ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ލިބިއްޖެ ނަމަ ސަރުކާރުން ދިން ފްލެޓުތަކަށް ދައްކަން ޖެހޭ ކުލި މައާފުކޮށްދޭނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ބޯހިޔަވާހިކަމުގެ މަޝްރޫއުތަކުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކަށް ދައްކަން ޖެހޭ ކުލި، ނުވަތަ އެ ފައިސާއެއް މައާފު ކުރާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު، އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމަށް، ގިނަ ވެރިންނާއި ސިޔާސީ ޕާޓީތަކުން އެކި ވައުދުތައް ވެފައިވެއެވެ. އަދި އެމްޑީޕީން ވެސް ވެރިކަމަށް އައުމަށް ވީ ވައުދުތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމާއި ހިޔާ ފްލެޓާއި ގުޅުން ހުރި ބައެއް ވައުދުތައް ހިމެނެ އެވެ.

ހިޔާ ފްލެޓުތައް މި ސަރުކާރުން ހަވާލު ކުރިއިރު، ފިނިޝިންގެ މަސައްކަތްތައް ނުނިންމައި ހުރުމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. އަދި އެ މަސައްކަތް ހަވާލު ކުރި ބައެއް ކުންފުނިތައް ފައިސާ ނަގައި ފިލާފައިވުމުގެ ސަބަބުން ވެސް މާލީ ގޮންޖެހުންތައް ދިމާވެ އެކަމުގެ ޝަކުވާތައް މީޑިއާތަކުގައި ފެންމަތިވި އެވެ.

އެންމެ ފަހުން ފެންމަތިވި މައްސަލަތަކުގެ ތެރޭގައި، ހުޅުމާލެއިން ހިލޭ ގޯތިތައް ދޫކުރާއިރު ފްލެޓުތަކަށް ކުލި ދައްކަން ޖެހޭ މައްސަލަ ގޯސްވި އެވެ. އެކަމާއި ގުޅިގެން ވެސް ބައެއް ސިޔާސީ ޕާޓީތަކުން ވައުދުތައްވި އެވެ.

ޖުމްހޫރީ ޕާޓީން މިރޭ ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގައި، ވާހަކަފުޅު ނިންމަވާލައްވަމުން ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓުތަކަށް ދައްކަން ޖެހޭ ފައިސާ މައާފުކޮށްދޭނެ ކަމަށެވެ.

ޖޭޕީގެ ވެރިކަމެއްގައި 20،000 ގެ ހައުސިން ޔުނިޓު އަޅާނެކަން މީގެ ކުރިން ވެސް ވައުދުވެފައިވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެ ފްލެޓުތަކަކީ ވެސް ހިލޭ، އެއްވެސް ފައިސާއެއް ނުނަގާ ގޮތަށް ރައްޔިތުންނަށް ދޫކުރާނެ ބޯހިޔާވިހިކަމުގެ މަޝްރޫއުއެއްކަމަށެވެ.

އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓްކަމަށްވިޔަސް، ގެކަމަށްވިޔަސް، ދައުލަތަށް ލާރި ދައްކާކަމަށް ވަންޏާ އެހުރިހާ ފައިސާއެއް މާފުކޮށްދޭނަމޭ. އަދި އޭގެއިތުރަށް އަޅުގަނޑުމެން ދަންވާފައި އޮންނާނެ 20،000 ހައުސިން ޔުނިޓް އަޅާވާހަކަ. އެ ހައުސިން ޔުނިޓްތައްވެސް ވެގެންދާނީ ރާއްޖޭގެ އަތޮޅުތަކުގައިވެސް އަދި މާލޭގައިވިޔަސް މި ދެންނެވި އުސޫލުން ފައިސާ ނުނަގާ ގޮތަށް. އެއީ އެކަމަށް ގާބިލް، އެންމެ އެކަށީގެންވާ، ގެދޮރަށް ބޭނުންވެފައިވާ މީހުންނަށް އަޅުގަނޑުމެން އެކަން ފަހިކޮށްދޭނީ. އެއީ ޕާޓީގައި ހުރި މީހަކަށް ބަލައިގެނެއް ނޫން. އެއީ ކޮންމެ ޕާޓީއެއްގައި ހުރި މީހެއްކަމުގައި ވިޔަސް ކޮށްމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް އެކަމުގައި އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންނަށް އަޅުގަނޑުމެން އެކަން ކޮށްދޭނީ.

ގާސިމް ވިދާޅުވީ ފްލެޓުތައް ދޫކުރަނީ އެކަމަށް އެންމެ ބޭނުން ޖެހިފައިވާ، ހައްގުވެރިންނަށްކަން ކަށަވަރު ކުރައްވާނެ ކަމަށެވެ. އަދި އެއީ އެންމެ ބޯހިޔާވަހިކަމަށް ޖެހިފައިވާ އާއިލަތަކެއް ތޯ ބަލައި އެކަން ދެނެގަންނާނެ ކަމަށް ވިދާޅުވި އެވެ.

ބޯހިޔާވަހިކަން ދިމުގައި ވަކި ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ބަލައި، އެއްވެސް ކަމަކަށް އޭނާ މަޖުބޫރު ނުކުރާނެކަން ފާހަގަކޮށް ގާސިމް ވިދާޅުވީ އެއީ ކޮންމެ މަގާމެއްގައި ހުރި މީހެއް ނަމަވެސް ބަލާނީ ހައްގުވެރި ފްލެޓެއްތޯ އެވެ.

ޖުމްހޫރީ ޕާޓީން މީގެ ކުރިން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ވެސް ގާސިމް ވަނީ ހިޔާ ފްލެޓުތަކުގެ ކުލި މައާފުކޮށްދޭނެކަމަށް ވިދާޅުވެފަ އެވެ. އެރޭގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ބައެއް މީހުންނަށް ހިލޭ ބޯހިޔާވަހިކަން ދޭއިރު އަނެއް ރައްޔިތުން ޖެހެނީ އެކަމަށް ފައިސާ ދައްކަން ކަމަށެވެ.

މީގެއިތުރުން ރިޔާސީ ޓިކެޓު އެރުވުމަށް އޮތް ޖަލްސާގައި ވެސް ގާސިމް އެކަމުގެ ތަފްސީލުތައް ދެއްވި އެވެ. ގާސިމް ވަނީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންގެ ހާސްކަން ފިލުވާލައި ރިޔާސީ ދައުރު ނިމުމުގެ ކުރިން 30،000 ހައުސިން ޔުނިޓު އެޅުން ވެގެން ދާނީ އެ ޕާޓީގެ އަމާޒަށް ކަމަށެވެ. އަދި ހިޔާ ފްލެޓުތަކުގައި ހުރި މައްސަލަތައް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްލު ކުރުމަށް އިސްކަން ދޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: