ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭން ޖެހޭ ވައުދުތަކަކީ، ފުރިހަމަ ކޮށްދެވޭނެ ވައުދުތަކަކަށް ވާން ޖެހޭނެކަމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމް އާއި އެކު މިއަދު ކުނޫޒްގައި ބޭއްވި ރަސްމީ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފާރިސްގެ ވާހަކައިގައި، ދިވެހި ގައުމުގެ އިޤްތިޞާދާއި އިޖްތިމާއީ ފޭރާން އޮތީ ވަރަށް ނާޒުކު ހާލަތެއްގައިކަން ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ރަނގަޅު ކުރުމަށް އެމްއާރްއެމްއިން މި ރިޔާސީ އިންތިޚާބުގައި ނިކުންނާއި އެޕާޓީއަށް ކޮށްދެވޭން ކަންކަން ހިފައިގެންކަމަށް ވިދާޅުވިއެވެ. ގައުމު ސަލާމަތްކުރުމަށް ބޭނުންވަނީ ރަގަޅު ސިޔާސަތުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
”ރައްޔިތުންނާއި ހަމައަށް ނިކުންނަންވާނީ ޑެލިވަރ ކުރެވޭނެ ވައުދުތަކަކާއި އެކު“ ފާރިސް ވިދާޅުވިއެވެ.
ވޯޓު ހޯދުމަށް ނިކުންނަ އިރު މިވެނި ކަމެއް ކޮށްދޭނެމޭ އެވެނި ކަމެއް ކޮށްދޭނަމޭ ބުނެލަން ވަރަށް ފަސޭހަ ވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. ނަމަވެސް އެމްއާރްއެމް އިން މަސައްކަތް ކުރާނީ ވަރަށް ޒިންމާދާރުކަމާއި އެކު ކަމަށް ވިދާޅުވިއެވެ. ނުފުއްދޭނެ ވައުދެއް ވުމަކީ އެމްއާރްއެމްގެ ފަރާތުން ކުރާނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ހަމަކުރަންޖެހޭ ސޮއި ހަމަކުރުމުގެ މަސައްކަތް ފާރިސް އަންނަނީ ކުރަމުންނެވެ.
އެމްއާރްއެމްގެ ނަމުގައި ފާރިސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލުމަށް ނިންމުމުން ސިވިލް ކޯޓުން ވަނީ އެ ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ވަގުތީ އަމުރެއް ނެރެފައެވެ. އަދި އެމްއާރްއެމް އުވާލުމާ ގުޅޭ މައްސަލަ ސިވިލް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ހަމަކުރަންޖެހޭ ސޮއި ހަމަކުރުމުގެ މަސައްކަތް ފާރިސް ފައްޓަވާފައިވަނީ އެމްއާރްއެމްގެ މައްސަލަ ކޯޓުގައި އޮތުމުން އެކަން ނިމޭނެ ސީދާގޮތެއް ނޭންގޭތީއެވެ.

