އެހެން މީހެއްގެ ވެރިކަމެއްގައި އިސްލާހީ މަސައްކަތްތައް ނުކުރެވޭ ނަމަ، ފުރުސަތު ލިބުނަސް އެ މީހަކަށް ރަނގަޅު ވެރިކަމެއް ކުރެވޭނެކަމަށް ގަބޫލުނުކުރެއްވޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
2023ގެ ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު، ވެރިކަން ކުރާ ކޯލިޝަންގައި ތިބި ބައެއް ޕާޓީތަކުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއިއެކު ދެވަނަ ދައުރެއް ކާމިޔާބު ކުރުމަށް މަސައްކަތްކުރުމަށް ކަނޑައަޅާފައެވެ. ރައީސް ސާލިހުގެ ކޯލިޝަން ދައުވަތު އެންމެ ފުރަތަމަ ގަބޫލުކޮށްފައިވަނީ އަދާލަތު ޕާޓީއިންނެވެ.
ކޯލިޝަން ދައުވަތު ބަލައިގަތުމަށް ފަހު އަދާލަތުންވަނީ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކުން ދިފާއުކުރުމުގައިވެސް ރޯލެއް އަދާކޮށްފައިކަމަށްވާއިރު، އިމްރާން ކުރެއްވި ޓްވީޓެއްގައި އޭނާވަނީ ވަކި ފަރާތަކަށް ސީދާ ނިސްބަތްނުކޮށް ވެރިކަން ކުރުމުގެ ގާބިލުކަން ހުރި މީހެއްގެ ކިބައިން ފެނިގެންދާނެ ސިފަތައް އޭނާއަށް ފެނިވަޑައިގަންނަވާ ގޮތަށް ހިއްސާކުރައްވާފައެވެ.
އިމްރާން ވިދާޅުވީ، ވެރިއެއްގެ ފަހަތުގައި ހުރެ ކަންކަން ރަނގަޅު ކުރަން ނޭނގޭ މީހަކަށް، އޭނާއަށް ވެރިކަން ލިބުނަސް ކަންކަން އިސްލާހު ކުރެވޭނެކަމަށް ގަބޫލުކުރުމަކީ އިންސާނީ ބުއްދިޔާއި ހިލާފުވާކަމެއްކަމަށެވެ.
Veriehge fahathugai hure kan kan rangalhah kuran engey meehakah menuvee, anekunge veriakah hure kan kan rangalhu kureveyne kamah gaboolukurumee insaanee buhdhiyaa khilaafu kamekeve.
— Imran Abdulla (@ShimranAb) May 17, 2023
މީގެ އިތުރުންވެސް މިނިސްޓަރުވަނީ އެކި ފުރުސަތުތަކުގައި އޭނާ ވެރިކަމާއިމެދު ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައެވެ. އެގޮތުން މީހެއް ބޭނުން ވީ ނަމަވެސް ވެރިކަމެއް ނުލިބޭނެކަމަށާއި، އެއީ މީހުން އިމްތިހާނު ކުރެއްވުމަށް ﷲ ދެއްވާ އެއްޗެއްކަމަށްވެސް އިމްރާންވަނީ ފާހަގަކުރައްވާފައެވެ.
އިސްލާހީ މަސައްކަތްތަކާއިމެދު އިމްރާން ވާހަކަދެއްކެވިއިރު، އޭނާ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، މި ވެރިކަމުގެ ދައުރުގައި ދިވެހިރާއްޖޭގެ އިޖްތިމާއީ މިންގަނޑުތަކާއި ހިލާފުވާ އަމަލުތައް ފެންމަތިވަމުންދިއުމާއި ގުޅިގެން އޭނާއަށްވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

