ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގައި އީވާ ކުރީ ފާހަގަ ކުރެވޭފަދަ މަސައްކަތެއް، ރަނގަޅު މުސްތަގުބަލެއް ފެނޭ: ބޮންޑެ

ޗެއާޕާސަންކަމުގެ އިންތިހާބަށް ތާއީދު ހޯދުމަށް އިންތިގެ ޓީމުން ކުރިި ކެމްޕެއިނުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވީ ފާހަގަ ކުރެވޭ ފަދަ ބޮޑު މަސައްކަތެއްކަމަށާއި، ޕާޓީގެ ކުރިމަގު ސާފުކަމަށް ގަބޫލު ކުރެވޭކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮޑެތި ކޯޅުންތަކާއި، ޒުވާބުތަކަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރި އިމްތިޔާޒް ފަހުމީ އާއި ވާދަކޮށް ފައްޔާޒަށް 28،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއަކީ ނުފޫޒުގެ ހެއްކެއްގެ ގޮތުގައި ސިފަ ކުރައްވައި ބޮންޑެ ވިދާޅުވީ، ކުންފުނިތަކުގެ ވެރިންނަށް ވަކިިވަކީން މަރުހަބާ ކިޔަން ޖެހޭ ސަބަބަކީ އެއީ ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހާހުން ވަޒީފާތަކެއް އުފެއްދިކަމަށް ތުހުމަތު ކުރައްވައި، ބޮންޑެ ވިދާޅުވީ މިއީ އެމްޑީޕީގެ ވިސްނުމާއި ސިޔާސަތެއް ނޫން ކަމަށެވެ. ނުފޫޒާއި ބާރުގެ ބޭނުންކޮށް ފައްޔާޒް އިންތިހާބު ކާމިޔާބު ކުރިއިރު، އިންތި 20،000 އަށް ވުރެ ގިނަ ވޯޓު ހޯދީ އެކަނިމާ އެކަނި ކުރެއްވި މަސައްކަތުން ކަމަށް ވިދާޅުވި އެވެ.

ހަމައެފަދައިން އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ކާމިޔާބު ކުރީ ހުރިހާ ކުންފުޏެއްގެ އެހީގައިކަމަށް އޭނާ ވިދާޅުވި އެވެ. މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރަކަށް ރޮޒެއިނާ ހުންނެވި އިރު، އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މުހަންމަދު ނާޝިޒަކީ މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަން ފާހަގަކޮށް ބޮންޑެ ވިދާޅުވީ ނުފޫޒެއް ފޯރުވޭނީ މިހާވަރަށް ކަމަށެވެ. ނާޝިޒަކީ މާލީ ނުވަތަ ފައިސާއާއި ގުޅުން ހުރި އިދާރާތްތަކާއި ސުވާލު ކުރަން ހުރި މެމްބަރަށްވާއިރު އެ މީހުންގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ ގޮތެއް ނެތްކަމަށް ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ ވިދާޅުވީ ރޮޒެއިނާ އާއި ދެކޮޅަށް، އަންހެނުންގެ ރޫހުގެ ރައީސަކަށް ވާދަކޮށް ސަފާތު އަހުމަދު ވެސް ހޯދީ ކާމިޔާބެއްކަމަށެވެ. ސަފާތު ވެސް ގިނިކަންޏާއި ނިކުމެ އެހާ ގިނަ އަދަދެއްގެ ވޯޓު ހޯދުން އެއީ، އާދައިގެ ވާހަކައެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންތިހާބާއި ދިމާކޮށް ސަރުކާރަށް ކީ ފާޑުކިއުންތަކަކީ އެއީ ކޮންމެހެން ވޯޓު ހޯދުމުގެ ނިޔަތުގައި ކުރި ކަމެއް ނޫންކަމަށް ބޮންޑެ ތަކުރާރުކޮށް ވިދާޅުވި އެވެ. ވެރިކަން ކުރާ ޕާޓީގައި ތިބުން އެއީ ބުނާހާ ބަހަކަށް އާނ ބަސް ބުނެ ކުރިޔަށް ދިއުން ނޫންކަމަށް ފާހަގަކޮށް ބޮންޑެ ވިދާޅުވީ ގޯހުން ހިނގާ ކަންކަމަށް ފާޅުގައި ނިކުމެ ގޯހަށް ގޮވުން އެއީ ޑިމޮކްރަސީ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި މެދު ހިތްހަމަނުޖެހުންތައް ހުރުމުން އެކަން ވެސް ފާހަގަ ކުރުމަކީ ވެސް ޑިމަކްރަސީކަމަށް އޭނާ ވިދާޅުވި އެވެ.

އެތެރޭގެ އިންތިހާބުގައި އެންމެ ބޮޑަށް މަސައްކަތް ކުރީ އެމްޑީޕީ ސަލާމަތް ކުރުމަށް ނަމަވެސް، “ފައްޔާޒް ބޭނުން ވި ގޮތަށް” އިންތިހާބު ކާމިޔާބު ކުރުމުން ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީއަކީ ދިވެހި އެތައް ރައްޔިތަކު ލޯބިވާ ޕާޓީއަކަށް ވާއިރު، ގޯސް ބައެއްގެ އަތް މައްޗަށް ޕާޓީ ދިއުމުން ހިތްދަތި ވާނެކަމަށް ބޮންޑެ ވިދާޅުވި އެވެ.

އެމްޑީޕީއަކީ ކުރިޔަށް އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ ޕާޓީއެއްކަން ފާހަގަކުރައްވައި، ބޮންޑެ ވިދާޅުވީ މި އިންތިހާބަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ހާއްސަކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވީ ފާހަގަ ކުރެވޭ ފަދަ މަސައްކަތްތަކެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ ކުރިމަގު ރަނގަޅު ވާނެކަމަށް ދެކޭ ކަމަށެވެ.

“އީވާ ކުރީ ވަރަށް ފާހަގަ ކުރެވޭ މަސައްކަތެއް… އަޅުގަނޑަށް ހަމަ ރަނގަޅު މުސްތަގުބަލެއް ފެނޭ..” ބޮންޑެ

އީވާއަށް ތައުރީފު ކުރައްވައި ބޮންޑެ ވާހަގަ ދެއްކެވި އިރު، އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ފެށި އެންމެ ފަހު ދުވަހާއި ޖެހެންދެން އިންތި އާއި އެކު ހުރިހާ ރަށަކަށް ދަތުރު ކުރައްވައި އަމަލީ ގޮތުން ހުރިހާ ކެމްޕެއިނުގައި އީވާ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ދޮރުން ދޮރަށް ހިނގުމާއި، ބައްދަލުވުންތަކުގައި ވާހަކަ ދެއްކެވުން އަދި ރަށްތަކުގެ ވަކި ވަކި މީހުންނާއި ބައްދަލުކޮށް ހިންގި ހަރަކާތްތައް ފާހަގަ ކުރެވެ އެވެ.

މީގެ ކުރިން ކެމްޕެއިނަކަށް ރާއްޖޭގެ ރަށްތަކަށް އެހާ ގިނައިން ވަޑައިގެންފައި ނުވާ އީވާ، ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށަށް ވަޑައިގެން ކެމްޕެއިން ކުރެއްވީތީ ބައެއް ބޭފުޅުން އީވާއަށް ފާޑުކިއުން ވެސް އަމާޒު ކުރި އެވެ. އެގޮތުން ރޯޑް ޑެވަލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވަނީ އީވާއަށް ފާޑުކިއުން އަމާޒުކޮށް މީގެ ކުރިން ރަށްތަކަށް ދަތުރު ނުކުރާ ބަޔަކު، ކެމްޕެއިނަށް ވަޑައިގަންނަވަނީ އެހެން އެޖެންޑާއެއްގެ ދަށުންކަމަށް ވިދާޅުވެފަ އެވެ.

މި ތުހުމަތުތައް ތަކުރާރު ކުރައްވައި ފައްޔާޒްގެ ކެމްޕެއިން މެނޭޖަރަކަށް ހުންނެވި އިބްރާހިމް ވަހީދު ވަނީ، މިއީ 2028 އަށް ވެސް ކުރާ ކެމްޕެއިނެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

އިންތިހާބުގެ ޖެހިގެން އައި ދުވަހު ރައީސް މުހައްމަދު ނަޝީދު ފައްޔާޒާއި އެކު ކޭކު ފަޅައި، އުފަން ދުވަސް ފާހަގަ ކުރަން ހުންނެވުން އެއީ ލީޑަރުންގެ ސިފަކަމަށް ބޮންޑެ ވިދާޅުވި އެވެ. ލީޑަރަކީ ބަދަލުވާނެ މީހެއް ނޫންކަމަށާއި، ކޮންމެ ކޮންމެ މީހަކަށް އެ މަސައްކަތް ނުކުރެވޭނެކަމަށް ބޮންޑެ ވިދާޅުވި އެވެ.

މީގެއިތުރުން ބޮންޑެ ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނަށް ވެސް ފާޑުވިދާޅުވެފަ އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސަކަށް ހުންނަވައި ކެމްޕެއިން ކުރުމަށް ނިކުތުމުން، އޭގެ ނޭދެވޭ ނަތީޖާއެއް ނިކުންނާނެކަން ބޮންޑެ ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: