އެލްނީނޯގެ އަލާމާތްތައް ފެންނަން ފަށާފައިވާކަމަށާއި، އެހެންކަމުން އިންތިހާއަށް ހޫނުވެގެންދިއުން ފަދަ ކަންކަމަށް ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުން ތައްޔާރުވުމަށް ވޯލްޑް މީޓިއޮރޮލިޖިކަލް އޮރގަނައިޒޭޝަނުން އިލްތިމާޒްކޮށްފިއެވެ.
ޖޫން މަހުގެ ތެރޭގައި ފެށިފައިވާކަމަށް ލަފާކުރާ އެލްނީނޯ އަކީ، ޕެސިފިކް ކަނޑުގެ ސަރަހައްދު ހޫނުވުމަށް ގުދުރަތީ ގޮތުން ދިމާވާ ދިމާވުމަށް ސައިންސްވެރިން ދީފައިވާ ނަމެވެ. އެ ހޫނުކަމުގެ އަސަރު ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކަށްވެސް ކުރެއެވެ. އަދި އެކަމުގެ ސަބަބުން މޫސުން ގޯސްވުމާއި ދުނިޔެމަތި އެވަރެޖްކޮށް ހޫނުވުމަށް ދިމާވެއެވެ.
ދުނިޔޭގެ މީޓޮއަރޮލޮޖިކިކަލް ޖަމާއަތުގެ ސެކެޓްރީ ޖެނަރަލް ބުނެފައިވާގޮތުން، އެލްނީނޯގެ ސަބަބުން، ފިނި ހޫނު މިނުގެ ރިކޯޑުތައް މުގުރިގެން ދިއުމުގެ ފުރުސަތުތައްވެސް އިތުރުވާއިރު، ދުނިޔޭގެ ގިނަ ސަރަހައްދުތަކުގައި އިންތިހާއަށް ހޫނުގަދަވެގެންދިއުމަކީވެސް ވުން އެކަށީގެންވާ ކަމެކެވެ. އަދި އެ މައުލޫމާތަކީ، އެފަދަ ހާލަތަކަށް ދުނިޔޭގެ ކަންކޮޅުތަކުގެ ސަރުކާރުތަކުން ތައްޔާރުވުމަށާއި އެކަމުގެ ސަބަބުން ސިއްހަތަށާއި ދިރިއުޅެމުންދާ ވެށި އަދި އިގުތިސާދަށް ކުރާނެ އަސަރުތައް ކުޑަކުރުމަށް ތައްޔާރުވުމަށް ދެވޭ އިޝާރާތެއްކަމަށްވެސް ބުނެފައިވެއެވެ.
އޭނާ ބުނެފައިވާގޮތުން، ފުރާނަ އަދި ދިރިއުޅުންތައް ސަލާމަތް ކުރުމަށްޓަކައި، ކުރިއާލައި އެނގިގެންދާނެފަދަ ވަސީލަތްތައް ގާއިމު ކުރުން އަދި ގޮންޖެހުންތަކެއް ކުރިމަތިވެދާނެފަދަ މޫސުމީ ބަދަލުތަކަށްވެސް ތައްޔާރުވުން މުހިންމެވެ. މިދިޔަ ތިން އަހަރު ދުވަހުގައިވެސް އެލްނީނޯ އާއި އެއްފަދަ ކަމެއްކަމަށްވާ ލަ ނީނާ ގެ އަސަރުތައް ކަމަށްވާ އާންމު ހާލަތަށްވުރެ ލޮނުގަނޑު ފިނިވުމުގެ އަސަރުތައް ހުރިއިރުވެސް ދުނިޔޭގެ ހޫނުވިން ހުރީ މިހާތަނަށް ރެކޯޑުކުރެވުނު އަދަދުތަކުގެ ތެރެއިން މަތީގައިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެލްނީނޯގެ އިންޒާރުތަކެއް ލިބިފައިވާއިރު، މިއީ ރާއްޖެއަށްވެސް މީގެ ކުރިން އެކަމުގެ ސަބަބުން އަސަރުކޮށްފައިވާ މޫސުމީ ބަދަލެކެވެ. އެގޮތުން މުރަކައާއި ގާހުދުވުން އަދި ހޫނުގަދަވުންފަދަ ކަންކަން ރާއްޖެއިން ފާހަގަކުރެވިފައިވެއެވެ.

