ރައީސް ޔާމީންއަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވަޑައިނުގެނެވޭނެހެން ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި އެކު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއަށް ގުޅުއްވައި، ރައީސް ޔާމީން ގެއަށް ބަދަލްކޮށްދިނުމަށް އެދިވަޑައިގެންފައިވާނެކަަމަށް ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަން (ޕީއެންސީ)ގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަނުގެ ދެ ޕާޓީގެ ލީޑަރޝިޕުގެ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއިރު، އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ، ރައީސް ޞާލިހްއަށް ފޯނުން ގުޅުއްވައި ރައީސް ޔާމީން ގެއަށް ބަދަލްކޮށްދެއްވުމަށް އެދި އާދޭސް ދަންނަވާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންއަށް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ހުރިހާ ހައިސިއްޔަތެއް ގެއްލިފައިވުމާއި އެކު، އެމަނިކުފާނު ޖަލުގައި ބައިންދައިގެން އިތުރު އަނިޔާތަކެއް ދިނުމުގެ ބަދަލުގައި ގޭ ބަންދަށް ބަދަލްކޮށް އެމަނިކުފާނުގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ރައީސް އަރިހުގައި ދަންނަވާފައިވާނެކަަމށް ޑރ.މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މިކަމާއި ގުޅިގެން ރައީސް ޞާލިހް ދެއްވި ޖަވާބެއް ނުވަތަ ވިދާޅުވި ބަހެއް ޑރ.މުއިއްޒު ހާމަކުރައްވާފައެއް ނުވެއެވެ.
ޕީޕިއެމް ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ޕާޓީގެ ލީޑަރޝިޕްއިން ހާމަކޮށްފައިވަނީ ޑރ.މުއިއްޒުއާއި ހުސައިން މުހައްމަދު ސެންބެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ޔާމީންގެ ފުރިހަމަ ތާޢީދާއި އެކުގައި ކަމަށް ވިދާޅުވިއެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ކެމްޕޭނުގެ ދަށުން މިހާރު އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ޑރ.މުޙައްމަދު މުޢިއްޒުކަމަށާއި، އެމަނިކުފާނުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ކަމަށް އިދިކޮޅުން ހާމަކޮށްފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ދެ ކެންޑިޑޭޓުންނަކީ ރައީސް ޔާމީން އެންޑޯސްކުރައްވާފައިވާ ދެ ކެންޑިޑޭޓުން ކަމަށް ބުނެފައިވެއެވެ. ރައީސް ޔާމީނުގެ ފުރިހަމަ ތާއީދާއެކު އިދިކޮޅު އިއްތިހާދުގެ އާންމު މެންބަރުންގެ އެއްބާރުލުމާއެކު، ލީޑާޝިޕުގެ ބޭފުޅުން ތިއްބެވީ އިންތިޚާބު ކާމިޔާބުކުރަން ކުރަންޖެހުނު ކޮންމެ ކަމެއް މާދަމައިން ފެށިގެން ކުރަން ތައްޔާރަށް ކަމަށެވެ.
އަދި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ޕީޕީއެމްގެ ސަރުކާރު ޤާއިމުވުމާއެކު، ފުރަތަމަ ދުވަހުގައި ރައީސް ޔާމީން މިނިވަންކުރައްވާނެކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.
މާދަމާއިން ފެށިގެން އިދިކޮޅުގެ ރަސްމީ ރިޔާސީ ކެމްޕޭން ފަށާނެކަމަށްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ހާމަކޮށްފައިވެއެވެ.

