ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދާއި މެދު ނަފްރަތު އުފައްދާތީ އެމްޑީޕީގެ ކަންބޮޑުވުން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަގްސަދުތަކެއް ހާސިލު ކުރުމުގެ ބޭނުމުގައި، ދީނުގެ ނަން ބޭނުންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް ނުރައްކަލުގެ ތެރެއަށް ވައްޓާނުލުމަށް ޕާޓީގެ މެމްބަރުން ގޮވާލައިފި އެވެ.

ޣައިރު ދީންތަކުގެ ޝިއާރުތަކާއި، އެ ދީންތަކުގެ ސިފަތައް އެއީ ބަލައިގަންނަން ޖެހޭ ސިފަތަކެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވަމުން ގެންދާކަމަށް ބުނެ ފުލުހަށް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް އެ ސިޓީ ފުލުހަށް ހުށަހެޅީ، “ރައްޔިތުންގެ އިއްތިހާދު” ގެ ނަމުގައި ހަރަކާތްތެރިވާ އިލްމުވެރިންތަކެކެވެ.

ސިޓީގައި ހިމަނާފައިވާ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ބުނިކަމަށް، ރާއްޖޭގެ މީޑިއާއަކުން ޝާއިއުކޮށްފައިވާ ހަބަރަކަށް ރައްދު ދީ އެމްޑީޕީގެ ލީޑާޝިޕާއި، ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން އަދި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ސިޔާސީ ފައިދާއެއް ހޯދުމަށް ވެސް ބޭނުން ކުރަން އޮތީ ރައީސް ނަޝީދުގެ ނަންކަމަށް ދެކުނަސް އެހެން ދީންތަށް ފަތުރާކަމަށް ބުނެ ރައީސް ނަޝީދާ ދިމާ ކުރުމަކީ ލަދުވެތި، ފިނޑި އަމަލެއް ކަމަށެވެ. އަދި މިއީ ފިތުނަވެރިކަމަށް ހިންގާ ނާތަހުޒީބު އަމަލެއްކަމަށް ޝިފާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، މެއި ހައެއްގައި ރައީސް ނަޝީދު ނަޝީދު އަވަހާރަކޮށްލުމުގެ ބޭނުމުގައި ބަޔަކު ދިން ދިން ބޮމުގެ ހަމަލާއަކީ އެމަނިކުފާނާއި މެދު ރުޅިވެރިކަން އުފައްދަން ބޭނުން ކުރި އެޖެންޑާއެއްގެ ނަތީޖާ ކަމަށެވެ. އެ މީހުންގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިޔަށްދާކަމަށާއި، ސިޔާސީ ބޭނުމަށް ރައީސް ނަޝީދު ދެވަނަ ފަހަރަށް އެފަދަ ނުރައްކަލެއްގެ ތެރެއަށް ވައްޓާނުލުމަށް ހަސަން ލަތީފް ގޮވާލެއްވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ، މި މައްސަލައިން ވެސް އެނގެނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލުމުން އެކަން ކާމިޔާބު ނުވުމުން އަދިވެސް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދަނީ ކޮންމެވެސް އެއް މަގަމުން އެމަނިކުފާނުގެ “ދުވަސް ދުއްވާލުމަށް” ކަމަށެވެ. ރައީސް ނަޝީދާއި މެދު ފިތުނަ އުފައްދައި، އަނިޔާވެރިކަމަށް ހިއްވަރުދީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޭނުންވާ މީހުން ތިލަވާނީ މިފަދަ ގޮތަކަށްކަމަށް ވައްޑޭ ވިދާޅުވި އެވެ.

މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ، އިންސާނަކަށް ނުކުރާ ވަރުގެ އަނިތާތައް ރައީސް ނަޝީދަށް ދިވެހީންގެ ތެރެއިން ބަޔަކު އަޑިގައި ތިބެ ހުއްޓުމެއް ނެތި ދެމުން ގެންދާ ކަމަށެވެ. ބޮމުގެ ހަމަލާއިން ސަލާމަތްވުމުން އަނެއްކާވެސް، ހަތިޔާރު ނަގައިފިކަމަށް ސިފާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް، “ލާދީނީ” ބަސް ބޭނުން ކުރާތީ އެމްޑީޕީގެ މެމްބަރުން އެކަމުގެ ކަންބޮޑުވުންތައް އަބަދުވެސް ހިއްސާ ކުރެ އެވެ. މިދިޔަ އަހަރު އެމަނިކުފާނަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއިން ކިރިޔާ ފުރާނަ ސަލާމަތްވީއިރު، ލިބުނު ސީރިއަސް ޒަހަމްތަކަށް ބޭރުގައި ފަރުވާ ހޯއްދެވުމަށް ގާތްގަނޑަކަށް ފަސް މަސް ހޭދަ ކުރެއްވި އެވެ.

