ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްގެ މައްސަލައިގައި ސްޓޭންޑު ބަދަލު ކުރުން: ރިޝްވަތުގެ ތުހުމަތުތައް ބަލައިދޭން އެދި އިދިކޮޅުން ޕީޖީއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ޗާގޮސް ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށު އަރާ ސަރަޙައްދާއި ގުޅޭގޮތުންނާއި، ޗާގޯސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖުގްނައުތު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީގެ މައްސަލައިގައި އިދިކޮޅުން ކަމާއި ބެހޭ އިދާރާތްތަކަށް އެ މައްސަލަ ބަލައިދޭން އެދި ހުށަހަޅައިފި އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއި އެކި އެކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެކަން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހާމަކުރެއްވީ ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބައެއް ހޯދަން ކަމާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ ތެރެއިން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެކަން އެގޮތަށް ރައީސް ހާމަކުރީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއަކުންކަމަށް ރިފްއަތު ވިދާޅުވި އެވެ. އަދި އެ ސިޓީއާއި ގުޅޭގޮތުން ސުވާލުތައް އުފެދޭއިރު، އޭގެ ތަފްސީލު ދޭން ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ.

މި މައްސަލައިގައި އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދަނީ، ސަރުކާރުން ސިއްރު ޑީލްތަކެއް ހަދާފައިވާކަމަށެވެ. އަދި އެ ނިންމުމުގެ ފަހަތުގައި ވަނީ އިންޑިއާގެ ނުފޫޒުކަމަށް ވެސް ތުހުމަތު ކުރި އެވެ. އަންނަ ހުކުރު ދުވަހު މި މައްސަލައިގައި ގޮތެއް ނިންމުމަށް ޓްރައިބިއުނަލްގައި ތާވަލުކޮށްފައިވާއިރު މޮރިޝަސްގެ މީޑިއާތަކުގައި ދިވެހި ސަރުކާރުގެ މައްޗަށް ތުހުމަތުތަކެއް ވަނީކޮށްފަ އެވެ. އަދި ސިޓިއާއި ގުޅޭ ގިނަ ސުވާލުތައް ވަނީ އުފައްދާފަ އެވެ.

ސިޓީގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެޑްރެސްކޮށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ފޮނުވާފައިވާ ސިޓީގައި ވަނީ، ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޮސް ހިމެނޭ އަތޮޅުތަކާއި ގުޅޭގޮތުން މޮރިޝަސްއިން އިޓްލޮސްއަށް ދިވެހިރާއްޖެއާއި އެ އަތޮޅުތަކާއި ދެމެދުގެ ކަނޑުގެ ސަރަހައްދު ބައި ކުރުމަށް ހުށަހަޅާފައިވާ ހައްސާސް މައްސަލަ، އެ ޓްރައިބިއުނަލްގައި ހިނގަމުން ދަނިކޮށް ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތާއި ސްޓޭންޑަށް ބަދަލު ގެނައީ ކުއްލި ގޮތަކަށް ކަމަށެވެ. އެހެންވެ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބަޔަކާއި އެކު ޗާގޮސް ހިމެނޭ އަތޮޅުތަކުގެ ސިޔާދަތީ ބާރު، މޮރިޝަސްއަށް އޮތްކަމަށް ގަބޫލުކޮށް އެކަން ރައީސް ސޯލިހުގެ ސިޓީއަކުން މޮރިޝަސްގެ ބޮޑު ވަޒީރަށް އަންގާފައިވަނީ ގާނޫނީ ކޮން ހަމަތަކެއްގެ ތެރެއިންތޯ ސާފު ކުރުމަށް ބޭނުންވާކަމަށް ސިޓީގައި ވެއެވެ.

ސިޓީގައި ބުނެފައި ވަނީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 03 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. އަދި ގާނޫނު އަސާސީގެ 248 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާގޮތުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑުގައްޔާއި، ކަނޑުގެ އަޑީގެ ބިމުގައި ވާ ދިރުން ހުރި އަދި ދިރުމެއް ނެތް ތަބީއީ އަގުހުރި ހުރިހާ މުދަލެއް މިލްކުވެގެން ވަނީ ދިވެހި ދައުލަތަށްކަން ބުނެފައިވާކަމަށް އިދިކޮޅުން ފާހަގަ ކުރި އެވެ.

ސަރުކާރުގެ އެންމެހާ އިދާރާތްތައް ގުޅިގެން ހިދުމަތްތެރިކަމާއި އެކު މަސައްކަތް ކުރޭތޯ ބެލުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަން ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމަށް ސިޓީގައި ވެއެވެ.

ގާނޫނު އަސާސީން ބަޔާން ކުރާ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފާހަގަކޮށް އިދިކޮޅުގެ ސިޓީގައި ބުނެފައި ވަނީ ފޯޅަވަހި ހިމެނޭ އަތޯޅުތަކާއި ދިވެހިރާއްޖެއާއި ދެމެދުގެ ކަނޑުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލްގައި ހިނގަމުން ދަނިކޮށް މިހާތަނަށް ރާއްޖެއިން ދިފާއުވުމަށް ނަގާފައިވާ ހުރިހާ ނުކުތާތަކާއި ފުށުއަރާގޮތަށް، މޮރިޝަސްއަށް ފޯޅަވަހި ހިމެނޭ ސަރަހައްދުގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ބަޔާންކޮށް ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވާނެކަން ޔަގީންވެފައިވާކަމަށެވެ.

އެހެންވެ އެ ސިޓީގައި އިދިކޮޅުން އެދިފައިވަނީ ވަނީ ރައީސްގެ އެފަދަ ސިޓީއަށް ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޝާހިދު އެއްވެސް ލަފައެއް ދެއްވާފައިވާނަމަ ދެއްވި ލަފައަކާއި އަދި މައްސަލައިގައި ރައީސް ލަފައަކަށް އެދިފައިވާނަމަ އެކަމުގެ ތަފްސީލު ދިނުމަށެވެ. އަދި ދިވެހި ގައުމަށާއި، ރައްޔިތުންނަށް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިދާނެފަދަ ކަމެއްގައި ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ ލަފާ ހޯދުމެއް ނެތި، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ނިންމުމުގެ ބާރު ރައީސަށް ލިބިގެން ވަނީ ކޮން ހަމައަކުން ތޯ ސާފުކޮށްދޭން ވެސް ސިޓީގައި ވެއެވެ.

މިއާއި އެކު އިދިކޮޅުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމަށް ވެސް ވަނީ ވަކި ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވާފައި ވަނީ ގާނޫނު އަސާސީއާއި ހިލާފަށްކަމަށެވެ. އެހެންކަމުން މޮރިޝަސްއަށް ފޯޅަވަހި ހިމެނޭ ސަރަހައްދުގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާގެ މިފަދަ ސިޓީއެއް ފޮނުވާފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ހިލާފަށްކަމަށް ވާތީ އެ މައްސަލަ ބެލުމަށް ވަނީ އެދިފަ އެވެ.

ސިޓީގައި ބުނެފައި ވަނީ، ސްޓޭންޑު ބަދަލުކޮށް އެކަން އެންގުމުގައި މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ބޮޑެތި އަދަދުތަކުން ރިޝްވަތު ނެގިކަމުގެ ތުހުމަތު ވެސް ކުރެވޭ ކަމަށެވެ. އަދި އެކަމަށް އިންކާރުކޮށްފައި ނުވާއިރު މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭކަމަށް ގަބޫލު ކުރެވޭތީ، ފުރިހަމަ ތަހުގީގެއް ހިންގުމަށް އިދިކޮޅުން ވަނީ ޝަމީމަށް ގޮވާލާފަ އެވެ.

ޗާގޯސް އައިލެންޑްސްގެ މައްސަލާގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒު ކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ނިންމި ކަމަށް ސިޔާސީ އިސް ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި އާއްމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ އެނިންމުން ނިންމައިފި ނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވެގެންދާނެތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: