ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތުގެ ހުރުމަތް ކަނޑާލުމުން އެއީ މޮޔައެއްކަމަށް ބުނަނީ ދީނާއި މެދު ގަދަރު ނެތުމުން: ރައީސް ޔާމީން

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވުމުން އެމަނިކުފާނަށް މަރުހަބާ ކިއުމަށް ކާނިވާގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތަކާއި މެދު އިހުތިރާމު ކުޑަ އަމަލުތަކާއި، އިސްލާމް ދީނަށް ފުރައްސާރަ ކުރާ މައްސަލަތައް އިތުރުވީއިރު، އެކަން ކުރާ ކޮންމެ މީހަކީ އެއީ ބުއްދި ސަލާމަތުން ނެތް މީހެއް ބުނަނީ ހިތުގައި ދީނަށް އެއްވެސް ގަދަރެއް މި ސަރުކާރުގެ އިސްބޭފުޅުންގެ ނެތުމުންކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސަ ފަތުހީގެ ކެމްޕޭނަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި، އަދި ފެންމަތިވަމުން އަންނަ އިޖްތިމާއީ އެކި މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ޒުވާނުންގެ ވިސްނުން ބަދަލުވެ، އެހެން ދީންތަކަށް ޖާގަދޭން ބޭނުން ނުވާ ކަމަށެވެ. ޕީޕީއެމްގެ އަޒަމަކީ އަބަދުވެސް ރާއްޖޭގައި އިސްލާމް ދީން ދެމެހެއްޓުންކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ. މިސްކިތާއި މެދު އިހުތިރާމު ކުޑަ އަމަލުތައް ހިންގުން އާއްމުވެފައިވާކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ދީނަށް ފުރައްސާރަކޮށް ދީނާއި ދެކޮޅު ބަސްތައް ބުނާ ކޮންމެ މީހަކީ އަދި އެފަދަ އަމަލުތައް ހިންގާ މީހުން އެއީ ނަފްސާނީ ބައްޔެއް ނުވަތަ ބުއްދި ސަލާމަތުން ނެތް ބައެއްގެ ގޮތުގައި ބުނެ ދޫކޮށްލަނީ ކަމަށެވެ. ނުވަތަ އެ މައްސަލައެއް އޮއްބާލަނީ އެއީ މޮޔައެއްގެ ގޮތުގައި ބުނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިފަދަ “މޮޔައިން” އުފެދެންވީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައިތޯ ސުވާލު އުފައްދައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ހުރީ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިމާޔަތް ދިނުމަށް ކަމަށެވެ. ގާނޫނުތައް ތަންފީޒު ނުކުރެވި ފެންނަނީ އިސްލާމްދީނަށް އިހުތިރާމް ކުޑަ ކުރާ މަންޒަރުކަމަށް ވެއސް އެމަނިކުފާނު ވިދާޅުވި އެވެ.

މިސްކިތަށް ކުޅު ޖެހުމާއި، ކުޑަކަމުގޮސް ބޮޑުކަމުދިއުން އަދި މިސްކިތުން ވައްކަން ކުރުންފަދަ އެތައް މައްސަލައެއް ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ. މިސްކިތުގައި ހުރި ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތައި، ކުޅު ޖަހައި ހަދާއިރު ސަރުކާރެއް ނިދާފައި އޮތުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ރައީސް ޔާމީން ސިފަ ކުރެއްވި އެވެ. މިއީ ސަރުކާރުން ޒިންމާވަން ޖެހޭފަދަ އަމަލުތަކެއްކަމަށާއި، ކޮންމެ މީހެއް އެއީ މޮޔައެއް ނުވަތަ ބުއްދި ސަލާމަތުން ނެތް މީހެއްގެ ގޮތުގައި ބުނެ ފަސޭހަކޮށްލުމުން މައްސަލަ އެހާ ހިސާބުން ނިމުނީ ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ މީގެ ކުރިން މިފަދަ މީހުން ނުފެންނަނީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ.

“މިވާ ގޮތަކީ ވެރިކަން ހިންގި ތިބި ވެރިންގެ މެދުގައި ދީނަށް އޮތް އިހުތިރާމް ކުޑަ ކަން އެނގިގެން ދަނީ” ރައީސް ޔާމީން

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ހަގީގަތަކީ ރާއްޖޭގެ ވެރިކަމާއި ހަވާލުވެތިބި ބޭފުޅުންގެ ހިތްތަކުގައި އިސްލާމް ދީނާއި، ކީރިތި ގުރުއާނަށް އެއްވެސް އިހުތިރާމެއް، ގަދަރެއް ނެތުން ކަމަށެވެ.

ރައީސް ޔާމީން ވަނީ މީގެ ކުރީގެ ޖަލްސާތަކުގައި ވެސް މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. މާލޭގެ ހުކުރު މިސްކިތާއި، އިސްލާމީ މަރުކަޒަށް ކުޑަކަމު ދިޔަ މީހެއް އެއީ ބުއްދި ހަމަނުޖެހޭ މީހެއްކަމަށް ބުނެ ފުލުހުން ދޫކޮށްލުމުން މީޑިއާތަކުގެ ސުވާލަށް ޖެންޑާރ މިނިސްޓްރީން ބުނީ އޭނާއަކީ އެފަދަ އެއްވެސް ބައްޔެއް ހުރި މީހެއް ނޫން ކަމަށެވެ. އެ ފިރިހެން މީހާ މުޖްތަމައުގެ ތެރެއަށް ދޫކޮށްލާފައި ވަނިކޮށް ފަހުން އަނެއްކާވެސް އާއްމުން އޭނާ ފުލުހުންނާއި ހަވާލު ކުރީ މިސްކިތުގެ ތެރެއަށް ވަދެ ޚަތިމަށް ރަތް ކުޅު ޖެހި މައްސަލައިގަ އެވެ.

އޭގެ ފަހުން އައްޑޫ ސިޓީގެ މިސްކިތުގެ ތެރެއަށް ވަދެ ބޮޑުކަމުދިޔަ މީހެއް ވެސް އެއީ ބުއްދި ހަމަ ނުޖެހޭ މީހެއްކަމަށް ބުނެ ފުލުހުން ވަނީ އޭނާ އާއިލާއާއި ހަވާލުކޮށްފަ އެވެ.

މި މައްސަލައިގެ އިތުރަށް ދާދިފަހުން މާތްﷲ އާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަ ކުރި އަންހެނެއްގެ ވެސް ފުލުހުން ހައްޔަރު ކުރި އެވެ. އޭނާއަކީ ވެސް ބުއްދި ހަމަނުޖެހޭ މީހެއްކަމަށް ބުނެ ވާހަކަ ދެެކެވުނެވެ. މި ނޫން ވެސް ދީނަށް ފުރައްސާރަ ކުރުމުގެ ވަރަށް ގިނަ އަމަލުތައް މިވޭތުވެ ދިޔަ ދެ އަހަރެއްގެ ތެރޭގައި ފެންމަތިވި އެވެ. އޭގެ ތެރެއިން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ނަމުގައި އުފެއްދި ޖަމިއްޔާ އަދި އުތެމައިން ދީނީ މިނިވަންކަމަށް ގޮވާލައި ނެރުނު ރިޕޯޓު ފާހަގަ ކުރެވެ އެވެ. މި ޖަމިއްޔާތަކުގެ އިސް އެއްވެސް މީހަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވެ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: