މެކްސިކޯގެ 43 ދަރިވަރަކު ގެއްލުނު މައްސަލައިގެ ހާއްސަ ތަހުގީގުތަކަކަށް އެގައުމުގެ އަސްކަރިއްޔާއިން ހުރަސްއަޅަމުންދާކަމަށް އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ތުހުމަތުކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، މީގެ 9 އަހަރު ކުރިން ގެއްލުމަށްފަހު އަދާއިޖެހެންދެން ހޯދުމަށް މަސައްކަތްކުރަމުންދާ 43 ދަރިވަރުގެ މައްސަލައިގައި މިދިޔަ އަހަރު ކުރިއެރުންތަކެއް ލިބިފައިވެއެވެ. އެގޮތުން އެ ގައުމުގެ ތަހުގީގީ އިދާރާއެއްގެ ރިޕޯޓެއްގައި އެ ކުދިންނަކީ ދައުލަތުގެ ބައިވެރިވުން އޮތް ކުށެއްގެ ޝިކާރައެއްގެ ގޮތުގައި ބަޔާންކޮށްފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި އެ ގައުމުގެ ޓީޗާރޒް ކޮލެޖަކަށް ނިސްބަތްވާ އެ ކުދިން ކުރަމުންދިޔަ ދަތުރަށް ފުލުހުންނާއި އަސްކަރީ ބާރުތަކުން ހުރަސްއެޅިކަމަށްވެސް ބުނެފައިވެއެވެ.
ހުރަސްއެޅި ސިފައިންނާއި ފުލުހުންވަނީ އެ ކުދިންނަށް އަމާޒުކޮށް ބަޑިޖަހާފައިކަމަށް 100 ކުދިން ޝާމިލުވާ މި ހާދިސާއިން ސަލާމަތްވި ފަރާތްތަކުން ބުނާކަމަށާއި އެ ރޭގެ ވަގުތުތަކެއްގައި ބަހުގައި ތިބި ބައެއް ކުދިން ގެއްލުނުއިރު މިހާތަނަށް އެކަމާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހޯދިފައިނުވާކަމަށް ބުނެފައިވެއެވެ. ތަހުގީގުތައް ކުރަމުންދާ ފަރާތްތަކުން ބުނާގޮތުން، އެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތާއި ހިސާބަށް ވާސިލުވުމުގެ ފުރުސަތެއް ނުލިބެއެވެ. އަދި ތަހުގީގުތައް ހުއްޓާލައި މެކްސިކޯއިން ބޭރުވުމަށް މަޖުބޫރުވެގެންދިޔަކަމަށް ބުނެފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެއާއިއެކު އދގެ އިންސާނީ ހައްގުތަކާއި ބެހޭ ގުނަވަނުންވަނީ މި މައްސަލައާއި ގުޅިގެން ބަޔާނެއް ނެރިފައެވެ.
އެގޮތުން މެކްސިކޯގެ ހަތިޔާރު އެޅި އަސްކަރީ ބާރުތަކުން ތަހުގީގުތަކަށް އެއްބާރުލުން ނުދޭކަމަށާއި، އެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައްވެސް ހިއްސާކޮށްފައިނުވާކަމަށް ބުނެފައިވެއެވެ. ބަޔާނުގައިވާގޮތުން މައްސަލަ ތަހުގީގު ކުރަމުންދާ ”ގުރޫޕް އޮފް އިންޑިޕެންޑެންޓު އެކްސްޕާޓްސް“ އަކީ ފެށުނީއްސުރެވެސް ސައްހަ މައުލޫމާތު ހޯދައިގެން މިފަދަ މައްސަލަތައް ތަހުގީގު ކުރަމުންދާ ބައެކެވެ. އެހެންކަމުން މި މައްސަލައިގައި މެކްސިކޯގެ ސަރުކާރުން އެއްބާރުލުން ދިން ނަމަވެސް އަސްކަރިއްޔާއިން ދީފައިނުވުމަކީ އިންތިހާއަށް އދ އިން ހިތާމަކުރާ ކަމެއްކަމަށް ބުނެފައިވެއެވެ.
މެކްސިކޯގެ ރައީސްވެސް ވަނީ މި މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ލޯޕެޒްވަނީ އެ ގައުމުގެ އަސްކަރިއްޔާ ދިފާއުކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން، ކުރިއެރުމެއް ލިބިފައިވާނަމަ ލިބިފައިވަނީ އެ ގައުމުގެ އަސްކަރީ ބާރުތަކުން އެއްބާރުލުން ދީފައިވާތީއެވެ. އަދި އެންމެ މުހިންމީ އެ ކުދިން ހޯދުމުގެ މަސައްކަތްކުރުންކަމަށާއި މައްސަލައާއި ގުޅިގެން މިހާރުވެސް 115 މީހަކު ހައްޔަރުކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

