އިދިކޮޅު ކޮންގްރެސް ކޯލިޝަނުގައި ވަޒީރުންގެ މަގާމުން ފެށިގެން، ކުންފުނިތަކުގެ ވެރިންނާއި ހަމައަށް ސަރުކާރު ހިންގޭނެ ވަރުގަދަ ގާބިލު އަދި ތައުލީމީ ބޭފުޅުން އެބަތިބިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޮންގްރެސް ކޯލިޝަނުން 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު، ގިނަ ބަޔަކު ދަނީ ޕާޓީގެ ޓިކެޓުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަކުރެވިދާނެކަމާއި މެދު ސުވާލު އުފައްދަމުންނެވެ. އަދި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެކަމަށް ނިންމައި، ޕާޓީގެ ތެރޭގައި ޓިކެޓުގެ ވާދަވެރިކަން އުފެދިފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
”ސަންގު ޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އާދަމް ޝަރީފް ވިދާޅުވީ ގޮތުގައި، ރައީސް ޔާމީން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން ބޭނުން ވަނީ ސަރުކާރުންނެވެ. އަދި އެ ފުރުސަތު ގެއްލުވާލުމަށް ކުރަމުން ދާ މަސައްކަތްތަކުގެ ތެރެއިން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުން ދާކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ހާލަތެއްގައި، ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޕާޓީގެ ތެރެއިން ވަކި ބަޔަކު މަސައްކަތް ކުރަމުން ދާކަމަށް އަޑުތައް ފެތުރުނީ ވަރަށް ފަހުންނެވެ. އަދި ލީޑާޝިޕްގެ ބައެއް ބޭފުޅުންގެ ނަންތައް ވެސް އެގޮތުން ތިލަވެފައިވާއިރު އެ ވާހަކަތައް ޕާޓީން ދޮގު ކުރެ އެވެ.
ތަކުރާރުކޮށް އާދަމް ޝަރީފް ވިދާޅުވީ، މިއަދާއި ހަމައަށް ވެސް ޕާޓީގެ ލީޑާޝިޕް ދެމިއޮތީ ރައީސް ޔާމީނާއި އެކުކަމަށެވެ. އަދި އެ އިހުލާސްތެރިކަން އަބަދުވެސް ދަމަހައްޓާނެކަން ފާހަގަކޮށް ވިދާޅުވީ، ރައީސް ޔާމީން ނޫން އިތުރު އެއްވެސް ނަމަކަށް އެއްވެސް ސިފައެއްގައި ވާހަކަ ދެކެވިފައި ނުވާނެކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މަތީ މަގާމުތަކުން ފެށިގެން އެންމެ ދަށް މަގާމުތަކާއި ހަމައަށް ވެސް ގައުމު ހިންގޭނެ ފެންވަރުގެ ބޭފުޅުން ތިބީ ޕީޕީއެމްގައި ކަމަށެވެ. އަދި އެއީ ބޮޑާވުމެއް ނޫންކަމަށާއި، ހަގީގަތަކީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުގައި ވަޒީރުކަމާއި ކުންފުނިތަކުގެ ވެރިންގެ މަގާމު އަދާކުރެވޭނެ ގާބިލު، ތައުލީމީ ބޭފުޅުން ތިބިކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ސްޕޮންސާޑް ބައެއް އާޓިކަލްތައް ހުންނަކަން އަޅުގަނޑުމެންނަށް އެނގޭ.. ދެން ހަމައެއާއި އެކީގައި، ކޮންމެހެން ފޮނިވާކަށް ނޫން.. އެކަމަކު މިހާރު ރާއްޖޭގައި ހުރި ސިޔާސީ ޕާޓީތަކަށް ބަލާލިކަމަށް ވެޖެއްޔާ.. ވެރިކަން ކުރުމުގެ ގާބިލުކަން މި ދެންނެވީ.. ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެކަންޏެއް ނޫން، މިނިސްޓަރުންނާއި ހަމައިން ފެށިގެން ވެސް، އަދި ކުންފުނި ހިންގުންކަމަށް ބެލިޔަސް އެންމެ ގާބިލު ބޭފުޅުން ތިބީ ޕީޕީއެމްގައިކަން ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރޭ
އާދަމް ޝަރީފް ވިދާޅުވީ ޕާޓީގެ އެންމެ ވަރުގަދަ ބޭފުޅުންގެ ތެރެއިން، ބައެއް މެމްބަރުން މަޖިލީހުގައި ތިބުމާއި އަދި މާލޭގެ މޭޔަރެއްގެ ގޮތުގައި ވެސް ހުންނެވުމަކީ އިދިކޮޅުގެ ގާބިލުކަން ސާބިތުކޮށްދޭ ސަބަބެއް ކަމަށެވެ. އަދި އެ މިސާލުން އެކަނި ވެސް ޕީޕީއެމްގައި ތިބީ ވަރުގަދަ މެމްބަރުންކަން ރައްޔިތުން ގަބޫލު ކުރާނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އެހެންކަމުން އެފަދަ ބޭފުޅުންގެ ތެރޭގައި ވެރިކަން ކުރެވޭނެ ފެންވަރުގެ ބޭފުޅުން ވެސް ތިބޭނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ ގޮތުގައި އޭގެ މާނައަކީ ލީޑާޝިޕިން ރައީސް ޔާމީން ނޫން އެހެން ގޮތެއް ހޯދަން މަސައްކަތް ކުރުމެއް ނޫނެވެ.
އެހެންވީމަ އެހާ ވަރުގަދަ ޕާޓީއެއްގައި، ހަމަ ހަގީގަތުގައި ވެސް ވެރިކަން ކުރުމުގެ ގާބިލުކަން އަދި ޝައުގުވެރިކަން ހުރި ބޭފުޅުން ވެސް ތިއްބެވުމަކީ އެއީ އަޅުގަނޑު ހިތުން އެއީ ޖާއިޒް ސިފައެއް.. އެހެން ނަމަވެސް ރައީސް ޔާމީން ފިޔަވާ އިތުރު ޗޮއިސްއެއް ހޯދަން ލީޑާޝިޕުން މަސައްކަތެއް ނުކުރޭ
އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވާތީ އާއި، ސަރުކާރުން ރައީސް ޔާމީނަށް ދޭ އަނިޔާތަކުގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ހިތުގައި ވެސް އުފެދޭނެ ސުވާލަކީ 2023 ގެ ރިޔާސީ އިންތިހާބުކަމަށެވެ. އަދި އެންމެ ގިނައިން ލީޑާޝިޕަށް އަންނަ ސުވާލަކީ ވެސް އެއީކަމަށް ފާހަގަކުރި އެވެ.
ގާނޫނީ ގޮތުން ބަލާއިރު އިންތިހާބު އަދި އިއުލާނުކޮށްފައި ނުވާތީ، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ބެލެވެން ނެތްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އިސްތިއުނާފު މަރުހަލާއިން ރައީސް ޔާމީން މިނިވަންވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ރައީސް ޔާމީން ކަމަށެވެ. ނިމިދިޔަ ބައި އިލެކްޝަނަކީ އެއީ ސަރުކާރަށް ފަސޭހަ މަގެއްކަމަށް ބެލެވުނު ނަމަވެސް އެންމެ ރަށަކަށް އެގޮތަށް ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްފަހަރާ ނުގެންދެވޭނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

