އިދިކޮޅު ޕީޕީއެމްގެ އަޑު މިއަހަރުގެ ސެޕްޓެންބަރު މަހުގެ ުވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި މުހިއްމުކަމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ޖުމްހުރީ ޕާޓީއާއި އެކު އެމްއާރްއެމްއިން ބޭއްވި ރަސްމީ ބައްދަލުވުން ނިންމަވާލައްވާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ، ޕީޕީއެމް ގެ އަަޑު މި އިންތިޚާބަށް ވަރަށް މުޙިއްމުކަމަށާއި ވަކި ބޭފުޅަކަށް ކެންޑިޑެންސީ ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް މަސައްކަތް ކުރުން މުޙިއްމުކަމަށް ފާރިސް ވިދާޅުވިއެވެ.
އަދި ރައީށް ޔާމީންއާއި މެދު ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކާއި މެދު އެއްޗެއް ދަންނަވަން ބޭނުން ނުވާކަމަށް ފާރިސް ވިދާޅުވިއެވެ.
ޕީޕީއެމްގެ މެމްބަރުންނަކީ އެމްއާރްއެމް އާއި ވަރަށް ގާތް މެމްބަރުންކަން ފާހަގަކުރައްވާ އެ ބޭފުޅުން އެ ވިދާޅުވާ ކަންކަން މި އިންތިޚާބުގައި ކުރެވެން ޖެހޭނެ ކަމަށް ޤަބޫލްކުރައްވާ ކަމަށްވެސް ފާރިސްގެ ވާހަކައިގައި ފާހަކުރައްވާފައިވެއެވެ.
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ހަމަކުރަންޖެހޭ ސޮއި ހަމަކުރުމުގެ މަސައްކަތް ފާރިސް ފަށްޓަވާފައިވާިއިރު، އެމްއާރްއެމްއިން މިއަދު މިވަނީ ޖުމްހޫރީ ޕާޓީއާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ކުރިއަށްވެސް އިތުރު ބައްދަލުވުންތައް ކުރިއަށް އެބަ ހުރިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމްއާރްއެމްގެ ނަމުގައި ފާރިސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލުމަށް ނިންމުމުން ސިވިލް ކޯޓުން ވަނީ އެ ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ވަގުތީ އަމުރެއް ނެރެފައެވެ. އަދި އެމްއާރްއެމް އުވާލުމާ ގުޅޭ މައްސަލަ ސިވިލް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ހަމަކުރަންޖެހޭ ސޮއި ހަމަކުރުމުގެ މަސައްކަތް ފާރިސް ފައްޓަވާފައިވަނީ އެމްއާރްއެމްގެ މައްސަލަ ކޯޓުގައި އޮތުމުން އެކަން ނިމޭނެ ސީދާގޮތެއް ނޭންގޭތީއެވެ.
އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް ހުޅުވާލާ ކުރި އިއުލާނުގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުން އީސީއަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

