ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީތަކުގެ އަމިއްލަ އުސޫލެއް: މާލެ ހުޅުމާލެ ދަތުރުތައް ނޫނީ ނުނަގާ!

ޓެކްސީތަކުން މާލެ ތެރޭގެ ދަތުރުތައް އެއްވެސް ވަރަކަށް ނުނަގާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީތަކުން އަމަލުކުރަންޖެހޭ ވަކި އުސޫލެއް ނޯވެއެވެ. އުސޫލެއް އޮތަސް އެއީ ޑްރައިވަރުން މާބޮޑަށް އަޅާލުން ބަހައްޓާ ކަމަކަށް ނުވެއެވެ. ޓެކްސީތަކާއި ޑްރައިވަރުންނާއި ގުޅުންހުރި ކަމެއްގައި އުސޫލެއް ހެދުމަކީ، އެކަން ކުރުން އުޅުމަކީ ސަރުކާރަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށް އަބަދުވެސް އޮންނަ ގޮންޖެހުމެކެވެ. ޑްރައިވަރުންގެ ހިތް ރުއްސުމަކީ އެއިރެއްގައި އޮންނަ ސަރުކާރަަކަށް މަޖުބޫރުވާ ކަމަކަށް ވާހެން ހީވެއެވެ. އެހެންނަމަވެސް މިބުނި ފަދަ އެއްވެސް އުސޫލަކީ ޑްރައިވަރުން ބޭނުންވާ ކަމެއް ނޫނެވެ. އެފަދަ އުސޫލެއް ހެދިޔަސް އެއަށް އަމަލުނުކުރަން އެހާ ފޫހާކައެވެ. އެއީ ވަކި ދައުލަތެއްހެން ހީވާ ފަހަރު އާދެއެވެ.

ބްރިޖާއެކު ހުޅުމާލޭގެ ފޭސް އެކަކަށް އަދި ހުޅުލެއަށް ދަތުރުތައް ފެށުމުން ދިމާވީވެސް މިފަދަ ކަންކަމެވެ. އެކި ޓެކްސީތަކުން އެކި އަގު ނަގައި އެކަން ރައްޔިތުންނަށް ތަކުލީފަކަށް ވިއެވެ. އެކަށީގެންނުވާ ބޮޑެތި އަދަދުތައް އަމިއްލައިން ކަނޑައެޅި އެވެ. ސަރުކާރަށް އާންމުންގެ ފަރާތުން ކުރިމަތި ކުރިވި ފިއްތުންތަކާއެކު ހުޅުލެ އަދި ހުޅުމާލެގެ ފޭސް އެކަކަށް އޭރު ކުރަމުންދިޔަ އަގު ކޮންޓްރޯލް ކުރިއެވެ. އަގު ކޮންޓްރޯލްކުރުމަށް މަސައްކަތް ފެށި ހިސާބުންވެސް އެކަމާއި ދެކޮޅަށް އެތައް ވާހަކަތަކެއް ދެއްކިއެވެ.  ޓެކްސީ ހިދުމަތް ގަވައިދުން ހޯދާ މީހުންނަށް އެކަމުގެ ސަބަބުން އުފުލަން ޖެހިދާނެ ތަކްލީފަކާއިމެދު އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތެވެ.

މިއަދު މިއޮތީ އަނެއްކާވެސް އެފަދަ ހާލަތަކަށް ގޮސްފައެވެ. ފޭސް ދޭއްގައި މީހުން އާބާދުވާން ފެށުމާއެކު ހުޅުމާލެއަށް ކުރާ ދަތުރުތައް މިވަނީ ނިސްބަތުން ވަރަށް ބޮޑުތަން އިތުރުވެފައެވެ. މާލެއިން ހުޅުމާލޭގެ ފޭސް ދޭކަށް އޮންނަ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތަކީ އެއަށްވުރެ މާ ތަކްލީފު ބޮޑު ހިދުމަތެކެވެ. އެހެންކަމުން ވަރަށް ގިނަ ފަހަރަށް ފޭސް ދޭކަށް ދިޔުމަށް ކުރަންޖެހޭ ދަތުރުތަށް ޓެކްސީތަކުގައި ކުރަންޖެހެއެވެ.

މިއާއެކު އާންމުންނަށް މިކަންވެސް މިވީ އިތުރު ތަކްލީފަކަށެވެ. ޓެކްސީތަކުގެ އަމިއްލަ އުސޫލެއް ހަދައި، މާލެ ތެރެއިން އެއްވެސް ވަރަކަށް މިހާރު ޓެކްސީތަކުން ދަތުރުނުކޮށްދެއެވެ. 7 ޓެކްސީ ސެންޓަރާއި ބައެއް އެޕްލިކޭޝަންތައް މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ފޯރުކޮށްދެމުންދާއިރު އާންމު ޓެކްސީތަކުގެ އިތުރުން ޕްރައިވެޓް ކާރުތަކުންވެސް މިހާރު ޓެކްސީ ހިދުމަތްދެއެެވެ. އެހެންނަމަވެސް، މިއިން ކަމަކުން ތަނަކަށް ދާން ލަސްވެފައި ހުންނަ މީހާއަށް ނުވަތަ މާފަންނުން ހެންވެއިރަށް ދާން ބޭނުންވެފައި ހުންނަ މީހާއަށް ވާފައިދާއެއް ނެތެވެ. ހުޅުމާލޭގެ ދަތުރުތައް ކުރަން ފަށައި މިހާރު ދަތުރަކުން 75 ރުފިޔާ ނުވަތަ 85 ރުފިޔާއާއި 100 ރުފޔާ ލިބެން ފެށުމުން 25 ރުފިޔާއަށް ކޮށްދޭން ޖެހޭ ދަތުރުތައް ކޮށްދިނުން ޑްރައިވަރުންނަށް “ވޯތު” ނުވަނީއެވެ. 25 ރުފިޔާގެ ދަތުރުތައް ޑްރައިވަރުން ކުރާ ހިތް ނުވަނީއެވެ.

މާލެތެރެއިން އެއްވެސް ވަރަކަށް ދަތުރުތައް ނުނަގާކަމުގެ ޝަކުވާތައް ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. މިކަމަކީ ޚުދު އަމިއްލައަށްވެސް ތަޖުރިބާ ކުރެވިފައިވާ ކަންކަަމެވެ. ހުޅުމާލޭގައި ހުރެ މާލެއަށް ދިޔުމަށް، މާލޭގައި ހުރެ ހުޅުމާލެ ދިޔުމަށް ކޮންމެ ވަގުތަކު ޓެކްސީ ސެންޓަރަށް ގުޅިޔަސް، “އަވަސް ރައިޑް” ނުވަތަ އެ ނޫންވެސް އޮންލައިން އެޕްލިކޭޝަންއެއް މެދުވެރިކޮށް ދަތުރެއް ބުކް ކުރުމުން ޓެކްސީއެއް ނުލިބިގެން ދުވަހަކު ވެސް އުޅޭކަށް ނުޖެހެއެވެ. އެންމެ ހެނދުނު ވަގުތުކަމަށްވިޔަސް، މެންދުރު ނުވަތަ ހަވީރު އެންމެ ބާރު ބޮޑު ވަގުތުތަކުގައި ވެސް މާލެ އާއި ހުޅުމާލެއާއި ދެމެދު ކުރަންޖެހޭ ދަތުރަކަށް ޓެކްސީ ނުލިބިގެން އުޅެން މީގެ ކުރިން ނުޖެހެއެވެ. އެހެން ނަމަވެސް ހާލަކުން ފަހަރަކުވެސް މާލެ ތެރެއިން ދަތުރެއް ކުރަންވެއްޖެނަމަ، ޓެކްސީއެއް ލިބޭ ކަމަކަށް ނުވެއެވެ. ގަޑިއިރެއްހާއިރު ވާއިރު މަސައްކަތް ކުރާއިރުވެސް މާލެ ތެރޭގެ ދަތުރަކަށް ޓެކްސީއެއް މިހާރު ނުލިބިއެވެ. މިއީ އަމިއްލަ ތަޖުރިބާއެވެ.

މިއީ އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތެއްކަން ޓެކްސީ ޑްރައިވަރުން ހަނދާން ނުހުރެއެވެ. މިއީ ހަމައެކަނި ޑްރައިވަރުންގެ ޖީބަށް ވަންނަ އެއްޗަކަށް ބެލުމުގެ ބަދަލުގައި، އެމީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ގޮތުގައި އެކަނި ނުދެކި އާންމުންނަށް ދޭންޖެހޭ ހިދުމަތެއް ދިނުމަށް ކުރާ ކަމެއްގެ ގޮތުގައި މިކަން ކުރަން ޖެހެއެވެ. މިވަގުތު މާލެ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން ސައިކަލް ނުވަތަ އަމިއްލަ ކާރެއް ނުގެންގުޅޭ މީހަކުނަމަ އިހުތިޔާރުކުރަންޖެހެނީ ޓެކްސީގެ ހިދުމަތެވެ. މާލޭގެ އެތެރޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ނެތްއިރު ކޮންމެ ގޮތަކަށް ޑްރައިވަރުން ކަންތައް ކުރިކަމުގައިވިޔަސް މިވަގުތު އޮތް ހަމައެކަނި ގޮތަކީ ޓެކްސީއަކަށް އަތް ނަގަނަގައި ހުރުން ނުވަތަ ކެންސަލްވާ ކޮންމެ ފަހަރަކުވެސް ޓެކްސީއަކަށް ބުކްކުރަން ހުރުންކަން ޑްރައިވަރުންވެސް ދަނެއެވެ.

ޑްރައިވަރުން ވަކި އުސޫލަކަށް ފައްތާނެކަމަށް މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވިއެވެ. ޑްރައިވަރުން ވަކި ޔުނިފޯމެއް އަޅައި ޓެކްސީތައްވެސް ވަކި ކުލައެއްގައި ބެހެއްޓުމަށް ލާޒިމްކުރާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާލެ ތެރޭގައި މިނީބަސް ތައާރަފް ކުރާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށިތާ ތިން މަހަށްވުރެ ގިނަ ދުވަސްވީއިރު އަދިވެސް ދަތުރުތަކަށް ވަކި އަގެއް ކަނޑަނޭޅެއެވެ. ދަތުރުކުރަންޖެހެނީ ޑްރައިވަރުން އެފަހަރަކު ބުނާ އަގަކަށެވެ. މިފާހަގަކުރި ކަންތައްނުވެ މިހުންނަނީ، ޑްރައިވަރުންގެ ހިތް ރުއްސައިގެން ނޫނިއްޔާ ސަރުކާރަށް ނުވާތީއެވެ. މިއިން އެއްވެސް ކަމަކާއި ޑްރައިވަރުން ރުހި ގަބޫލުވާނެ ގޮތެއް ނެތެވެ.

މިފާހަގަކުރި ހުރިހާ ކަމަކީ ސަރުކާރަށް ބަލައި މޮނިޓަރ ކުރެވޭނެ ކަންތަކެއް ނޫނެވެ. މާލެތެރޭގެ ދަތުރުތައް ޓެކްސީ ޑްރައިވަރުން ނުނަގާނަމަ އެކަމުގައި ސަރުކާރަށް ވަކި ކުރެވޭނީ ކޮން ކަމެއްހެއްޔެވެ؟ އެއަށްވުރެ ފަސޭހައިން ބަލައި މޮނިޓަރ ކުރެވޭނެ ކަންކަންވެސް މިއުޅެނީ ސަރުކާރަށް ނުވެގެންނެވެ.

ބަޔަކަށް ފޯރުކޮށްދޭ ހިދުމަތަކީ ހަމައެކަނި އެކަމުން އެއްބަޔަކަށް ނުވަތަ ހަމައެކަނި ހިދުމަތްދޭ ބަޔަކަށް އެކަނި ފައިދާއަށް ކަންކަން ވާ ގޮތަށް އޮންނަ ކަމަަކަށް ވެގެން ނުވާނެއެވެ. އެހިދުމަތަކީ ހިދުމަތް ބޭނުންވާ މީހާއަށްވެސް ފަސޭހަކަމާއެކު، ބޭނުންވާ ގޮތަށް ލިބެންވާނެ ކަމެކެވެ. ދަތުރަކަށް އަތް ނެގުމުން، ކުޑަދޮރު ތިރިކޮށްލާފައި ދާ ތަނެއް ބެލުމަށްފަހު ނޫނީ ދަތުރު ނުނެގޭ ނުވަތަ ވަކި އަގެއްގެ ދަތުރުތައް އެކަނި ކުރެވޭ ބަޔަކަށް ޑްރައިވަރުން ވެގެން ނުވާނެއެވެ. އެހެންކަމަށްވާނަމަ، އެދެވެނީ ބަޔަކަށް ހިދުމަތެއް ނޫނެވެ. އެދެވެނީ ބަޔަކަށް އިތުރު ތަކްލީފެކެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 0%ވަރަށް ދެރަ 70%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: