ކުޑަ އަދި ބޮޑު ރަށެއް ތަފާތުނުކޮށް، އަސާސީ ހިދުމަތްތައް އެންމެ ފުރިހަމައަށް ގާއިމްކޮށްދެއްވުމުގައި ބާރަށް ކުރިއަށް ވަޑައިގަންނާނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ރައީސް ސާލިހުކުރައްވާ ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު މިހާރު ދަތުރުފުޅު ކުރައްވަމުންދަނީ މ އަތޮޅަށެވެ. އެގޮތުން މިއަދު މ ވޭވަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ 2018 ވަނަ އަހަރުގެ ކެމްޕެއިން ދުވަސްވަރުގައި ވޭވަށަށް ޒިޔާރާތްކުރިއިރު، އޭރުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި މ އަތޮޅު ހިމަނާފައި އޮތީ ލިސްޓްގެ ވަރަށް ފަހަތުގައިކަމަށެވެ. އަދި އެއީ ކުދި އާބާދީތަކެއް ދިރިއުޅޭ ރަށްތަކަކަށްވާތީކަމަށް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ”ޖަޒީރާ ރާއްޖެ“ އެއް ހޯދުމަށް އެކުލަވާލި މެނިފެސްޓޯގެ ނަތީޖާ މިއަދުވެސް ފެންނަމުންދާކަމަށެވެ. ސެޕްޓެމްބަރ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފާއިވާއިރު، ރައީސް ވިދާޅުވީ މި އިންތިހާބުގައި މ އަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް އެމަނިކުފާނަށް ލިބޭނެކަމަށެވެ.
މި ރަށަކީ ރަށުގައި މީހުން ތިބެ މަސައްކަތްކުރާ އާބާދީއެއް އޮތް ރަށެއް، މި އަތޮޅުގެ ކައިރި ރަށްރަށުން ބާނާ މަސް، ބޯޓަށް ނުކިރޭ މަސް ވިއްކަން އަންނަނީ މި ރަށަށް. މަސް ކައްކާ ރިހާކުރު ހަދާ ބޮޑު އާމްދަނީއެއް ރަށުގެ ރައްޔިތުން ހޯދަމުންދޭ.
ރައީސް ސާލިހު ވިދާޅުވިއެވެ.
ވޭވަށަކީ މަސްވެރިކަމުގެ މަންފާ ނަގައިގެން، ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ރަށެއްކަމަށް ވިދާޅުވި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޭވަށުގެ ބަނދަރު ބޮޑުކުރުމަށް ވައުދުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭރު ވޭވަށަށްވީ ހަމައެކަނި ވައުދަކީ އެއީ ނަމަވެސް، އޭގެ އިތުރުންވެސް ރަށުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ކަންކަން ފާހަގަވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިންވެސް ގިނަ މަސައްކަތްތެއް ނިމިފައިވާކަމަށާއި، އާ އިންޖީނުގެއެއް ގާއިމްކޮށް، އައުޓް ޑޯ ޖިމް ގާއިމްކުރުމުގެ އިތުރުންވެސް ކަންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ކުޑަ ރަށެއް، އަދި ބޮޑު ރަށެއް ތަފާތުނުކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ހޯދުމަށް ކުރާ މަސައްކަތުގައި ބާރަށް ކުރިއަށްދާން ތައްޔާރަށް ހުރިކަމަށް ވިދާޅުވެ، ރައީސް ސާލިހު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޭވަށަށް ވާނެ ވައުދުތައްވެސް ވިދާޅުވެދެއްވާފައެވެ.
އެގޮތުން ރަށް ގިރާ ސަރަހައްދު ހިމާޔަތްކޮށް، ބަނދަރު ހަދާ ނިމިނުއިރު، ބަނދަރުގައި ހުރި ތިލަ ސަރަހައްދުތަކަށް ބަދަލު ގެނެސްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