އެ ދުވަސް ވަރު އެމްޑީޕީން ވަނީ، ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް އިސްލާހެއް ވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. ފުޅާ ދާއިރާއެއްގައި އެ ބިލަށް ބަހުސް ކުރިއިރު އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވީ، މިއީ ރައީސް ނަޝީދާއި މެދު ނަފްރަތު އުފެއްދުމުގެ ނަތީޖާކަމަށާއި، ވަކި މީހަކަށް އަމާޒުކޮށް އެއީ ލާދީނީ މީހެއްގެ ގޮތުގައި ބުނެ ލޭ ހުއްދަ ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. މީގެ ކުރިން ވެސް އަނިޔާވެރި ގޮތަކަށް މީހުން މަރާލާފައި ވަނީ، އެފަދަ ގޮތަކަށް އެ މީހުންނާއި މެދު ނަފްރަތު އުފައްދައިކަން އެމްޑީޕީގެ މެމްބަރުން ފާހަގަ ކުރި އެވެ.

ހަމަލާއަށް ފަހު ފުލުހުން މީޑީއާތަކަށް ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި، ރައީސް ނަޝީދަށް ހަމަލާ ދިނުމަށް މީގެ ކުރިން ވެސް އެކި ފަހަރު މަތީން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި އެމަނިކުފާނު ފަތިސް ގަޑީ ދުވަން ނިކުންނަ ވަގުތުތަކުގައި އާއި، އަނބިކަބަލުން މެޑަމް ލައިލާ އަލީގެ ގެކޮޅު ޔާގޫތުގެ ކައިރީ ވެސް އެއްޗެއް ގޮއްވާލުމަށް މަސައްކަތް ކުރިކަމަށް ބުންޏެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުން، ބޮމެއް ގޮއްވާލުމުގެ މަސައްކަތް ފެށީ ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ ބޭފުޅެއްކަމަށް ބުނެ، ލޭ ހުއްދަވާނެކަމަށް ދެކިގެންނެވެ. ފުލުހުން ބުނީ އެ އެންމެންގެ ހިތްތަކުގައި ވެސް ރައީސް ނަޝީދާއި މެދު ވަނީ ނުބައި ރުޅިވެރިކަމެއް ކަމަށެވެ.

ރައްޔިތުންގެ އިއްތިހާދު ހިންގުމުގައި އިސްކޮށް އުޅުއްވަނީ، މައްޗަން ގޯޅި މެދު ދާއިރާއަށް ރައީސް ނަޝީދާއި އެކު ވާދަކުރި އިބްރާހިމް މުހައްމަދެވެ. އެ ޖަމިއްޔާއާއި އެކު ސަލަފް ވެސް މަސައްކަތް ކުރެ އެވެ.

އެމްޑީޕީގެ މެމްބަރުންގެ ކަންބޮޑުވުންފާޅު ކުރުމުން އިބްރާހިމް ޓްވީޓެއްކޮށް ވިދާޅުވީ، ވަކި މީހެއް ކިތަންމެ ގިނައިން ގާނޫނާއި ގަވައިދުތަކާއި ހިލާފުވުމުން ވެސ އެ މީހަކަށް އަދުބު ނުދެވޭނެކަމަށް ބުނާ ބަޔަކަށް އަދުލު އިންސާފާއި ހަމަހަމަކަން ފޯރުކޮށްދޭ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ ކަމަށެވެ. އަދި ކުށެއް ކުރުމުން އެ ވާހަކަ ދައްކާ މީހާ ގޯސްކުރާކަމަށް ބުނެ، އެމްޑީޕީއަށް ފާޑުވިދާޅުވި އެވެ.

ރައީސް ނަޝީދާއި ގުޅޭގޮތުން އިއްތިހާދުން ހުށަހެޅީ، ނަޞާރާއިން އާ އަހަރާއި ދިމާކޮށް ފާހަގަކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ވިދާޅުވެ 2020 ގައި ޓްވީޓު ކުރިކަމަަށް ބުނެ ހުށަހެޅި މައްސަލައެކެވެ. މިއީ އެ އަހަރުގެ ޑިސެމްބަރު 25 ގައި އެމަނިކުފާނު ކުރެއްވި ޓްވީޓެކެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގައި ހުންނަވައި ކްރިސްމަސް ފާހަގަކުރާ ޕާޓީއަކަށް ދިޔަކަމަށް ބުނާ މައްސަލައެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: