ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާޓާއިން ބޭނުންވީ ބަދަލެއްގެ ގޮތުގައި ތިން ބިލިއަން ރުފިޔާ!

ކުރީގެ ނާދީ ހުރި ބިން، މަޝްރޫއު ހަވާލުކުރިތާ އަހަރުވީއިރު ވެސް މި ބިމުގައި ޓާޓާއިން އެއްވެސް މަސައްކަތެއްކޮށްފައި ނުވޭ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ވި އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި ދެ ބިމާއި ފަޅުރަށް ދޭން އެއްބަސް ނުވިނަމަ، އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 200 މިލިއަން އެމެރިކާ ޑޮލަރު ދޭން ޖެހުނީސްކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮށި އާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އެޅާފައި ވެއެވެ. އޯޑިއޯން އާއި ނާދީ ހުރި ބިން އޭގެ ބަދަލެއްގެ ގޮތުން ދިނީ ފެންވަރުގެ ފްލެޓް އަޅައި ވިއްކާ ގޮތަށެވެ.

މީގެ އިތުރުން އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހެދުމަށް ޅ. ޅޮއްސަލަފުށި ވެސް ޓާޓާއަށް ދީނެވެ. އެގްރިމެންޓުގައި ވާ ގޮތަށް މަސައްކަތް ކުރިޔަށް ނުގެންދެވޭކަމަށް ބުނެ 2017 ގައި ރައީސް ޔާމީން އެ އެއްބަސްވުން ވެސް ބާތިލު ކުރެއްވި އެވެ.

މައްސަލައިގައި ބަޔާނެއް އާއްމުކޮށް ޕްލޭނިން މިނިސްޓްރީން ބުނީ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޅޮއްސަލަފުށި ދޭގޮތަށް އޮތް އޮތުން ބަދަލުކޮށް، އެ ރަށުގައި ލަގްޒަރީ ވިލާތަކެއް އަޅަން ބިން ދޫކުރާ ގޮަތަށް ހަދާފައިވާ ކަމަށެވެ. ލަގްޒަރީ ވިލާ އެޅުމަށް ދޫކުރެވޭ 360،000 އަކަފޫޓްގެ ބިމަށް އަކަފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމްލަ 09 މިލިއަން ޑޮލަރު ސަރުކާރަށް އެޕެކްސްއިން ދެއްކުމަށް އެއްބަސްވެފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޓާޓާ ކުންފުންޏަަަށް ބިމެއް ދޫކޮށްފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ދެވަނަ ފިޔަވަހީގެ ދަށުން ކަންގަވާލް 18 އެސްޖީ ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރެވުނު 150 ފްލެޓް އަދި 15 ލަގްޒަރީވިލާސް ފައިނޭންސްކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރުމަށް ވަކި އެއްބަސްވުމެއްގައި ސޮއި ކުރީ 2015 މާޗު 19 ގައި ކަމަށެވެ. އަދި ސެންޑަލް މޮރިސަސްއިން ހުޅުމާލޭގައި ސަރުކާރުން ކަނޑައަޅާ އަގެއް ވިއްކުމަށް 120 ފްލެޓް އަދި ލަގްޒަރީ ފްލެޓްގެ ގޮތުގައި 30 ފްލެޓް ހުޅުމާލޭގައި
އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން އެޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރި މަސައްކަތުގެ ތެރެއިން މއ. ވޭސައިޑް އަދި ގާކޮށީގައި އިމާރާތް ކުރަންޖެހޭ 288 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި، 19 އޭޕްރީލް 2016 ގައި ނިންމައި ހަވާލުކުރިކަމަށާއި، ނަމަވެސް، އޯޑިއޯން އާއި ނާދީ ބިމުގައި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ، ހައުސިން މިނިސްޓްރީން 7 އޭޕްރީލް 2015 ގައި ނޯޓިސް އޮފް ޑިސްސެޓިސްފެކްޝަން އެޕެކްސްއަށް ފޮނުވިކަމަށް މިނިސްޓްރީން ބުންޏެވެ. ނޯޓިސް ފޮނުވުމުން ވެސް އެއާއި އެއްގޮަތަށް މަސައްކަތް ކުރިޔަށް ގެންގޮސްފައި ނުވާތީ، އޭގެ ޖެހިގެން އައި އަހަރުގެ ޑިސެމްބަރު 22 ގައި ނޯޓިސް އޮފް ބްރީޗް އޮފް ކޮންޓުރެކްޓް އެޕެކްސްއަށް ފޮނުވިކަން ޕްލޭނިންއިން ފާހަގަ ކުރި އެވެ. އަދި ނޯޓިސް އޮފް ބްރީޗް އޮފް ކޮންޓުރެކްޓްގައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމުން، ނޯޓިސް އޮފް ޓާމިނޭޝަން ފޮނުވީ ޕްލޭނިންގެ ބަޔާނުގައި ވާ ގޮތުގައި 27 އޭޕްރިލް 2017 ގައެވެ.

އެ ކުންފުނިން އެދުނީ އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ބުނެ، މިނިސްޓްރީން ދީފައިވާ ނޯޓިސްތަކާއި އަދި ޓާމިނޭޝަންއަކީ ގާނޫނީ ހިލާފު އެންގުންތަކެެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރުމުގެ އަމުރެއް ނުނެރެވޭނަމަ، ކުންފުނިން ހުށަހެޅީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 200 މިލިއަން އެމެރިކާ ޑޮލަރާއި އަރބިޓްރޭޝަނަށް ހިނގާ އެންމެހައި ހަރަދުތައް ނަގައިދިނުމަށެވެ.

“އެޕެކްސްއިން އެދިފައިވާ ގޮތަށް އޯޑިއޯން އަދި ނާދީ ބިމުގައި ޢިމާރާތްކުރެވޭ ގޮތަށް ޓްރައިބިއުނަލުން ސަރުކާރުގެ މައްޗަށް ވަގުތީ އަމުރު ނެރެދީފައިވާތީއާއި، އެޕެކްސްއިން ހުށަހަޅާފައިވާ އަރބިޓްރޭޝަންގެ މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެފަރާތުން އެދިފައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 200.46 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން އަރބިޓްރޭޝަނާ ގުޅިގެން ހިނގާ އެންމެހައި ޚަރަދުތައް ނަގައިދިނުމުގެ ފުރުޞަތު އޮތްކަމަށް ބޭރުގެ ޤާނޫނީ ވަކީލުން ލަފާ ދެއްވާފައިވާތީ، މި މައްސަލަ އަރބިޓްރޭޝަންގެ ބޭރުން ޙައްލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ވަނީ ލަފާދީފައެވެ.” ޕްލޭނިންގެ ބަޔާނުގައި ވެއެވެ.

މައްސަލަ ހައްލު ކުރަން ވާހަކަ ދެއްކުމަށް 2018 ގައި އެއްބަސްވެ، ދެ ފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިން ތަރައްގީ ކުރުމަށް އެޕެކްސްއަށް ދިނުމަށާއި އޯޑިއޯން ބިމުގެ ބަދަލުގައި މާލޭ ކޮށި ހުރި ބިން ތަރައްގީ ކުރުމަށް އެޕެކްސްއަށް ދިނުމަށާއި، އެ ކުންފުންޏަށް ލަގްޒަރީ ވިލާ އެޅުމަށް ދީފައިވާ ޅ. ޅޮއްސަލަފުށީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުމަށް އެޕެކްސްއަށް ދިނުމަށް އެމްއޯޔޫއެއްގައި ސޮއި ކުރި އެވެ.

އެ ސިޓީގެ މައްސަލައިގައި ދެބަސްވުންތައް ހައްލު ކުރުމަށް، އެއްބަސްވުމުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ނޯޓިސް ބާތިލު ކުރުމަށް 7 ޖޫން 2017 ގައި އިންޑިޔާގެ އަރބިޓޭޝަނަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް އެޕެކްސްއިން ފެށިކަމަށާއި އަދި އެ މައްސަލައިގެ ތެރެއިން، އެޕެކްސްއިން ނެރެދޭން އެދުނު ވަގުތީ އަމުރާ އެއްގޮތަށް، އެއްބަސްވުން ބާތިލު ކުރުމަށް ސަރުކާރުން އެ ކުންފުންޏަށް ދީފައިވާ ނޯޓިސްއަށް އަމަލުކުރުން ފަސްކުރުމަށާއި، އޯޑިއޯން އާއި ނާދީ ބިމުގައި ޢިމާރާތްކުރުމުގެ ހުއްދަ އެ ކުންފުންޏަށް ދިނުމަށް ޓްރައިބިއުނަލުން ވަނީ ސަރުކާރުގެ މައްޗަށް ވަގުތީ އަމުރެއް ނެރުނު ކަމަށް ޕްލޭނިންއިން ބުންޏެވެ.

” އެޕެކްސްއާއި ހަވާލުކުރެވޭ ނާދީ އަދި އޯޑިއޯން ބިމުގެ މިލްކުވެރި ފަރާތަކީ ދިވެހި ސަރުކާރެވެ. އެޕެކްސްއިން މިދެބިމުގައި ފްލެޓް އިމާރާތްކޮށް ދިވެހި ރައްޔިތުންނަށް ވިއްކުމުގެ ހައްގު އެފަރާތަށް ލިބޭނެ އެވެ. މީގެ އިތުރުން އެއްބަސްވެފަ ވަނީ ދެ ފަރާތުގެ ދެމެދު ގައި އިތުރަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އިންޑިޔާގެ އާބިޓްރޭޝަންއަށް ހުށަހެޅުމުގެ ބަދަލުގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމަށެވެ. މި ދެންނެވުނު ކަންތައްތަކާއި މެދު ދެފަރާތުން އެއްބަސްވެގެން ސަރުކާރުންވަނީ އެޕެކްސްއާއިއެކު ސެޓްލްމަންޓް އެގްރީމަންޓްއެއްގައި 13 ޖެނުއަރީ 2012 ވަނަ ދުވަހު ސޮއިކޮށްފައެވެ. ސެޓްލްމަންޓް އެގްރީމަންޓްގައި ސޮއިކުރުމުން އެޕެސަސްއިން އަރބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންނަން ވަނީ އެއްބަސްވެފައެވެ.” ޕްލޭނިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ޕްލޭނިން މިނިސްޓްރީން ބުނީ ސަރުކާރު ބަދަލުވެ، އަލުން ސެޓެލްމަންޓް އެއްބަސްވުމަކަށް ދިއުމަށް 2019 ގައި ދައުލަތުގެ ފަރާތުން އެޕެކްސްއާއި މަޝްވަރާ ކުރުމަށް ފަހު އެއްބަސްވެފައިވަނީ 26 މެއި 2010 ގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ދެ ފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިމާއި އޯޑިއޯން ބިން ތަރައްގީ ކުރުމަށް އެޕެކްސްއަށް ދިނުމަށާއި ޅ. ޅޮއްސަލަފުށި ރިސޯޓަކަށް ބަދަލު ނުކޮށް ލަގްޒަރީ ވިލާ ތަރައްގީ ކުރުމަށް ޅޮއްސަލަފުށިން ބިމެއް ދޫކުރުމަށް ކަމަސެވެ. އަދި ލަގްޒަރީ ވިލާ އެޅުމަށް ދޫކުރާ 360،000 އަކަފޫޓްގެ ބިމަށް އަކަފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމްލަ 9 މިލިއަން ޑޮލަރު ސަރުކާރަށް އެޕެކްސްއިން ދެއްކުމަށް އެއްބަސްވެފައިވާކަމަށެވެ.

ޓާޓާ މައްސަލައިގައި އިދިކޮޅުގެ ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: