ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެނިފެސްޓޯގައި ހުރިކަމެއް ކުރުމުން، އެއީ ނުފޫޒެއްކަމަށް އީސީއަށް ނުބުނެވޭނެ: ހަބީބު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓު ރާޝިދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ މަހުގެ 05 ގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނާއި ދިމާކޮށް، ސަރުކާރުން އެ ދާއިރާގެ ރަށްތަކަށް ވެސް އަމާޒުކޮށް ތަރައްގީގެ ބޮޑު މަޝްރޫއުތަކެއް ހިންގާއިރު އެކަމަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ފިޔަވަޅެއް ނާޅާތީ ޕާޓީތަކުން ޝަކުވާކޮށްފި އެވެ.

މިިއަދު އީސީއާއި ސިޔާސީ ޕާޓީތަކާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެހެން ޕާޓީތަކުން އެންމެ ފުރަތަމަ ވެސް ފާހަގަ ކުރި އެއް ނުކުތާއަކީ އެއީ އެވެ. ކޮމަންޑޫގެ ބައި އިލެކްޝަނަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް އަންނަ ހުކުރު ދުވަހު ދެ ކޮމަންޑޫ ބްރިޖަކުން ގުޅުވާލުމުގެ މަޝްރޫއު ފެށުމާއި ފޯކައިދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމާއި އަދި އެ އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާނު ކުރައްވާފަ އެވެ. ބަޖެޓުގައި ނުހިމެނޭ އެތައް މަޝްރޫއުތަކެއް ދާއިރާއަށް ރައީސް އިއުލާނު ކުރެއްވުމުން، މިއީ އިންތިހާބަށް ނުފޫޒު ފޯރުވުންކަން ގިނަ މެމްބަރުން ފާހަގަ ކުރެއްވި އެވެ.

އިދިކޮޅުގެ މެމްބަރުންގެ ފަރާތުން މި ޝަކުވާތައް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން ބުނީ މެނިފެސްޓޯއެއްގެ ދަށުން ވައުދުވީކަމެއް ފުއްދުން އެއީ މައްސަލައެއް ނޫންކަމަށެވެ. އަދި އެ މައްސަލައިގައި އީސީއަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތްކަމަށް ވިދާޅުވި އެވެ.

އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝީދުގެ އިތުރުން އެމްއެންޕީން އަބްދުލް ހަންނާން އިދުރީސާއި އިދިކޮޅު ޕީޕީއެމުން މޫސާ ފަތުހީ ވާދަކުރައްވަ އެވެ.

އެ ޝަކުވާތަކަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މެނިފެސްޓޯއެއްގެ ދަށުން ކުރާކަމަކަށް އީސީއަށް ހުރަހެއް ނޭޅޭނެކަމަށެވެ. އަދި އިންތިހާބަކަށް ނުފޫޒު ފޯރުވަން ސަރުކާރުތަކުން އެ ދާއިރާއެއްގެ މަޝްރޫއުތައް އިތުރު ކުރާވާހަކަ އެއީ އަބަދުވެސް ދެކެވޭ ވާހަކަތަކެއްކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވިގޮތުގައި ބަޖެޓުގައި ނެތަސް ދާއިރާއަށް ވާ ވައުދުތައް ގިނަ ފަހަރަށް ސަރުކާރުން ފުއްދަ އެވެ. އަދި ސަރުކާރަކުން އެފަދަ މަސައްކަތެއް ފެށުމުން އީސީއަށް އެކަމެއް ހުއްޓުމުވުމެއް އެއްވެސް ބާރެއް ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ. ހަބީބު ވިދާޅުވި ގޮތުގައި ހެއްކާއި އެކު ނުފޫޒެއްގެ މައްސަލަ އީސީއަށް ހުށަހަޅައިފި ނަމަ އެ މައްސަލަ ބެލޭނެ އެވެ.

“ބައެއް ފަހަރު ބަޖެޓުގައި ޖަހާފައި ނެތަސް ބައެއް ދާއިރާތަކުން ކުރެވެން ހުރި މަސައްކަތެއް ވިއްޔާ ސަރުކާރުން ކުރައްވާނެ.. އަދި ސަރުކާރުން ކުރައްވާ އެކަހަލަ ކަންކަން ތަހުގީގު ކުރުމުގެ ބާރެއް ނެތް” ހަބީބު

ކޮމަންޑޫ އަދި މަތިކޮަމަންޑޫ ގުޅުވާލުމުގެ މަސައްކަތް ހުކުރު ދުވަހު ފެށުމަށް ޝެޑިއުލްކޮށްފައިވާއިރު، ރައީސް ވެސް އެ ދުވަހު ކޮމަންޑޫއަށް ވަޑައިގަންނަވާނެ އެވެ. އަދި މިވަގުތު ކޮމަންޑޫގައި އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން އެބަތިއްބެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި، އެމްޑީޕީގެ މަޖިލީސް މެމްބަރުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނެ އެވެ. އަދި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ ލީޑާޝިޕްގައި އިސްކޮށް ހަރަކާތްތެރިވާ އެކި ބޭފުޅުން ދަނީ ކޮމަންޑޫގައި ކެމްޕެއިން ކުރައްވަމުންނެވެ.

މިވަގުތު ސަރުކާރުން ކޮމަންޑޫއަށް އިއުލާނުކުރި ގިނަ މަޝްރޫއުތަކަކީ މި އަހަރުގެ ބަޖެޓު ނުވަތަ މިދިޔަ ދެ އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ މަޝްރޫއުތަކެއް ނޫނެވެ.

އިންތިހާބަށް ނުފޫޒު ފޯރުވާކަމަށް ބުނެ އެއްވެސް ޝަކުވާއެއް ރަސްމީކޮށް ލިޔުމުން ލިބިފައިނުވަކަން ފާހަގަކޮށް ހަބީބު ވިދާޅުވީ މި ހުރިހާ ވާހަކައެއް ވެސް ދެކެވެނީ ހަމައެކަނި ސޯޝަލް މީޑިއާގައި ކަމަށެވެ. އެކަމަށް ރައްދު ދީ އިދިކޮޅުން ވެސް ބުނީ އިންތިހާބުތަކަކީ ނުފޫޒުން އެއްކިބާވެގެން ލެވޭ ވޯޓުތަކެއްކަން ކަށަވަރު ކުރުން އީސީގެ މައްޗަށް ގާނޫނު ލާޒިމު ކުރާކަމަށެވެ. އެހެން ކަމުން އިންތިހާބުތަކާއި ބެހޭ ގާނޫނާއި ހިލާފަށް ވަކި ބަޔަކު ހިންގާ އަމަލުތައް އީސީއަށް ބެލެން ޖެހޭނެކަން ފާހަގަ ކުރި އެވެ.

މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ކޮމަންޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ ކޮމަންޑޫ ކައިރީ އޮތް ފަޅު ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށާއި، ފޯކައިދޫގެ ޗަކަ ބިން ހިއްކައި ގޯތި ދޫކުރުމަށް އަދި މަރޮށީގެ ބަނދަރުގެ މަަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ވިދާޅުވެފަ އެވެ.

މިއީ އިންތިހާބަށް ނުފޫޒު ފޯރުވުންގެ ގޮތުގައި ފާހަގަކޮށް އިދިކޮޅުން ވަނީ މި މައްސަލަ ބެއްލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. ނަމަވެސް ކޮމިޝަނުން އެންގީ އެއް ކެނޑިޑޭޓަކު އަނެއް ކެނޑިޑޭޓަށް އެންޓި ކެމްޕެއިން ނުކުރުމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އީސީން ހުޅުވާލީ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: