ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ކޮންޓްރޯލްވުމަށްފަހު އަނެއްކާވެސް ބޮޑު ރާޅަކާއި ދިމާލަށް، އެޗްޕީއޭގެ ފަރުވާލެއް ނެތް!

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާއާއި ރައީސް ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްވެފައި އޮތުމަށްފަހު އަނެއްކާވެސް ކޮވިޑްގެ ހާލަތު ގޯސްވާން އުޅޭކަމުގެ އިންޒާރުތައް މިވަނީ ލިބެން ފަށާފައެވެ.

ކޮވިޑް 19ގެ ބޮޑު ރާޅެއް ހުސްވި އަހަރުގެ މެދުތެރޭގައި ރާއްޖެއަށް އައުމާއެކު އޭރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރިއެވެ. ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 1000އިން މައްޗަށް އަރައިގެން ދިޔުމާއެކު ދެވަނަ ފަހަރަށް މާލެ ލޮކްޑައުންވެސް ކުރިއެވެ.

މިއަހަރު ފެށުނުފަހުން ކޮވިޑްގެ ކޭސްތައް ފެންނަމުން އަންނަ މިންވަރު ނިސްބަތުން ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ހުސްވި އަަހަރު ނިމެންދިޔައިރު 100އެއްހާ ކޭސް ދުވާލެއްގެ މައްޗަށް ފެންނަމުންދިޔައިރު އަހަރު ފެށެން ދިޔައިރު ޖުމްލަ އަދަދު 160 ވަނީ އަރާފައެވެ. އެއަށްފަހު މިޖެނުއަރީގެ ތިންވަަނަ ދުވަހުން ފެށިގެން ޕޮޒިޓިވްވާ މީހުންގެ ޖުމްލަ އަދަދު 200އަށް ވަނީ އަރާފައެވެ. މިމަހުގެ ތިންވަނަ ދުވަހު ޖުމްލަ 242 ކޭސް ވަނީ ފެނިފައެވެ.

އަހަރު ފެށިގެން އައިއިރުވެސް މާލޭގެ ހާލަތު އޮތީ ކޮންމެވެސް ވަރަކަށް އާންމު ހާލަތުގައެވެ. އޭރު ގިނަ ބަޔަކު ޕޮޒިޓިވްވަމުންދިޔައީ އަތޮޅުތަކުންނެވެ. މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ފަންސާހަށްވެސް އޭރު ނާރައެވެ. އެހެންނަމަވެސް މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކުއްލިއަކަށް މައްޗަށް ޖެހިލައި، މާލެއިން އެދުވަހު 97 މީހުން ޕޮޒިޓިވްވެފައިވާކަން ހާމަކުރިއެވެ. އެދުވަހު އަތޮޅުތަކުން ޕޮޒިޓީވީ 78 މީހުންނެވެ. އެއީ މިފަހުން އަތޮޅުތަކުން އައި ޕޮޒިޓިވް ކޭސްތަކަށްވުރެ މާލެއިން ފެނުނު ޕޮޒިޓިވް ކޭސްތައް ގިނަވި ފުރަތަމަ ދުވަހެވެ.

އޭގެ ފަހުން އަދަދުތައް ގިނަވަމުން އައިސް މިހާރު ޕޮޒިޓިވްވާ އަދަދު މިވަނީ 300އިން މައްޗަށް އަރާފައެވެ. މާލެއިން ޕޮޒިޓިވްވާ މީހުންގެ އަަދަދުވެސް 100އިން މައްޗަށް މިހާރު ވަނީ އަރާފައެވެ. މިމަހުގެ ފަސްވަނަ ދުވަހު އަނެއްކާވެސް މާލެއިން 100 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނުނެވެ. އެއަށްފަހު މިމަހުގެ ހަވަނަ ދުވަހު އެއަށްވުރެ އަދަދުތައް ގިނަވެ މާލެއިން 136 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. ހަވަނަ ދުވަހުގެރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުމްލަ 304 ކޭސް ވަނީ ފެނިފައެވެ.

މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް ގިނަވާން ފެށުމަކީ އިންޒާރުގެ ރަނގަބީލެކެވެ. ޚާއްސަކޮށް އާ ވޭރިއަންޓްކަމަށްވާ އޮމިކްރޮން ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ދަނޑިވަޅެއްގައި މިފަދައިން ކަންކަންވުމަކީ ގިނަ ބަޔަކު އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމެކެވެ. ރައީސް ސޯލިހުވެސް ވަނީ ކުރިއަށް އޮތް ތިން ހަފްތާތެރޭ ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރުވާނެކަމަށް ޓެގް ޓީމުން ލަފާކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

ޚާއްސަކޮށް ފާއިތުވި ދުވަސްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި މީހުން އެއްވެގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާއިރު މިހާރުވެސް އެފަދަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ނައިޓް މާކެޓާއި، އައު އަހަރުގެ މިޔުޒިކް ޝޯވް ފަދަ ކިތަންމެ ކަމެއް ފާހަގަކުރެވެއެވެ.

ހުޅުމާލޭގައި ދެ ނައިޓް މާކެޓެއް ނިންމާލާފައިވާއިރު، މާލޭގައި އެއް ނައިޓް މާކެޓް ބޭއްވުމަށްފަހު މިވަގުތު ދެވަނަ ނައިޓް މާކެޓެއް ފެށިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ. ކޮވިޑްގެ ހާލަތު ގޯސްވަމުންދާކަމަށް ބުނެ އެޗްޕީއޭއިން ވަނީ މިހާރު މާލޭގައި ކުރިއަށްގެންދާ ނައިޓް މާކެޓް ހުއްޓާލުމަށް އަންގާފައެވެ. އެހެންނަމަވެސް އޭގެ އިރުކޮޅެއް ފަހުން، ގިނަބަޔަަކު ބޮޑު ހަރަދުތަކެއް ކޮށްގެން ކުރާ ކަމަކަށްވާތީ އެކަމަށް އެދުމުން އަލުން ނައިޓް މާކެޓް ކުރިއަށްގެންދިޔުމުގެ ހުއްދަ ވަނީ އެޗްޕީއޭއިން ދީފައެވެ.

މިއާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އެޗްޕީއޭއަށް އަންނަނީ އަމާޒުވަމުންނެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ސަރުކާރުންނާއި އެޗްޕީއޭއިން ގެންގުޅުނު ދޯހަޅި އުސޫލުތައް އަލުން ތަކުރާރުނުކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ކައުންސިލް އިންތިހާބާއި ދިމާކޮށް ދޫކުރި ޚާއްސަ ހުއްދައިގެ ސަބަބުން ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ދިޔަކަން ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

މިދުވަސްކޮޅަކީ ސްކޫލް ބަންދު ދުވަސްވަރަކަށް ވީނަމަވެސް ކުރިއަށް އޮތީ ސްކޫލް ހުޅުވެން އޮތް ދުވަސްތަކެވެ. ވަކިބައެއްގެ މަންފާއަށްޓަކައި ކުރާ ކަމެއްގެ ސަބަބުން  އަނެއްކާވެސް ކޮވިޑްގެ ރާޅެއް އައިސް ސްކޫލްތަކަށް ކިޔަވަން ނުދެވުމަކީ ސްކޫލްތަކާއި ބެލެނިވެރިން އަދި ދަރިވަރުންވެސް ބޭނުންވާނެ ގޮތެއް ނޫނެވެ.

ނައިޓް މާކެޓް ކުރިއަށްގެންދިޔުމަށް ހުއްދަ ދިނުމަށްފަހު މިސްކިތަތްކަށް ދާއިރު ސަމާލުވުމަށް އަންގައި ބަޔާނެއް އާންމުކުރުމުން އެކަން ބަލައިގަންނަން އާންމުންނަށް އަނެއްކަވެސް ފަސޭހައެއް ނުވިއެވެ. އެހެން ހުރިހާ ކަމެއްގައި ގެންގުޅޭ ދޯހަޅި އުސޫލުތަކުގެ ސަބަބުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލައި މިސްކިތްތައް ބަންދުކުރާނެ ދުވަހެއް އަލުން އައުމަށް ދިވެހިން ބޭނުމެއްނުވެއެވެ.

އެހެންކަމުން އަލުން އަނެއްކާވެސް އެދޯހަޅި އުސޫލުތަކަށް އަމަލުުކުރުން ދޫކޮށްލައި މިވަގުތުވެސް ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އަންނަނީ އާންމުން ގޮވާލަމުންނެވެ. ހަމައެކަނި މާސްކް އަޅާތޯ ބެލުމުން ފުއްދާނުލައި، ހަރުދަނާ ރަނގަޅު އުސޫލުތަކަކާއި ނިންމުންތަކެއް މިވަގުތަށް ބޭނުންވެއެވެ. އަލުން ފުރަބަންދުވުމަކީ ދިވެހިން ބޭނުންވާ ކަމެއް ނޫނެވެ!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: