ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެމެހެއްޓެނިވި މާދަމާއަކަށް އަންހެނުންގެ ބައިވެރިވުމާއި، ހިއްސާ އިތުރުކުރަންޖެހޭ: މިނިސްޓަރު

ޖެންޑަރ މިނިސްޓަރ ޢައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެމެހެއްޓެނިވި މާދަމާއަކަށް އަންހެނުންގެ ބައިވެރިވުމާއި، ހިއްސާ އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެތަހުނިޔާ ފޮނުއްވައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ދެއްވި ޚިޠާބުގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމަށްޓަކައި، އަދި އެފަދަ ބަދަލުތަކަށް އެޑެޕްޓް ވުމަށްޓަކައި، އަންހެނުން އަދާކުރަމުންދާ ދައުރާއި، އަންހެނުންގެ ތަޖުރިބާރަތައް ދެނެގަނެ، ފާހަގަކުރުމަކީ މުހިންމުކަމެއްކަމަށެވެ. 

އަންހެނުންނަކީ އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އަންހެނުންނަކީ މުޖުތަމަޢެއްގެ ވިސްނުމާއި، ޚިޔާލުތަކާއި، ހައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައްކަމަށެވެ. އެހެންކަމުން، ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަޤްބަލެއް ބިނާކުރަން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ދުނިޔޭގެ ގިނަ ޤައުމުތަކުގައި، އަދި ދިވެހިރާއްޖޭގައިވެސް ދިމާވާ ބޮޑެތި ކާރިސާތަކާއި، ކުރިމަތިވާ ހާލަތްތަކުގައި، ނޭދެވޭ އަސަރުތައް ކުރާ އެއް ބަޔަކީ އަންހެނުންނާއި އަންހެން ކުދިން. ކޯވިޑް-19 ގެ ޙާލަތުގައި އަޅުގަނޑުމެނަށް އެކި ދާއިރާތަކުން މިކަން ސާފުކޮށް ފެނިގެންދިޔަ. އެގޮތުން، 2020 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ދިމާވި އިޤްތިޞާދީ ހީނަރުކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފެނިގެންދިޔައީ ގިނައިން އަންހެނުން ހަރަކާތްތެރިވާ އިންފޯރމަލް ސެކްޓަރގައި.” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޯވިޑް-19 ފުރަބަންދަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެގެންދިޔައިރު، މިނިސްޓްރީއަށް ހުށައަޅާފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައްކަމަށެވެ. ރާއްޖޭގެ ނިޒާމުތައް މިހާރު ހުރިގޮތުން، އެފަދަ ކޮންމެ ލޮޅުމެއްގައިވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާކަމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީވެސް މިފަދަ ކަމަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކަކީ ދިގު ދެމިގެންދާ އަސަރުތަކެއް އިޖްތިމާޢި ތަރައްޤީއަށާއި، އިޤްތިޞާދަށާއި އަދި އެހެނިހެން ދާއިރާތަކަށްވެސް ކުރާނެ މައްސަލައެއް. އަޅުގަނޑުމެންގެ ދޮންވެލި ބިމާއި، ޖަޒީރާ ރަށްތަކާއި، ނޫ ކަނޑުތަކާއި، ފަޅުތަކާއި، ދިވެހިރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ކުރިއަށް އޮތް ޖީލުތަކަށް މި އަމާނާތް ފޯރުކޮށްދިނުމަށްޓަކައި، ސިޔާސަތު އެކުލަވާލުމުގައާއި، ކަންކަން ރޭވުމުގައި ބަދަލުތަކެއް ގެންނަން އެބަ ޖެހޭ. މި ބަދަލަކީ ކަންކަން ރާވާ، ނިންމާ އަދި ތަންފީޒުކުރާ މަރުހަލާތަކުގައި ދެޖިންސުގެ މައުނަވީ ބައިވެރިވުމާއި، ދެޖިންސުގެ ޚިޔާލާ، ފިކުރާއި ތަޖުރިބާ ހިމަނައިގެން ގެނެވޭ ބަދަލަކަށް ވާންޖެހޭ.” މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރުގެ ޚިޠާބުގައި ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ، 2030ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމި މުޢާހަދަތަކަށް ރިޕޯޓުކުރުމުގައި، ދިވެހިރާއްޖޭގެ އަންހެނުންގެ ޙާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

އެގޮތުން 2016ވަނަ އަހަރު ތަސްދީޤުކުރެވުނު ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން 2019ވަނަ އަހަރު އެކުލަވާލެވުނު ނެޝަނަލް ޕޮލިސީ އޮން ޖެންޑަރ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްކުރާނެ އެކްޝަން ޕްލޭނެއް ފާސްކޮށްފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: