ފޯޅަވަހީގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ގޮވާލާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހުށައަޅައިފިއެވެ.
ފޯޅަވަހީގެ މައްސަލައިގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕެޓިޝަންގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާކަމަށް ފާހަގަކުރެވެނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ މެމްބަރުންނެވެ. އަދި ޖުމްހޫރީ ޕާޓީގެ މެމްބަރެއްކަމަށްވާ ކެނދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންވެސްވަނީ މި ޕެޓިޝަނުގައި ސޮއިކުރައްވާފައެވެ. ޗާގޮސްގެ މައްސަލައިގައި ދައުރުކުރަމުންދާ ޕެޓިޝަންގައި ބުނެފައިވާގޮތުން، ޕެޓިޝަން ކޮމިޓީއަށް މި ހުށައެޅުން ފޮނުވާފައިވަނީ އެކަން ކުރުމަށް މަޖިލީހުގެ ގަވައިދު ތަންދޭތީއެވެ.
ފޯޅަވަހި ސިއްރު ސިޓީ އަދި ސިއްރުޑީލް އަނބުރާ ގެނައުމަށް ގޮވާލާ، ފޯރިޔާއެކު ރައްޔިތުން ސޮއެ ކުރަމުންދާ " ފޯޅަވަހި ޕެޓިޝަން" ގައި ކެންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ހުސައިން ސޮއި ކުރައްވައިފި . ! @AleeVoice pic.twitter.com/9eQrMN9nv1
— Ibrahim Rasheed (@BondeM4) April 19, 2023
ޕެޓިޝަނުގައި ބުނެފައިވާގޮތުން ފޯޅަވައްސަކީ ގަދީމީ ޒަމާނުއްސުރެ ދިވެހިންގެ މިލްކެކެވެ. އަދި 1573 ވަނަ އަހަރުގެ ތެރޭގައި 9 ވަނަ ހަސަން ރަސްގެފާނުގެ ފަތްކޮޅަކުންވެސް އެކަން ސާބިތުވާކަމަށް ބުނެފައިވެއެވެ. ޕެޓިޝަންގައި ބުނެފައިވާގޮތުން ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިންނަށް ހައްގުވާ އެ ސަރަހައްދުގެ ރަށްތައް ހޯދުމަށްޓަކައި އދ ގައި ރަޖިސްޓްރީ ކުރުމަށްވެސް ހުށައަޅާފައެވެ.
އެހެންނަމަވެސް ރައީސް ސާލިހު މޮރިޝަސްއަށް ފޮނުއްވި ސިއްރު ސިޓީއާއިއެކު، ރައީސް ނަޝީދު ހުށައަޅުއްވާފައިވާ ލިޔެކިއުންތައް ބާތިލުވެ ދިވެހި ކަނޑުގެ ސަރަހައްދާއި އަޑީގައިވާ މައުދަނުތައް ފަދަ ވަސީލަތްތަކުން ރައްޔިތުން މަހުރޫމުވެގެންދާކަމުގެ ބިރު އޮތްކަމަށް ބުނެފައިވެއެވެ.
ޕެޓިޝަންގައި ބުނެފައިވާގޮތުން އެކަމުގެ ސަބަބުން މަސްވެރިކަމަށްވެސް ބޮޑެތި ނޭދެވޭ އަސަރުތައް ކުރާނެއެވެ. ލިޔުމުގައިވާގޮތުން ސަރުކާރުގެ ނިންމުމަކީ މަކަރުވެރި ނިންމުމެކެވެ. އަދި އެކަމުގެ ސަބަބުން ދިވެހިން ޔޫރަޕަށް ބޭރު ކުރާ މަހުގެ މޮނޮޕޮލީ މޮރިޝަސްއަށް ލިބިގެންދާކަމަށާއި އެހެންކަމުން ރައީސް ސާލިހު ދިވެހި ރައްޔިތުންނަށް ސިއްރުން މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށާއި މި ކަމުގެ ތެރޭގައި ހިމެނޭކަމަށް ތުހުމަތު ކުރެވޭ 500 މިލިއަން ޑޮލަރުގެ މާލީ މުއާމަލާތެއްވެސް މިނިވަންކަމާއިއެކު ތަހުގީގު ކުރުމަށް ގޮވާލާކަމަށް ބުނެފައިވެއެވެ.

