މާލޭގެ ރައްޔިތުންނަށް އަންނަ ޖޫން މަހުގެ ތެރޭގައި ގޯތި ލިބޭނެ ކަމަށް އަނެއްކާވެސް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހަށް އަސްލަމް ހާޒިރު ކުރެއްވުމުން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރެއްވިއެވެ.
އާޒިމް ވިދާޅުވީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅިގެން ގަރާރެއް ހުށަހެޅުމުން، ޖޫން މަހުގެ ތެރޭގައި ގޯތި ލިބޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އަސްލަމް މަޖިލީހަށް ވަޑައިގެން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ޖޫން މަހުގެ ތެރޭގައި ލިިބެިގެން ދާނެ ކަމަށެވެ.
އަޅުގަނޑަށް ހަމަ ދެއްކޭނީ މާލޭ މީހުންގެ ގޯތީގެ ވާހަކަ. 5 އަހަރުގެ ދައުރެއް ނިމިގެންމިދަނީ މާލޭ މީހުންނަށް އަދި އެއް ގޯއްޗެއް ނުދެވޭ. މިއަހަރުގެ 13 މާޗް ގައި އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލަސްވާތީވެ ގަރާރެއް ހުށަހެޅީމަ، ހަމައެދުވަހު މިނިސްޓަރުގެ ކޮންމެވެސް ސްޓޭޓް މިނިސްޓަރެއް ނުކުމެ ވަޑައިގެން ވިދާޅުވީ މެއި މަހުގެ ތެރޭގައި، މި މަސް މިއޮތް ނިމެނީ. މެއި މަހުގެ ތެރޭގައި ލިސްޓް އިއުލާން ކުރައްވާނެ ވާހަކަ. މިނިސްޓަރ މަޖިލީހަށް ވަޑައިގެން އެންމެ ފަހުން ވިދާޅުވީ ޖޫން މަހުގެ ތެރޭގައި، އިންތިހާބު އޮތީ އޮގަސްޓުގައި ޖުލައި އޮގަސްޓް ދެމަސް އިނީ. ކޮންއިރަކުންތޯ މާލޭ މީހުންނަށް ބޯހިޔާވަހިކަމެއް ލިބޭނީ. ނޫނީ ވިއްޔާ ގޯތި ލިބޭނީ؟ އެހެން ހަމަ ތަކުރާރުކޮށް މި ދަންނަވަން ޖެހެނީ ފެށުނީއްސުރެ މިއަދާ ހިސާބަށް އަޅުގަނޑު މިދެންނެވިހެން ދައުރެއް ނިމިގެން މިދަނީ، އަދި އެއް މިކަން ވާގޮތެއް ނުވޭ.
އާޒިމްގެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ މެމްބަރުގެ ކަންބޮޑުވުން ސާފުކޮށް އިވޭ ކަމަށާއި ޖޫން މަހުގެ ތެރޭގައި އެކަން ކުރާނެ ކަމަށް (ގޯތި ދޭނެ ކަމަށް) އޭނާ ވިދާޅުވެފައިވާނެ ކަމަށެވެ.
ޖޫންމަހުގެ ތެރޭގައި އެކަން ކުރާނަން.
އަސްލަމްގެ ޖަވާބާއި ހިތްހަމަ ޖެހިވަޑައިނުގެން ރިޔާސަތުގައި އިންނަވައި ރައީސް މުހައްމަދު ނަޝީދު އަސްލަމްގެ އަރިހުން އެކަމުގެ ތަފްސީލެއް ދިނުމަށް އެދިލެއްވިއެވެ.
އިއްޒަތްތެރި ވަޒީރު، އިއްޒަތްތެރި މެމްބަރު އެހެން އެ ވިދާޅުވަނީ، ވަޒީރު މިތަނުގައި އެތައް ތާރީހެއް ދެއްވާތީ. އެހެންވީމަ ޖޫންމަހުގައި އެކަން ކުރައްވާ ގޮތަކާ ވާ ގޮތަކާ ތަފްސީލެއް އަޅުގަނޑު ހިތުން އިއްޒަތްތެރި މެމްބަރު ތަމްސީލު ކުރާ ރައްޔިތުންނަށް ބޭނުންވާނެ. އެކަން ކުރައްވަން ތިއުޅުއްވާ ގޮތަކީ ކޮބައިތޯ؟ ހަގީގަތުގައި ބިން އެބައޮތްތޯ؟
ރައީސް ނަޝީދުގެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ އޭނާ ޖަވާބުދިނީ ކުރެވުނު ސުވާލަށް ކަމަށާއި މެމްބަރު އެހީ އެކަން ކުރާނީ ކޮންއިރަކުން ކަމަށެވެ.
އަޅުގަނޑު ދަންނަވާފައިވާނެ، އެންމެފަހުން މިތަނަށް އައިދުވަހު މިސުވާލު ކުރެވުނު. ޖޫން މަހުގައޭ މިކަން ކުރާނީ. އެހެންވީމަ ޖޫން މަސް އަދިވެސް އެއީ. އިތުރު ތާރީހެއް އަޅުގަނޑު ނުދެން. އަޅުގަނޑާ ކުރެވުނު ސުވާލަކީ ކޮންއިރަކުތޯ ދޭނީ. އަޅުގަނޑު މި ދެންނެވީ އެސުވާލުގެ ޖަވާބު.
އަސްލަމް ތަކުރާރުކޮށް ވިދާޅުވީ ޖޫން މަހުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ކަމަށެވެ.
މާލޭ ރައްޔިތުންނަށް 5000 ގޯތި މި ދައުރު ނިމުމުގެ ކުރިން ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ރިޔާސީ އިންތިހާބުގައި ވައުދުވެ ވަޑައިގެންފައެވެ. އެގޮތުން ގޯތި ދިނުމަށް ރޯނު ދަމާ އިން ވަކިކޮށް ހިބަފަތް ދޭނެ ކަމަށް ރައީސް ސާލިހް ވިދާޅުވެފައިވާއިރު އެކަމުގެ އަމަލީ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އިދިކޮޅުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ވިނަރެސް ފްލެޓްތަކާއި ފަހިދިރިއުޅުން ކޯޕަރޭޝަނުން ހަދަމުންގެންދާ ފްލެޓްތަކުގެ މަސައްކަތް ނުނިމި ލަސްވަމުންދާ ކަން އިދިކޮޅުން ދަނީ ފާހަގަކުރަމުންނެވެ.

