ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އޮތީ “ޝައިތޯނީ ވެރިކަމެއް”: ރައީސް ޔާމިން

ރައީސް ޔާމިން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ... ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

“ޝައިތޯނީ” ވެރިކަމެއްގެ ސަބަބުން، ވަގުންނާއި ހިޔާނާތްތެރިން އަދި އަސްލު އޮޅުވާލައިގެން ތިބި ފަރާތްތަކެ އިސްވެ ތިބެގެން ކޮރަޕްޓް ސިޔާސީ މަޝްރަހެއް ދިވެހިރާއްޖެ ގެނެސްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަރުކަށި “ޕަޕެޓް މާސްޓަރެއް” ހިފައިގެން ހުރި ކަންވާރުތަކަށް މާ ބާރަށް ދެމުމުގެ ސަބަބުން އެކުގައި ތިބި ވާގިވެރިންވެސް ދެކޮޅުވެރިވެ، އެނާގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި ނަމަވެސް އެ އެންމެނަކީވެސް ހިޔާނާތްތެރިންކަމަށެވެ. އަދި “ޑީމޮނޮކްރެސީ” (ޝައިތޯނީ ވެރިކަމެއް) އޮތުމުގެ ސަބަބުން ކޮރަޕްޓް ވެފައިވާ ސިޔާސީ މަޝްރަހެއް، “ވަގުން” “ހިޔާނާތްތެރިން” އަދި “އަސްލު އޮޅުވާލައިގެން ތިބި ބަޔަކު” އިސްކޮށް ތިބެގެން ރާއްޖެ ގެނެސްފައިވާ ކަމަށްވެސް ރައީސް ޔާމިން ވަނީ ވިދާޅުވެފައިއެވެ.

ރައީސް ޔާމިން މިފަހުން ކުރަށްވާ ޓްވީޓް ތަކުގައި ވައްބަހުން ވަރަށް ގިނައިން ސަރުކާރަށް ފާޑުވިދާޅުވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މި ޓްވީޓް ގައި ޝައިތޯނީ ވެރިކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވީ އިންޑިއާ އާއި ގާތް ގުޅުމެއް އޮންނަ ދިވެހި ސަރުކާރަށެވެ. ދިވެހި ރާއްޖޭގެ ދީނީ އަދި ގައުމީ މިނިވަންކަން ހިމާޔަތްކުރުމުގެ ނަމުގައާއި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ހިންގަމުންދާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުމަކަށް ގެނައުމަ ރައީސް ސޯލިހުވަނީ ދާދި ފަހުން އެ އަމަލުގެ ސަބަބުން ގައުމީ ސަލާމަތައް ނުުރައްކާވާކަމަށް ވިދާޅުވެ، އެފަދަ އަމަލުތަކަކީ ގާނޫނާއި ހިލާފު ކަމެއްގެ ގޮތުގައި ކަންޑައަޅައި ގަރާރެއްގައި ސޮއި ކޮށް ނެރުއްވާފައިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުން އެ ގަރާރަކީ އިންޑީއާގެ ހައި ކޮމިޝަން އިން ނުވަތަ އިންޑިއާގެ ނުފޫޒުގެ ސަބަބުން ނެރިފައިވާ ގަރާރައް ކަމަށެވެ.

މީގެ އިތުރުން މި ޓްވީޓްގައި ރައީސް ޔާމިން ވަނީ “ހަރުކަށި ޕަޕެޓް މާސްޓަރެއް” ކަންވާރަށް މާ ބާރަށް ދެމުމުގެ ސަބަބުން ފަހަރަކު ވާގިވެރިއެއް ދެކޮޅުވެރިވެ އެނާގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރާ ކަމަށްވެސް ވިދާޅުވެފައިއެވެ. އެހެންކަމުން ޓްވީޓްގެ މިބައި އަމާޒުވެފައިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށްކަމަށް ފާހަގަކުރެވެއެވެ. ރައީސް ނަޝީދުވަނީ އެމަނިކުފާނު ކަންކަން ކުރަށްވަން ބޭނުންފުޅުވާ ހަމަތައް ވަރަށް ސާފުކޮށް ބަޔާން ކުރަށްވާފައިއެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް ބޭނުންވެލައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާ އިރު، ނިމިދިޔަ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެވޭ އިންތިހާބުގައިވެސް އެނާ ވަނީ ނުސީދާ ނަމަވެސް ސާފުވާނެ މޭރުމަކުން އިމްތިޔާޒު ފަހުމީއަށް ތާއީދުކުރަށްވާފައިއެވެ.

އެތެރޭގެ އިންތިހާބެއްގެ ވާދަވެރިކަމުގެ ތެރޭގައި ރައީސް ނަޝީދު އެތައް ދަނޑިވަޅެއްގެ މަތިން ބަސްވިދާޅުވުމުގެ ސަބަބުން، ކުރީގައި އެކަތިގަނޑެއް ގޮތުގައި އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެއްބަޔަކު އެ މަނިކުފާނަށް ރައްދު ދެއްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެދި މިކަމުގެ ސަބަބުން ރައީސް ސޯލިހާއި ނަޝީދާއި ދޭތެރޭގައި ކުރިން އޮންނެވި ގާތް ގުޅުންވެސް ހީނަރުވެގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ޕާޓީއިން އެދިފި ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައިވާ އިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންވަނީ ރައީސް ސޯލިހުގެ ދެވަނަ ދައުރެއް ދެކުމަށް އެދިލައްވާކަމަށްވެސް ވިދާޅުވެފައިކަންވެސް ފާހަގަކޮށްލެވެއެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެ ކަމުގެ އެއްވެސް އިޝާރާތެއް ރައީސް ސޯލުހުގެ ފަރާތުން ދެއްވާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ނަޝީދުވަނީ ދާދި ފަހުން ދިވެހި ނޫސް ޗެނަލްއަކަށް އިންޓަރވިއުއެއް ދެއްވައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ކުރިމަތިލައްވާނެ ކަމަަށް އެނާ އަށް ފެނިވަޑައިނުގަންނަ ކަމަށް ވިދާޅުވެފައިއެވެ. އެހެން ނަމަވެސް ސަންގުޓީވީގެ ފަރާތުން އެކަމާއި ގުޅިގެން ރައީސް ސޯލިހުއާއި ސުވާލު ކުރެށްވުމުން އެ މަނިކުފާނު ވިދާޅުވީ، އެފަދަ މައުލޫއަކަށް ރައީސް ނަޝީދުއާ މަޝްވަރާއެއް ކުރަށްވާފައި ނުވާނެ ކަމަށެވެ.

އެތެރޭގެ އިންތިހާބެއް ނިމި އެމްޑީޕީގެ އާ ޗެއަރޕާސަންގެ މަގާމަށް ފައްޔާޒު އިސްމާއިލް ހޮވިވަޑައިގެންފައިވާ އިރު، ރޭގެ ވަގުތެއްގައި މީޑިއާތަކާއި މުހާތަބްކޮށް ފައްޔާޒު ވިދާޅުވީ، އެނާއާ ވާދަކުރަށްވައި ބަލިވެފައިވާ އިމްތިޔާޒު ފަހުމީގެ ޓީމާއިއެކު ވެސް މަސައްކަތް ކުރަށްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދުއާއި އެކުގައިވެސް މަސައްކަތްތަކެއް ކުރަށްވަން އުންމީދު ކުރަށްވާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އަދި އިމްތިޔާޒް ފަހުމީއާއި ޓީމުގައި ތިއްބެވި ބޭފުޅުންގެ ފަރާތުންވެސް ފައްޔާޒުއަށް މަރުހާބާވެސް ކިޔާފައިނުވާ ކަމަށް ފާހަގަކޮށްލެވެއެވެ. މިއިންތިހާބު ނިމިގެން ދިއުމާއި އެކު އެމްޑީޕީގެ މެމްބަރުން އެކަތިގަނޑަކަށް ވެގެންދާނެކަމަށް ފައްޔާޒު އަދި ތާއީދު ކުރަށްވާ މީހުންވެސް ވިދާޅުވަމުންދާއިރު، އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތައް ޕާޓީއާއި ވަކިވުމަށް ނިންމާފައިވާ ކަމަށް ތުންތުންމަތިން ދެކެވެމުންދާކަން ފާހަގަކުރެވެއެވެ. އަދި ޓްވިޓަރގައިވެސް ބައެއް ފަރާތްތައް އެފަދަ ގޮތަކަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.

ރައީސް ޔާމިންގެ ޓްވީޓްގައި ހިމަނާފައިވާ “ނަމަވެސް އެ އެންމެންނަކީވެސް ހިޔާނާތްތެރިން” ގެ ގޮތުގައި ބެލެވެނީ ބައިބައިވެފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބަވާ އެންމެހާ ބޭފުޅުންނަށް ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: