އެމްޑީޕީގެ މެނިފެސްޓޯގައި ދަނޑުވެރިންނަށް ކޮށްދިނުމަށް ކަނޑައަޅާފައިވާ އެއްވެސްކަމެއް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކޮށް، ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލާ މަޖިލީހަށް ހުށައަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތުމަށް އެކުލަވާލާފައިވާ މެނިފެސްޓޯގައި ވަރަށް ފުރިހަމައަށް ދެ ފުށް ފެންނަ ގޮތަކަށް ކަންކަންކޮށް، އަދި ވަށާޖެހޭ ނިޒާމެއް ގާއިމްކޮށްދީފައިވާކަމަށެވެ.
ދަނޑުވެރިކަމާއި ގުޅޭ ގޮތުން އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަން ތަފްސީލުކޮށްދެއްވާ ހަސަން ލަތީފް ވިދާޅުވީ ޖާގަހުރި ރަށްރަށުން ބިން ދީގެން ދަނޑުވެރިކަންކޮށްގެން އަދި ޖާގަ ނެތް ރަށްރަށުން ކުއްޔަށް ބިން ދީގެންނާއި، ފަޅު ރަށްރަށުން ކުއްޔަށް ބިން ދީގެންނާއި އަދި ފަޅު ރަށްރަށުން ކުއްޔަށް ބިން ދީގެން އެތަނުގައި ފެނާއި، ކަރަންޓާއި އަދި މަސައްކަތްކުރާ އާލާތް ކުއްޔަށް ދީގެން އެތަންތަނުގައި ދަނޑުވެރިކަންކުރުމުގެ ފަހިކޮށްދިނުންވެސް އެބަ އޮތްކަމަށެވެ. އެ ތަންތަނުގައި އުފައްދާ ތަކެތި އެގްރި ބޯޓު މެދުވެރިކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައި އެ ބޯޓުތައް ދުއްވައިގެން، އަދި އެގްރި ސެންޓަރުތައް ހަދައިގެން އެ ތަކެތި އެ ތަނުން އުފުލައިގެން، އެ ވިޔަފާރި ކުރެވޭ ގޮތްވެސް އޮތީ މަގުފަހިކޮށްދީފައިކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
މިކަންކަން ކުރުމަށްޓަކައި މާލީ އެހީ، ހާއްސަކޮށް އަންހެނުންނަށް ލުއި ލޯނުދީގެންނާއި، އަދި އެހެން ފަރާތްތަކަށްވެސް މި ލޯނުދީގެން މިކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށްދީފައިވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި މިކަމުގެ ފަންނު ދަސްކޮށްދިނުމަށްޓަކައި ތަމްރީނާއި ތައުލީމުދޭނެ ނިޒާމެއްވެސް މެނިފެސްޓޯގައި ގާއިމްކޮށްފައިވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ނަމަވެސް މީގެ ތެރެއިން އެއްވެސްކަމެއް އެކަށީގެންވާ ގޮތަށް ނުހިނގާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ފުޑް ސެކިއުރިޓީއާއިމެދު ކަންބޮޑުނުވާކަމަށާއި، އެއީ މައްސަލައެއް ނޫންކަމަށް ވިދާޅުވެ، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން މާ މުހިންމުކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ފުޑް ސެކިއުރިޓީއަށް މިވަގުތު މިވަނީ ރާއްޖޭގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އައިއްސަ. ދެން، އިއްޒަތްތެރި ރައީސް އަޅުގަނޑު ކަންބޮޑެއްނުވޭ. ފުޑް ސެކިއުރިޓީއަށް އެ އޮތް ކަންކަން އެހެން ހުރުން އެއީކީ މައްސަލައެއް ނޫން. ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް މި ވަނީ އިންތިހާއަށް ނުރައްކާތެރިވެފަ.
ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުނުވާއިރު، ފުޑް ސެކުއާ ކުރެވޭތޯ ސުވާލުކުރާ މޭރުމަކުން ހަސަން ލަތީފް އޭނާގެ ވާހަކަ ކުރިއަށް ގެންދެވިއެވެ.
މިއަށްފަހު އޭނާ ވަނީ މަޖިލީހުގެ އަދި އެމްޑީޕީގެވެސް ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ވާހަކައަށް އަލިއްއަޅުއްވާލައްވާފައެވެ. މާލޭގެ މަޖީދީ މަގުގައި ބޮމެއް ގޮއްވާލިއިރު، ފުޑް ސެކިއުރިޓީގެ ވާހަކަ ފަހުން ދެއްކެވުމަށް ހަސަން ލަތީފް އެދިވަޑައިގަތެވެ.

