މަތިކޮމަންޑޫ އާއި ށ ކޮމަންޑޫ ގުޅާލުމަށް ބިން ހިއްކުމުގެ މަސައްކަތް މިއަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ދުވަސްވަރު އެމްޓީސީސީ އާއި އެވާޑްކޮށްގެން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތް މިއަންނަ އޯގަސްޓް މަހުގެ ނިޔަލަށް ނިންމައި ދެކޮމަންޑޫ ގުޅާލުމަށް ކުރި އުއްމީދު ފުރިހަމަވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ކޮމަންޑޫގައި ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، ބިން ހިއްކުމާއި، ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި ހިލައިގެ ފައިކަށި ގާއިމްކުރުމާއި ޖިއޯބޭގް ޖެހުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގައި ހިމެނޭ ބްރިޖްގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުގެ ބިން ހިއްކުމާއި ބަނދަރުތައް މަރާމާތު ކުރުމާއި އެއަރޕޯޓްތައް ގާއިމްކުރުމުގެ ބޮޑެތި މަޝްރޫއުތައް ދަނީ ފުރިހަމަކުރަމުންނެވެ.
މިސަރުކާރުގެ ވައުދެއްކަމަށްވާ ކުޑަގިރި ޕިކްނިކް އައިލެންޑްގެ މަސައްކަތަކީ އެމްޓީސީސީ އިން 08 މަސްދުވަސްތެރޭގައި ނިންމާލި މަސައްކަތެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
ކުޑަގިރި ހިއްކުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ހުސްވި އަހަރުގެ ފަހުކޮޅުގައެވެ. ކުޑަގިރީގެ އެންމެހައި ހިދުމަތްތައް ގާއިމްކޮށް މިއަހަރުގެ ތެރޭގައި އެރަށްވަނީ ހުޅުވާފައެވެ.

