ޖުޑިޝަސް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ބިލު މަޖިލީހަށް ފޮނުވިކަމަށް ބުނެ ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދުއަށް އެނގިވަދައިނުގަންނަވާކަން ހާމަވެއްޖެއެވެ.
އިދިކޮޅުގައި އޮވެ، އެމްޑީޕީން އޭރު ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒު ކުރީ ރާއްޖޭގެ ޖުޑިޝަރީ ދާއިރާ އިސްލާހު ކުރުމަށް ގޮވާލައި އެވެ. އަދި ކޯޓުތަކާއި، ފަނޑިޔާރުންނަކީ ސަރުކާރުގެ ނުފޫޒުގެ ދަށުން އެއްކިބާވެފައި ތިބޭ ބަޔަކަށް ހެދުމަށާއި ޝަރީއަތްތަކަށް ފަހު ހުކުމްތައް ވަކި ގޮތަކަށް ނެރެން ރައީސް ޔާމީން މަޖުބޫރު ކުރުވިކަމަށް ތުހުމަތު ކުރި އެވެ. އެ ހުރިހާ މައްސަލައެއްގެ ހައްލަކީ، އެމްޑީޕީން ބުނި ގޮތުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެން ވާ ގޮތް ބަދަލުކުރުމަށެވެ.
ޖޭއެސްސީގެ މެމްބަރުންނަކީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތް ބައެއްގެ ގޮތުގައި ހެދުމަށް އެންމެ މުހިންމީ މަޖިލީހުގެ މެމްބަރަކާއި މަޖިލީހުގެ ރައީސް ކޮމިޝަނުގައި ހުރުން ނިމުމަކަށް ގެނައުން ކަމަށް ވެސް އެމްޑީޕީން ބުނެފައި ވެއެވެ. އަދި މި ސަރުކާރުން އެންމެ ބޮޑު މަސައްކަތްތައް ކުރާނީ ޝަރުއީ ދާއިރާ އިސްލާހުކޮށް، އިންސާފުވެރި ފަނޑިޔާރު ގެއެއް ހޯދައިދިނުމަށްކަން ފާހަގަ ކުރިއެވެ.
މިއަހަރަށް އިއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ރއްޔިތުންގެ އިތުބާރު ގާއިމު ކުރުމަށްޓަކައި ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެން ވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް މި ނިމިދިޔަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެކަމަށެވެ. ނަމަވެސް މަޖިލީހުގެ މިއަހަރުގެ ފުރތަމަ ދައުރު ނިމި މަޖިލިސް ޗުއްޓީއަށް ދިޔައިރު ވެސް އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.
ރާއްޖޭގެ އަދުލް އިންސާފާމެދު ރައްޔިތުންގެ އިތުބާރާ އިހްތިރާމާ ގަދަރު ހިފަހައްޓަން ޖެހޭ… ފާއިތުވީ 4 އަހަރުތެރޭ ރާއްޖޭގެ އަދުލް އިންސާފްގެ ދާއިރާ ހަރުދަނާކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އަދި އެދާއިރާއާމެދު ރައްޔިތުން ކުރާ އުންމީދު އަންނަނީ ބޮޑުވަމުން. ކުރަންޖެހޭ މަސައްކަތް އަދިވެސް ގިނަ. ޖުޑީޝަލް ސަވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް މި ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާނެ“
ރައީސް ސާލިހު ވިދާޅުވިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭ ގޮތުން ”ސަންގުން“ ސުވާލުކުރުމުން މިއުވާން ވިދާޅުވީ މި މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގައިކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތަކަށް ސަރުކާރަށް ނުފޫޒު ނުފޯރުވޭނެކަމަށް ވިދާޅުވިއެވެ.
ނަމަވެސް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތީ ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކުގެ ބިލެވެ. ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ހުށައަޅާ އިސްލާހެއް ނޫނެވެ.
ނޫސްވެރިންގެ ބައްދަލުވުން ނިމުނު ފަހުން ޖޭއެސްސީގެ އެކުލަވާފައިވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާޙްގެ ބިލް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށް ވިދާޅުވެ ރައީސް އޮފީހުން ނޫސްވެރިންނަށް ހާއްސަކޮށްގެން ހަދާފައިވާ ވަޓަސްއަޕް ގުރޫޕަށް މިއުވާން މެސެޖެއް ފޮނުއްވިއެވެ.
މިއުވާން ފޮނުވި މެސެޖެއްގައި ވިދާޅުވީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާޙްގެ ބިލު އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައިކަމަށް ވިދާޅުވެވުނީ އޮޅިގެންކަމަށެވެ. އަދި އެހެން ވިދާޅުވެވުނީ އެ ބިލާ ގުޅޭ ގޮތުން ސުވާލުކުރުމުން އެހެން ބިލެއްކަމަށް ހީފުޅުވެގެންކަމަށް މިއުވާނު ވިދާޅުވިއެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމާއި ގުޅޭގޮތުން ސަރުކާރުން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ ދިރާސާތަކެއް ހެއްދެވުމާއި، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގެ ތަފްސީލް ހިމެނޭ ކަރުދާހެއް އެކުލަވާލުމެވެ.

