ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހާލަތު މިއަދު ދެނެގަންނަނީ ކޮންބަޔެއް؟

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ރައްޔިތަކުވެސް ދެކެމުން އަންނަ ހުވަފެންތައް ހަގީގަތާއި ހިސާބަށް ވާސިލު ނުވަނީ އެމީހުންގެ ދިރިއުޅުމުގެ ހާލަތު އެކަމަށް ތަން ނުދޭތީއެވެ. ރަށްތަކަށް އަންނަ ތަރައްގިީ ރައްޔިތުންގެ ދިރިއުޅުމަށް ނާންނަ ވާހަކައަކީ ރައްޔިތުންގެ އަބަދުގެވެސް ޝަކުވާ އެކެވެ. އުސް އިމާރާތްތަކާއި ގިނަ ބުރިޖުތަކެއް އެޅިކަމުގައި ވިޔަސް ރައްޔިތުން ދުވަހުން ދުވަހަށް ދަނީ އަޅުވެތި ވަމުންނެވެ. ރައްޔިތުން މިގޮތުގައި ދިރިއުޅޭތާ އެތަކެއް އަހަރުތަކެއް ވީނަމަވެސް މިކަމަށް ހައްލެއް މިހާތަނަށް ނުލިބޭކަމީ ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ. މިކަމަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދުގައި އެތައް ބަޔަކު ތިބިކަމީ ހަގީގަތެކެވެ.

އެއްބަޔަކު ރެޔާއި ދުވާލު ގުދާރު ބިންދައިގެން ކުރާ މަސައްކަތުން ދެކޮޅުޖެހެނީ ހަމަކިރިޔާއެވެ. ބައެއް މީހުންނަކީ ދެތިން ވަޒީފާ އަދާކުރާ މީހުންނެވެ. ގިނަ ވަޒީފާތަކަކީ ކުރާ މަސައްކަތާއި އެއްވަރުގެ އުޖޫރައެއް ލިބޭ ވަޒީފާތަކެއް ނޫނެވެ. ވަޒީފާދިނުން ވެސް އޮންނީ ކޮރަޕްޝަންގެ ޝިކާރަޔަކަށް ވެފައެވެ. ވަޒީފާއަށް ގާބިލު އެތައް ބަޔަކު ތިބި ނަމަވެސް ވަޒީފާތަކަށް ލަނީ ކުންފުނިތަކުގެ ވެރިންނަށް ކަމުދާ މީހެކޭ ބުނި ނަމަވެސް ދޮގަކަށް ނުވާނެ އެވެ. ވަޒީފާއިން ލިބޭ 8000 ރުފިޔާއިން ގޭގެ ކުލި ދައްކައި ކެއުމުގެ ކަންކަން ނުބެލެހެއްޓެއެވެ. ލިބޭ ކުޑަ މުސާރައިން ހަރަދުބަރަދު ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ.

ކަން މިހެން އޮތްއިރު ކޮންމެ މަހަކު ދައްކަން ޖެހޭ ބިލްތަކާއި ފީތައް ދައްކާފައި ދަރިންގެ އުފަލަށާއި ތިމާގެ އެހެނިހެން ބޭނުންތަކަށް ހަރަދު ކުރާނެ ފައިސާއެއް ނުހުރެއެވެ. ގިނަ މީހުންނަށް 3 އިރުގެ ކޮއްތު ހަމަޖެއްސެނީ ކިރިޔާއެވެ. ރައްޔިތުން އުޅެން ޖެހެނީ ބިކަހާލުގައެވެ. މިއަދު ރައްޔިތުންގެ ހާލަތު އޮތީ ތިމާގެ ކިޑްނީ ވިއްކާލާ ހިސާބުގައޭ ބުންޏަސް އެކަން ދޮގަކަށް ނުވާނެއެވެ. ތަކެތީގެ އަގު ހުރީ އަތްނުފޯރާ ފަށަށް މައްޗައް އަރާފައެވެ. ހަނޑޫ، ހަކުރު އަދި ފުށް ގަނެފައި ދެން އިތުރަށް އެއްޗެއް ގަންނަން އަތުގައި ފައިސާ ފޮއްޗެއް ނޯވެއެވެ.

ދަރިންގެ ކިޔެވުމަށް މައިންބަފައިން ފައިސާ އެއްކުރަނީ ވަރަށް ހާލުން، ބުރަ މަސައްކަތުންނެވެ. ނަމަވެސް ކަން ދިމާކުރާ ގޮތުން އެއްކުރާ ލާރިކޮޅު އެހެން ކަންކަމަށް ހަރަދު ކުރަން ޖެހެއެވެ. ރަށުގައި ހުރެގެން ދަރިންނަށް ކިޔަވައިދެވޭނެ އެންމެ މައްޗަށް ކިޔަވާދީފައި، މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ދަރިން ގޮވައިގެން ޖެހެނީ މާލެ ނޫނީ އެހެންވެސް ކޮލެޖުތަކުގެ ކެމްޕަސްތައް ހުންނަ ރަށަކަށް ދިރިއުޅުން ބަދަލުކުރާށެވެ. ދެމައިންނަށް ތިބެވޭނެ ވަރަށް ހަރަދުތައް ބެލެހެއްޓެން ނެތްނަމަ އެރަށަކަށް ފޮނުވަނީ ދަރިން އެކަންޏެވެ. މައިންބަފައިންނާ ދުރުގައި އެކަނި ތިބެގެން  މަސައްކަތް ކޮށްގެން ކިޔަވަމުންދާ ކުދިންވެސް މަދެއް ނޫނެވެ. އުޅޭ ގެއަށް ކުލިދައްކާފައި އެކުދިންނަށް ވެސް ކޯސް ފީ ދެއްކެނީ ކިރިޔާއެވެ. މިއީ މެދު ފަންތީގެ އާއިލާތަކުގެ ހާލަތެވެ. ދެމަފިރިން ތިބެ، މިހާލަތުގައި ދިރިއުޅުމުގެ ކަންކަން ވާއިރު، ހުވަފަތް ވެފައިވާ އަނބިންނާއި އަދި އެކަނިވެރި މައިންނާ ދޭތެރޭގައި ވިސްނަވާލައްވާށެވެ.

އެތަކެއް ވެރިއަކު ބަދަލުވެ އެތައްް ދައުރެއް ނިމިއްޖެއެވެ. ނަމަވެސް ރައްޔިތުންގެ ހާލަތު ހުރީ އިހު ހުރިގޮށެވެ. ކޮންމެ ވެރިއަކުވެސް ވެރިކަމަށް އަރާފައި އެތައް މޮޅު ވާހަކައެއް ދައްކައެވެ. ނަމަވެސް ވިސްނާލަންވީ ކަމަކީ ދައްކާ ވާހަކައާ އެއްގޮތަށް އެއްވެސް ވެރިޔަކަށް އަމަލު ނުކުރެވޭ ކަމެވެ. ނުވިތާކަށް ސަރުކާރަށް އާމްދަނީ ހޯދަނީ ވެސް ރައްޔިތުންގެ ޖީބުންނެވެ. މިއީ މިއަދު ސަރުކާރުގެ ވެސް ހާލަތު އޮތް ހިސާބެވެ. ރައްޔިތުންގެ މަންފާއަށް ދޭ އެއްޗެއްގެ ގޮތުގައި ބޭންކުތަކުން ދޫކުރާ ލޯނުތައް ނަގާ ގިނަ ބަޔަކު ވަނީ އެތަންތަނަށް ދަރާ ހުސްވެފައެވެ. އެ ލޯނު ދެއްކޭނެ އިތުރު ގޮތެއްވެސް ނެތެވެ. ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރާ ކަމަށް ބުނާ މީހުން މިއަދު ވަނީ މިކަންކަމަށް ފުރަގަސްދީފައެވެ.

މުއްސަނދިންނާއި ފަގީރުންގެ ފަރަގު ގައުމުގައި ކުޑަ ކުރެވޭނެ ދުވަހަކަށް އެންމެންވެސް އިންތިޒާރުކުރެއެވެ. ނަމަވެސް މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަ ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށް ގަބޫލުނުކުރެވޭ އެތައް ރައްޔިތުންނެއް އެބަތިއްބެވެ. މުއްސަނދިން އިތުރަށް ދަނީ މުއްސަނދި ވަމުންނެވެ. ފަގީރުންގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ކުރިން ހުރި ހާލަތަށް ވުރެ ވެސް ދަށަށެވެ. މިހާ ކުރިއަރާފައިވާ ޒަމާނެއްގައި ފަގީރުން އެމީހުންގެ އެއްއިރުގެ ކޮއްތަށް ވެސް އެތައް ދަލެއް އޮހޮރުވައެވެ. ރާއްޖޭގައި މިއަދު ވެސް އޮތީ ނުލިބޭ މީހާއަށް ނުލިބޭ އުސޫލެވެ. އަދި ލިބޭ މީހާއަށް ލިބޭ އުސޫލެވެ. މިއީ މުޖުތަމައުގައި ކަން ހިނގަމުން އަންނަ ގޮތެވެ.

އަޅުގަނޑުމެންގެ އަމިއްލަ ފަސްގަނޑުގައި ސަލާން ޖަހަން ޖެހުމަކީ މިއަދު ސަރުކާރުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެކަމެއް ނޫންތޯއެވެ؟ އިންތިހާބެއް ގާތް ވުމުން ވެރިންނާއި މިނިސްޓަރުން ރައްޔިތުންގެ ގެތަކަށް ޒިޔާރަތްކުރައްވާ ގޭގޭގެ ބަދިގެޔަށް ވަދެ ކެއްކުމުގައިވެސް އެހީތެރިވެވަޑައިގަންނަވާ މަންޒަރު ފެނެއެވެ. ވެރިކަން ބޭނުންވާ ހިސާބުން ދައުރެއްގެ ތެރޭގައި ނުފެންނަ އެތައް ބޭފުޅަކު ރައްޔިތުންގެ ގެޔަށް ފައިމަގުގައި ޒިޔާރަތް ކުރައްވާ ތަން ފެނެއެވެ.

މިއަދު ވެރިންނާއި އަދި ސަރުކާރުގެ އިސް ބޭފުޅުން ރައްޔިތުންނަށް ދެއްވަނީ ”ފެންކައްކާ ބޮލީގެ އިއްޒަތެވެ.“ ވެރިކަން ލިބޭ ހިސާބުން ރައްޔިތުމީހާގެ ހާލަކީ ކޮބައި ކަން އެނގިވަޑައިގަންނަވާ ވެރިއެއް ހުރޭ ތޯއެ؟ ކޮންމެ އިންތިހާބެއްގައި ޕޯޑިއަމްތަކަށް އަރުއްވާ ދައްކަވާ ވާހަކަފުޅުގައި އެއްވެސް ބަރުދަނެއް ނުހުންނަވައެވެ. ރައްޔިތުންގެ މަތިން ހަނދާން ވަނީ އިންތިހާބެއް ބޯމަތި ވުމުން އެކަންޏެވެ. މިއަދު ރައްޔިތުންގެ ހާލު ދެނެވަޑައިގަންނަވަން ތިއްބެވި ވެރިންގެ ހާލުކޮޅަކީވެސް މިއީއޭ ދެނނެވުން ގޯހަކަސް ނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: