2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މާލެ ސިޓީގެ މޭޔަރު، އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅުއްވާނެކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަށް ތާއީދު ކުރުމާއި އެކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެކަމަށް ބެލެވުނު އެންމެ ފަހު މަގު ވެސް ބަންދުވީއިރު މިއަދު އެމަނިކުފާނު ވަނީ ޕާޓީގެ ސެނެޓަށް ނޯޓެއް ފޮނުވުމަށް ފަހު އިންތިހާބު ބޮއިކޮޓު ކުރުމާއި މެދު މަޝްވަރާއަށް ދާން އެދިފަ އެވެ. ރައީސް ޔާމީން އެދުނު ގޮތަށް، ޕީޕީއެމް/ޕީއެންސީގެ ސެނެޓު އެގޮތަށް ފާހެއް ނުވި އެވެ.
ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި ބެކަޕް ކެންޑިޑޭޓެއް ނެރުމަށް ނިންމައި ޕީއެންސީގެ ސެނެޓުގައި ނެގުނު ވޯޓުން މެމްބަރުންގެ އަޢުލަބިއްޔަތުން ނިންމީ އެ ފުރުސަތު މުއިއްޒަށް ދިނުމަށެވެ. އެކަމާ މެދު ބައެއް މެމްބަރުން ހިތްހަމަނުޖެހުންފާޅު ކުރި ނަމަވެސް މިއަދު ފޮނުވި ނޯޓުގެ މައްސަލައާއި އެކު މިހާރު ގިނަ ބަޔަކު ދަނީ އިންތިހާބުގައި ވާދަނުކޮށް ބޮއިކޮޓު ކުރުމަކީ ހައްލެއް ނޫންކަމަށް ބުނަމުންނެވެ. އަދި ފަސް އަހަރު މަގުމަތީ ކުރިޔަށް ގެންދިޔަ ހަރަކާތް ބޭކާރުވެ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ދިނުންކަމަށް ބައެއް މީހުން ސިފަ ކުރި އެވެ.
މައްސަލަތައް ބޮޑުވި ނަމަވެސް އިންތިހާބުގައި ވާދަކުރުމުގެ ފޯމު މާދަމާ މުއިއްޒު ހުށަހަޅުއްވާނެކަން ސަންގުއަށް ވަނީ ކަށަވަރުވެފަ އެވެ. އިތުބާރު ހުރި މަސްދަތުތަކުން މައުލޫމާތު ދެމުން ބުނީ މުއިއްޒު ފޯމު ހުށަހަޅާނީ މާދަމާގެ ހެނދުނު ކަމަށެވެ.

