ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ އަދަދުތައް އިތުރުވެ، ސިއްހީ ދާއިރާއަށް ބާރު ބޮޑުވާ ހިސާބަށް!

ރާއްޖޭގައި ކޮވިޑު ފެތުރެމުންދާއިރު މާލެ ސަރަހައްދުން ވެސް ދަނީ ގިނަ އަދަދެއްގެ ކޭސްތަކެއް ފެންނަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ އައު ވޭރިއެންޓް “އޮމިކްރޯން” ރާއްޖޭގައި ފެތުރެން ފެށުމާއި އެކު ގައުމަށް މިއޮތީ މި 2 އަހަރު ދުވަހުގެ ތެރޭގައި ކޮވިޑުގެ 4 ވަނަ ރާޅާއި ކުރިމަތި ކުރުވާފައެވެ. ދުވާލެއްގެ މައްޗަށް 2،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވަމުން ދާއިރު، ބަލި ފެތުރެމުންދާ މިންވަރު ކޮންޓްރޯލުން ނައްޓާފައިވާކަމަށް ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މާލޭގެ ޕޮޒިޓިވިޓީ ރޭޓު މިވަގުތު 36 އިންސައްތައިގައި ވާއިރު އަތޮޅު ތަކުންވެސް މީހުން ޕޮޒިޓިވްވާ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވެ ބޮއްސުން ލަމުންނެވެ.

ދެކުނު އެެފްރިކާއިން އެންމެ ފުރަތަމަ އޮމިކްރޯނު ފެނުމާއި އެކު ރާއްޖެއިން ވަނީ ދެކުނު އެފްރިކާގެ އެކި ސަރަހައްދުތަކުން ފްލެއިޓުތަކަށް ރާއްޖެ އަށް ދަތުރު ނުކުރެވޭނެ ގޮތަށް ފިޔަވަޅު އަޅާފައެވެ. އޮމިކްރޯނު ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތައް ކަމަށްވާ އިންޑިއާ އަދި ލަންކާ އިން ވެސް އޮމިކްރޯނު ފެންނަން ފެށިއެވެ. ނަމަވެސް މިކަމާއި ދެކޮޅަށް ރާއްޖޭގައި އިތުރު ފިޔަވޅެއް އެޅިފައި ނެތެވެ.

ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ވެސް އޮމިކްރޯން ފެނި މިވަގުތު 27 ކޭސް ރިޕޯޓު ކުރެވިފައިވެއެވެ. މި 27 ކޭސްގެ ތެރޭގައި ބޭރު ފަތުރުވެރިން ހިމެނޭ އިރު ދިވެހިން ވެސް ވަނީ އޮމިކްރޯނަށް ޕޮޒިޓިވް ވެފައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ނައިޓު މާކެޓުތަކާއި އައު އަހަރު ފާހަގަކުރުމަށް ބޭއްވުނު ޝޯ އާއި އެކު އަދަދުތައް ވަނީ މައްޗަށް ދާން ފަށާފައެވެ. ޕޮޒިޓިވް ވާ މީހުންގެ އަދަުތައް 2،000 އިން މައްޗަށް އަރާއިރު، ހޮސްޕިޓަލުގައި އެނދުމަތި ކުރެވިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް މިވަނނީ އިުތުވެފައވެ. އެނދުމަތިކޮށްގެން މީހުންނަށް ފަރުވާ ދެމުންދާ މިންވަރު އިތުރުވެފައިވާ އިރު، ފާހަގަކޮށްލަންޖެހޭ ކަމަކީ މި އަދަދުތައް އިތުރުވެފައިވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމެވެ.

އެގޮތުން ބަލާއިރު މީގެ 2 ހަފްތާއެއްހާ ދުވަސް ކުރިން މުޅި ރާއްޖެއިން ޖުމްލަ 281 މީހަކު ޕޮޒިޓިވްވި އިރު، މި އަދަުގެ ތެރެއިން 15 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. ޖެހިގެން އައި ހަފްތާގައި ޕޮޒިޓިވް ވި މީހުންގެ އަދަދުތައް 954 އަށް އިތުރުވި އިރު، ހޮސްޕިޓަލަސް ގެންގޮސް ފަރުވާ ދެވުނު މީހުންގެ އަދަދުވެސް ވަނީ 23 ގެ އަދަދަކަށް އިތުރުވެފައެވެ. ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 2،137 މީހުން ޕޮޒިޓިވް ވެފައިވާ އިރު 43 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ބަލި ޖެހޭ މީހުންގެ ނިސްބަތް އެއްދުވަހުން އަނެއް ދުވަހަށް މައްޗަށްދާއިރު، މީގެ ކުރިން ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންނަށްވުރެ މިފަހަރު ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތްކަމަށް އެޗްޕީއޭއިން ބުނެ އެވެ. ކޮވިޑުގެ މި ވޭރިއަންޓުގައި އޮތް ނުރައްކަލަކީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ބޮޑެތި ބަލިތަކާއި، އުމުރުން ދުވަސްވީ މީހުން ބައްޔަށް ޕޮޒިޓިވްވާ ރޭޓު މަތިވެ ފަރުވާދޭންޖެހޭ އަދަދު އިތުރުވުމެވެ.

މިކަމުގެ ސަބަބުން ބުރަ ވަނީ ރެއާއި ދުވާލު ހިދުމަތް ފޯރުކޮށްދިނުމުގައި އަވަދިނެތި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރީންނަށެވެ. ސިއްހީ ދާއިރާއަށް ޖުމްލަ ގޮތެއްގައި ނޭދެވޭ އަސަރު ކުރާއިރު، ރާއްޖޭގައި ކޮވިޑަށް މީހުން ޕޮޒިޓިވްވެ ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވުމަކީ ގައުމުގެ ސިއްހީ ދާއިރާއަށް ކުޅަދާނަވެގެންވާ ވަރު ކަމެއް ނޫނެވެ.

ކޮވިޑުގެ މާޒީގައި ކަން ހިނގާފައިވެސް ވަނީ މިހެންނެވެ. ފުރިހަމަ ވަސީލަތްތައް ނެތި ހޮސްޕިޓަލްތައް ފުރި ބާރުވުމާއި ގުޅިގެން ރައްޔިތު މީހާ އަށް ދޭން ޖެހޭ އެކަށީގެންވާ ފަރުވާ ދިނުމުގައި ސިއްހީ މާހިރުން ތިބީ ނާގާބިލުވެފައެވެ. ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަން ބާރުވެ، ހިދުމަތްތެރީންނަށް ބާރު ބޮޑު ވެގެންދިއުމަކީއޭގެ ސަބަބުން ގެއްލުން ކުރިމަތި ކުރުވާނެ ކަމެކެވެ.

މާލޭގައި ހުންނަ އައިޖީއެމްއެޗް ހޮސްޕިޓަލުްނވެސް ވަނީ ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ޑައުންގްރޭޑު ކޮށްފައެވެ. އެގޮތުން 2 ހަފްތާގެ މުއްދަތަކަށް ދުރާލާ ތާވަލު ކޮސްގެން ހަދާ ސާޖަރީތައް މެދުކަނޑާލައި ކޮވިޑުގެ ހާލަތަށ ްއަންނަ ބަދަލާއި އެކު މި ސާޖަރީތައް އަލުން ތަވާލުކުރާ ގޮތަށް ހޮސްޕިޓަލުން ވަނީ ނިންމާފައެވެ. ނަމަވެސް އައިޖީއެމްއެޗް ގެ އީއާރު ގެ ހިދުމަތް ހުރިހާ ގަޑިއެއްގައިވެސް އާއްމުންނަށް ލިބޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިވަގުތު ވެސް ރާއްޖޭގައި އެންމެ ބޭނުންވާ ވަސީލަތްތަކެއް ނެތްކަން ފާހަގަކުރެވޭ އިރު، މި ދާއިރާއަށް ބޭނުންވާ ކެތްތެރި، އޯގާތެރި އިންސާނީ ވަސީލަތެއް ވެސް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކޮވިޑު ތަހައްމަލު ކުރަމުންދާތާ 3 އަހަރު ވެގެންދާ އިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި ވެސް ކަން ހިންގާފައިވަނީ މިފަދައިންނެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑުގެ ސަބަބުން 266 މީހަކު މަރުވެފައިވާ އިރު، ގިނަ ބައެއްގެ ޝަކުވާއަށް ވެގެންދަނީ ކޮވިޑު ފެސިލިޓީތަކުން ލިބެންޖެހޭ ފުރިހަމަ ޕޭޝެންޓް ކެއަރ ނުލިބޭ ޝަކުވާއެވެ.

ހޮސްޕިޓަލް ތަކުގެ އިހުމާލުން ބަލިޖެހިގެން ދާ މީހަގެ، ފުރާނަ ނެތް މަސްގަނޑު އާއިލާއަށް ނުފެނި ވަޅުލެވިގެން ދާއިރު، ރާއްޖޭގައި ދިމާވާ މި ސީރިއަސް ހާލަތާއި ދެކޮޅަށް މަސައްކަތް ކުރުން މުހިންމެވެ. ރާއްޖެއިން ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތު ކަމަށްވާ ރެޑް އެލާޓް ނެރެފައިވާއިރު، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ވަކި ހާއްސަ ފިޔަވަޅެއް ނެތެވެ. އޮމިކްރޯން ރާއްޖޭގައިވެސް ފެތުރެމުން އަންނާތީ ކޯވިޑުން ދިފާޢުވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިންވެސް އަދި އެހެނިހެން ކަމުގެ މާހިރުންވެސް ދަނީ ފަރުދީ ގޮތުން ސަމާލުވެވޭނެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ގޮވާލާފައެވެ.

އަތް ދޮންނާށެވެ. މާސްކު އަޅާށެވެ. ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ނުވާނަމަ، ވެކްސިން ވެސް ޖަހާށެވެ. ބަލިން ރައްކާތެރވެވޭނީ އަމިއްލަ ރައްކާތެރިކަން އިހްތިޔާރުކޮށް، އުސޫލުތަކަށް އަމަލުކޮށްގެންނެވެ. އަދަދު އިތުރު ވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުޅަދާނަ ވާނެ ކަމަކަސް ނުވާއިރު، ވަކިފަރުދެއްގެ ހައިސިއްޔަތުން ޕޮޒިޓިވިޓި ރޭޓު މަދު ކުރުމަށް ކުރެވޭނެ ކަންތައް އިންތިހާއަށް ވެސް ގިނައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: