ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ދޯހަޅި ސިޔާސަތުތަކުގެ ގެއްލުން އަނެއްކާވެސް ދަރިވަރުންނަށް؟

ކޮވިޑްގެ ހާލަތު ގޯށްވަމުން އަންނައިރު ބަންދަކަށްފަހު ސްކޫލް ހުޅުވުމަށް އޮތީ ކުޑަ ދުވަސްކޮޅެއް / ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވަމުންދާތީ އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ ބަޔާނެއް އާންމުކޮށް މިވަގުތު އެކި ހިސާބުތަކުގައި ތިބި ޓީޗަރުންނާއި ދަރިވަރުން އެނބުރި ރަށްތަކަށް ދިޔުމަށް ގޮވާލާފައެވެ. އަދި މިވަގުތު އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ އަންގާފައެވެ.

މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރެއް ނަމަވެސް، ކޮވިޑް ހާލަތު ގޯސްވަމުން މިދާ މިންވަރަށް ބެލުމަށްފަހު ސްކޫލްތައް ހުޅުވެންވާއިރަށް މިހާލަތު ރަނގަޅުވެދާނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި ހާލަތު ރަނގަޅު ނުވެއްޖެނަމަ ދެން ދަރިވަރުންނަށް އޮތް ގޮތަކީ އަނެއްކާވެސް އޮންލައިން ކްލާސްތައް ނެގުންތޯ އެއީ މިއަދު ގިނަބައެއްގެ ހިތުގައި އުފެދިފައި އޮތް ސުވާލެކެވެ.

އަހަރު ދުވަސްވަންދެން ދަރިވަރުން ސްކޫލަށް ނުފޮނުވާ ގެތަކުގައި ބައިތިއްބައިގެން އޮންލައިންކޮށް ކިޔަވައިދިނުމުގެ ސަބަބުން ގިނަ ގެއްލުންތަކެއް އެކަމުގެ ސަބަބުން ދަރިވަރުންނަށް ވަނީ ކޮށްފައެވެ. އޮންލައިންކޮށް ކިޔަވާދިނުމުގެ ސަބަބުން، ދަރިވަރުންނަށް އެތައް ގޮތަކުން ދަތިތައް ކުރިމަތިވިއިރު އެކަމުގެ ސަބަބުން ކިޔެވުމަށް ދަތިތައް ދިމާވެ، ދަރިވަރުން ކިޔެވުމުގެ މަތިން ފޫހިވި ހިސާބަށް ކަންކަން ދިޔައެވެ.

ރާއްޖޭގައި މިވަގުތު ފެތުރެމުންމިދަނީ އޮމިކްރޮން ވޭރިއަންޓެވެ. އޮމިކްރޮން ވޭރިއަންޓް ފެތުރެމުންދާ މިންވަރު ހަލުވިވެފައި މިވޭރިއަންޓް މުޅި ރާއްޖެއަަށް ފެތުރުމުގެ ފުރުސަތު ބޮޑެވެ. މީގެ ކުރިން އައި ޑެލްޓާ ވޭރިއަންޓް މައިގަނޑު ގޮތެއްގައި މާލެއަށް އެކަނި ފެތުރުނުކަމުގައިވިޔަސް، ކުރިއަށް މިއޮތް ދުވަސްތަކުގައި ވޭރިއަންޓްއެއް އަތުވެއްޖެނަމަ މުޅި ރާއްޖެއަށް ބަލި ފެތުރިގެންދާނެކަމަށް އެޗްޕީއޭއިންވެސް ވަނީ ލަފާކޮށްފައެވެ.

ކޮވިޑްގެ ސަބަބުން އަހަރެއްހާ ދުވަސްވަންދެން ދަރިވަރުން ކިޔެވީ އޮންލައިންކޮށް / ފޮޓޯ: ވަން އޮންލައިން

ރާއްޖޭގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް މިވަގުތު އޮތީ ފަސް އިންސައްތައިގައެވެ. މިހާރު ކޮވިޑްގެ ކޭސްތައް މިފެންނަ އުސޫލުން ފެންނަނަމަ ޕޮޒިޓިވިޓީ ރޭޓް މިއށް ވުރެ އިތުރުވުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އެއާއެކު ރާއްޖޭގައިވެސް މިވަގުތު ވައިރަލް ފްލޫއެއް ފެތުރެމުންދާއިރު ހޮޑުލުމާއި ބޭރަށް ހިންގުން މިވަނީ އިތުރެވެފައެވެ. މިއަހަރު ފެށިގެން ފާއިތުމިވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި މިފަދަ 3000 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ކޮވިޑާއެކު އިތުރު ބަލިމަޑުކަމެއްވެސް މިވަނީ “އައުޓްބްރޭކް” ވެފައެވެ. މިބަލީގެ ކޭސްތައްވެސް އެންމެ ގިނައީ މާލެ ސަރަހައްދުގައެވެ. އެއަށްފަހު ކ އަތޮޅުގައި މިބަލީގެ ކޭސްތައް ގިނަކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހުރިހާ ކަމަކާއެކު ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންކަމާއި ގިނަ ދާއިރާތައް އެބަހުއްޓެވެ. އޭގެ ތެރެއިން މުހިންމު އެއް ދާއިރާއަކީ ތައުލީމީ ދާއިރާއެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައިވެސް އެންމެ ބޮޑަށް ކޮވިޑްގެ ސަބަބުން އަސަރު ކުރި އެއް ދާއިރާއަކީ ތައުލީމީ ދާއިރާއެވެ. ކުރިއަށް އޮތީ ބަންދަކަށްފަހު އަލުން ސްކޫލް ހުޅުވޭ ދުވަސްތައް ކަމަށްވާއިރު ކޮވިޑްގެ އިތުރުން ވައިރަލް ފްލޫއެއްގެ ތެރޭގައި ދަރިވަރުންގެ ކިޔެވުމަށް ވާނީ ކިހިނެއްތޯ މިއަދު ގިނަ ބެލެނިވެރިންނާއި ދަރިވަރުންވެސް ސުވާލުކުރެއެވެ.

މީގެ ކުރިންވެސް އޮންލައިން ކްލާސްތަކުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ތަފާތު ދަތިތަކާއި ދިމާވިއެވެ. ދަރިވަރުންނަށް ދޭންވާ ސަމާލުކަން އެންމެ ފުރިހަމައަށް ޓީޗަރުންނަށް ނުދެވުމާއި، ޓީޗަރުން ކިޔަވައިދޭ އެއްޗެއް އެންމެ ރަނގަޅަށް ދަރިވަރުންނަށް ނަގައިނުގަނެވުމުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ގިނައެވެ. ހުރިހާ ދަރިވަރުންނަށް އޮންލައިން ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުރިހަމައަށް ލިބިފައި ނުވެއެވެ. ސްކޫލްތަކަށް ފިޒިކަލީ އެޓެންޑްވެގެން ކްލާސްތައް ކުރިއަށްގެންދާއިރު ފިލާވަޅުތަކުގެ ތެރެއިން ދަރިވަރުންނަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބުނެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވެގެންދިޔައިރު ދަރިވަރުން ވަނީ އަހަރެއްހާ ދުވަސްވަންދެން އެކަމުން މަހްރޫމްވެފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ސްކޫލް ހުޅުވުނުއިރު މިވަގުުތު އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުމަށް ނިންމާފައިވޭތޯ ސުވާލުކުރެވުނެވެ.. އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ ނަޒްލާ ރަފީގު ވިދާޅުވީ މިވަގުތު އެކަމަށް އެއްޗެއް ބުނަން ދަތިކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދެތިން ދުވަހަށް ބެލުމަށްފަހު އެކަމުގައި ގޮތެއް ކަނޑައަޅުއްވާނެކަމުގެ އިޝާރާތެއް ނަޒްލާ ދެއްވިއެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ ޝާހު މާހިރު ވަނީ މަސައްކަތްކުރަމުން ދަނީ ބެލެންސްއެއް ގެންގުޅުމަށް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކަމަކަށް ހުއްޓުމެއް ނުގެނެސް މިކަމުން އަރައިގަތުންކަން ޝާހު ފާހަގަކުރެއްވިއެވެ.

“ބެލެންސްއެއް ބަހައްޓަން ޖެހޭ. ރައްޔިތުންނާއި އެހެން މުއައްސަސާތަކުން ބޭނުންވާ ކަންކަން ކޮށްދޭންޖެހޭ. ކަންކަން ހުއްޓުވާލުމެއް ނޫން މީގެ މަގްސަދަކީ. މިހުރިހާ ފިޔަވަޅުތަކެއް މިގެންނަނީ ސިއްހީ ނިޒާމް އޯވަރ ވެލްމް ނުކުރުމަށްޓަކައި. އެކެޕޭސިޓީ ނުފުރޭ ކަމަށްވާނަމަ ޕްރޮޖެކްޝަންސްތައް ހެދުމަށްފަހު ލުއިތައް ދެވެން އޮންނަ ދިމާތަކުން ލުއިތައް ދެމުން މިދަނީ!” ޑރ ޝާހު

މީގެކުރިންވެސް ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު ދެން ދިމާވާ ކަންކަމުގެ ސަބަބުން ކޮވިޑްގެ ހާލަތު ގޯސްވުމުން ސްކޫލްތަކަށް އެކަމުގެ ފިޔަވަޅުތައް އަޅާތީ އެކަމުގެ ފާޑުކިޔުންތައް އެޗްޕީއޭއަށް ވަނީ އަމާޒުވެފައެވެ. ކޮވިޑްގެ ހާލަތު ރަނގަޅުވެ ކޭސްތައް ކޮންޓްރޯލްވާން ފެށުމާއެކު ކޮންމެ ފަހަރަކުވެސް ފިޔަވަޅުތަކަށް ދޫދޭން ފަށާއިރު އެއާ ވިދިގެން ދެން ވާނެ ކަންކަމާއިމެދު އެޗްޕީއޭއިންވެސް މާ ރަނގަޅަށް ވިސްނާނުލާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސްކޫލްތަކުގައި ކޮވިޑްގެ ފިޔަވަޅުތައް ވަރުގަދަކުރުމާއި ގިނަ ހާލަތްތަކުގައި އޮންލައިން ކްލާސްތަކަކަށް ބަދަލުވާންޖެހޭކަން ފާހަގަކުރެއެވެ. ހަމައެފަދަ އުސޫލުތަކެއް މިސްކިތްތަކަށްވެސް އަމާޒުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މިފަހަރުގެ މިކޭސްތަކާއެކު އަނެއްކާވެސް ސްކޫލްތަކަށް ޙާޒިރުނުވެ، އޮންލައިން ކްލާސްތަކަކަށް ބަދަލުވާން ޖެހިއްޖެނަމަ އެކަމުގެ ސަބަބުން ގެއްލުން ވާނީ ދަރިވަރުންނަށެވެ. އެކަމަކީ ގިނަ ބެލެނިވެރިންނާއި ސްކޫލްތަކުގެ ނުރުހުން އެޗްޕީއޭއަށް އަމާޒުވާނެ ކަމެކެވެ. އެހެންނަމަވެސް، މިފަހަރުވެސް މިފިޔަވަޅުތައް އެޅުން ލަސްވެފައިނުވާކަން އެޗްޕީއޭއިން ގަބޫލުކުރެެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: