ އެހެން މީހުންގެ ވިޔަފާރިން މުދާ ގަނެ ބޭނުން ކުރުން ހުއްދަ ވެގެން ނުވާކަމަށް ގަބޫލު ކުރާތީ އެވެ.

ސޯޝަލް މީޑިއާ އާއި، އަދި އާއްމު ތަންތަނުގައި ސިޔާސީ މީހުންނާއި ނޫސްވެރިން ދައްކާ ވާހަކަ އެއްގޮތަކަށް ވެސް މި މީހުންނަށް ކަމަކު ނުދެ އެވެ. ދައްކާ ވާހަކައަކުން، ނުވަަތަ ބުނެވޭ ބަހަކުން އޭނާ ދީނުން ބޭރުވީކަމަށް ކަނޑައަޅާ މީހުންގެ ފޯނުން ފެނުނު މަންޒަރުތައް މިހެން އަދި މީޑިއާތަކުން ނިކުމެ ކިޔައިދެވޭ ވަރަށް ވުރެ ހުތުރެވެ.

ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމަށް ހާއްސަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމަކީ ގާނޫނކށެކެވެ. އަދި އެ ގާނޫނުގެ ދަށުން ވަނީ ޓެރަރިސްޓު ޖަމާއަތްތަކަކީ ކޮބައިކަން ވެސް ކަނޑައަޅައިފައި ވެއެވެ. ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ އެވެ. އަދި ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުމެވެ.

ކްރޮސްރޯޑްސްގައި ކައުންސިލަރުންނާއި އެކު ކުރިޔަށް ގެންދާ “ވިއަވަތި ރާއްޖެ” މަހާސިންތާގައި ރައްޖޭއަށް ޓެރަރިޒަމްގެ ނުރައްކާތެރިކަން އޮތް މިންވަރާއި މެދު ހާއްސަ ޕްރެޒެންޓޭޝަނެއް 2019 ގައި ހުށަހެޅި އެވެ. ރާއްޖެ އޭރު އޮތް ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވާ ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމެންޓުގެ ފަރާތުން ޔަމާން ޖައުފަރު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ހަރުކަށި މީހުން ދިރިއުޅެމުން ދާކަމަށެވެ. އެގޮތުން ބައެއް މީހުން، ރާއްޖެއިން ބޭރުގެ އެކި ޓެރަރިޒަމް ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމައިގެ ތަމްރީނު ހޯދަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް މީހުން އެ ގައުމުތަކަށް ގޮސް ހަނގުރާމައިގެ އުކުޅުތައް ދަސްކުރާއިރު، ބައެއް މީހުން ރާއްޖޭގައި ތިބެގެން އޮންލައިން ސެޝަންތައް ނަގާކަށް އޭނާ ވިދާޅުވިއެވެ.

ސީދާ ރައްޔިތުންނަށް ބޮޑެތި ގެއްލުން ދިނުމަށް ރާވައި، ރައްޔިތުންގެ ތެރޭގައި ދެ އައިއީޑީއެއް ގޮއްވާލަން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ބުނި މިއީ ފުރަތަމަ ފަހަރެވެ. މުޖްތަމައުގައި ގައި، ޓެރަރިޒަމްގެ ސަބަބުން ބިރުވެރިކަން އުފެދޭއިރު ޔަމާން ވަނީ ހަރުކަށި ފިކުރަށް މަސައްކަތް ކުރަމުންދާ މީހުންގެ ފަރާތުން ފެންމަ މައްސަލަތަކާއި ޓެރަރިޒަމްގެ ޓައިމްލައިންއަށް ތަފްސީލީގޮތެއްގައި ވާހަކަ ދައްކާފައެވެ.

މުޖްތަމައުގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރެމުން އަންނަނީ ބާރު ސްޕީޑެއްގައިކަން ހާމަކުރައްވާ ޔަމާން ވިދާޅުވީ، ރާއްޖޭގައި އެންމެ މުވައްސަސާއަަކަށް ޓެރަރިޒަމްގެ ފިކުރު ނުހުއްޓުވޭނެ ކަމަށެވެ.

ޓެރަރިޒަމްގެ ޓަމްލައިންއަށް ވާހަކަ ދައްކަވަމުން ޔަމާން ވިދާޅުވީ ހަރުކަށި ވިސްނުން ގެންގުޅޭ މީހުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ގެއްލުން ދިނުމަށް ކަމަށެވެ. އަދި އެ މީހުންގެ ވިސްނުން މިހާރު “ހާޑް އެޕްރޯޗް” އަށް ބަދަލު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

2019 ގައި ފުލުހުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ހިމަނާފައިވާ ޓެރަރިޒަމްގެ ޓައިމްލައިން:

2007: ސަލްޓާން ޕާކުގައި އައިއީޑީއެއް ގޮއްވާލި
2007: ހިމަންދޫގައި ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކާ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ދިޔަ
2009: ދިވެއްސަކު ޕާކިސްތާނުގައި ޖާނުންފިދާވުމުގެ ހަމަލާއެއް ދިން
2012: ސީރިއާގައި ހިނގާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދިޔަ
2014: ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި
2014: އައިއެސް ދިދަ ހިފައިގެން މާލޭގެ މަގުތައް މަތީގައި ހިނގާލުމެއް ކުރިއަށް ގެންދިޔަ
2017: ބްލޮގާ ޔާމީން ރަޝީދު މަރާލި
2017: އައިއީޑީއެއް ބޭނުންކޮށްގެން ރާއްޖޭގައި ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން އުޅުނު މައްސަލަ

އެންމެ ފަހުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވެސް، ނޫސްވެރިން ވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުންގެ ތެރެއިން އެއްވެސް ބަޔަކު މޮނިކޯން އަމުރު ތަންފީޒު ކުރޭތޯ ސުވާލުކޮށްފައެވެ. އަދި މި އަދަދަށް މިވީ ތިން އަހަރުގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފައިވޭތޯ ސުވާލު ކުރިއެވެ. ނަމަވެސް، ފުލުހުންނަށް އެއަށް ޖަވާބެއް ނުދެވުނެވެ. އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުން، ހަރުކަށި ފިކުރުގެ 08 މީހަކު ދަނީ މޮނިކޯން އަމުރު ތަންފީޒު ކުރަމުންނެވެ. އަހަރު ފެށުނު ފަހުން، އެ އަދަދަށް ބަދަލެއް އައިކަން އެނގިފައި ނެތެވެ.

އާންމުންގެ ރައްދަކަށްވީ އެވަރު އެނގޭ އިރު އެ މީހުން ދޫވެފައި ތިބީ ކީއްވެތޯ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ހަރުކަށި ފިކުރަށް ނިސްބަތްވާ ގިނަ މީހުން އެއީ މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތި ކުރަން ފަސް ނުޖެހޭނެ ބައެއް ކަަމަށެވެ. ޓެރަރިޒަމްގެ ގާނޫނު ފުޅާވެ، ކިތަންމެ ބާރެއް ދީފައި އޮތަސް އެފަދަ މީހުން ގިނަ ދުވަހު ބަންދުގައި ނުބޭތިއްބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ މޫތައް އިތުރުވަނީ: އިމްރާން ގަބޫލު ކުރަނީ “އަޑީ ދައުލަތެއް” ނެތް ކަމަށް!

ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ ބަޔަކު އުޅޭކަމުގެ ވާހަކަތައް ދެކެވެއެވެ. އަދި އިމްރާން ވެސް އެކަން އިންކާރެއް ނުކުރެއެވެ. އެފަދަ ކަންކަން ޖަލުން ފާހަގަ ކުރެވޭތީ، ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުން މުހިންމުކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ، ޖަލުގައި ކުށްވެރީންގެ ގޮތުގައި ނުފޫޒު ގަދަ މީހުން އުޅޭ ފަހަރުތައް އަންނަ ކަމަށެވެ. ނަމަވެސް، އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމްރާން ވިދާޅުވި އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އެ މީހުން ބައިތިއްބައިގެން ޕްރޮގްރާމް ކުރިޔަށް ގެންދެވޭނެ އިންތިޒާމު ގާނޫނުގެ ދަށުން ލިބިދޭންޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ. އިމްރާން ވަނީ ދިވެހި މި މުޖްތަމައުގެ ތެރޭގައި އައިއީޑީތައް ހަދައި، ޓެރަރިޒަމްގެ ހަމަލާތައް ދިނުމުގެ ތަމްރީނާއި އެ ގާބިލުކަން ހުރި މީހުން ތިބިކަން ފާހަގަ ކޮށްފައެވެ.

ޓެރަރިޒަމްގެ އަމަލުތަކާއި ޓެރަރިޒަމް ފައިނޭންސިން ފަދަ ކަންކަމުގައި ކުށެއް ސާބިތުކުރެވޭ ވަރަށް ހެކި ހޯދުމަށް މި ވަގުތަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ޒަމާނަށް ފެތޭ ހެއްކާ ބެހޭ ގާނޫނެއް ނެތުން ކަމަށް މިކަމުގައި ވާހަކަ ދެއްކި އެންމެން ވެސް އިއްތިފާގުވެ އެވެ. މިހާރު އޮތީ މާބޮޑު ބޭނުމެއް ނުހިފޭ، މީގެ 45 އަހަރު ކުރީގެ ގާނޫނެކެވެ. ހެއްކާ ބެހޭ ގާނޫނެއް ހަދަން ވާހަކަ ދައްކާތާ އެތައް އަހަރެއް ވެގެން ދިޔައިރު އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައި، އާއްމުންގެ ހިޔާލަށް ހުށަހަޅާފަ އެވެ.

ޓެރަރިޒްމްގެ ގާނޫނުގައިވާ ގޮތަށް އަމަލުކޮށްފިނަމަ ހައްލު ލިބޭނެ: އޭޖީ

ހަމަލާތައް ރޭވުމާއި ހަނގުރާމަވެރި ހަތިޔާރު އުފެއްދުމާއި ހަނގުރާމަ އަށް ރާއްޖޭން ބޭރަށް ދިއުން ފަދަ ޓެރަރިޒަމްގެ ވަރަށް ސީރިއަސް މައްސަލަތަކުގައި ގިނަ ދައުވާތަކެއް ސާބިތު ނުވެ، ނުރައްކާތެރި އެތައް ބަޔަކު ދޫވެފައިވާ އެއް ސަބަބަކީ ވެސް ހެއްކާ ބެހޭ ރަނގަޅު ގާނޫނެއް ނެތުމެވެ. ރާއްޖޭގައި މީހަކު އަމިއްލަ އަށް މަރުވެގެން ދޭން އުޅުނު ކަމަށް ބުނާ ބޮމުގެ ހަމަލާއަކާ ގުޅިގެން ކުރި ދައުވާއެއްގައި ވެސް ދިމާވީ ހެކި ވަޒަންކުރުމުގެ މައްސަލަ އެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ މީހުންގެ ސީދާ އަދަދެއް ދިވެހި ސަރުކާރުގައި ނެތެވެ. އަދަދުތަކެއް އަންދާޒާ ކުރިޔަސް، އެއާއި ގާތް ވެސް ނުކުރާހާ ގިނައިން މީހުން ރާއްޖެއިން އެފަދަ ގައުމުތަކަށް ގޮސްފައި ހުންނާނެކަމަށް ބެލެވެއެވެ. ބައެއް މީހުން ހައްުޔަރުކޮށް ރާއްޖެ ގެންނަނީ، ތުރުކީގެ ބޯޑަރު ހުރަސް ކުރަން މަސައްކަތް ކުރަނިކޮށެވެ. ނޫނީ އަސްލު އޮޅުވާލައިގެން އެހެން ގައުމަކަށް އެެތެރެވާން މަސައްކަތް ކުރަނިކޮށެވެ. އެ މީހުން އަނބުރާ މާލެ ގެނެސް ދައުވާއެއް ކުރިޔަސް، ސާބިތުވެފައި ހުރީ މަދު ފަހަރެއްގައެވެ. އަދި މިފަދަ ބައެއް މީހުން ރާއްޖެ އެނބުރި އައުމުން ހައްޔަރު ކުރެެއެވެ. ބަންދުގައި އެތައް ދުވަހެއް ބެހެއްޓުމަށްފަހު ހެކި ނެތިގެން ދޫކޮށްލާ ފަހަރުތައް އާދެއެވެ.

ޖާނުން ފިދާވެ ހަމަލާ ދޭން ރޭވި ކަމަށް ބުނާ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވި!

މީގެ ތެރެއިން ފާހަގަ ކުރެވޭ އެއް މައްސަލައަކަށް ވާނީ 2017 ގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅުނުކަމަށް ތުހުމަތުކޮށް ޝަރީއަތް ހިންގި މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމެވެ. ރ. މަޑުއްވަރީ ވިލުދޮޅި، އިސްހާގު އަލީ އާއި ޏ. ފުވައްމުލަކު އަލުވިމާގޭ، ހުސައިން އަފީފުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކުރީ 17 ޖެނުއަރީ 2021 ގަ އެވެ. މައްސަލައިގައި ދައުވާ ކުރި، އަފީފަކީ މީގެ ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރި މީހެކެވެ. ދައުލަތުން އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރި ނަމަވެސް، އެ މީހުން ހަމަލާދޭން ރާވާފައިވަނީ ކޮން ސަރަހައްދަކަށް ކަމެއް ބުނެދެވިފައި ނުވެއެވެ.

ޖާނުން ފިދާވެ ހަމަލާ ދޭން ރޭވި ކަމަށް ބުނާ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވި!

ޓެރަރިޒަމްގެ ދައުވާކޮށް، ޝަރީއަތްކުރިޔަސް، މިހާތަނަށް އެ ދައުވާތައް ސާބިތުވީ ބަޔަކު އިނގިލިން ގުނާލެވޭހާ މަދުވާނެ އެވެ. އެއް ބަޔަކު ދޫވީ ސީރިއާއަށް ދިިޔަކަން ސާބިތުވިޔަސް، ހަނގުރާމަ ކުރިކަން ސާބިތުކޮށް ނުދެވިގެންނެވެ. އަނެއް ބަޔަކު ދޫވީ ޓެރަރިޒަމްގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ކުރިން ހަނގުރާމައަށް ގޮސްފައިވާތީ އެވެ. ކުރިން ކޮށްފައިވާ ކުށަކަށް ފަހުން ހެދޭ ގާނޫނަކުން އަދަބު ނުދެވޭނެ އެވެ.

ރާއްޖޭގައި ޖާނުން ފިދާވެގެން ހަމަލައެއް ދޭން އުޅުނު މައްސަލައިގައި ބަޔަކު ހައްޔަރު ކުރިއެވެ. އެ ދެ މީހުންގެ މައްސަލަ ކޯޓުގައި ވީ ބޮޑު ބަހުސްއަކަށެވެ. އަދި ކުށް ސާބިތުނުވެ ދޫވީ އެވެ. އާއްމުގޮތެއްގައި މިފަދަ މީހުން އުޅޭ ނޫޅޭގޮތް ފުލުހުން ބަލައެވެ. ނަމަވެސް، ސުވާލަކީ އެކަށީގެންވާ ގޮތެއްގައި ކުރެވޭތޯ އެވެ.

ފަހުގެ ތާރީހެއްގައި ފާހަގަ ކުރެވޭ މައްސަލައަކީ، ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި ހާދިސާ އެވެ. އަދި ތ. ތިމަރަފުށީގެ ސްކޫލުގެ ދަރިވަރުން އިމްތިހާނު ހަދަމުންދާ ވަގުތު ލެބޯޓަރީ ގޮއްވާލުމަށް ރޭވިއެވެ. އެ މީހުން ތިބީ ބަންދުގައެވެ. ޝަރީއަތް ކުރިޔަށް ދަނީ ފިނިހަކަ ސްޕީޑުގައެވެ.

ތިމަރަފުށީގައި ކުދިން މައިންބަފައިނާއި ވަކިވެ، އެއީ ގަތުލު ކުރަންޖެހޭ ބައެއްގެ ގޮތުގައި ދެކެން ފެށި: ފުލުހުން

ޓެރަރިޒަމުގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އޮޕަރޭޝަނެއް ހިންގައި ބަޔަކު 2020 ހައްޔަރުކުރީ މާލެ ކައިރީގައި އޮތް “ނަސާހް 3” ކިޔާ ދޯންޏަކުންނެވެ. އެ އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރުކުރުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، އައިއީޑިއެއް ގޮއްވާލައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި އެކު އެވެ.

ހައްޔަރު ކުރި މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީނުތައް ހަދައި، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން ކުޑަކުދިންނަށް އަމާޒުކޮށް މަސައްކަތް ކުރަމުން ދިޔަ ބައެކެވެ. ފުލުހުން ބުނީ، އެ މީހުން ދިޔައީ ދަރީން މައިންބަފައިންގެ ބަސް ކޮންމެހެން ގަބޫލު ކުރަން ނުޖެހޭނެކަމަށް ވިސްނައި ދެމުން ކަމަށެވެ. ދިންނަށް ވިސްނައިދެނީ، މައިންބަފައިން އެއީ އިސްލާމް ދީން ގަބޫލު ނުކުރާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ގާތް އަހުންނަކީ، ހަމައެކަނި ވަކި ފިކުރެއް ގަބޫލު ކުރާ މީހުންގެ ގޮތުގައި ބުނެދިން ކަމަށެވެ.

ހަރުކަށި ފިކުރުގެ މީހުން އާއްމު ގޮތެއްގައި ޓާގެޓުކޮށްފައި ވަނީ ރަށުގެ 14 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނެވެ.

ތިމަރަފުށީގައި ކުދިން މައިންބަފައިނާއި ވަކިވެ، އެއީ ގަތުލު ކުރަންޖެހޭ ބައެއްގެ ގޮތުގައި ދެކެން ފެށި: ފުލުހުން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ހައްޔަރު ކުރި އެންމެން ވެސް ގުޅެނީ ހަރުކަށި ފިކުރާއިކަމަށްވާއިރު، މި މީހުންނަކީ މިއީ މީގެ ކުރިން ވެސް މިފަދަ ހަމަލާތަކުގައި ބައިވެރިވިކަމުގެ ތުހުމަތަށް ހައްޔަރު ކުރި މީހުންނެވެ. ނަމަވެސް ދަތެއް ނެތް ސިންގާއެއް ހެން އޮތް ގާނޫނެއްގެ ސަބަބުން އެ އެންމެން ވެސް ކޮންމެވެސް އެއް މަރުހަލާއެއްގެ ތެރެއިން ދޫވީ އެވެ.

އައިއީޑީއެއް ގޮއްވާލި މައްސަލައިގައި ދައުވާތަކެއް އުފުލާފައިވާ އަބްދުﷲ އަލިމަނިކަކީ ވެސް ހަމަ އެފަދަ މީހެކެވެ. އަލިމަނިކަކީ 2007 ގައި އއ. ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުމަށްފަހު ދައުލަތުން ދައުވާކުރި 18 މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ މައްޗަށް ކޯޓުން އިއްވީ 10 އަހަރުގެ ހުކުމެކެވެ. އެހެން ނަމަވެސް އޭނާގެ ހުކުމުގެ ދުވަސްތަކެއް ބާކީ އޮއްވައި، މައާފު ދީ މިނިވަން ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. ކޯޓުގައި މައްސަލަ ކުރިޔަށްދާ އަލިމަނިކުގެ ދިފާއަކީ ވެސް މިއީ އެވެ. ދައުލަތުން އޭނާއަށް ދިން މައާފެވެ.

މޭއި ހައެއްގެ ހަމަލާއަށް، އަލިމަނިކު: ކުރީގެ ހުކުމަށް މައާފު ދިނީ މި ދައުލަތުން!

އަލި މަނިކު ޝަރީއަތުގެ އަޑުއެހުމުގައި ބުނީ، އިއްވި 10 އަހަރުގެ ހުކުމަށް ރައީސް ސޯލިހު އޭނާއަށް މައާފު ދެއްވީ ނުރަކަލެއް ނެތުމުން ކަމަށެވެ. އޭނާ ވަނީ ހަމަލާއެއްގެ އެއްވެސް ޝައްކެއް ކުރެވޭނަމަ ނުވަތަ އެފަދަ އަމަލެއް ހިންގަފާނެކަމުގެ ތުހުމަތެއް އޮތްނަމަ މައާފު ނުދިނީސް ކަމަށެވެ. މީގެއިން ވެސް އެނގެނީ ހަރުކަށި ފިކުރު ފަތުރާ ނުވަތަ ޓެރަރިޒަމްގެ ކުށްތަކުގައި ހައްޔަރުކޮށް ހުކުމް ކުރާ މީހާ ޖަލުން ދޫކޮށްލާއިރު އޭނާގެ އެއްވެސް އެސެސްމެންޓެއް ނަހަދާކަމެވެ. އެފަދަ ދެވަނަ ހަމަލާއެއް ނުދޭނެކަމުގެ ޔަގީންކަން ދައުލަތަށް ނެތުމެވެ.

ޖަލުގެ ތެރޭގައި ނުފޫޒު ގަދަ މީހުން ތިބިއިރު، ހަރުކަށި ފިކުރު ވެސް ފެތުރުމުގައި!

ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބޭކަމާއި، އެ މީހުންގެ ސެލްތައް ބޮޑު ކުރުމުގެ މަސައްކަތް ކުރާކަން ސަރުކާރަށް އެނގެ އެވެ. އެކަން ހުއްޓުވުމަށް މީގެ ކުރިން ކުރެވުނު މާބޮޑު މަސައްކަތެއް ނެތުމުގެ ނަތީޖާއަކީ، ޖަލުގެ ތެރޭގައި ތިބޭ އެފަދަ މީހުންގެ އަދަދު ގިނަ ވުމެވެ. މި މީހުންނަކީ ޖަލު އޮފިސަރުންނަށް ވުރެ ވެސް ބާރުގަދަ، ބައެކެވެ.

ރަނގަޅަށް އިންތިޒާމު ކުރެވިފައިވާ ރިހެބިލިޓޭޝަން ޕްރޮގާރްމެއްގެ މުހިންމުކަން ފާހަގަ ކުރައްވައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޖަލުތަކަކީ އެންމެ ބޮޑަށް ހަރުކަށި ފިކުރު ފަތުރާ، “ޖަރީމާތައް” ހިންގާތަން ކަމަށެވެ. އެސެސްމެންޓުތަކަށް ފާހަގަ ކުރެވުނު މީހުންތަކުގެ ރެހިބިލިޓޭޝަން 2022 ވަނަ އަހަރު ފެށޭނެ އެވެ.

ޖަލުގެ ތެރޭގައި ނުފޫޒު ގަދަ މީހުން ތިބިއިރު، ހަރުކަށި ފިކުރު ވެސް ފެތުރުމުގައި!

 

ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ޖެހުނު ވަގުތު އެ ގާނޫނު ވީ، ބޭނުން ކުރެވެން ނެތް ގާނޫނަކަށެވެ. އެހެންވެ އާ ބަދަލުތަކަކާއި އެކު ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ގަނެ އެވެ. މިހާރު ގެނައި އިސްލާހުތަކުގައި ވާ ގޮތުން ސަރުކާރުގެ ފަރާތުން ފޮނުވި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމެވެ. އަދި ބިލްުފާސް ކުރީ 51 މެންބަރުންގެ ވޯޓާއެކު އެވެ.

ގާނުނުގައި ފާހަގަ ކުރެވޭ މުހިންމު ބައެއް ކަންތަކުގެ ތެރޭގައި ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތަށް ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމަށް ފަހު، ކޯޓަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބޭތިއްބޭ ގޮތަށް ގާނޫނުގެ 22 ވަނަ މާއްދާއަށް ގެނައި އިސްލާހު ފާހަގަ ކުރެ އެވެ.

ގާނޫނުތައް މާނަ ކުރަން ޖެހޭ، އަވަސް އަރުވާލުން ރަނގަޅެއް ނޫން: ޕީޖީ

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދާން އުޅޭ މީހުން ވެސް 48 ގަޑިއިރަށް ބަންދުކުރުމުގެ ބާރު ގާނޫނުގެ ދަށުން ލިބިގެން ވެ އެވެ. އަދި ރާއްޖެއިން ބޭރުގައި ހިންގާ ދާހިލީ، ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ނުވަތަ އެފަދަ ސަރަހައްދަކުން އަނބުރާ ރާއްޖެއަށް އަންނަ މީހުންގެ މައްޗަށް ހިންގަން ޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގެ ބައިތައް ގާނުނުގައި ހިމަނާފައި ވެއެވެ. އެގޮތުން ރާއްޖެއިން ބޭރަށް ގޮސް ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި މެދު އަމަލު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި އެފަދަ މީހުންގެ ކިބައިން މުޖުތަމައު ރައްކައުތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގާނޫނުން ލާޒިމް ކުރެ އެވެ. އެއި އެ މީހުންނަށް ދޭން ޖެހޭ ރިހިބިލިޓޭޝަން ޕްރޮގްރާމް ދީގެންނެވެ.

ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

ކޮންމެއަކަސް 2021 ވަނަ އަހަރު ވެގެން ދިޔައީ، ވަރަށް ގިނަ ކަންކަމާއި ގުޅުވައި ހަރުކަށި ފިކުރުގެ ވާހަކަތައް ދެކެވިގެން ދިޔަ އަހަރަކަށެވެ. ސްކޫލުތަކުގައި އާއި ޔުނިވާސިޓީތަކުގައި ދަރިވަރުން ހަރުކަށި ފިކުރުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރެވުމާއި އެކު އަމާޒުވީ ފާޑުކިއުންތައް ވަރަށް ގިނަ އެވެ. ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި އެމްޑީޕީ ގައުމީ މަޖިލީހުން އެކުލަވާލި “މޭއި ހައެއް ކޮމިޓީ” އިން ދައުލަތުގެ އެކި ވުޒާރާތަކާއި ބައްދަލުކޮށް މަޝްވަރާ ކުރި ވާހަކަތައް ހިއްސާ ކުރިއިރު އޭގެ ތެރޭގައި ސްކޫލުތަކުގައި ބައެއް އިސްލާމް، ގުރުއާން ޓީޗަރުންގެ ފަރާތުން އެފަދަ އަމަލުތައް ފެންނަ ކަމުގތެ ތުހުމަތު ކުރި އެވެ.

29 އޯގަސްޓް 2021 ގައި ބޭއްވި ބައްދަލުވުމުގައި، ކޮމެޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ކިޔަވާ ކުދިން މެދުގައި ހަރުކަށި ފިކުރު ފެތުރިފައިވާ ވަރާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެކު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މިފަދަ ކަންކަން ވުން ހުއްޓުވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މިހާރުވެސް ސުކޫޫލުތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން ތިބޭކަމަށާއި އެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކޮށްފައިވާކަމަށް އަފީފް ވިދާޅުވިއެވެ.

އޭގެ ފަހުން 1 ޖުލައި 2021 ގައި ބޭއްވި ކޮމިޓީއެއްގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކިޔަވަމުންދާ ދަރިވަރުން ހަރުކަށި ފިކުރަށް ތާއީދު ކުރާކަން ފާހަގަ ކުރެވޭކަމަށް އަފީފް ވިދާޅުވި އެވެ. އަފީފް ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ބައެއް ދަރިވަރުންތައް މިހާރަކަށް އައިސް ހަރުކަށި ފިކުރަށް ތާއިދު ކުރާކަމަށް ފާހަގަވާތީ އެކަން އެޗްއާރުސީއެމަށް ހުށަހެޅި ކަމަށެވެ. އެހެންވެ އެ ސަބަބާއި ހުރެ ކޮމިޝަނަށް އެޅިދާނެ ފިޔަވަޅުތަކާއި މެދު ސުވާލު ކުރުމުން، އެ މަސައްކަތަކީ ކަމާއި ބެހޭ އެހެން މުވައްސަސާތަކާއި ބެހޭ ގުޅިގެން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ކޮމިޝަނުން ބުނި ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ހަރުކަށި ފިކުރަށް ތާއީދު ކުރާކަމުގެ ތުހުމަތު!

މި މައްސަލައިގައި އެޑިއުކޭޝަނުން، އަފީފް ދެއްކެވި ވާހަކަތަކަށް ދެކޮޅު ހެއްދެވި އެވެ. އަދި ގައުމީ ޔުނިވާސިޓީން ވެސް ވަނީ ޒުވާން ދަރިވަރުންތަކަކާއި ގުޅޭގޮތުން ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކަވާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިސްލާމް ކިޔަވައިދޭން ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ނެތް: އެޑިއުކޭޝަން

ހަރުކަށި ފިކުރުގެ މޫތައް ހުރި މިންވަރާއި ގުޅޭގޮތުން ވާހަކަ ދެކެވުނު އިރު، އޭގެ ފަހަތުން އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، އިހާނެތި ބަސްތައް ބުނުމުގެ ވެސް މައްސަލަތަކެއް ފެންމަތިވި އެވެ. އަހަރު ނިމިގެން ދިޔައީ، ކުރެވުނު ބަހުސްތަކުގެ ތެރެއިން “ނަފްރަތުގެ ބިލު” ގެ ނަމުގައި މަޝްހޫރުވި ބިލު ފާސް ކުރީ ބޮޑެތި ބަދަލުތަކާއި އެކު އެވެ. މުސްލިމަކު ކާފަރުކުރުން ކުށަކަށް ހަދަން ހުށަހެޅި ނަފްރަތުގެ ބިލާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން، ސަރުކާރުން ހުށަހަޅައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ސްޕޮންސާރ ކުރި ބިލު އެއްކޮށްލައި މަޖިލީހުގެ ތަޅުމުން ފާސް ކުރީ 16 ނޮވެމްބަރު 2021 ގަ އެވެ.

ބިލު ހުށަހެޅި އިރު އޭގައި އޮތީ މިއީ ދީނީ އެއްބައިވަންތަކަން ދަމަހައްޓައި، ނަފްރަތު އުފެދޭ ވާހަކަތައް ހުއްޓުމުގެ މަގްސަދުގައި ހުށަހަޅާ އިސްލާހެއްގެ ގޮތުގަ އެވެ. މި ބިލުގައި ވަނީ، މީހުންނާއި މެދު ނަފްރަތުގެ ބަސްތައް ބޭނުން ކުރުން ހުއްޓުވުމަކަށް ގެނައުމަށެވެ. އިސްލާހުގައި، އާންމު ތަނެއްގައި ވަކި މީހަކީ އެއީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ބުނެ ވާހަކަ ދެއްކުމާއި، އޭނާގެ އިސްލާމީ އަގީދާއާ ގުޅުވައި ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމެއްގެ ގިތުގައި ހުރި މީހަކު، ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި އެފަދަ އަމަލެއްގައި ބައިވެރިވުމަކީ ކުށެކެެވެ.

މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ތައްޔާރުވެފައިވަނިކޮށް، ބިލަށް އިތުރު އިސްލާހުތަކެއް ހުށަހެޅީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އެވެ. ބިލުގެ އަސްލު އޮޅި، މަޖިލީހުގެ އެމްޑީޕީގެ އެތައް މެމްބަރުންގެ ކަންބޮޑުވުން މަޖިލީހުގައި އެ ދުވަހު އިއްވި އެވެ. ކޮމިޓީއަށް އަލުން ބިލު ފޮނުވުމަށް ނިންމުމަާއި އެކު، ޔައުގޫބް އޭނާ ހުށަހެޅި އިސްލާހުތައް އަލުން އަނބުރާ ގެންދެވި އެވެ. އެކަމަށް އެމްޑީޕީގެ ފާޑުކިއުން އަމާޒުވި އެވެ.

ނަފްރަތު އުފެއްދުން ކުށަކަށް ހަދާ ބިލަށް ޔައުގޫބް އިސްލާހު ހުށަހެޅީ އަދާލަތުގެ ނުފޫޒުން: އިންތި

ބިލު ހުށަހެޅި ދުވަސްވަރު ގިނަ ބައެއްގެ ފާޑުކިޔުން އެންމެ ބޮޑު އަމާޒުވީ ބިލު ފަރުމާކޮށްފައިވާ ގޮތުން އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ގިނަވުމާއި، އަދި އެފަދަ މީހުންނަށް ހިމާޔަތް ލިބޭނެކަމަށް ބުނެ އެވެ.

ހިސާންގެ ރައްދު: މިއީ ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދޭ ހިމާޔަތެއް ނޫން، އޮޅުވާލަން ނޫޅޭ!

އެ ބިލު އަލުން ކޮމިޓީން އިސްލާހު ކުރިއިރު، ފުރިހަމަ މުސްލިމަކާ ދިމާލަށް ކާފަަރަކަށް ގޮވުން ކުށަކަށްވާ ގޮތާއި ވަކި މީހަކީ އިސްލާމް ދީނާ ދެކޮޅު ނުވަތަ އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ބުނުން ނުވަތަ ސިފަކުރުން ކުށަކަށް ވާނެ ގޮތް ތަފްސީލުކޮށްފައި ވެއެވެ.

ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭއިރު، ހޯމް މިނިސްޓްރީ އާއި ފުލުހުން ވެސް ބުނާ ގޮތުން ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ އަދި މީހަކަށް ގެއްލުމެއް ދޭން ފަސް ނުޖޭހެނެ ގިނަ އަދަދެއްގެ ބަޔަކު އެބަތިއްބެވެ. މިއީ މިދިޔަ އަހަރު މީޑިއާތަކުން ކަވަރު ކުރި، އަދި އިދިކޮޅުން އެންމެ ފާޑުކިއުން އަމާޒުކޮށް އެންމެ ހޫނުވި އެއް މައްސަލަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: